بســم اللّـه الرّحمـن الرّحيــم

السّلام عليــكم ورحـمــة اللّـه.

އަޅުގަނޑު މިރޭ ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ވެރިންނާއި އަދި މިފަހަރު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާންދާ ކުދިންނާ މި ބައްދަލުކޮށްލީ، މީގެކުރިންވެސް މިކަހަލަ މުނާސަބަތުތަކުގައި ރާއްޖެއިން ބޭރަށްދާ ކުޅިވަރުޓީމުތަކާ ބައްދަލުކޮށްލާ އުޞޫލުން.

އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެންގެ ޓީމަށް ހިތްވަރުދިނުން. އެކުދިން ރާއްޖޭގެ ނަމުގައި ބޭރުގައި ކުޅެމުންދާ މެޗުތަކުގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތުމާއެކު، އެވާހަކަ އެކުދިންނަށްވެސް އަންގައި އަދި ރާއްޖެއަށް ރީތިނަމެއް ހޯދުމަކީ އަބަދުވެސް ދިވެހި ޒުވާނުން ކުރަމުން ގެންދަންޖެހޭ ކަމެއްކަމުގައި ބަޔާންކުރުން.

ދެންމެ ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ރައީސާ އެ ވިދާޅުވިފަދައިން، މިފަހަރު މިބައިވެރިވާ މުބާރާތުގައި ބައިވެރިވާ ކުދިންނަކީ، މީގެކުރިން ރާއްޖެއިން ބޭރުގައި ބޭއްވިފައިވާ މިފަދަ އެހެން މެޗުތަކުގައި، އެހެން މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުދިން. ބައެއްކުދިން އެއްފަހަރަށްވުރެ ގިނަފަހަރު ބައިވެރިވެފައިވޭ. އެހެންވީމާ، އެކުދިންނަށް ރަނގަޅަށް ވިސްނޭނެ، ބޭރުގައި ޓޭބަލްޓެނިސް ކުޅޭއިރު ކުޅެންވާގޮތް، ކޮންމެވެސްވަރަކަށް އެކުދިންނަށް ހުންނާނީ ތަޖުރިބާ ލިބިފައި. އެހެންވީމާ، ބޭނުމަކީ ތިޔަކުދިންނަށް ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށްގެން ކޮންމެވެސްވަރެއްގެ ކާމިޔާބީއެއް ހޯދޭތޯ މަސައްކަތްކުރުން.

އާދެ، އަޅުގަނޑު ކޮންމެވެސްވަރެއްގެ ކާމިޔާބީއެކޭ މިދަންނަވަނީ އެއީ، ރާއްޖެއަކީ ކުޅިވަރުގެ ގޮތުން އަދި ވަރަށް ޒުވާން ޤައުމަކަށްވެފައި، ރާއްޖޭގައި ކުޅިވަރު ތަމްރީނުކޮށްދިނުމުގެ އިންތިޒާމުތައް އެކަށީގެންވާގޮތުގައި އަދި ހަމަޖެހިފައިނެތުމާއި އަދި ރާއްޖޭގެ މީސްކޮޅުގެ ޢަދަދުވެސް މަދުކަމާއެކު، މިފަދަ މުބާރާތްތަކުގައި އެންމެ ފުރިހަމަ ކާމިޔާބީއެއް އަދި ރާއްޖެއަށް ހޯދެން ނޯންނާނެތީ. އަދި އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އުންމީދުކުރާ ކަމަކަށްނުވާތީ.

