بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالٰى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ މި ބައްދަލުވުން ނުވަތަ އަޅުގަނޑާ އެކީގައި ތިޔަބޭފުޅުން ވަގުތުކޮޅެއް ހޭދަކޮށްލެއްވުން ބޭއްވުމުގެ އެންމެ ފުރަތަމަ ބޭނުމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު އަދާކޮށްލުން.

އާދެ، އިއްޔެ އަޅުގަނޑު ފުވައްމުލަކަށް އައިސް، ފުވައްމުލަކުގެ ބަނދަރު ހުޅުވައިދިނުމުގެ އިޙްތިފާލުގައި ވާހަކަދެއްކިއިރު އަދި އަޅުގަނޑު ރަށުތެރެއަކަށް ނުދަން. ރަށުގައި ކަންތައްތައް ހުރިނެތްގޮތެއް އަޅުގަނޑަކަށް ފެނިފައެއް ނެތް. އެހެންވީމަކާ އިއްޔެގެ ވާހަކައިގައި، ތިޔަބޭފުޅުންނަށް، ތިޔަކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކަށް ޝުކުރު ދަންނަވާލުމުގެ ފުރުޞަތެއް ނުލިބުނު. އެހެންނަމަވެސް، އިއްޔެއާއި މިއަދުގެ ވަރަށް ގިނަ ވަގުތުތަކުގައި އަޅުގަނޑު ފުވައްމުލަކުގެ ވަރަށް ގިނަ ހިސާބުތަކަށް ޒިޔާރަތްކޮށްފިން. ވަރަށް ގިނަ ތަންތަން ދެކެފިން. ވަރަށް ގިނަ ތަންތަން އަޅުގަނޑަށް ފެނިއްޖެ. ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާވެސް ލިބިއްޖެ. އެހެންވީމާ، އަޅުގަނޑުހިތަށްއެރީ، އަޅުގަނޑަށް މި ފެނުނު އުފާވެރި މަންޒަރުތަކުގެ ސަބަބުން، އަޅުގަނޑު ވާނޭ އެއްޗެއް ދަންނަވާލަން.

އާދެ، މި އިޙްތިފާލަކީ ވަރަށް ބޮޑު އިޙްތިފާލެއް. މިކަމަކީ ވަރަށް ބޮޑު ކަމެއް. އެއާބެހޭގޮތުން އަޅުގަނޑު މިރެއަކު މާދިގު އެއްޗެއް ނުދަންނަވާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުވައްމުލަކުގެ ތާރީޚުގައި މިއައި މުހިންމު ތާރީޚީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ފުވައްމުލަކުގެ ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވެޔޭ.

އާދެ، ރަށުތެރެވަނީ ވަރަށް ބޮޑަށް ސާފުކުރައްވައި، ޒީނަތްތެރިކުރައްވާފައި. ރަށުތެރެއޭ ދަންނަވާލީމާ، އަޅުގަނޑުމެން ރާއްޖޭގެ އެހެން ހިސާބެއްގެ މީހަކުނަމަ ހިތަށްއަރާނީ، އާދައިގެ ކުޑަކުޑަ ރަށެއްކަމަށް. އެހެންނަމަވެސް ފުވައްމުލަކަކީ ކުޑަކުޑަ ރަށެއްނޫން. ވަރަށްބޮޑު ބިޔަ ރަށެއް. މިއޮއް ބޮޑު ބިޔަ ރަށުގެ ހުރިހާ ތަނެއް މިއޮތީ ސާފުކުރައްވާފައި. މީހުން އުޅޭ ސަރަޙައްދުތަކާއި އަދި މީހުން އުޅޭ ސަރަޙައްދުތަކާ އިންވެގެން ކައިރީގައި ހުންނަ ވަލުތެރެޔޭ ކިޔާ ހިސާބާއި، އެނޫން ތަންތަންވެސް މިއޮތީ ވަރަށްބޮޑަށް ސާފުކުރައްވާފައި. އެއީ ހާދަ ބޮޑު މަސައްކަތެކޭ. ހާދަ ދިގު މުއްދަތެއްގައި، ހާދަ ގިނަބަޔަކު މަސައްކަތް ކޮށްގެންނޭ އެވަރަށް ސާފުކުރެވޭނީ.

