ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖެއިން ބޭރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ވަރަށް ގިނަ ދަތުރުފުޅުތައް ކެންސަލް ކުރައްވައިފިއެވެ. މި ގޮތުން މިހާތަނަށް 7 ދަތުރުފުޅެއްވަނީ ކެންސަލް ކުރައްވާފައެވެ.

މި ދަތުރުފުޅުތައް މި ކެންސަލް ކުރެއްވި، ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޤުތިޞާދީ ހީނަރުކަމާއި، ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވައެވެ. ކެންސަލް ކުރެއްވި ދަތުރުފުޅުތައް މި ދަންނަވަނީއެވެ.

1. އ.ދ. ގެ ޢާންމު މަޖިލީހުގެ 64 ވަނަ ސެޝަން

2. 5 ވަނަ ކްލިންޓަން ގްލޯބަލް އިނިޝިއޭޓިވް

3. ސެޕްޓެމްބަރުމަހުގެ 22 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވެލް އިވެންޓް އޮން ކްލައިމެޓް ޗޭންޖް

4. ސެޕްޓެމްބަރުމަހުގެ 21 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ރެލީ އޮފް ލޭބަރ އެންޑް އެންވަޔަރަންމަންޓަލް މޫވްމެންޓްސް ފޯރ ކްލައިމެޓް އެކްޝަން، ގްރީން ރިކަވަރީ އެންޑް ގްލޯބަލް ޖަސްޓިސް'

6. ޕޯޓް-އޮފް-ސްޕެއިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ހެޑް އޮފް ގަވަންމަންޓް މީޓިންގ

7. ކޯޕެންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 15ވަނަ ބައްދަލުވުން.

މީގެ އިތުރުން، "ސެކަންޑް އެނުއަލް ޔޫ.އެން. ވާރލްޑް ފޯކަސް އޮން އޯޓިޒަމް" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދަޢުވަތު ލިބިވަޑައިގެންފައިވާ ދަތުރުފުޅުވެސްވަނީ ކެންސަލް ކުރައްވާފައެވެ.

މި ދަތުރުފުޅުތައް ރައީސުލްޖުމްހޫރިއްޔާ ކެންސަލް ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދުވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެން ކުރެއްވުމަށް ހަމަޖެހިފައިވަނީ، އެ ދަތުރެއް އިންތިޒާމް ކުރައްވާ ނުވަތަ ރާއްވަވާ ފަރާތުން އެ ދަތުރެއްގެ މުޅި ޚަރަދު ދެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުތައް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރެއްވިއެވެ.