ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ އަޚްތަރު ޢަލީ ސުލެހްރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ސަފީރާ ބައްދަލުކޮށްލެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި، ޕާކިސްތާނުގެ އާ ސަފީރަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި، ޕާކިސްތާނަކީ، ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް އޮންނަ ޤައުމެއް ކަމަށް ވިދާޅުވެ، ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ޕާކިސްތާނު ސަފީރު މިސްޓަރ ސުލެހްރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށާއި، ރާއްޖޭއަށް ވެދެއްވެން އޮތް އެހީއެއް ޕާކިސްތާނުން އަބަދުވެސް ވެދެއްވާނުކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.