އޭގެއިތުރަށް، މި މުނާސަބަތަށް ރަށުތެރެ ޒީނަތްތެރިކުރައްވާފައި މިވަނީވެސް މީހަކު ހައިރާންވާހާ ބޮޑަށް. މަގުތައް ސާފުކުރެއްވުމުގެ އިތުރަށް، ބައެއް މަގުމަގު ފުޅާކުރައްވާފައިވޭ. ވަރަށް ގިނަ ގޭގޭގެ އިންފާރު ރާނުއްވައި، ކުލަލައްވައި، ޒީނަތްތެރިކުރައްވާފައިވޭ. ވަރަށް ގިނަ ދިދަ ހޯއްދަވައިގެން، ދިވެހި ދިދަ، ޤައުމީ ދިދަ، މުޅިރަށުގައި ދަންމަވާފައިވޭ.

އާދެ، ދިދައިގެ ވާހަކައިން އެއްޗެއް ދަންނަވާލަންޏާ، އަޅުގަނޑު މިއަދު އަތޮޅުވެރިންނާ ސުވާލުކޮށްލިން، ގާތްގަނޑަކަށް ކިތައްހާސް ދިދަ ގެންނަވައިފައިވޭތޯ. އަތޮޅުވެރިން އަޅުގަނޑުގެ ގާތުގައި ވިދާޅުވީ، އެބޭފުޅުން އެހުޅުއްވި ފަންޑުން އެކަނި ކުދި ދިދައިގެ 35000 ދިދަ ގެންނެވީމޭ. އަދި ބޮޑެތި ދިދައިގެ 5700 ގެންނެވީމޭ. އެކަމަކު ތިމަންނާއަށް ހީފުޅުވަނީ، ރަށުގެ ރައްޔިތުން އަދި އެއަށްވުރެ މާގިނަ ދިދަ އަމިއްލައަށް ހޯދައި، ތަންތާނގައި ދަމާފައިވާހެންނޭ. އަދި ބައެއް މީހުން އަމިއްލައަށް ދިދަފެހިކަމަށްވެސްވޭ.

އެހެންވީމާ، ދިދައިގެ ކަންތަކަށް އެކަނި ވިސްނައިލިޔަސް، ވަރަށް ބޮޑެތި މަސައްކަތްތަކެއް މިއޮތީ ކުރެވިފައި. އަދި ރަށުތެރޭގައި ދިއްލުންތައްވެސް އެހާރީތި. އެހާ ފުރިހަމަ. އަޅުގަނޑު ރޭގައިވެސް ބުރެއްޖަހާލިން. އަދި މިރޭވެސް ވަރަށް ގިނަ ތަންތަން ފެނިއްޖެ. ވަރަށް ގިނަ އަދަދަކަށް ކުލަބޮކި، ބޮކިފަތި ދަންމަވައި، ވަރަށް ބޮޑެތި ޒީނަތްތަކެއް މިހިރީ ކުރައްވާފައި. އާދެ، އަދި މަރުޙަބާގެ އެކިއެކި ލިޔުންތައް ތަންތާނގައި ދަންމަވާފައި އެބަހުރި. އެހެންވީމާ، މިހިރީ މިރަށުގެ ރައްޔިތުން ކުރައްވާފައިވާ ވަރަށް ބޮޑެތި މަސައްކަތްތަކެއް. މި މަސައްކަތްތައް ފެނިފައި، އަޅުގަނޑު އެއްޗެއް ދަންނަވައިނުލައިދިޔުމަކީ އެއްގޮތަކަށްވެސް އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫން. އެހެންވީމާ، މިރޭ އަޅުގަނޑު މި ބައްދަލުވުމަށް މިއައީ. އަދި މި ވާހަކަ މި ދަންނަވާލީ.

އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން މި މުނާސަބަތަށްޓަކައި ކުރައްވާފައިމިވާ ބޮޑެތި މަސައްކަތްތަކަށްޓަކައި އާދެ، އޭގެތެރެއިން އަޅުގަނޑަށް ދަންނަވާލެވުނީ ވަރަށް ކުޑަ މިންވަރެއްކަން އެނގޭ. މި ކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކަށްޓަކައި ޢާންމުކޮށް، ފުވައްމުލަކުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަންހެން، ފިރިހެން، ކުދިބޮޑު އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމޭ.

