السّلام عليكم

އާދެ، މިއަދު އަޅުގަނޑު މި ޖަލްސާއަށް މި ހާޒިރުވީ، މީގެ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ކުރިއަށް އޮތް އަހަރަށް ސަރުކާރަށް ލަފާކުރި ބަޖެޓު ހުށަހެޅުމަށްޓަކައި. ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިސްވެރިޔާގެ ޙައިޘިއްޔަތުން. އެނގިވަޑައިގަންނަވާނޭ ފަދައިން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވަނީ، ވޭތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ހިނގި ޚަރަދަކާއި، އަދި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓެއް ހުށަހަޅަންވާނެކަމަށް. އެކަން ކުރަންޖެހޭ ފަރާތެއް ކަމުގައި ޤާނޫނުއަސާސީގައި އޮންނަނީ ވަޒީރުލްމާލިއްޔާ. އެހެންވުމާއެކު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ފަރާތުން ދެންމެ ތިޔަބޭފުޅުން ތިޔައެއްސެވި ބަޖެޓު، އަޅުގަނޑުވަނީ ޤަވާޢިދުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވައި، މަޖިލީހަށް ހުށަހެޅުމަށް އެދި ދަންނަވާފައި.

އާދެ، މި ޖަލްސާއަކީ، މިހިނގާ ރިޔާސީ އާ ދައުރަށް އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުވާކުރުމަށްފަހު، ހާޒިރުވާ އެންމެ ފުރަތަމަ ޖަލްސާކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑަށް ލިބުނު މަތިވެރި ތާއީދާއި އެއްބާރުލެއްވުމަށްޓަކައި، އިޚްލާޞްތެރިކަމާއެކު، މަޖިލީހަށް ޝުކުރު ދަންނަވަން. އަޅުގަނޑު ޔަގީންކޮށް އަރުވާނީ، މިފެށުނު އާ ދައުރުގައިވެސް، ވޭތުވެދިޔަ ފަސް އަހަރެކޭ އެއްފަދައިން، އަޅުގަނޑު މަސައްކަތް ކުރަމުންގެންދާނީ، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކަމަށް. އާދެ، ސަރުކާރުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ބަޔާނެއް ދިނުމަކީ، ޢިއްޒަތްތެރި މެންބަރުންނަށް އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމެއް. އަދި ޤައުމު ކުރިޔަށް ގެންދިޔުމާއި، ޢާއްމު ރައްޔިތުންގެ ލާބަޔާއި ފަސޭހައަށްޓަކައި، ކުރާ މަސައްކަތްތައް ކޮންމެވެސްވަރަކަށް އެނގިވަޑައިގަންނަވާނެ ކަމެއް. އެހެންވީމާ، އެއީ ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވީފަހުން މިހާރު ފަސް އަހަރު ވޭތުވެ ހިނގައްޖެ. އިޤްތިޞާދީ އަދި އިޖުތިމާޢީ މަސައްކަތްތައް އަވަދިނެތި ހިންގަމުން ގެންދާއިރު، އަޅުގަނޑުމެން ފެށީ ކިހާހިސާބަކުންކަން ހަނދާންނެތިދޭ. އަޅުގަނޑުމެންނަށް ކުރެވެމުންދާ މަސައްކަތުގެ މިންވަރު ކޮބައިކަން ނޭނގި ހިނގައިދޭ. އެހެންކަމާއެކު، މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރެވުނު މަސައްކަތުގެ ބައެއް ނުކުތާ ހާމަކޮށްލުމަކީ، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ބޭނުން ކަމެއްކަމުގައި އަޅުގަނޑަށް ފެނޭ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މީގެ ފަސް އަހަރު ކުރިން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ދަށް ފެންވަރެއްގައި. ޚާއްޞަކޮށް، ރާއްޖެތެރޭގެ ޢާއްމު ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެނެވޭތޯ މަސައްކަތެއް އޭރު ކުރެވިފައެއް ނެތް. ތަޢުލީމު، ޞިއްޙަތު، އަދިވެސް އެހެނިހެން އިޖުތިމާޢީ ޚިދުމަތްތައް، ރާއްޖޭގައި އެދުވަސްވަރުވަނީ، ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކާ އަޅައިބަލާއިރުވެސް ވަރަށް އާދައިގެ ހިސާބެއްގައި ކަމުގައި ނޫނީ ދެންނެވޭކަށް ނެތް. މިކަމުގެ ހެކި، ކުރީ އަހަރުތަކުގެ ބަޖެޓުން ރަނގަޅަށް ދޭހަވޭ. އެކަން އޮތީ އެހެންކަމަށް ވުމާއެކު، މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ބޮޑު ބަދަލުތަކެއް ގެނެވޭތޯ ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު. އަދިވެސް އެ މަސައްކަތްތައް ކުރެވެމުން އެބަދޭ. 1979 ވަނަ އަހަރުގެ ކުރީގެ އަހަރުތަކުގެ އިޤްތިޞާދީ ކުރިއެރުމުގެ ރޭޓަށް ބަލާއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި، ޤައުމީ އުފެއްދުންތެރިކަން ކުރިއަރަމުންދާ ރޭޓު ދިޔައީ ހަރުދަނާކަމާއެކު މައްޗަށް.

ކުރިއެރުމުގެ އެވްރެޖް އަހަރީ ރޭޓަކީ ސަތޭކައަކުން ތޭރަ ކަމުގައި އިތުބާރުހުރި ފަރާތްތަކުން މަޢުލޫމާތު ދީފައިވޭ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތަނުގެ އުފެއްދުމުގެ މިންވަރު، އާދެ، ޤައުމީ އުފެއްދުންތެރިކަން 1979 ވަނަ އަހަރުގައި އޮތީ ތިންސަތޭކަ މިލިޔަން ރުފިޔާއާ ހަމައިގައި. 1982 ގައި އެ ޤައުމީ އުފެއްދުންތެރިކަމުގެ ޖުމްލަ 418 މިލިޔަން ރުފިޔާއަށް އޮތީ ބަދަލުވެފައި. ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓެއް ހެދުމުން، ރާއްޖޭގެ ޓޫރިޒަމުގެ ދާއިރާއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބުނު. ހަމައެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސް، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، މި ތަންތާނގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި މުހިންމު ބައިތަކެއް ކުޅެދޭން ފަށައިފި.

ވިޔަފާރިއާއި މާލީ ދާއިރާގައި، ހިސާބަކަށް އިޞްލާޙު ގެނެވުނު. ރާއްޖޭގައި، ރާއްޖޭގެ އަމިއްލަ ފައިސާ ގެންގުޅުން ވަރަށް ހަނިވެފައިވަނިކޮށް، ރާއްޖޭގެ އަމިއްލަ ފައިސާ ގެންގުޅުން ވަރަށް ހަނިދާއިރާއެއްގައި ބަންދުވެފައި ވަނިކޮށް، އެ ދާއިރާ ފުޅާކޮށް، ބޭރުފައިސާ ރާއްޖޭގައި ގަނެވިއްކުމުގެ ޤަވާޢިދުތަކެއް ހެދުނު. އެއީ މާލީ ހަރުދަނާކަމާއި، އިޤްތިޞާދީ ނިޒާމު ހިނގުމަށް މަގު ފަހިކޮށްދިން ކަމެއް. ބޭރުގެ އެކިއެކި ފަރާތްތަކާ ގުޅިގެން ރާއްޖޭގައި އިޤްތިޞާދީ މަސައްކަތްތަކެއް ފެށިފައިވޭ. ޚާއްޞަކޮށް، ތައްޔާރީ ހެދުން އުފެއްދުމުގެ މަސައްކަތް. އެއާއެކު އިޤްތިޞާދީ ކުރިއެރުމަށް ތަފާތު ރޮނގުރޮނގުން އެކިއެކި މަސައްކަތް ކުރެވިފައި ވުމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދިޔަ އިޤްތިޞާދީ ފައިދާ ވަނީ ކުރީ އަހަރުތަކަށްވުރެ އިތުރުވެފައި. އަމިއްލަ ވިޔަފާރިއާއި، މީހުންގެ އަމިއްލަ މަސައްކަތުން އުފެއްދުންތެރިކަން އިތުރުކުރެވޭތޯ ދެވެން އޮތް އެންމެމަތީ އަހަންމިއްޔަތެއް ސަރުކާރުން ގެންދިޔައީ ދެމުން. ނަތީޖާއެއްގެ ގޮތުން ވިޔަފާރީގެ ދާއިރާ ވަނީ ފުޅާވެފައި. އަދި އެކަމުގެ ސަބަބުން ޤައުމަށް އެކަށީގެންވާ ފައިދާ ލިބެމުންދާކަމާމެދަކު ޝައްކެއްނެތް.

ރާއްޖޭގެ މީހުން މަދުކަމާއި، ޤުދްރަތީ މުއްސަނދިކަމުގެ ތަފާތު ބައިތައް ނެތުމުގެ ސަބަބުން ކުއްލި އަދި މަތީ ދަރަޖައެއްގެ އިޤްތިޞާދީ ކުރިއެރުމެއް ނައިކަމުގައިވިޔަސް، ފަހި ރާސްތާއެއް އޮވެއްޖެނަމަ، ރާއްޖޭގެ ދަރިންވެސް ކުރިއަށްދެވޭތޯ، އިތުރު ރޮނގުތަކެއް ހޯދޭތޯ މަސައްކަތް ކުރަމުން ގެންދާނެކަން ކަށަވަރު. މިހާރުވެސް އެ މަސައްކަތްތައް އެމީހުން ކުރަމުންގެންދޭ. ރާއްޖޭގެ ސަރަޙައްދުގެ ބޮޑުބަޔަކީ ޖަޒީރާތަކުގެ ވަށައިގެންވާ ކަނޑުކަމަށްވެފައި، މި ކަނޑުތަކުގައި މާތްﷲ ލައްވަވާފައިވާ ޤުދްރަތީ މުއްސަނދިކަމަކީ މިހާތަނަށް ދިވެހިން މައިގަނޑު ގޮތެއްގައި ކައިބޮއި އުޅުމުގެ ވަސީލަތްކަމަށް ވެފައި، އެ ކަނޑުގެ މުއްސަނދިކަމުގެ ވަރަށް ކުޑަ މިންވަރެއް އަދި ދިވެހިންނަށް ޚާއްޞަ ކުރެވެމުން ދިޔުމާއެކު، މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، އެކަމުން ގިނަގުނަ ފައިދާ ހޯދުން އެއީ، ސަރުކާރުގެ ސިޔާސަތެއް ކަމުގައިވަނީ ހަމަޖެހިފައި.

