ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޮވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސްއަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.