ކުޅިވަރުގެ މައިދާނަކީ ބައިނަލްއަޤްވާމީގޮތުން ބަލާއިރު، ވަރަށް މުހިންމު މައިދާނެއް. ތިޔަ ހުރިހާ ކުދިންނަށްވެސް އެނގޭނެފަދައިން އަދި ތިޔަކުދިންނާ އެކުގައި ވަޑައިގަންނަވާ ތިޔަކުދިންގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، މިހާރު ދުނިޔޭގައި ވަރަށްގިނަ މުނާސަބަތުތަކުގައި އެކިއެކި މުބާރާތްތައް ބޭއްވެމުންގެންދެވޭ. އެކިއެކި ނަންނަމުގައި. އޮލިމްޕިކް ގޭމްސް އެއީވެސް ވަރަށް މަޝްހޫރު ކުޅިވަރެއް. ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ޤައުމެއް ބައިވެރިވެގެން ކުޅޭ މުބާރާތެއް. ތަފާތު ކުޅިވަރުތަކުގެ މުބާރާތެއް. ދެން ފުޓްބޯޅައިގައިވެސް ދުނިޔޭގެ ތަށްޓަށް ކުޅޭ މަޝްހޫރު މުބާރާތެއް،
ހަތަރު އަހަރުން އެއްފަހަރު އޮވޭ. އޮލިމްޕިކް ގޭމްސްގެ އިތުރަށް އަދި ފުޓްބޯޅަ މުބާރާތުގެ އިތުރަށް، މިދޭތެރެއިން ރާއްޖެ ބައިވެރިވި، ކޮމަންވެލްތް ގޭމްސް އެއީ ފުރަތަމަ ފަހަރަށް. މި ހުންނަނީ ބައިނަލްއަޤްވާމީ މުބާރާތްތައް. އޭގެއިތުރަށް، ސަރަޙައްދީ މުބާރާތްތަކެއްވެސް ހުރޭ. އޭގެތެރެއިން އެއް މުބާރާތެއް، ތިޔަކުދިން އޭގައި ބައިވެރިވާން ތިޔަދާ މުބާރާތަކީ. އެއީ ދިހަވަނަ އޭޝިއަން ގޭމްސް. އޭޝިއާގެ ޤައުމުތައް ބައިވެރިވާ ދިހަވަނަ ބައިނަލްއަޤްވާމީ މުބާރާތް.

މީގެކުރިން އެއްފަހަރު ރާއްޖެވަނީ އޭޝިއަން ގޭމްސްގައި ބައިވެރިވެފައި. އެއީ ނިއުދިއްލީގައި މީގެ ކުރިން އޮތް މުބާރާތް. އެތަނަށްވެސް ރާއްޖޭގެ ދެ ޓީމެއްދިޔަ، ޓޭބަލްޓެނިސް ޓީމު ނުދިޔަކަމުގައިވިޔަސް. އެހެންވީމާ، މިގޮތުން މިހާރު ބައިނަލްއަޤްވާމީ ދާއިރާގައި ކުޅިވަރަކީ ވަރަށް ގިނަ ޤައުމުތައް ޙަރަކާތްތެރިވާ، ވަރަށް މުހިންމު މައިދާނަކަށްވެއްޖެ. އެ މައިދާނުގައިވެސް ރާއްޖެއަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދުމަކީ، ރާއްޖޭގެ ޒުވާނުން ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭނެ ކަމަކަށް މިހާރުއޮތީވެފައި.