މަސްވެރިކަން ކުރިއަށް ގެންދިޔުމަށް ތަފާތު މަޝްރޫޢުތައް އުފެއްދި، މަސައްކަތް ހިންގަމުން ގެންދެވުނު. މީގެތެރޭގައި މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމާއި، މަސް އެއްކޮށް، ރައްކާކުރާނެ ބޯޓުފަހަރު ހޯދުން ހިމެނޭ. އަދި މަސްވެރިންނަށް ފައިދާވާނެ އެކިއެކި ފިޔަވަޅުތައް އެޅުން ހިމެނޭ. ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ވަރަށް ހަލުވިކަމާއެކު ފުޅާވަމުން ގޮސްފައިވޭ. ޓޫރިސްޓް ރިޒޯޓުތަކުގައި ހުރި އެނދުތަކުގެ ޢަދަދު ތިންގުނައަށް އިތުރުވެގެންދިޔަ. އަދި މިދާއިރާއިން ސަރުކާރަށް ވަންނަ ފައިސާވެސް ވަރަށްބޮޑުތަން އިތުރުވެގެންދިޔަ. ޓޫރިސްޓުން ރާއްޖެއަށް އަންނަ ޢަދަދުވެސް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރަށްބޮޑުތަން ވަނީ އިތުރުވެގެން ގޮސްފައި. މިހާރު ޓޫރިޒަމްގެ ދާއިރާއަކީ، ރާއްޖެއަށް ބޭރުފައިސާ ވަންނަ އެންމެ މުހިންމު އެއް މަގު.

ރާއްޖެތެރޭގެ މުވާޞަލާތާއި، ދަތުރުފަތުރު ކުރުމުގެ ދަތިކަން، އަޅުގަނޑުމެންނަށް އޮންނަނީ ވަރަށް ބޮޑަށް އިޙްސާސް ކުރަންޖެހިފައި. ރާއްޖެތެރެ ތަރައްޤީކުރަން ބޭނުންނަމަ، މި ދާއިރާ ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ކަށަވަރު. އެހެންކަމާއެކު، ރާއްޖެތެރެއަށް ދަތުރުފަތުރު ކުރާނެ އުޅަނދާއި، ދަތުރުވެރިން ރާއްޖެތެރޭގައި ރޭގަނޑު ދަތުރުކުރާއިރު މަގުދައްކައިދޭނެ ބައްތިތައް ޖެހުމާއި، މުވާޞަލާތުގެ ކަންތައް، ދަތުރުފަތުރު ކުރުމަށް ފުދޭވަރަކަށް ކުރިއަށް ގެންދިޔުމަށްޓަކައި ޚާއްޞަ މަޝްރޫޢެއް ފެށިގެން މިހާރު ހިނގަމުން އެބަދޭ. މި މަޝްރޫޢުގެ ސަބަބުން ރާއްޖެތެރޭގެ ވިޔަފާރި ކުރިއެރުމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވެދޭނެކަން ކަށަވަރު.

މާލޭގައި ގެދޮރު ނެތިފައިވާ މީހުން ގިނަވުމާއި، ސަރުކާރުގެ ޚިދުމަތްތައް އިތުރުވަމުން ދިޔުމުން، މާލެއިން އިތުރު ބިން ބޭނުންވެފައިވަނީ ނިހާޔަތުގެ ދަރަޖައަށް. މިކަމަށް ޙައްލެއް ގެނެވެން އަންނަނީ މާލޭ ފަޅުން ބިން ހިއްކައިގެން ކަމަށްވުމާއެކު، ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވުމުގެ ކުރީކޮޅުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ފަށައިގަނެވުނު. އެ މަޝްރޫއު މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށް. ޢިއްޒަތްތެރި މެންބަރުން ހަނދުމަފުޅު ހުންނާނޭ ފަދައިން މިކަމަށް ފުރަތަމަ ޚާއްޞަ ބަޖެޓެއް ފާސްކޮށް، އެ ބަޖެޓު ހުސްވުމަށްފަހު، މިހާރު ޢާއްމު ބަޖެޓުގެ ތެރެއިން ދަނީ މިކަމަށް ޚަރަދު ކުރެވެމުން. މަޝްރޫޢު މުޅިން ނުނިމޭ ކަމުގައިވިޔަސް މިހާރު އެ މަޝްރޫޢުގައި ހިއްކަން ހަމަޖެހިފައިވާ ޢަދަދުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި، ނޫނީ ސަތޭކައަކުން ހަތްދިހަ ދޭއް ޕޮއިންޓް ހަޔެއް މިހާރުވަނީ ހިއްކައި ނިމިފައި. މާލެއަކީ އަލުން ބޮޑުކުރެވޭނެ ޖާގަ މިހާރުއޮތް ތަނަކަށް ނުވާތީ، މި މަޝްރޫޢު ނިމުމަށްފަހު، މި ހިއްކާފައިވާ ބިން ބޭނުންކުރަންޖެހޭނީ ވަރަށް ރަނގަޅަށް ރޭވި، ހަރުދަނާ އުޞޫލެއްގެ މަތިން ކަމުގައި އަޅުގަނޑު ހިތުން ހުރިހާ މެންބަރުންވެސް ގަބޫލު ކުރައްވާނެ. މާލޭގެ ފެނާއި ނަރުދަމާގެ ކަންތައް ހަމަޖެއްސުމަކީވެސް ކޮންމެހެން ވަރަށް އަވަހަށް، މިހާރު ކުރަންވެފައިވާ ކަމެއް. އެހެންނަމަވެސް، ކަމުގެ ބާވަތުން ލަސްވަމުން ގޮސްފައި އޮތް ކަމުގައިވިޔަސް، މި މަޝްރޫޢުގެ ފެށުން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އުންމީދު ކުރެވޭ.

ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތައް ކުރެވެމުން ގެންދެވިފައިވޭ. މީގެތެރޭގައި އިޤްތިޞާދީ، އިޖުތިމާޢީ، ތަޢުލީމީ، ޞިއްޙީ، ދީނީ އަދި ޝަރުޢީ ކަންތައްތައް ހިމެނުނު. މިކަމަށްޓަކައިވެސް އަޅުގަނޑަށް ފުރަތަމަޖެހުނީ ޚާއްޞަ ބަޖެޓެއް ފާސްކުރަން. އެހެންނަމަވެސް، މިހާރު ޚަރަދު ކުރެވެމުންދަނީ، މިދެންނެވި ތަރައްޤީގެ މަސައްކަތް، ޢާއްމު ބަޖެޓުގައި ހިމެނިގެން. މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުން ކުރި މަސައްކަތްތައް ތަފްޞީލުކޮށް ނުދެންނެވިޔަސް، މިދިޔަ ފަސް އަހަރު ދުވަހުގެ ބަޖެޓު ހާމަކުރާގޮތުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ގިނަގުނަ. އެތަކެއް ދައްޗަކާއި އުނދަގުލަކާ ކުރިމަތިލައިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، އޭގެކުރީގައި އަޅާނުލުމުގެ ސަބަބުން ދަށަށް ގޮސްފައިވާ މިންވަރު، އިޤްތިޞާދީ ގޮތުން ކުރިޔަށް ޖެއްސުމަށް ކުރެވުނު މަސައްކަތް ހަނދާންކުރަނީ، ލިބުނު ކާމިޔާބީއެއްގެ މައްޗަށް، ހިތްހަމަޖެއްސުމަކުން ނޫން. ޤައުމީ ތަރައްޤީގެ މަގަކީ އޮމާންކަމާއެކުގައި ދެވެންއޮތް މަގެއް ނޫންކަން އެނގި، ކުރިއެރުމުގެ ރޭޓު ދެމެހެއްޓޭތޯ މަސައްކަތް ކުރުމަށް ހިތްވަރު ލިބިގަތުމަށްޓަކައި. އަޅުގަނޑުމެންގެ ޤައުމީ މަސައްކަތުގައި އެންމެ ހިނދުކޮޅަކުވެސް ހުއްޓުމެއް ގެނައުމަކަށް އެއްވެސް ތަނެއްނެތް. އިޤްތިޞާދީ އަދި އިޖުތިމާޢީ މައްސަލަތައް، އަންނަ އަހަރުތަކުގައި އަޅުގަނޑުމެން ޙައްލު ކުރުމުގައި ކުރިމަތިލާންވާނީ ވަރުގަދަ ޢަޒުމަކާއެކު ކެރިގެން. އެ މަސައްކަތަކީ އަޅުގަނޑުމެންގެ ޤައުމީ އިމްތިޙާނެއް ކަމުގައި ހަނދާންކޮށްގެން.

