ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި، ރާއްޖޭގެ ރައްޔިތުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވާ. އަޅުގަނޑު އެކަމާ ވަރަށް އުފާކުރަން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ޝުކުރުވެސް ދަންނަވަން. ޙަޤީޤަތުގައި ސަރުކާރުން މިކުރާ މަސައްކަތްތައް ކާމިޔާބު މިވަނީ، ރައްޔިތުންގެ އެއްބާރުލެއްވުމާއި، ރައްޔިތުންގެ އެހީތެރިކަން އެހާބޮޑަށް ލިބޭތީ.

ސުވާލު:

ރޭގައި މަނިކުފާނު މިރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި. އަދި ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވެވި. ކޮބައިތޯ މިރަށު ރައްޔިތުން ދެން އެންމެ ބޭނުންވާ ކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މިރަށު ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެއީ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާ ކަންތައްތައް ހުންނާނެ. އެނގިވަޑައިގަންނަވާނެ ފަދައިން، ތަރައްޤީއަކީ ވަކި ހިސާބަކަށް ހުއްޓޭނެ އެއްޗެއްނޫން. ތަރައްޤީއަކީ އަބަދުވެސް ކުރިއަށްދާންޖެހޭ އެއްޗެއް. އެގޮތުން ވަރަށް ގިނަ ވާހަކަ، މިރަށުގެ ރައްޔިތުން ވިދާޅުވި. ދެން އަޅުގަނޑު އެކަންކަން ނޯޓުކޮށްގެން ބަލަމުން ގެންދާނަން އިރާދަކުރެއްވިއްޔާ.

ސުވާލު:

މަނިކުފާނަށް މިރަށުން ދެންނެވި ހޫނު މަރްޙަބާއާމެދު ދެކެވަޑައިގަންނަވާގޮތް، ކުރުގޮތަކަށް ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ރޭގައިވެސް އެވާހަކަ ބުނިން. އަޅުގަނޑު ވަރަށް އުފާވި، މި ރަށުގެ ރައްޔިތުން އެ ދެއްވި ހޫނު ތަރުޙީބަށްޓަކައި. ޙަޤީޤަތުގައި ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން ހާމަކޮށްދޭ ތަރުޙީބެއް އެއީ. އެހެންވީމާ، އެކަމާ އަޅުގަނޑު ވަރަށްބޮޑަށް އުފާވި. އަދި ކޮންމެ މުނާސަބަތެއްގައިވެސް ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. މިހާރުވެސް ހަމަ ޝުކުރު ދަންނަވަން.

ސުވާލު:

ޢިއްޒަތްތެރި ރައީސް، މިރަށަކީ ވަރަށް ގިނަ ޙާފިޡުން، ޤުރްއާން ހިތުދަސްމީހުން ގިނަ ރަށެއް. ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް މި ރަށުގައި ހުޅުވާނީ ކިހާތާކުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޤުރްއާނާބެހޭ މަރްކަޒު އުފެދުނީ ވަރަށްފަހުން. އެތާނގެ މަސައްކަތްތައް އަދި އެންމެ ފުރިހަމައަކަށް ކުރިއަކަށްނުދޭ. އެތާނގައި އެބަ އުޅުއްވާ ރާއްވަވައިގެން އެކިއެކި ޕްރޮގްރާމްތައް. އިރާދަކުރެއްވިއްޔާ، ޤުރްއާނާބެހޭ މަރުކަޒުގެ ޚިދުމަތްތައް، މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފެތުރިގެންދާނެ.

ސުވާލު:

މިރަށަކީ ކުރިންވެސް ފަހާ ފެކްޓްރީއެއް ހުރި ރަށެއް. ދެން ވަރަށް ގިނަ ބަނދަރުތައް މިދަނީ ހުޅުވަމުން. ވައިގެ ބަނދަރުވެސް ތަރައްޤީ ކުރެވެނީ އިޤްތިޞާދީ ބަނދަރެއްވެސް ހުޅުވެނީ. ސަރަޙައްދީ ބަނދަރެއް. އަނެއްކާ މިކޮޅުން ރަށު ފެންވަރުގައިވެސް ބަނދަރެއް ހުޅުވުނީ. ދެން މި ބޭރުގެ އިންވެސްޓަރުންނަށް، ރާއްޖޭގައި އިންވެސްޓް ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވަން ޚިޔާލުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މިހާރުވެސް އެގޮތަށް މި މަސައްކަތް މިކުރަނީ. މި ހުރިހާ ކަމަކީ، ރަށްރަށުގައި މި ކުރެވޭ މަސައްކަތްތަކަކީ، އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުން އައިސް، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހިތްވަރު ލިބޭކަހަލަ ކަންތައްތައް. ފުވައްމުލަކުގައިވެސް، އައްޑުއަތޮޅުގައިވެސް އަދި އުތުރުގެ އެހެން އަތޮޅުތަކުގައިވެސް، އެގޮތަށް ރާވައިގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ.