އާދެ، އަޅުގަނޑަށް ތައްޔާރުކޮށްދެއްވާފައިވާ ޝުކުރުގެ ލިސްޓެއްވެސް އެބައޮތް. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، އެ ލިސްޓުގައި ހުރި ނަންތައް ކިޔުމަކީ، ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެހެން. އެއީ ފަހަރެއްގައިވެސް ނަމެއް އުނިވެއްޖިއްޔާ، އެބޭފުޅަކު ނުވަތަ އެބަޔަކު އެއްޗެކޭ ހީފުޅުކުރެއްވުން އެކަށީގެންވޭ. އެހެންވީމާ، އަޅުގަނޑު ގަސްތެއްނުކުރަން އެނުރައްކަލާ ކުރިމަތިލާކަށެއް.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރަށުގެ ނުވަތަ އަތޮޅުގެ، މިއީ އަތޮޅެއްވެސްމެ އަދި ރަށެއްވެސްމެ. ވަރަށް ޚާއްޞަގޮތެއް ދިމާވެފައި އޮތް ރަށެއް، މިރަށަކީ ނުވަތަ އަތޮޅަކީ. މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދާއި އަދި އަތޮޅުއޮފީހުގެ ވެރިންނާއި، މުވައްޒަފުންނާއި، ރަށުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި ރަށުގައި އުފެދިފައިވާ ކޮމިޓީތަކުގެ މެންބަރުންނާއި، މަދަރުސާކުދިންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ވިޔަފާރިވެރިންނާއި، މަސްވެރިންނާއި، އެކިއެކި މަސައްކަތްތައްކުރާ މީހުންނާއި، އަދި ރަށުގެ އާންމު ރައްޔިތުންނާއި، ކިޔަވާ ކުދިންނާއި، މި ހުރިހާ އެންމެން ޖުމްލަގޮތެއްގައި ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށާއި، ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ފުވައްމުލަކަށް މިކުރި ދަތުރުތަކުގެ ތެރެއިން އަޅުގަނޑުގެހިތަށް އެންމެ ބޮޑު އުފަލެއް އިޙްސާސްވި ދަތުރަކީ ކޮބައިކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއޭ. އަޅުގަނޑަށް މިހާރު ދިހަ ފަހަރު މިރަށަށް މިއާދެވުނީ. އާދެ، އެއްވެސް ޖެހިލުމެއްނެތި އަޅުގަނޑަށް ދަންނަވާލަން ކެރޭ، އަޅުގަނޑަށް އެންމެ ބޮޑު އުފަލެއް އިޙްސާސްވި ފަހަރަކީ މިފަހަރޭ.

އާދެ، އޭގެ ސަބަބުވެސް ދަންނަވާލަފާނަން. އެއީ އަޅުގަނޑު މިރަށަށް އައުމުން، މިރަށުގެ ލޮބުވެތި ރައްޔިތުންގެ މޫނުތަކުން އުފާވެރިކަމުގެ ޝުޢޫރުތައް އެންމެ ބޮޑަށް ފެނުނު ފަހަރަކީ މިއީ. އެހެންވީމާ، އަޅުގަނޑުވެސް އެކަމަށްޓަކައި އުފާކުރަނީ. އަޅުގަނޑުގެ އުފަލަކީ، ތިޔަބޭފުޅުންގެ އުފާ. ތިޔަބޭފުޅުންގެ އުފަލަކީ، އަޅުގަނޑުގެ އުފާ.

އާދެ، މިއަދު ހަވީރު އަޅުގަނޑު ފުވައްމުލަކުގެ ހުރިހާ އަވަށަކަށް ޒިޔާރަތްކުރިން. ކޮންމެ އަވަށެއްގެވެސް ވެރިންނާއި، ރައްޔިތުންނާއި، ކުދިބޮޑު އެންމެން، އަޅުގަނޑަށް ވަރަށް އިޚްލާޞްތެރި މަރުޙަބާއެއް ވިދާޅުވި. މަރުޙަބާގެ އެކި އައިޓަމްތައް ހުށަހެޅުއްވި. އެހުރިހާ ތަނަކަށް ދިޔައިމާ އަޅުގަނޑަށް ފެނުނީ، ރައްޔިތުންގެ ހިތްތަކުގައިވާ އިޚްލާޞްތެރި ޝުޢޫރުތައް. ރައްޔިތުންގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަމުގެ މަންޒަރުތައް. އެހެންވީމާ، އެތަން ފެނިފައި އަޅުގަނޑުވެސް އުފަލުން ހަމަ ހިތް ފުރުނު. އެހެންކަމާއެކު އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންގެ އުފަލުގައި އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ބައިވެރިވާ ވާހަކަ ދަންނަވާލައި، ތިޔަބޭފުޅުންނަށް އަދިވެސް އިތުރު އުފާތަކާއި، އިތުރު ފާގަތިކަން މާތްﷲ މިންވަރުކުރެއްވުން އެދި ދުޢާކުރަމޭ ދަންނަވާލަން.

އާދެ، އަދިވެސް އެކައްޗެއް ދަންނަވާލާނަން. އާދެ، އެއީ މި މުނާސަބަތުގައި ވަރަށް ގިނަބޭފުޅުންގެ ވާހަކައިގައި، އެބޭފުޅުންގެ ހިތްޕުޅުގައިވާ އުފަލުގެ ޝުޢޫރު، އެބޭފުޅުންގެ ހިތްޕުޅުގައިވާ ހިތްހަމަޖެހުމުގެ ޝުޢޫރު ފާޅުކުރެއްވުމުގެ ގޮތުން ބައެއްކަހަލަ ލަފުޒު ބޭނުންކުރެވިފައި އެބަހުރި. އާދެ، ސަރުކާރުގެ ދީލަތިކަން، ސަރުކާރުގެ އޯގާވެރިކަން، މިކަހަލަ ބައެއް ލަފުޒު. އާދެ، އަޅުގަނޑަށް އެނގޭ، އެބޭނުންކުރެއްވި ބޭފުޅުން، އެ ލަފުޒުތައް އެ ބޭނުންކުރައްވަނީ، ވަރަށް އިޚްލާޞްތެރިކަމާއި، ވަރަށް ހިތްޕުޅުހެޔޮކަމާއެކީގައިކަން. އެހެންނަމަވެސް، އަޅުގަނޑުގެ ހިތަށްއަރަނީ، އެއީކީ މި ޒަމާނަކަށް މާ މުނާސިބު ލަފުޒުތަކެއްނޫނޭ. ތަންކޮޅެއް ކުރީ ޒަމާނެއްގައި ރަސްރަސްކަލުންގެ ހެޔޮފުޅުކަމުން ކަންތައްތައް ކޮށްދެއްވާ ވާހަކަ ތާރީޚުގައި ލިޔެވިފައި ހުރޭ. ރަސްރަސްކަލުންގެ އޯގާތެރިކަމުގެ ވާހަކަ. އެހެންނަމަވެސް، މިހާރަކު އެއީކީ އަޅުގަނޑުހިތުން މި ޒަމާނާ ގުޅޭ ވާހަކައެއްނޫން. މިހާރު ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، ވެރިޔަކަށް ހުންނަ މީހެއްގެ ވާޖިބެއް. އެހެންވީމާ، އެވެރިޔަކު އެކަން އެކުރަނީކީ އެމީހެއްގެ ދީލަތިކަމަކުންނޫން. އެމީހެއްގެ އޯގާވެރިކަމަކުންނޫން. އެމީހަކު އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމުގެގޮތުން. އަޅުގަނޑަށް ކުރެވުނު މަސައްކަތެއް މިކުރަނީވެސް ހަމަ އެގޮތުން. އެއީ އަޅުގަނޑުގެ ވާޖިބެއްކަމަށް އަޅުގަނޑަށް ފެންނާތީ. އަދި ސަރުކާރުގެ އެހެން ވަޒީރުންނާއި، އެހެން އޮފީސްއޮފީހުގެ ވެރިންވެސް، އެބޭފުޅުން ރައްޔިތުންނަށް އެޚިދުމަތް އަދާކުރައްވަމުން އެގެންދަވަނީ، އެއީ އެބޭފުޅުންގެ ވާޖިބުކަމަށްވާތީ. އެހެންވީމާ، އަޅުގަނޑުހިތަށްއެރީ، އެވާހަކަވެސް ދަންނަވާލާނަމޭ. އަޅުގަނޑުމެން އެންމެންވެސް އަޅުގަނޑުމެންގެ ވާޖިބު އަދާކުރެވޭތޯ މިބަލަނީ.