ތިޔަ ހުރިހާ ކުދިންނަށް އެނގޭނެފަދައިން، ސަރުކާރުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކުރުމަށް މިހާރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދޭ. ފައިސާގެގޮތުން ބެލިކަމުގައިވިޔަސް އަދި އެނޫން ގޮތްގޮތުން ބެލިކަމުގައިވިޔަސް، ދުވަހަކުވެސް މިރާއްޖޭގައި އަދި ކުޅިވަރު ތަރައްޤީ ކުރުމަށް ނުކުރެވޭހާ ބޮޑެތި މަސައްކަތްތައް ސަރުކާރުން މިހާރު ކުރަމުން އެބަގެންދޭ. އެ މަސައްކަތްތަކުގެ ނަތީޖާ ކޮންމެވެސް ދުވަހަކުން ފެންނަންވާނެ. އަދި މީގެކުރިން ރާއްޖޭގައި ހަމަޖެހިފައި ނެތް ގޮތަކަށް، ބޭރަށްދާ ޓީމުތައް ތަމްރީނުކޮށްދިނުމުގެ އިންތިޒާމުވެސް މިހާރު އޮންނަނީ ހަމަޖެހިފައި. އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރު، އެ ކުޅިވަރު ކުޅޭ ކުދިންނަށް ފަރިތަކޮށްދިނުމަށްޓަކައި ބޭރުގެ ކަމާބެހޭ މާހިރުންނާއި، އެކަމުގެ ހުނަރުވެރިން ސަރުކާރުގެ ޚަރަދުގައި ރާއްޖެއަށް ގެނެސްގެން، ރާއްޖޭގެ ކުޅުންތެރިންނަށް އެކަށީގެންވާގޮތުގައި ތަމްރީނު ދެވެމުން އެބަގެންދެވޭ.

އެހެންވީމާ، މި ހުރިހާ ކަމެއް ރާއްޖޭގެ ޒުވާނުން ވަރަށް ރަނގަޅަށް ދަންނަންޖެހޭނެ. އެމީހުންނަށް އެ ލިބިފައި އޮތް ފުރުޞަތުގެ ބޭނުންކޮށްގެން، އެމީހުންގެ މައިދާނުގައި، ކުޅިވަރުގެ މައިދާނުގައި ކުރިޔަށްދެވޭތޯ ބަލަންޖެހޭނެ. މީގެކުރިން ރާއްޖެއިން ބޭރަށް ގޮސްފައިވާ ބައެއް ޓީމުތަކުގައި ހިމެނޭ ކުޅުންތެރިން، އެ ކުދިން އެ ކުޅޭ މެޗުތަކުގައި މޮޅުވުމަށް ބައެއްފަހަރަށް އެހާބޮޑަށް މަސައްކަތްކޮށްފައި ނުވާކަން ބައެއް ފަރާތްތަކުން ފާހަގަކުރޭ. ބައެއްކުދިން ދެކެނީ އެކަހަލަ މުބާރާތްތަކުގައި ބައިވެރިވުމަކީ، އެކުދިންނަށް ކޮންމެވެސްވަރެއްގެ އުފަލެއް ޙާޞިލުކުރުމަށް ލިބޭ ދަތުރެއް ކަމުގައި. އެކަމަކު އެއީ އެކަން އޮންނަންވީ ގޮތެއް ނޫން. އެއްވެސް ޙާލެއްގައި ހަމައެކަނި އުފާކޮށްލުމަށް ސަރުކާރުގެ ޚަރަދުގައި ޒުވާނުންތަކެއް ރާއްޖެއިން ބޭރަކަށް ނުފޮނުވާނެ. ފޮނުވުމުގެ ބޭނުމެއްވެސް ނޯންނާނެ.

ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ޒުވާނުންތަކެއް އެ ފޮނުވަނީ ކޮންމެވެސް މަޤްޞަދެއް ޙާޞިލުކުރަން. އެއީ، ކުޅިވަރުގެ މައިދާނުގައިވިއްޔާ، ކުޅިވަރު ކުޅޭކުޅުމުގައި ރާއްޖެއަށް ރީތިނަމެއް ހޯދުން ނުވަތަ ރީތި ނަމެއް ހޯދައިދިނުމަށް މަސައްކަތްކުރުން. ކަނޑައެޅިގެން ރީތިނަމެއް ހޯދުމެކޭ ބުނެވޭކަށްނެތް. އެއީ ކުރިންވެސް އަޅުގަނޑު އިޝާރަތްކުރިފަދައިން އަދި ރާއްޖޭގައި ކަންތައްތައް ހުރިގޮތުން އަޅުގަނޑުމެން ބައިވެރިވާ އެއްވެސް މުބާރާތެއްގައި އެންމެ ފުރިހަމަ ކާމިޔާބީއެއް އަދި ރާއްޖެއަށް ހޯދޭވަރެއްނުވޭ. އެހެނެއްނޫން، ކާމިޔާބު ހޯދުމަށް މަސައްކަތްކުރުން އެއީ، ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، ތިޔަކުދިންވެސް ބަލަންވީ ތިޔަކުދިންނާ ދިމާވާ ޓީމުތަކާއެކު ކުޅޭއިރު، ހަމަ ކޮންމެ މެޗެއްވެސް ކާމިޔާބު ކުރެވޭތޯ މަސައްކަތްކުރުން. ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ވެވުނުވަރަކުން. އަދި ކިތަންމެ ބޮޑުތަނަކުން ދެރަވަމުންދިޔަކަމުގައިވިޔަސް، އެއްވެސް ޙާލެއްގައި އުންމީދު ނަގާނުލައި އެންމެފަހު މިނެޓާ ޖެހެންދެން، އެންމެފަހު ސިކުންތާ ޖެހެންދެން ދޫނުކޮށް ކުޅުން، ވަރުގަދަ ޢަޒުމަކާއެކު. އޭރުން ކިތަންމެ ކުޑަނަމަވެސް ކާމިޔާބީއެއް ޙާޞިލުކުރެވޭނީ. އެހެނެއްނޫން، އަހަންނާ ކުޅެން މިޖެހެނީ ވަރަށް މަތީފެންވަރުގެ ކުޅުންތެރިޔަކާއޭ، އެހެން ހިތަށްއަރާފައި، އެންމެ ފުރަތަމަ ކުޅެންފަށާއިރުވެސް ދެރަވާނެކަމުގެ ޝުޢޫރުތައް ހިތުގައި އޮވެއްޖެ ކަމަށްވަންޏާ، ޝައްކެއްނެތް ދެރަވާނެ. އަދި ދެރަވާނީ ވަރަށް އެކަށީގެންނުވާ ގޮތެއްގައި. އެއާ ޚިލާފަށް، ކޮންމެ ކުޅުންތެރިޔަކުވެސް ކުޅެން އަރާއިރު، ވަރުގަދަ ޢަޒުމަކާއެކު ކުޅެންއަރަންޖެހޭނީ. ހިތްވަރުކުރަން މަސައްކަތްކުރަންވާނެ. ހިތްވަރުނުކޮށް ދެރަވުމަކީ އެއްވެސް ޙާލެއްގައި ކުޅިވަރު ކުޅޭ މައިދާނުގައި ޒުވާނަކު ކޮށްގެންވާނެ ކަމެއްނޫން.

ތިޔަކުދިންނަށް އެނގޭނެ، މިހާރު ދުނިޔޭގެ ކުޅިވަރުގެ ކަންތައްތައް ތަރައްޤީވެފައިވާ މިންވަރު. ޚާއްޞަކޮށް، ޓޭބަލްޓެނިސް އެއީ، ތިޔަކުދިންގެ ކުޅިވަރު ކަމަށްވެސްވާތީ، ޓޭބަލްޓެނިސްގެ މައިދާނުގައިވެސް ދުނިޔޭގެ އެކި ޤައުމުތައް ކުރިއަރާފައިވާވަރު، ކޮންމެވެސްވަރަކަށް ތިޔަކުދިންނަށް އިޙްސާސް ކުރެވޭނެ. އެއީ، މީގެކުރިން ތިޔަކުދިން ބައިވެރިވެފައިވާ މުބާރާތްތަކުގައި، ތިޔަކުދިންނަށްވުރެ މޮޅު ޓީމުތަކާ ބައްދަލުކުރެވިފައިވާތީ. އެހެންވީމާ، އެ ފެންވަރު ތިޔަކުދިންނަށް އެނގުނަސް، ތިޔަކުދިން ބަލަންޖެހޭނީ ފެންވަރުމޮޅު ޓީމަކާ ބައްދަލުކުރެވުނު ކަމުގައިވިޔަސް، އެކަށީގެންވާ ނަތީޖާއެއް ހޯދޭތޯ. އެއްގޮތަކަށްވެސް ތިޔަދަނީކީ މަޖާކުރާކަށްނޫން. އުފާވެރި ވަގުތުތަކެއް، ބޭރު ޤައުމެއްގައި ހޭދަކޮށްލާކަށެއްނޫން. ތިޔަދަނީ ރާއްޖޭގެ ނަމުގައި މަޤްޞަދެއް ޙާޞިލުކުރެވޭތޯ ބަލަން. އެއީ ޤައުމީ މަޤްޞަދެއް.