ސުވާލު:

ޢިއްޒަތްތެރި ރައީސް، ނިމިގެންމިދާ 5 އަހަރަކީ މަސައްކަތުގެ 5 އަހަރު ކަމަށް މަނިކުފާނު ކަނޑައަޅުއްވާފައިވަނީ. ކިހިނެއްތޯ ފެނިވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު ކޮންމެވެސްވަރަކަށް ހިތްހަމަޖެހޭ. މުޅިން އެންމެ ހިތްހަމަޖެހެއެކޭ ނުދެންނެވޭނެ. އެއީ، އަޅުގަނޑުމެން މި ދެންނެވީ ކޮންމެ އިންސާނަކުވެސް ރާވާ ހުރިހާ ކަމެއް އެންމެ ފުރިހަމަގޮތުގައި ނިމިގެނެއްނުދޭ. ދެން ވަރަށް މަސައްކަތް ކުރެވޭ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، މި 5 އަހަރު ދުވަހުގެތެރޭގައިވެސް އެކަށީގެންވާ ކަންތައްތަކެއް ކުރެވިއްޖެހެން. އެކަން ރައްޔިތުން ވަރަށް ރަނގަޅަށް ބަލައިގަންނަވާހެން އަޅުގަނޑަށް ހީވަނީ. އެހެންނަމަވެސް، އަޅުގަނޑުގެ އަމިއްލަ މަސައްކަތާ ދޭތެރޭގައިވެސް އަޅުގަނޑު އެންމެ ހިތްހަމައެއްނުޖެހޭ.

ސުވާލު:

މިވޭތުވެދިޔަ 24 އަހަރާއި 8 މަސް ދުވަހުގެތެރޭގައި، މަނިކުފާނުގެ ވެރިކަމުގައި އެންމެބޮޑަށް ޙާޞިލުކުރައްވަން ބޭނުންވި ލަނޑުދަނޑިއާ ހިސާބަށް މިހާރު ވަޑައިގެންނެވިއްޖެ ކަމަށް ފާހަގަކުރެއްވޭތޯ؟ ނުވަތަ ޙާޞިލުނުކުރެއްވި އޮތް ކަމެއް އެބައޮތްތޯ، އަދި ޙާޞިލުކުރައްވަން ބޭނުންފުޅުވާ ކަމެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ގިނަ ކަންތައްތައް އެބަހުރި. ލަނޑުދަނޑިއަކީ، ވަކި ހިސާބަކަށް ދިޔައިމާ ދުރަށްދާ އެއްޗެއް އިނގޭތޯ. އެއްކަލަ ހަރުފަތަށް އަރާހެން، އެއް ހަރުފަތަކަށް އެރީމާ، ދެން ހުންނަ ހަރުފަތަކަށް އަރަންޖެހޭ، މައްޗަށްދާ ކަމަށްވަންޏާ. ތަރައްޤީއަކީ އެކަހަލަ އެއްޗެއް. އެހެންވީމާ، ކޮންމެ މަރުޙަލާއެއްގައިވެސް، ވަކި ލަނޑުދަނޑިތަކެއް ހުންނާނެ. އެ ލަނޑުދަނޑިތަކާ އަރާހަމަވީމާ، ދެން އަނެއްކާ އިތުރު ލަނޑުދަނޑިތަކެއް ކުރިމަތިވަމުން އަންނާނެ. އެ އަނެއްކާ ޙާޞިލުވާންޖެހޭނެ. އެހެންވީމަކާ އެ ހުރިހާ ލަނޑުދަނޑިއެއް އެއްވެސްއިރެއްގައި ފުރިހަމައެއްނުކުރެވޭނެ.

ޝުކުރިއްޔާ އިނގޭތޯ!