ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ޝްރީ އޭ.ކޭ. އެންތަނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމަށާއި، މިގުޅުން އިތުރަށް ތަރައްޤީ ކުރައްވައި، ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި މާލީ ރޮނގުންނާއި، އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރީގެ ރޮނގުންނާއި، ޓެރަރިޒަމާއި، ރާއްޖެއަށް ޑްރަގް އެތެރެކުރުން ހުއްޓުވުމުގައި، އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޑިފެންސްގެ ދާއިރާގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެއްބާރުލެއްވުމަށާއި، ރާއްޖޭގެ ސިފައިންނަށާއި ފުލުހުންނަށް އިންޑިއާ ސަރުކާރުގެ އެހީގައި ތަމްރީނުގެ ފުރްޞަތުތައް ހޯއްދަވައި ދެއްވަމުން ގެންދަވާތީ، އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޝްރީ އޭ.ކޭ. އެންތަނީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް ދަޢުވަތު ދެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ވަށައިގެންވާ ސަރަޙައްދު ޙިމާޔަތް ކުރުމުގައާއި، ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެއްވުމުގައި، އިންޑިއާ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގައި ވިދާވިއެވެ. އަދި ސިއްހީ ދާއިރާގައާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮގުން މީހުން ތަމްރީން ކުރުމުގައި އިންޑިޔާއިން އެހީތެރިވެދެއްވާނެ ކަމުގައިވެސް ވިދާޅިވޮއެވެ. ްރީ އޭ.ކޭ. އެންތަނީ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ރާއްޖެއާއި އެއްފަދައިން އިންޑިއާވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ހާމަކުރެއްވިއެވެ.