އާދެ، 1983 ވަނަ އަހަރަށް ލަފާކުރި ބަޖެޓު ހުށަހެޅި އުޞޫލުގެމަތިން 1984 ވަނަ އަހަރަށް ލަފާކުރި ބަޖެޓު މިހާރުވަނީ ޤަވާޢިދުން މަޖިލީހަށް ހުށަހެޅިފައި. ދެންމެ އެ ބަޖެޓުގެ ތަފްޞީލު، ޢިއްޒަތްތެރި މެންބަރުން ތިޔަ އެއްސެވީ. އާދެ، ވޭތުވެދިޔަ އަހަރު 1982 ގައި ސަރުކާރަށް ލިބުނު އެއްޗަކާއި، ޚަރަދުވި އެއްޗެއްގެ ހިސާބު އަދި ކުރިޔަށްއޮތް އަހަރު ޚަރަދުވާނޭ ކަމަށް ލަފާކުރާ ޚަރަދާއެކު، އަދި ބަޖެޓާބެހޭ ބައެއް މަޢުލޫމާތުވެސް، ޢިއްޒަތްތެރި މެންބަރުންގެ އަރިހަށް މިހާރުވާނީ ލިބިވަޑައިގެންފައި. ވޭތުވެދިޔަ ހަތަރު އަހަރާއި، މިހިނގާ އަހަރާއި އަދި އަންނަ އަހަރުގެ ބަޖެޓުގެ ޚަރަދަށް ލިބޭ އެއްޗަކަށް ބަލާއިރު، އެއްއަހަރުން އަނެއްއަހަރަށް، ވަރަށް ބާރަށް ދެބައިވެސް މައްޗަށް ޖެހިފައިވާތަން، ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ކަރުދާސްތަކުން އެނގިވަޑައިގަންނަވާނެ. ޚާއްޞަކޮށް، މަޢުލޫމާތު ކަރުދާސް ނަންބަރު ހަތަރެއް ބައްލަވައިލައްވައިފިއްޔާ އަޅުގަނޑު މިދެންނެވި ބަހުގެ ސާފުހެކި ފެނިވަޑައިގަންނަވާނެ. އޭގައި އެ ދައްކަނީ މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 1979 ން ފެށިގެން 1982 އާ ދޭތެރޭގައި ސަރުކާރަށް، ދައުލަތަށް ލިބުނު އާމްދަނީއާއި ދައުލަތުން ކުރެވުނު ޚަރަދުގެ ޖުމްލަ.

ހަމައެފަދައިން، 1983 ގައި ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދާއި، ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއާއި އަދި 1984 ގައިވެސް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީގެ ޖުމްލައާއި، ޚަރަދުވާނެކަމަށް ލަފާކުރެވޭ ފައިސާގެ ޖުމްލަ ދައްކައިދޭ. މި ބައްލަވައިލެއްވީމާ އެނގިވަޑައިގަންނަވާނެ، 1979 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 35.3 މިލިޔަން ރުފިޔާ. އެ އަހަރުގެ ޚަރަދު 49.4 މިލިޔަން ރުފިޔާއާ ހަމައަށް ހިނގާފައިވޭ. ދެން ވަރަށް ހަލުވިކަމާއެކު ދެބައިވެސް ދިޔައީ މައްޗަށް. ލިބުނު ފައިސާވެސް ދިޔައީ އެތައްގުނައެއް އިތުރުވަމުން. ޚަރަދުތައްވެސް ދިޔައީ އެތައްގުނައެއް އިތުރުވަމުން. އެހެންގޮސް މި ހުސްވި 1982 ވަނަ އަހަރު، ދައުލަތަށް ލިބިފައިވާ ކަމަށް މި ޗާޓު މިދައްކަނީ 138.5 މިލިޔަން ރުފިޔާ. އާދެ، އެއީ 1979 ގައި އެންމެ 35.3 މިލިޔަން ރުފިޔާ ކަމުގައި އޮތް ޢަދަދެއް. މިހާރު 138 މިލިޔަނަށް އަރައިގެން ދިޔައީ. ޚަރަދު 49.4 މިލިޔަން ރުފިޔާއިން 143.4 މިލިޔަން ރުފިޔާއަށް އަރައިގެން ދިޔައީ. އެއީ ވަރަށްބޮޑު އިތުރުވުމެއް. ޝައްކެއްނެތްގޮތުގައި، މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ލިބުނު އާމްދަނީއަށްވުރެ، ކުރެވުނު ޚަރަދު ތަންކޮޅެއް މަތިކަމަށް ދައްކާ. އާދެ، ގާތްގަނޑަކަށް 5 މިލިޔަން، ނޫނީ 4.9 މިލިޔަން. މިހިނގާ 1983 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ 165.8 މިލިޔަން ރުފިޔާ. ޚަރަދު ހިނގާނެކަމަށް ދައްކަނީ 191.5 މިލިޔަން ރުފިޔާ. އެހެންވީމާ، މިހިނގާ އަހަރުގެ ލިބުނު އެއްޗަކަށްވުރެ، ކުރެވޭ ޚަރަދު ގާތްގަނޑަކަށް 25 މިލިޔަން އިތުރުވާނެކަމަށް ދައްކާ.

އާދެ، އެކަން އެހެންވާންޖެހޭ ސަބަބަކީ، އެނގިވަޑައިގަންނަވާނޭ ފަދައިން، ތަރައްޤީއަށްޓަކައި ކުރެވޭ ހޭދަތައް އިތުރުވަމުން ދިޔުން. އެ ހޭދަތައް ހުއްޓާލައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނޯންނާނެ. އެހެންވީމާ، މިހާރު ފެށިފައިވާ މަޝްރޫޢުތައް ހިންގުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި މިހާރު ހިނގާ މަޝްރޫޢުތަކުގެ އިތުރަށް، ސަރުކާރުން އަލަށް މަޝްރޫޢުތައްވެސް ފަށަންޖެހޭ. އެހެންވުމާއެކު، މި ދަތި މިއީ އަޅުގަނޑު ހިތުން ހަމައެކަނި ދިވެހިރާއްޖެ ކުރިމަތިލާންޖެހޭ ދައްޗެއްނޫން. ކުރިއަރަމުން އަންނަ ކޮންމެ ޤައުމެއްވެސް މި ދައްޗާ ވަނީ ކުރިމަތިލާންޖެހިފައި. ކޮންމެ ޤައުމެއްގައިވެސް އެތަނެއްގެ ތަރައްޤީއަށް ކުރެވޭ ޚަރަދު، އެތަނަށް ލިބޭ ފައިސާއަށްވުރެ އޮންނާނީ އިތުރުވެފައި. އާދެ، އެހެންނަމަވެސް އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް. އެ މައްސަލަ ޙައްލަކަށް ގެނެވޭތޯ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ. މިހާރުވެސް ދަނީ ގޮތްތައް ރާވަމުން. އަދި ކުރިޔަށް އޮތްތާނގައިވެސް ރާވަންޖެހޭނެ. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ކޮންޓްރޯލުން ނެއްޓިގެންދާ އެއްޗަކަށް ވެގެންނުވާނެ.

އާދެ، 1984 އަށް ބަލައިލާއިރު، ލިބޭނެ އެއްޗެއްކަމަށް ލަފާކުރެވިފައި މިއޮތީ 243.09 މިލިޔަން ރުފިޔާ. 243 މިލިޔަން ރުފިޔާ. ޚަރަދުވާނެކަމަށް ލަފާކުރެވެނީ 280.5 މިލިޔަން ރުފިޔާ. އެހެންވީމާ، އެއީވެސް ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑު ބަޖެޓެއް. އެހެންނަމަވެސް، ރޭޓު ގާތްގަނޑަކަށް މި އަހަރާ، މި އަންނަ އަހަރާ ދާދި އެއްވަރު. އެއީ މި އަހަރުގެ ބަޖެޓު ކުޑަވުމުން، އެ 25 މިލިޔަން ރުފިޔާ އެއީ، މި އަންނަ އަހަރުގެ ބަޖެޓު ތަންކޮޅެއް ބޮޑުވާތީ، ބަޖެޓު ޚަރަދު ބޮޑުވާތީ، އޭގައި އެއުޅޭ ދެކޮޅުނުޖެހުމަކީ 37 މިލިޔަން ރުފިޔާ ކަމުގައިވިޔަސް، 100 ން ބަލާއިރު އެއީ ހަމަ އެއް ޢަދަދެއް. ކޮންމެއަކަސް މި އަންނަ އަހަރުގެ މި ދެންނެވި ޚަރަދުގެ ޖުމްލަ 280.5 މިލިޔަން ކަމަށް މީގައި ދައްކާފައި އެއޮތީ، ޚާއްޞަ ބަޖެޓުތަކާއި އަދި ބޭރުގެ އެހީގެ ގޮތުގައި ލިބޭ ލޯނުތަކާއި، އެ ހުރިހާ އެއްޗެއް ލައިގެން. އެހެންވީމާ، 280 މިލިޔަނަށް އަރާފައި އެއޮތީ. ތިޔަބޭފުޅުންގެ އަތްޕުޅުގައި އޮތް، ދެންމެ ތިޔައެއްސެވި ބަޖެޓުގެ ޖުމްލައަކީ 146 މިލިޔަންކަން ހަނދުމަފުޅު ހުންނާނެ. އެހެންވީމާ، މި ދެ ޢަދަދުގެ ތަފާތަކީ މިދެންނެވި ގޮތުން އައިސްފައިވާ ތަފާތެއް. އެކަންވެސް ތިޔަބޭފުޅުން ފާހަގަކޮށްލެއްވުން އަޅުގަނޑު އެދެން.

އާދެ، 1982 ވަނަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި ހިނގި ޚަރަދަށް ބަލާއިރު، ކުރީގެ ދެ އަހަރެކޭވެސް އެއް މިޞްރާބެއްގައި ލިބުނު އާމްދަނީއާއި ޚަރަދުވެސް ވަރަށް ބޮޑުތަން މައްޗަށް ޖެހިފައިވާކަން ފާހަގަކޮށްލަންޖެހޭ. 1982 ވަނަ އަހަރު ޖުމްލަ ޚަރަދު ކަމުގައި ދައްކަނީ 129.5 މިލިޔަން ރުފިޔާ. އެއީ، އޭގެ ކުރީއަހަރުގެ ޚަރަދުގެ، 37 ޕަސެންޓް ބޮޑު ޢަދަދެއް. އެކިއެކި މަޝްރޫޢަށް ލިބިފައިވާ ބޭރުގެއެހީ ވެއްދުމުން، މުޅި ޖުމްލަ ޚަރަދު 143.4 މިލިޔަން ރުފިޔާއަށް އޮތީ އަރާފައި. އެއީ، 1981 ވަނަ އަހަރަށް ވުރެން 100 އަކުން 32.5 މަތީ ޢަދަދެއް. އަދި ލިބުނު އާމްދަނީ 124.6 މިލިޔަން ރުފިޔާއަކީ، ކުރީ އަހަރު ލިބުނު ވަރަށްވުރެ 100 އަކުން 52 ބޮޑު ޢަދަދެއް. 1982 ވަނަ އަހަރު ބޭރުން ހިލޭ އެހީގެގޮތުގައި ލިބުނު އެއްޗަކާއެކު، ލިބުނު އާމްދަނީއަކީ 124.6 ކަމުގައިވިޔަސް، އެކިއެކި ޕްރޮޖެކްޓްތަކުގެ އެހީއަށް ބޭރުން ލިބުނު ލޯނުތަކުން 13.9 މިލިޔަން ރުފިޔާ ލިބިފައިވާތީ، މުޅި ޖުމްލަ 138.5 މިލިޔަން ރުފިޔާ ކަމުގައިވަނީ ހިސާބުން ފެނިފައި. އެއީ، މީގެ ކުރީ އަހަރު ޕްރޮޖެކްޓު ލޯނާއެކު ލިބުނު އާމްދަނީ އަށްވުރެ 100 އަކުން 28 އިތުރު ޢަދަދެއް.

ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ލިބުނު އެއްޗަކަށްވުރެ ކުރެވުނު ޚަރަދު ގިނަކަމުގައި ދައްކަނީ ގާތްގަނޑަކަށް 4.9 މިލިޔަން ރުފިޔާ. 1982 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރެއިން އެއްތަނަކުން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ، އޭގެ ކުރީ އަހަރެކޭވެސް އެއްފަދައިން ކަސްޓަމުން. ދެން ޓޫރިޒަމުގެ ދާއިރާއިން. އޭގެފަހުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން. އެތަނުން 15.1 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވޭ. މޯލްޑިވްސް ޝިޕިންގ ލިމިޓެޑުން 7.6 މިލިޔަން ރުފިޔާ. އެއީ ލިބުނު އާމްދަނީގެ 6 ޕަސެންޓް. ބޭރުގެ އެހީގެ ގޮތުގައި 23.4 މިލިޔަން ރުފިޔާ ލިބިފައި އެބައޮތް. އޭގެ ތެރޭގައި ސަޢޫދީ ޢަރަބިޔާގެ ސަރުކާރުން އިސްލާމީ މަރުކަޒު ހެދުމަށް ހަދިޔާކޮށްފައިވާ ދެ މިލިޔަން އެމެރިކަން ޑޮލަރު ހިމެނޭ. އާމްދަނީއަށް ލިބުނު ޖުމްލައިގެ ސަތޭކައަކުން ސަތާރަ އެއީ ބޭރުގެ އެހީ. އޯޕެކް ފަންޑުން ބެލެންސް އޮފް ޕޭމަންޓްސް އެހީއެއްގެ ގޮތުގައި ދޫކުރި ލޯނަށް ގެނައި އެއްޗަކަށް ލިބޭ ފައިސާ، އެ ލޯނުގެ ކައުންޓަރ ޕާރޓް ފަންޑުގެ ނަމުގައި ޖަމާކުރެވިފައިވޭ. އަދި މި ފަންޑުން ހޭދަކުރަންޖެހެނީ، ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށްވުމާއެކު މިފަދަ މަޝްރޫޢުތަކަށް ޚަރަދު ކުރުމަށްޓަކައި 1.7 މިލިޔަން ރުފިޔާ ބަޖެޓަށް ލިބިފައިވޭ.

1982 ވަނަ އަހަރު ހިނގި ޚަރަދަށް ބަލާއިރު، ވަރަށްބޮޑު ޢަދަދެއް ޚަރަދުވެފައި އޮންނަނީ ހަނޑުލާއި، ހަކުރާއި، ފުށް، އަދި ކުޑަކުދިންގެ ކާނާ އަގުހެޔޮކޮށް ބެހެއްޓުމަށްޓަކައި ބަޖެޓަށް އިތުރުކުރެވުނު ފައިސާއިން ހިނގާފައިވާ ޚަރަދަށްކަން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ހަނދުމަފުޅު ހުންނާނެ. އާދެ، މި މަޢުލޫމާތާބެހޭ ކަރުދާހެއްވެސް ވާނީ ތިޔަބޭފުޅުންނަށް ހުށަހެޅިފައި. އެއީ މަޢުލޫމާތު ކަރުދާސް ނަންބަރު 6. އެއިން އެ ފެނިވަޑައިގަންނަވަނީ، ސަރުކާރަށް ލިބޭ އާމްދަނީގެ ތެރެއިން އުނިވި ފައިސާގެ ޖުމްލަ ހިސާބު. އުނިވެފައި އެ އޮންނަނީ ޢާއްމު ރައްޔިތުންނަށް އެކި ކަންތައްތައް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން އެ ޚަރަދު ހަމަޖައްސައިދޭ ގޮތަށް އޮވެގެން. އެ ކާބޯތަކެއްޗާއި، ބޭސް އަގުހެޔޮކޮށް ވިއްކުމަށްޓަކައި ސަރުކާރުން އޭގެ އަގަށް ޖަމާކުރާ ފައިސާ އެއީ އޭގެ އެއްބައި، އެއްވަނަ ކޮލަމްގައި، ނަންބަރު 1 ގައި އެ ދައްކަނީ. ދެން ނަންބަރު 2 ގައި އެ ދައްކަނީ ރާއްޖެއަށް އެތެރެކުރާ މުދާ އަގުހެޔޮކުރުމަށްޓަކައި ސަރުކާރުން ދޭ ފައިސާ. ނަންބަރު 3 ގައި އެ ދައްކަނީ، އެތެރެކުރެވޭ މުދަލުން ޑިއުޓީ މާފުކުރީމާ ސަރުކާރަށް ޤަވާޢިދުން ލިބެންޖެހޭ އެއްޗަކުން އުނިވާވަރު. އެހެންވީމާ، އެންމެފަހު ކޮލަމުގައި އެ ދައްކަނީ، މި ކަންތައްތަކުގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ ނުވަތަ ލިބެންޖެހޭނެ އާމްދަނީ އުނިވެފައިވާ ޖުމްލަތައް. 1980 ވަނަ އަހަރު 3.6 މިލިޔަން ރުފިޔާވަނީ މި ދެންނެވި ގޮތްތަކުގެ މަތިން އުނިވެފައި. 1981 ގައި 3.9. 1982 ގައި 43 މިލިޔަން ރުފިޔާ އުނިވެފައި އެބައޮތް. ޙަޤީޤަތުގައި އެއީ، ދައުލަތަށް ލިބެންޖެހޭނެ އެއްޗެއް. އެހެންނަމަވެސް، ކާބޯތަކެތި އަދި ބޭސް އަގުހެޔޮކުރުމަށްޓަކައާއި، އަދި އިމްޕޯޓު މުދަލުގެ ޑިއުޓީ މާފުކުރުމަށާއި، މިކަންކަމަށް ސަރުކާރަށް ލިބެންޖެހޭ އެއްޗަކުން އުނިވެފައިވާ ބައި އެއީ.

1983 އަށް ލަފާކުރެވެނީ 21 މިލިޔަން. މި ޢަދަދު ތަފާތުވެގެން މިދިޔަ ސަބަބުވެސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. އެއީ، ކުރިންވެސް އެއްފަހަރަކު އަޅުގަނޑު ދަންނަވާފައިވާނޭ ފަދައިން ހަނޑޫ، ހަކުރު، ފުށް އަގުހެޔޮކުރުމަށް ސަރުކާރުން ދޭންޖެހޭބައި މިހާރު ނުދޭގޮތަށް ހަމަޖެހިއްޖެ. އެއީ، ވޭތުވެދިޔަ އަހަރު ޢަމަލުކުރަމުން ގެންދިޔަ ގޮތެއްގެ ސަބަބުން ސަބްސިޑީޒް ކަނޑާލެވޭ ހިސާބަށް މިހާރުވަނީ ގޮސްފައި. އެހެންވީމާ، އެ އެއްޗެތި ސަބްސިޑައިޒް ކޮށްދިނުމަށް އިތުރަށް، ސަރުކާރުން މިހާރު ފައިސާއެއް އެބަޔަށް ދޭކަށެއް ނުޖެހޭ. އެހެންވީމާ، މިއަންނަ އަހަރުގެ ސަބްސިޑީޒްގެ ބައި މިއަހަރަށްވުރެ ވަރަށްބޮޑުތަން ކުޑަވެފައި މިވަނީ. މުޅި މިދިޔަ، ވޭތުވެދިޔަ ހަތަރު އަހަރު، 1980 ވަނަ އަހަރުން ފެށިގެން 1983 އާ ހަމަޔަށް ދައުލަތަށް ލިބެންޖެހޭ އެއްޗަކުން މިދެންނެވި ބައިތަކަށް ޚަރަދުކުރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެއްޗެއް، 72 މިލިޔަން ރުފިޔާ އުނިވެފައިވޭ.

އާދެ، 1982 ވަނަ އަހަރަކީ ދިވެހި ފައިސާގެ ރަސްމީއަގު އެތައް ޒަމާނެއް ވަންދެން ބަދަލުނުވެ ހުރުމަށްފަހު ވަރަށް ބޮޑު ބަދަލެއް އެއަށް ގެނެވުނު އަހަރެއް. މި ބަދަލުގެ ސަބަބުން އަހަރު ހުސްވުމުގެ ކުރިން، 1982 ގެ ބަޖެޓަށްވެސް އިޞްލާޙުތަކެއް ގެންނަން ޖެހުނު. ފައިސާގެ އަގަށް ގެނެވުނު ބަދަލުގެ ސަބަބުން ކާޑުގެ ތަކެތި އަގުބޮޑުކޮށްފިނަމަ، ރައްޔިތުންނަށް ދަތިވާނެތީ އެ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓަށް، ކާޑުގެ ތަކެތި އަގުހެޔޮކޮށް ވިއްކުމަށްޓަކައި ބައެއް އިތުރުކުރީ. އެއީ ކުރިން އަޅުގަނޑު މިދެންނެވި ސަބްސިޑީޒްގެ ބައި ނަމަވެސް، މިބައި ވާހައި އަވަހަށް ދޫކޮށްލެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ކާބޯތަކެއްޗަށް އެބައި ލައިދޭކަށްނުޖެހޭ. ކުރިއަށް އޮތް އަހަރުވެސް ބޭހަށް އެބައި ލައިދޭންޖެހޭ. އެހެންނަމަވެސް، ގަސްދުކުރެވިފައިވަނީ މަޑުމަޑުން ކުޑަކުރަމުންގޮސް އެވެސް ހުއްޓާލުމަށް.