ކުޅިވަރަކީވެސް ކުރިން އަޅުގަނޑު އިޝާރަތްކުރިފަދައިން، މިހާރު ބައިނަލްއަޤްވާމީ ގޮތުން މުހިންމު ކަމަކަށްވާތީ، ތިޔަކުދިން ތިޔަދަނީ ފަހަރެއްގައިވެސް މުހިންމުކަން ކުޑަ ދަތުރެއްގައެކޭ ހިތަށްގެނެސްގެން ނުވާނެ. ވަރަށް މުހިންމު ދަތުރެއްގައި ތިޔަފުރަނީ މާދަމާ. އެދަތުރަކީ ކުޅިވަރުގެ ދަތުރެއް ކަމުގައިވިޔަސް، އެދަތުރުން ކާމިޔާބީއެއް ލިބިއްޖިއްޔާ، އޭގެ ރީތިނަން، މުޅި ރާއްޖެއަށް ލިބޭނެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ. ރާއްޖޭގެ ރައްޔިތުން ވަރަށް ޝައުޤުވެރިކަމާއެކު ތިޔަކުދިން ކުޅެމުންދާ ކުޅުން ބަލަމުންގެންދާނެ. އޭގެ ޚަބަރުތައް އޮޅުންފިލުވަމުން ގެންދާނެ. އެހެންވީމާ، ތިޔަކުދިން އެނބުރި އަންނައިރު، ކޮންމެވެސްވަރެއްގެ ކާމިޔާބީއެއް ހޯދިފައިވާ ކަމަށްވަންޏާ، އެކަންވާނީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އުފަލަކަށް.

ތިޔަކުދިންނަށްވެސް އެނގޭނެފަދައިން، އެއްވެސް ކުޅިވަރެއްގައި ފެންވަރު މައްޗަށް ގެންދިޔުމަކީ ހަމަ ހިތަށްއެރިޔަސް ވާނެކަމެއްނޫން. އެއީ، ވަރަށް ބުރަ މަސައްކަތުން ކުރެވޭނެ ކަމެއް. ޤަވާޢިދުން ތަމްރީނު ކުރަންޖެހޭގޮތަށް ކޮށްގެން އަދި އެ ކުޅިވަރެއް ކުޅޭ ކުދިންގެ އެހެން ކަންތައްތައްވެސް، އެ ކުޅިވަރު ދަސްކޮށްދޭ މީހުން އެބުނާފަދަ ގޮތަކަށް ބަހައްޓައިގެން، ދިރިއުޅުމުގެ ކަންތައްތައްވެސް، މިސާލަކަށް ރޭގަނޑު ގިނައިރު ހޭލާނުހުރުން، އެކަށީގެންވާ ވަގުތެއްގައި ނިދުން، ފުރިހަމައަށް އަރާމުކުރުން، އެ ކުއްޖަކަށް ލިބުނު މިންވަރަކުން ރަނގަޅު ކާނާ ކެއުން. ޞިއްޙަތަށް ގެއްލުން ހުރި އެކިއެކި ނުބައި އާދަތަކުން ދުރުހެލިވުން. އޭގެއިތުރުން، ޤަވާޢިދުން އެކުޅިވަރެއް ފަރިތަކުރަން އޮންނަ އުޞޫލަކުން ފަރިތަކުރަމުން ގެންދިޔުން. ތިޔަކުދިންނަށް އެނގޭނެ، ޓޭބަލްޓެނިސް އެއީ، ވަރަށް ބޮޑަށް ފަރިތަކުރަންޖެހޭ ކުޅިވަރެއްކަން. ކޮންމެ ދުވަހަކު ވަރަށްގިނަ ވަގުތު، ވަރަށްގިނަ ގަޑިތަކެއް ހޭދަކޮށްގެންނޫނީ، އެކުއްޖަކު އެ ހުރި ފެންވަރެއްގައިވެސް ނުހިފެހެއްޓޭނެ ކުޅިވަރެއްކަން.