1982 ވަނަ އަހަރުގެ މުޅި ޚަރަދަށް ބަލާއިރު، ސަރުކާރު ހިންގުމުގެ ގޮތުން ހިނގި ޚަރަދު ފިޔަވައި، އެންމެ ގިނަ ޚަރަދު ހިނގާފައިވަނީ އިޖުތިމާޢީ އެހީގެ ގޮތުގައިކަން ފާހަގަކޮށްލަންޖެހޭ. އެއީ، 27.5 މިލިޔަން ރުފިޔާ. ނޫނީ މުޅި ބަޖެޓުގެ 100 އަކުން 19. މި ބައިގެ ތެރޭގައި ކާޑުގެ ތަކެތި އަގުހެޔޮކުރުމަށްޓަކައި ބަޖެޓުން ދޫކުރި ފައިސާ ހިމެނޭ. ދަތުރުފަތުރާ ބެހޭގޮތުންނާއި މަސްވެރިކަމަށް، އަދި މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމާއި، އަމަން ޤާއިމުކުރުމަށްވެސް ވަރަށްބޮޑު ޚަރަދު ހިނގާފައިވޭ. ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހީއާއި ތަޢުލީމަށް، އަދި މާލޭފަޅުން ބިން ހިއްކުމާއި ޢިމާރާތް ކުރުމަށް، މިހުރިހާ ކަމަކަށް ޚަރަދު ކުރެވިފައިވޭ. ނިމެމުންމިދާ 1983 ވަނަ އަހަރު ސަރުކާރަށް ލިބޭ އެއްޗަކާއި ޚަރަދު އަންދާޒާ ކުރާއިރުވެސް، ކުރީގެ އަހަރުތަކަށްވުރެ މައްޗަށް ޖެހިފައިވާ ކަމަށް ދައްކާ. ބޭރުގެ އެކިއެކި އެހީއިން ލިބޭ ފައިސާއާއެކު މުޅި ޖުމްލަ ޚަރަދު 191.5 މިލިޔަން ރުފިޔާ ވާނެކަމަށް މިހާތަނުން ހިސާބުތަކުން ދައްކާ. މީގެ ތެރޭގައި މިދެންނެވި މަޝްރޫޢުތަކަށް ލިބޭ ބޭރުގެ އެހީގެ މިންވަރަކީ 38.4 މިލިޔަށް ރުފިޔާކަމަށް ދައްކާ.

1983 ވަނަ އަހަރު ބޭރުގެ އެހީއާއެކު ލިބޭނެ ކަމަށް ދައްކަނީ 165.8. ކުރިންވެސް ދެންނެވި ގޮތުގެމަތިން އެ ޗާޓުގައި އެ ޢަދަދުތައް ބަޔާންކުރެވިފައި އެވަނީ. އާދެ، އެއީ، ފުރިހަމަ ހިސާބު. އާދެ، 1983 ވަނަ އަހަރުގެ އެނގޭނީ ދުވަސްކޮޅެއް ފަހުން ކަމަށްވާތީ 1983 ވަނަ އަހަރުގެ ޢަދަދުތައް، ދަންނަވަންޖެހެނީ، އެ ލަފައެއްގެ ގޮތުގައި. މިއަހަރު ނިމިގެން ދުވަސްކޮޅެއް ފަހުން، މިއަހަރުގެ ހުރިހާ ހިސާބުތައް ސާފުކޮށް އެނގޭނީ. 1983 ވަނަ އަހަރުވެސް އާމްދަނީ އެންމެ ގިނައިން ސަރުކާރަށް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީއިންނާއި، ޓޫރިޒަމުގެ ދާއިރާއިންނާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފައިދާއިންނާއި، މިހާރު ހަމަޖެހިފައިވާ ޓޫރިސްޓް ރިޒޯޓުތަކުގެ ބިމުގެ ކުލިންނާއި، އަދި ރޯމަސް ބޭރުކޮށްގެން ލިބޭ ފައިސާއިން. 1983 ގައި ލިބޭނެ ބޭރުގެ އެހީގެ ޖުމްލަ، ކުރީ އަހަރަށްވުރެ މަދުވާނެކަމަށް ލަފާކުރެވޭ.

އާދެ، އެއް ސަބަބަކީ އިސްލާމީ މަރުކަޒަށް ލިބިފައިވާ 2 މިލިޔަން ޑޮލަރުގެ އެހީ ލިބިފައިވަނީ 1982 ވަނަ އަހަރުކަން. އެހެންވީމާ، 1982 ވަނަ އަހަރުގެ ލިބުނު އެއްޗެއްގެ ތެރެއަށް އެބައި އޮންނާނީ ވަދެފައި. އެ މަސައްކަތް މިހާރުވެސް ހިނގަމުންދަނީ. މި އަހަރު އެމަޝްރޫޢަށް އެހާބޮޑު އެހީއެއް ބޭނުންވެސްނުވޭ. އަދި ލިބިފައިވެސް ނެތް. އެހެންވީމާ، އެބައިވެސް މިއަހަރުގެ އާމްދަނީގެ ގޮތުގައި ނޯންނާނެ. ހަމައެފަދައިން، އަޅުގަނޑުމެންނަށް އެހީވެދޭ އެކުވެރި ރަޙްމަތްތެރި ޤައުމުތަކާވެސް ކުރިމަތިވެފައިވަނީ ބޮޑެތި އިޤްތިޞާދީ މައްސަލަތަކެއް ކަމަށް ވުމާއެކު، އެ ޤައުމުތަކުން ލިބޭ އެހީވެސް މިހާރު ކުރިއަށްވުރެ ކުޑަ. ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިތުރަށް، ހެޔޮއެދޭ ބައެއް ޤައުމުތަކުން ލިބިފައިވާ އެހީ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އޭގެތެރޭގައި ރާއްޖެތެރޭގައި މަދަރުސާތައް ހެދުމަށް ޖަޕާނުން ދީފައިވާ އެހީއާއި، ކާބޯތަކެތީގެ ގޮތުގައި ބައެއް ޤައުމުތަކުން ދީފައިވާ އެހީއާއި، މެލޭޝިޔާއިން އިސްލާމީ މަރުކަޒަށް ދީފައިވާ އެހީއާއި، ހުޅުލެއަށް ދަތުރުކުރުމަށް އިނގިރޭސިވިލާތުން ދިން ލޯންޗަކާއި، އަދި މަސްވެރިކަމަށް ބޭނުންކުރާނެ ބައެއް އިންޖީނު ހަދިޔާކޮށްފައިވުމާ، މިކަންތައްވެސް ފާހަގަކޮށްލަންޖެހޭ. ސަޢޫދީ އަރަބިއާގެ ސަރުކާރުން ދިވެހިރާއްޖޭގެ އަޑަށްވެސް އެހީވެދެއްވާފައިވޭ. ކެނެޑާއިންވެސް ލޯންޗެއް ހަދިޔާކޮށްފައި އެބައޮތް. އަދި މީގެއިތުރުން ލީބިއާ، އިންޑިއާ، ޗައިނާ، ހުޅަނގު ޖަރުމަން އަދި ރިޕަބްލިކް އޮފް ކޮރެއާ، މިތަންތަނުން އެހީލިބިފައިވޭ. އޮސްޓްރޭލިއާއާއި އަދި އެމެރިކާގެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ "އައިހޭޕް"ގެ ފަރާތުންވެސް ބައެއް އެހީ ލިބިފައި އެބަހުރި. އާދެ، ބައިނަލްއަޤްވާމީ އިޤްތިޞާދީ ދާއިރާއަށް ވިސްނާއިރު، ބައިނަލްއަޤްވާމީ އިޤްތިޞާދިއްޔަތުވެސް ހަމަޖެހުމާ ހަމައަކަށް ނާދޭ.

1983 ގައިވެސް ދުނިޔޭގެ ޞިނާޢީ ޤައުމުތަކުގައި، މަސައްކަތް ނެތިފައިވާ މީހުންގެ ޢަދަދު، މިއަހަރުގެ ތެރޭގައި ދަށަށް އަންނަކަން ފާހަގަކުރެވޭ. މިދެންނެވި ޤައުމުތަކުގައި އިޤްތިޞާދިއްޔަތު މަތިވިނަމަވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އިޤްތިޞާދިއްޔަތު މައްޗަށްޖެހޭކަމުގެ ނިޝާނެއް އަދި ފެނިފައެއް ނެތް. މި ޤައުމުތަކަށް ބައިނަލްއަޤްވާމީ އިޤްތިޞާދިއްޔަތު ދަށަށް ދިޔުމުގެ އަސަރު ވަރަށްބޮޑަށް ފޯރާފައިވޭ. ޞިނާޢީ ދުނިޔޭގެ މާރކެޓް ދަށްވުން، ވިޔަފާރީގެ ޝަރުޠުތައް ހަރުކަށިވުން، އަދި މައްޗަށް އަރަމުންދާ ދަރަނީގެ ބުރަ، އިމްޕޯޓް ކުރުމަށް އެ ޤައުމުތަކުން ހުރަސްއަޅާ ހުރަސްއެޅުން. މިކަންކަމުގެ ނަތީޖާއަކަށްވަނީ ކުރިއަށް އެރުމުގެ ރޭޓް ދަށްވުން. މިދެންނެވީ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ކުރިއަރަމުން އަންނަ ރޭޓް ދަށްވެގެންދިޔުން. އެހެންނަމަވެސް، އިޤްތިޞާދީ ބައެއް މާހިރުން ބުނާގޮތުގައި، ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުންވެސް، ކުރިއަށް އޮތްތާނގައި ހިސާބަކަށް މައްޗަށްޖެހިލަން ފަށާނެ. މިދެންނެވި ބޭރުގެ ވިޔަފާރީގައި، ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ތެރޭގައި، ބަޖެޓަށާއި އަދި ބެލެންސް އޮފް ޕޭމަންޓަށް ވަރަށްބޮޑު ބުރަތަކެއް ކުރިމަތިވެފައިވޭ. ދިވެހިރާއްޖެއަށް މިކަމުގެ އަސަރު ފޯރާފައިވާވަރު ވަރަށް މަތި.

ބައިނަލްއަޤްވާމީ މާރކެޓުގައި މަހުގެ އަގު ވަރަށްދަށަށް ހިނގައްޖެކަން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. އަދި ދުނިޔޭގެ ވިޔަފާރި ދަށްވުމުގެ ސަބަބުން މޯލްޑިވްސް ޝިޕިންގ ލިމިޓެޑަށް ލިބެމުންދާ އާމްދަނީވެސް ވަރަށްބޮޑުތަން ދަށަށް ހިނގައްޖެ. ހަމަމިއާއެކު ދައްކަންޖެހިފައިވާ ދަރަނީގެ ޚިދުމަތްތައްވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށް. އެތެރެކުރާ ޤައުމުން އެކަނި އެތެރެކުރުމަށް އަޅާ ހުރަހުގެ ސަބަބުން ތައްޔާރީ ހެދުން ބޭރުކޮށްގެން ލިބޭ އެއްޗެއްވެސް މަދުވުން އެއީ އިތުރު ދަތިކަމެއް.

ހަމައެއާއެކު، މިދާކަށްދުވަހު އޮޅުދޫކަރައިގައި ހިނގި ނަސްލީ ދެކޮޅުވެރިކަމުގެ ސަބަބުން އޮޅުދޫކަރައަށް ޓޫރިސްޓުން އަންނަ އައުން މަދުވުމުގެ ސަބަބުން، އެމަގުން ރާއްޖެއަށް އަންނަ ޓޫރިސްޓުންވެސް މަދުވުމުން، އެ ދާއިރާއިން ލިބޭ އެއްޗެއްވެސް ވަނީ ކޮންމެވެސްވަރަކަށް މަދުވެފައި.

ސަރުކާރަށް ލިބޭ އެއްޗެއް މަދުވުމާއި، ބޭރުގެ ވިޔަފާރި ދަށަށްދިޔަކަމުގައިވިޔަސް، 1983 ގައިވެސް ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަށްދާ ރޭޓް ދަށަކަށްނާދޭ. މިހެންވާންޖެހޭ ސަބަބަކީ، ޓޫރިޒަމްގެ ކަންތައް ކުރިއަށްދިޔުމާއި، ޢިމާރާތްކުރުމުގެ ޙަރަކާތްތައް ހަލުވިކަމާއެކު ކުރިއަށްދިޔުން. މަސްވެރިކަމަށް ފައިދާ ލިބެމުންދާނީ، އިންޖީނު ދޯނިފަހަރުންނާއި، މަސް އެއްކޮށް ރައްކާކުރެވޭނޭ، އަދި ވިއްކޭނޭ ގޮތްތަކެއް މެދުވެރިކުރުމުން. ހަމައެހެންމެ، ޓޫރިޒަމް ފަހިކޮށް ކުރިއަށްދާނީ، އެކަމަށްވެސް އެކަށީގެންވާ އަހަންމިއްޔަތު ދެވިގެން. ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓަށް ޓޫރިޒަމުންނާއި، ތައްޔާރީ ހެދުން ބޭރުކުރުމުން މިހާރުވެސް ދަނީ އެހީ ލިބެމުން. ސަރުކާރުގެ އިންވެސްޓްމެންޓް ބޮޑަށް ހިނގަމުންދަނީ، ބިން ހިއްކުމާއި، ޢިމާރާތް ކުރުމުށާއި، އިޖުތިމާޢީ ޙާލަތު ކުރިއެރުވުމުގެ މަޝްރޫޢުތަކަށް. އަތޮޅުތަކުގެ މެދުގައި މުވާޞަލާތުގެ ފަސޭހަތައް އުފެދި، ރާއްޖެތެރޭގެ އެކިއެކި ބައިބައި ތަރައްޤީވާއިރު، އިޤްތިޞާދީ ތަފާތު ކަންތައްތަކުން ފައިދާ، މުސްތަޤްބަލުގައި ލިބެމުންދާނެކަން ކަށަވަރު.

އާދެ، 1984 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ ބަޖެޓް ޚަރަދުތަކާމެދު އަޅުގަނޑަށް ދަންނަވަންޖެހެނީ، މި ހިނގާ އަހަރަށްވުރެ މި އަންނަ އަހަރުވެސް ޚަރަދު މަތިވާނެކަމަށް ލަފާކުރެވޭ ކަމުގައި. ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅަށް މިހާރު ލިބިވަޑައިގެންފައިވާ ހިސާބުތައް ދައްކާގޮތުން، 1984 ގައި ހިނގާނޭ ކަމަށް ލަފާކުރާ އާންމު ބަޖެޓުގެ ޚަރަދަކީ، ދެންމެ ތިޔަ އެއްސެވިފަދައިން، ސަތޭކަ ސާޅީސް ހަ މިލިޔަން ހަތަރުސަތޭކަ ބާރަހާސް ދުއިސައްތަ ފަސްދޮޅަސް ދެ ރުފިޔާ. މިއީ މިހިނގާ އަހަރަށް ފާސްކޮށްފައިވާ ބަޖެޓް ޚަރަދަށްވުރެ 100 އަކުން 28.5 އިތުރު ޢަދަދެއް. 1984 ވަނަ އަހަރުގެ ބަޖެޓު ޚަރަދު، ޚާއްޞަ ބަޖެޓާއި އަދި ޕްރޮޖެކްޓް ބަޖެޓް ހިމެނިގެން އަންނަ ޖުމްލައަކީ، ކުރިންވެސް އަޅުގަނޑު އެޗާޓުގެ ވާހަކަ ދެއްކިއިރު ދެންނެވިފަދައިން، 280 މިލިޔަން ރުފިޔާ. 1984 އަށް ލަފާކުރި ބަޖެޓް ޚަރަދުތައް، ސަރުކާރުގެ އޮފީސްތަކަށް ހަމަޖައްސަވާފައިވާގޮތް، ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ކަރުދާހުން ފެނިވަޑައިގަންނަވާނެ. އޮފީސްތަކުން ހުށަހެޅުއްވި ޢަދަދު ކުޑަކުރެވޭތޯ ޑިޕާޓްމަންޓް އޮފް ފިނޭންސުން ވަރަށްބޮޑަށް މަސައްކަތް ކުރެވުނު. ސަރުކާރުގެ ޚަރަދުތައް ކުއްލިއަކަށް ކުޑަކޮށްލައިފިނަމަ، އޭގެ އަސަރުކޮށް، ރާއްޖޭގެ އިޤްތިޞާދަށް ވަރަށްކުއްލި ނޭދެވޭ ބަދަލުތަކެއް އޭގެ ސަބަބުން އައުމަކީ، އެކަށީގެންވާ ކަމަކަށްވާތީ، އޮފީސްތަކުން ހުށަހެޅުއްވި ބަޖެޓް ވަރަށްބޮޑުތަން ކުޑަކުރެވިފައިވީ ކަމުގައިވިޔަސް، މުޅިން ކުޑަކޮށްލެވިފައެއްނުވޭ. އެއީ، ކުޑަކޮށްލެވެންވެސް ނެތުމާއެކުގައި. އެހެންނަމަވެސް، ބަޖެޓް މިގޮތަށް ފާސްކުރި ކަމުގައިވިޔަސް، ޚަރަދުކުރުމުގައި ވަރަށްބޮޑު ކޮންޓްރޯލެއް ސަރުކާރުން ގެންގުޅެން ޤަޞްދުކުރޭ.

އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި، ސަރުކާރުގެ ހުރިހާ ތަނަކަށް ބޭނުންވާ ކެޕިޓަލް ޚަރަދު، އެތަންތަނުގެ ބަޖެޓުން ވަކިކޮށް، ޑިޕާޓްމަންޓް އޮފް ފިނޭންސަށް ވަކި އެކައުންޓަކަށް ޖަމާކުރާގޮތަށްވަނީ މިހާރު ހަމަޖެހިފައި. އެހެންވީމާ، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ 1984 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ވަރަށްބޮޑު ކަމަށް، ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ލިޔުންތަކުން ދައްކާނެ. 48 މިލިޔަން އޭގައި އެބައޮތް. އެއީ، މި ދެންނެވި ސަރުކާރުގެ ހުރިހާ ތަންތަނަށް ކުރައްވަންޖެހޭ ކެޕިޓަލް ޚަރަދު ވަކިކޮށްފައި އެތަނަށް ޖަމާކުރީމާ ޖެހޭ ޢަދަދު. ސަރުކާރުން ޤަޞްދުކުރާ ވަކި އުޞޫލެއްގެމަތިން އެ ޚަރަދުތައް މިއަންނަ އަހަރު ދޫކުރަމުން ގެންދާނީ. އެގޮތަށް ގެންދިޔައިމާ އެޚަރަދުތައް ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވޭނެކަމަށް ސަރުކާރަށް ފެނޭ. އާދެ، މިދެންނެވި ސަބަބުތަކަށްޓަކައި ވަރަށް ހަރުދަނާ އުޞޫލެއްގެމަތިން މިއަންނަ އަހަރު ބަޖެޓުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރުވަނީ ޤަޞްދުކޮށްފައި.