އެހެންވީމާ، އެގޮތަށް ކުޅޭއިރު ދުވާލަކު އެތައް ގަޑިއިރެއްވަންދެން ކެނޑިނޭޅި ފަރިތަކުރަމުން ގެންދާއިރު، އެކުއްޖާގެ ޞިއްޙަތު ހުންނަންޖެހޭނީ އެކުއްޖަކަށް ހިފަހައްޓައިލެވޭވަރަށް. ވަރުބަލިވެގެން ހުއްޓާލަންނުޖެހޭވަރަށް. އެއީ، ކުރިންވެސް މިބުނި އުޞޫލުގެމަތިން އަރާމުކުރުމުގެ ކަންތަކާއި، ކާނާގެ ކަންތަކާއި އަދި އެކިއެކި އާދަ ގެންގުޅުމުގައިވެސް، ޞިއްޙަތަށް ގެއްލުންނުވާގޮތަކަށް ވިސްނައިގެން، އެކަންތައް ކުރަމުން ގެންދިޔުން. މިކަންތައްތައް މިގޮތަށްނުކޮށް، އެއްވެސް ކުޅިވަރެއް، އެއްވެސް ބަޔަކަށް ކާމިޔާބެއް ނުކުރެވޭނެ.

ދުނިޔޭގައި އެކިއެކި ކުޅިވަރުތަކުގައި ވިދަމުން އެދާ ޤައުމުތަކުގެ ކުޅުންތެރިން ރަނގަޅަށް ވިސްނާލައިފިއްޔާ ތިޔަކުދިންނަށްވެސް އެނގޭނެ. އެމީހުން އެ ވިދަމުންދަނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާތީ. ދާދިފަހުން ދުނިޔެއަށް ވިދާލައިގެންދިޔަ ޓެނިސް ކުޅުންތެރިޔަކު ބުނެފައި އޮތް ވާހަކައެއް، އަޅުގަނޑު ނޫހަކުން ދުށިން. އޭނާ ބުނަނީ "ތިމަންނާ ދުނިޔޭގެ ޗެމްޕިއަންޝިޕް އެންމެމޮޅު ކުޅުންތެރިއެއްގެ މަޤާމު، މި ކުޅިވަރުގައި ތިމަންނާއަށް ލިބުނުކަމުގައިވިޔަސް، އެއީ ތިމަންނާޔަށް ހިފެހެއްޓޭނެ މަޤާމެއް ނޫނޭ. އެއީ ތިމަންނާޖެހެޔޭ ދުވާލަކު 8 ގަޑިއިރު ޕްރެކްޓިސް ކުރަން، ތަމްރީނުކުރަން. އަހަރުދުވަހުގެ ތެރޭގައި އަންނަ ކޮންމެ ދުވަހަކު 8 ގަޑިއިރު މެދުނުކެނޑި ޕްރެކްޓިސްކޮށްގެން ނޫނީ، ތިމަންނާއަށް މި މަޤާމެއް ނުހިފެހެއްޓޭނެޔޭ. އެއީ ތިމަންނާއަކަށް ވާނެކަމެއް ނޫނޭ. އެހެންވީމާ، މިފަހަރު ތިމަންނާޔަށް މިކާމިޔާބު ލިބުނަސް، މިމަޤާމު ހޯދުނަސް، މުސްތަޤްބަލްގައި އެއީ ތިމަންނާޔަކަށް ވާނެކަމެއް ނޫނޭ."