މި ދެންނެވިގޮތަށް ޚަރަދު ކުޑަކުރި ކަމުގައިވިޔަސް، 1984 ވަނަ އަހަރަށް ލިބޭނެ އާމްދަނީއާ ޚަރަދާ އަޅައިބަލާއިރު އަދިވެސް ލިބޭ އެއްޗަކަށްވުރެ ޚަރަދުބޮޑުވާނެ ކަމަށް ލަފާކުރެވޭ. އެހެންވީމާ، އިތުރު އާމްދަނީ ލިބޭނެގޮތްތައް ހޯދުމަކީ މިވަގުތު ސަރުކާރަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލެއްވެސް މިހާރުވާނީ ހުށަހެޅިފައި. އެއީ، އެއްގަމުގަޔާއި، ކަނޑުގައި ދުއްވާ އެއްޗެތިން ފީނެގުމުގެ ބިލް. ފީއަށް އިޞްލާޙުތަކެއް ގެންނަން ސަރުކާރަށް ފެންނަނީ. އޭގެ އެންމެބޮޑު ސަބަބަކީ، ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް، އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާތީ ސަރުކާރަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދުން. އަދި މިދެންނެވި ބިލުގެ އިތުރަށް، ސަރުކާރުން އަޅަން ޤަޞްދުކުރާ ފިޔަވަޅުތަކެއްވެސް އެބަހުރި. އެ ހުރިހާ ފިޔަވަޅުތަކެއް އެޅުމުން، 1984 ވަނަ އަހަރު ސަރުކާރަށް ލިބޭ އާމްދަނީ މިހާރަށްވުރެ ބޮޑުވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ.

މިހާރު ތިޔަބޭފުޅުންގެ އަތްޕުޅަށް އަރާފައިވާ ހިސާބުތަކުން މިދެންނެވި ކަންތައްތަކުގެ ވަރަށް ތަފްޞީލު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ. ސަތޭކައަކުން ބަޖެޓުގެ އެކިއެކި ބަޔަށް ޖެހޭވަރުވެސް އެ ކަރުދާސްތަކުގައި އޮންނާނެ. އޭގެތެރޭގައި ހިނގައިދިޔަ އަހަރު ހިނގި ޚަރަދުވެސް 100 އަކުންޖެހޭ ޢަދަދުތައް ވަކިވަކިން ދައްކައިދޭ ގޮތަށް. އަދި 1982 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ޖުމްލަ ހިސާބުވެސް ތަފްޞީލުކޮށް ތިޔަބޭފުޅުންނަށް އޮޅުންފިލާވަޑައިގަންނަވާނެ. ހަމައެފަދައިން، 1979 ވަނަ އަހަރުން ފެށިގެން 1982 ވަނަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޚަރަދާއި، ލިބުނު އެއްޗެއްގެ ޖުމްލަ އަދި 1983 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި، 1984 ވަނަ އަހަރުގެ އަންދާޒާ ޖުމްލަ އާމްދަނީއާއި ޚަރަދު އަޅައިބެލޭނެ ގޮތަށް ދައްކާ ޗާޓެއްވެސް އަތްޕުޅުގައި ވާނެ. އެހެންކަމުން، މީގެކުރީގެ އަހަރުތަކެކޭވެސް އެއްގޮތަށް ތައްޔާރުކުރެވިފައިވާ، ބަޖެޓާބެހޭ ވަރަށްގިނަ މަޢުލޫމާތު މިހާރުވާނީ ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި. ބަޖެޓާ ބެހޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ފަރާތުން އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ ތިޔަބޭފުޅުނަށް ސާފުކޮށްދެއްވަމުން ގެންދަވާނެ.

1984 ވަނަ އަހަރަށް ހުށަހެޅި އާންމު ބަޖެޓު ޚަރަދުގައި، އެންމެމަތީ ޙިއްޞާއެއް ވާނެކަމަށް ލަފާކުރެވެނީ މަސްވެރިކަމަށް. އެއީ، މަޝްރޫޢުގެ ލޯނު، އައި.ޑީ.އޭ.އެން.ގެ ދެވަނަ މަޝްރޫޢުގެ ލޯނު. އެ ލޯނު މަސްވެރިކަމަށް ހަމަޖެހިފައިވާތީ އެކަމަށް އެފަރާތުން ލިބޭނެ ފައިސާ. ކުވައިތު ފަންޑުން، މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދުވެސް، މަސްވެރިކަމަށް ކުރާ ޚަރަދެއްގެ ގޮތުގައި މި އަންނަ އަހަރުގެ ބަޖެޓުގައި ހަމަޖެހިފައި އޮންނާނެ. ދެން އެންމެބޮޑު ޚަރަދެއް ހިނގާނީ، ސަރުކާރު ހިންގުމަށާއި އަދި ޖަމާޢަތުގެ ފައިދާއަށް ދެވޭ އެހެނިހެން ޚިދުމަތްތަކަށް. އޭގެފަހުގައި ތަޢުލީމަށާއި، ދަތުރުފަތުރާބެހޭ ޚަރަދަށާއި، ޞިއްޙަތަށާއި، މިކަންކަމަށް ހިނގާ ޚަރަދު. ތަޢުލީމަކީ، ސަރުކާރުގެ ފަރާތުން އަބަދުވެސް އެންމެބޮޑު އަހަންމިއްޔަތުދޭ އެއް ޚިދުމަތް. އެހެންކަމަށްވާތީ މިހާރުވެސް ބަޖެޓުގެ ވަރަށްބޮޑު ޚަރަދެއް، އަންނަ އަހަރުގެ ބަޖެޓުގައިވެސް ހަމަޖެއްސިފައިވަނީ ތަޢުލީމަށް. 1983 ވަނަ އަހަރު ތަޢުލީމަށް 16.5 މިލިޔަން ރުފިޔާ އޮތީ ބަޖެޓުގައި ހަމަޖެހިފައި. އެއާ އަޅައިބަލާއިރު، 1984 ގައި 23.4 މިލިޔަން ރުފިޔާ ތަޢުލީމަށް ޚަރަދުވާނެކަމަށް ލަފާކުރެވޭ. އެހެންނަމަވެސް، އެ 100 އަކުންޖެހޭ ނިސްބަތަށް ބަލާއިރު އެއީ، ހަމަ ދާދި އެއް ނިސްބަތެއް. އަމަން ޤާއިމުކުރުމާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް ހިނގާ ޚަރަދަށްވެސް އުނިކަމެއް ނުގެނެވޭ. އެކަމުގެ މުހިންމުކަން ބޮޑުކަމުން، އަންނަ އަހަރަށް 17.5 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވިފައިވޭ. ހިނގާ އަހަރު ލަފާކޮށްފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ، އެކަމަށް 13 މިލިޔަން ރުފިޔާ.

އާދެ، އެހެންވީމާ، 1980 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ޚަރަދުކުރުމަށް ލަފާކުރެވިފައިވާ އެންމެ މުހިންމު މަޝްރޫޢުތަކަކީ، މަސްވެރިކަމާއި، ވަޔާއި ކަނޑުގެ ދަތުރުފަތުރާއި، މާލޭގެ ބޯފެނާއި، ފާޚާނާއާބެހޭ މަޝްރޫޢާއި، އަދި އިލެކްޓްރިކްސިޓީއާއި މުވާޞަލާތުގެ މަޝްރޫޢުތައް. ކުރިންވެސް ދެންނެވި ފަދައިން، އަންނަ އަހަރަށް ބަޖެޓު ލަފާކުރިއިރު، އިޤްތިޞާދީ މައްސަލަތަކަށް ވިސްނާއިރު، ސަރުކާރުގެ ޚަރަދުކުޑަކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ފެނޭ. ނަމަވެސް، ކުއްލިއަކަށް ބަޖެޓް ކުޑަކޮށްލެވެން ނެތުމާއެކު، ވަރަށްބޮޑަށް ބައެއް އޮފީސްތަކުން އުނިކުރުމަށްފަހުވެސް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކާ ހަމައަށް ބަޖެޓެއް ނުގެނެވުނު. ވީމާ، އަޅުގަނޑު ދެކެނީ މިހާރު އޮތްގޮތަށް ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށްވަންޏާ، ފާސްކުރައްވައި، ހިނގަންހުރި ޚަރަދު ކުޑަކުރެވޭނެ ގޮތެއް، ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުން ކޮންޓްރޯލެއްގެ ދަށުން ގެންދެވޭނެ ގޮތެއް ހަމަޖެއްސުން. ހަމައެއާއެކުގައި ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތަކެއް ހޯދައި، އެކަންތައްތައް ޤަވާޢިދުން ކުރިއަށް ގެންދިޔުން.

އެހެންވީމާ، ތިޔަބޭފުޅުންގެ އަތްޕުޅަށް މިހާރު ލިބިވަޑައިގެންފައިވާ ބިލް، ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި، އެއްގަމުގައާއި، ކަނޑުގައި ދުއްވާ ތަކެތިން ފީނެގުމަށް ސަރުކާރުން ހުށަހަޅާ ބިލް، އެއީ، އާމްދަނީ އިތުރުކުރުމަށް އެހީވެދޭނޭ މަގެއް ކަމުގައި ފެނޭ. އަދި އޭގެ އިތުރަށް، ކުރިންވެސް ދެންނެވިފަދައިން، ބައެއް އެހެން ފިޔަވަޅުއަޅަން ސަރުކާރުން ޤަޞްދުކުރޭ. އެ ހުރިހާ ކަމެއް ކުރުމުގެ ސަބަބުން ލިބޭ އެއްޗަކަށްވުރެ، ކުރެވޭ ޚަރަދު އިތުރުވަމުންދާދިޔުން ކޮންޓްރޯލް ކުރެވޭނެކަމަށް އުއްމީދުކުރެވޭ.

އާދެ، މިދިޔަ އަހަރުގެ ބަޖެޓް ހުށަހެޅުނުއިރު، ސަރުކާރަށް ނަގާފައިވާ ޕްރޮޖެކްޓް ލޯނުގެ ވާހަކަ، މަޝްރޫޢުތަކަށް ލިބުނު ލޯނުގެ ވާހަކަ އަޅުގަނޑު ދަންނަވާފައިވާނެ. ޖުމްލައަށް އޭރު އައިސްފައިވަނީ 30.4 މިލިޔަން އެމެރިކާ ޑޮލަރު. މި ހިނގާ އަހަރުގެ ތެރޭގައި، ލިބޭ ލޯނުގެ ޢަދަދުތައް މިދަންނަވާލަނީ. އެއީ، މަސްވެރިކަން ކުރިއެރުވުމަށް 4.2 މިލިޔަން އެމެރިކާ ޑޮލަރު. ރާއްޖެތެރޭގެ ދަތުރުފަތުރުގެ މަޝްރޫޢަށް އާދެ، އިންޓަރ އައިލޭންޑް ޓްރާންސްޕޯޓަށް 1.027 މިލިޔަން ޑޮލަރު. އެއަރޕޯޓުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 0.17 މިލިޔަން ޑޮލަރު. ޖުމްލަ 5.471 އެމެރިކާ ޑޮލަރު. މި ލޯނުތަކަކީ ވަރަށް ކުޑަކުޑަ ޚިދުމަތުގެ އަގެއް ނަގާގޮތަށް، ދިގު މުއްދަތުގައާއި އަދި މެދުމިނު މުއްދަތުގައި އަނބުރާ ދައްކާގޮތަށް ނަގާފައިވާ ލޯނު. މިހާރު ސަރުކާރުގެ ފަރާތުން އެ ލޯނުތައް ދަނީ އަނބުރާ ދައްކަމުން. އެކަމާބެހޭ ލިޔުމެއްވެސް ތިޔަބޭފުޅުންގެ އަތްޕުޅުގައިވާނެ.

މިހާތަނަށް ލޯނުތަކުން ލިބިފައިވާ ޢަދަދާއި، އަނބުރާ ދައްކަމުން ގެންދެވިފައިވާ ގޮތް، އެއީ، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 5. މިދެންނެވި ކަރުދާހުގައި 1982 ވަނަ އަހަރު ސަރުކާރުން ލޯނު އަނބުރާ ދެއްކުމުގެ ގޮތުގައާއި، ޚިދުމަތުގެ އަގު އަނބުރާ ދެއްކުމުގެ ގޮތުގައި ދެއްކި ފައިސާ، އެމެރިކާ ޑޮލަރުން ފެނިވަޑައިގަންނަވަން އެއޮތީ. 1982 ވަނަ އަހަރުވެސް، އެންމެ ފުރަތަމަ ކޮލަމުގައި އެއޮތީ ޚިދުމަތުގެ އަގަށް ދެއްކި ފައިސާގެ ޢަދަދު. ދެވަނަ ކޮލަމުގައި އެއޮތީ ލޯނު އަނބުރާ ދެއްކުމުގެ ގޮތުން ފައިސާދެއްކި ޢަދަދު. ތިންވަނަ ކޮލަމުގައި އެއޮތީ އެ ދެބައި އެއްކޮށްލީމާ ވާ ޖުމްލަ. 1983 ވަނަ އަހަރުވެސް ހަމަ އެގޮތަށް. އެހެންވީމާ، 1982 ވަނަ އަހަރު ސަރުކާރުން 1.7 މިލިޔަން އެމެރިކާ ޑޮލަރު އަނބުރާ ދައްކާފައިވޭ. 1983 ވަނަ އަހަރު ނިމޭއިރު، 3 މިލިޔަން ޑޮލަރު އަނބުރާ ދެއްކިފައި ވާނެކަމަށް ލަފާކުރެވޭ.

އަޅުގަނޑު މިކަމުގައި ދަންނަވާލަންޖެހޭ ނުކުތާއަކީ، ސަރުކާރަށް އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށްޓަކައި ބޭރުގެ ފަރާތްތަކުން ހޯދާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި އެންމެ ދުވަހެއްވެސް ދިވެހި ސަރުކާރުން ފަސްޖެހިފައެއް ނެތޭ. އެއީ، އަޅުގަނޑު ހިތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ނިސްބަތުގައި ވަރަށްމަތީ ރެކޯޑެއް. އެކަން ފާހަގަކުރައްވާކަން، ބޭރުގެ ފަރާތްތަކުންވެސް އަޅުގަނޑުމެންނަށް އަންގަވާ. އަޅުގަނޑުމެން ދައްކަންޖެހޭ ފައިސާއެއް، ދައްކަންޖެހޭ ދުވަހަށް މިހާތަނަށް ކޮންމެ ފަހަރަކުވެސް އޮތީ މާތްﷲގެ ވާގިފުޅާއެކު ދެއްކިފައި. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައިވެސް އެބައި އެގޮތަށް ގެންދެވޭނެ. އެކަމުގެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އެބައޮތް. އެއީ، އަޅުގަނޑު ހިތުން ރާއްޖޭގެ ރީތި ނަމަށް ކޮންމެހެން ބޭނުންވާކަމެއް.

ތިޔަބޭފުޅުންނަށް ޚަބަރުތަކުންނާއި، އެކި ގޮތްގޮތުން އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުގައި ކަންތައް އޮތީ އެގޮތަކަށް ނޫންކަން. އަނބުރާ ދައްކަންޖެހޭ ލޯނުތައް އަނބުރާ ނުދެއްކިގެން އެއީ، ވަރަށްބޮޑު ބުރައަކަށްވެގެން އެކަންތައް އެއީ، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުންވެސް ވިސްނައި، ގޮތްތަކެއް ނިންމަންޖެހި އަދި އިތުރު އެހީތަކެއް، އެ ޤައުމުތަކަށް ފޯރުވަންޖެހޭ ކަމަކަށް އޮންނަނީ ވެފައި. އެހެންނަމަވެސް، ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް ވަރަށް އެކަށީގެންވާ ގޮތަކަށް މި ލޯނުތައް އަނބުރާ ދައްކަމުން އެބަގެންދެވޭ. ދައްކަންވީ އެއްވެސް ޢަދަދެއް ފަސްނުކޮށް، ދައްކަންވީ ދުވަހަށް މިހާތަނަށް ދެއްކިފައި އެބަހުރި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އެބައި އެގޮތަށް ދެއްކޭނެކަމުގެ އުއްމީދު ވަރަށްބޮޑުކަމަށް ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ފަރާތުން ކުރިން ލިބެމުންއައި ފައިސާ މިހާރު ލިބެމުންނެއް ނުދޭ. ސަބަބަކީ، ދުނިޔޭގެ ބޯޓުފަހަރު ދުއްވުމުގެ ކަންތައްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން. އެހެންވީމާ، އެކުންފުނީގެ އާމްދަނީވެސް މިހާރުވަނީ ވަރަށްބޮޑުތަން ދަށަށް ގޮސްފައި. އެއީ، މުޅި ދުނިޔެއަށް އައިސްފައިވާ އިޤްތިޞާދީ ބަނަކަމެއްގެ ސަބަބުން ވެގެންއުޅޭކަމެއް. ދުނިޔޭގެ ވިޔަފާރިއާއި އިޤްތިޞާދިއްޔަތު ދަށަށް ދިޔުމުގެ ސަބަބުން ބައިނަލްއަޤްވާމީ މާރކެޓުގައި މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ އަގު މިހާރުވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައި. އެހެންވުމުގެ ސަބަބުން 1981 ން 1983 އަށް، އެއް ދާއިރާއަކުން ގާތްގަނޑަކަށް މުދާ އުފުލުމުގެ އަގު، 100 އަކުން 37 ދަށަށް ގޮސްފައިވާކަމަށް ހިސާބުތަކުން ދައްކާ. އެމް.އެސް.އެލް.ގެ ބޯޓުފަހަރުގެ ޙަރަކާތަށް އެޅޭ އަނެއް ހުރަހަކީ، ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމުޢިއްޔާ "އަންކްޓެޑް"ގެ ޤަރާރެއްގައިވާ، އެ ޤައުމެއްގެ ފްރޭޓް ހޯދުމަށް 3 ވަނަ ޤައުމެއް މެދުވެރިވާ ކަމަށްވަންޏާ އޮންނަ 20 ޕަސެންޓުގެ ލިމިޓް. މިގޮތްގޮތުން ބޯޓުފަހަރު ދުއްވުމަށް ކުރިމަތިވެފައިވާ ހުރަސްތަކެއް ހުރީ. ވުމާއެކު، އެއިން ކުރިން ލިބެމުން އައި ފައިދާ މިހާރު ލިބެމުންނެއްނުދޭ.

އާދެ، ސަރުކާރަށް ބޭރުގެފައިސާ ވަންނާނެގޮތް ތަނަވަސްވުމަކީ، އިޤްތިޞާދީގޮތުން މިއަދު އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެފައިވާ ކަމެއް. މަސްވެރިކަމާއި، ބޯޓުފަހަރު ދުއްވުމުން ލިބެމުން އައި ބޭރުގެ ފައިސާ މަދުވަމުން ދިޔުމުން، އެ މައްސަލައާމެދު ޙައްލެއް ގެނެވޭތޯ އިތުރު މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި. މިއީ ހަމައެކަނި އަޅުގަނޑުހިތުން ސަރުކާރުގެ މަސައްކަތެއް ކަމުގައި ވެގެންނުވާނެ. މިކަމުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ އެއްބާރުލެއްވުންވެސް ބޭނުންވޭ. އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ މީހަކުވެސް ކުރިއަށް ދިޔުމަކީ، ބޭނުންތެރިކަމެއް. މަސްވެރިކަމާއި ދަނޑުވެރިކަމުން އަޅުގަނޑުމެންނަށް ލިބެންވީ އިޤްތިޞާދީ ފައިދާތައް ގިނަގުނަ. އެހެންވީމާ، އެ ފައިދާތައް ހޯދުމަށްވެސް ސަރުކާރާއި، އަދި އަމިއްލަ ފަރާތްތަކުން ވަރަށްބޮޑަށް މަސައްކަތް ކޮށްގެންނޫނީ، ޤައުމުގެ އިޤްތިޞާދީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަކަށް ނުފެނޭ.

އާދެ، ތިޔަބޭފުޅުންނަށް މިއަދު މި ބަޖެޓް ހުށަހެޅުމާ އެކުގައި، އަޅުގަނޑު ދަންނަވާލަންވީ ވާހަކަތައް ދަންނަވާލައި މި ނިމުނީ. ހުރިހާ ބޭފުޅުންވެސް އަޅުގަނޑު މިދެންނެވި ވާހަކަތަކަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވައިގެން، އައްސަވަން ތިއްބެވި ކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު މެންބަރުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ އިޤްތިޞާދިއްޔަތަށް އަވަސް ކުރިއެރުމެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ ތަނަވަސް މާދަމައެއް.

والسّلام عليكم ورحمـة اللّـه.