އެހެންވީމާ އެބައެނގޭ، ވަރަށް ބުރަ މަސައްކަތްކޮށްގެންކަން ކުޅިވަރުގައިވެސް ފެންވަރު މައްޗަށް ގެންދެވެނީ. ދުނިޔޭގެ ނިސްބަތުގައި އަހަރެމެން އަދި އެހާ މަތީ މަޤާމަކަށް ނުދޭ. އެހެންނަމަވެސް، އަހަރެމެންގެ މަޤާމުގައި ހިފެހެއްޓޭނީވެސް، އެކަމަށް އެކަށީގެންވާ މަސައްކަތްކޮށްގެން.

އެހެންވީމާ، އަހަރެންގެ ނަޞޭޙަތަކީ ތިޔަހުރިހާ ކުދިންވެސް ތިޔަކުޅިވަރުގައި ކުރިޔަށްދާން ބޭނުންކަމުގައިވަންޏާ، ޤަވާޢިދުން އެކަންކުރަން އޮންނަގޮތަކަށް އެކަންކުރުން. ކޯޗުން އެ އިރުޝާދުދޭގޮތުގެ މަތިން ތަމްރީނު ކުރަމުން ކުރަމުން ގެންދިޔުން. އަދި ފޫހިކަމެއްނެތި ގިނަ ވަގުތުތައް އެކަމުގައި ހޭދަކުރުން. ހަމައެއާއެކުގައި، ކޮންމެ ކުއްޖެއްގެވެސް ދިރިއުޅުމުގެ ކަންތައްތައްވެސް، އެ ކުޅިވަރުގައި ކުރިޔަށް ގެންދެވޭކަހަލަ ގޮތަކަށް އިންތިޒާމުކޮށް ރާވާފައި އޮތުން.

މި ވާހަކަކޮޅު ދައްކާލުމަށްޓަކައި މިރޭ އަޅުގަނޑު މި ބައްދަލުކުރީ. އަޅުގަނޑުގެ އެދުމަކީ، ރާއްޖެ ތަމްސީލުކުރަން ތިޔަކުދިން ފުރައިގެންދާދިޔުމަކީ، ރާއްޖެއަށް ކޮންމެވެސްވަރެއްގެ ރީތިނަމެއް ހޯދައިދިނުން. އަދި އެ ރީތިނަން ހޯދައިދެވޭތޯ ކޮންމެ ކުއްޖަކަށްވެސް ވެވުނު އެންމެބޮޑަކަށް މަސައްކަތް ކުރުން. އެހެންވީމާ، ތިޔަކުދިންނަށާއި އަދި ތިޔަކުދިން ގޮވައިގެން ވަޑައިގަންނަވާ ޓީމުގެ މެނޭޖަރަށާއި އަދި ކޯޗަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފާޅުކުރަން. ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ ނަތީޖާ، ފޮނިކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑުމެން ދެކޭހިތްވާވާހަކަ ދަންނަވާލަން. އެ ކާމިޔާބީ އަޅުގަނޑުމެން އެދޭ އެންމެ ފުރިހަމަގޮތުގައި ނުފެނުނު ކަމުގައިވިޔަސް، އެގޮތަށް ތިޔަކުދިންނާއި އަދި އެބޭފުޅުންވެސް މަސައްކަތް ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. އަދި ތިޔަކުދިން އެބޭފުޅުންގެ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑުގެ ހިތުގައި އެބައޮތް.

والسّلام عليكم ورحمـة اللّـه.