ވާޖިބު އަދާކުރުމުގައި އެކި މީހުންނަށް އެކި ފެންވަރަށްކަންނޭނގެ ކަންތައް ކުރެވޭނީ. އެއްބައިމީހުން ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ވަރަށް ހިއްމަތާއެކީގައި ވާޖިބު އަދާކުރާނެ. އަނެއްބައި މީހުންނަށް އެހާބޮޑަކަށް އެކަމެއް ނުކުރެވޭނެކަންނޭނގެ. ކޮންމެއަކަސް، ވާޖިބު އަދާކުރުމުގެގޮތުން ސަރުކާރުން ދިވެހިރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ މަސައްކަތްކުރަމުން މިގެންދަނީ. ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުވެސް އެ މަސައްކަތް މިކުރީ. އަޅުގަނޑަށް ވެވުނުވަރަކުން، އަޅުގަނޑުގެ ޤާބިލިއްޔަތު ތަންދިން މިންވަރަކުން ރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ އަޅުގަނޑު ބަލަމުން މިއައީ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިމަގާމުގައި ހުރިހާ ދުވަހަކު މަސައްކަތް ކުރަމުންގެންދާނީ، މާތް ﷲގެ ޙަޟްރަތަށް ތެދުވެރިވެހުރެ، ދިވެހިރައްޔިތުންނަށް ވަފާތެރިވެހުރެ، ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެވޭތޯ.

އާދެ، ދެން އަޅުގަނޑު މާ ދިގުކޮށް ވާހަކަދައްކާކަށް ގަސްތެއްނުކުރަން. ދަންނަވާލަން ބޭނުންވަނީ، ދެންމެ އަތޮޅުވެރިން ވިދާޅުވިފަދައިން، މިރޭގެ ބައްދަލުވުން ހަމަޖެހިފައި މިއޮތީ، ތިޔަބޭފުޅުން އަޅުގަނޑާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލައްވާގޮތަށް. ނުވަތަ އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލާގޮތަށް. އޭނާ ވިދާޅުވި، ހުރިހާ ބޭފުޅުން ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށްލެއްވިދާނެއޭ. އާދެ، އެއީ ހަމަ ތެދުފުޅެއް. އެހެން ހެއްދެވިދާނެ. ދެން އޭނާ ވިދާޅުވެލެއްވި، އެބޭފުޅަކު ބޭނުންފުޅުވާ ވާހަކައެއް ވިދާޅުވެވިދާނެއޭ. އެއީވެސް ދޮގެކޭ ނުދަންނަވާނަން. އެހެންނަމަވެސް، އަޅުގަނޑުގެ ހިތަށްއަރަނީ، އަޅުގަނޑުމެން ވާހަކަދައްކާއިރު، ޖުމްލަގޮތެއްގައި ރަށަށް ބޭނުންވާ ކަމެއްގެ ވާހަކަކަންނޭނގެ ދެއްކުން މޮޅީ. އެހެންނޫނީ ކޮންމެ މީހަކުވެސް، އެމީހެއްގެ އަމިއްލަ ވާހަކައެއް ބުނަންވެއްޖިއްޔާ، އެތައްސަތޭކަ ނުވަތަ އެތައްހާސް ބަޔަކު ތިބި ތަނެއްގައި އެއީކީ މާފަސޭހައިން ކުރެވޭޒާތުގެ ކަމަކަށްނުވާނެ. އަދި އެ ދޮރު އޮންނަނީ ހުޅުވިފައި. ކޮންމެ ރައްޔިތަކުވެސް އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކަ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހެޅިދާނެ. ނުވަތަ އެކިއެކި މިނިސްޓްރީތަކަށް ހުށަހެޅިދާނެ. އަޅުގަނޑަށް ލިބޭ ކޮންމެ ސިޓީއެއްވެސް އިރާދަކުރެއްވިއްޔާ ހަމަ ބަލަމުން މިގެންދަނީ ވަރަށް ފަރުވާތެރިކަމާއެކީގައި. މީހަކު ޝަކުވާއެއްކުރިޔަސް، މައްސަލައެއް ހުށަހެޅިޔަސް، އެ މައްސަލައެއް ވަރަށް ރަނގަޅަށް ބެލޭތޯ އެބަ ބަލަން. އަދި ޖަވާބުވެސް އެބަދެން. ފަހަރެއްގައި މިހެން ދެންނެވިޔަސް، ޖަވާބު ލަސްވެފައި ހުރި ސިޓީއެއް ނެތެކޭ ނުދަންނަވާނަން. ފަހަރެއްގައި އެހެންވެފައި ހުރެދާނެ.

އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، އެދޮރު އެއީ ހުޅުވިފައި އޮތް ދޮރެކޭ. އަމިއްލަކަމެއްގެ ވާހަކަ، އެއްވެސް ބޭފުޅަކު ވިދާޅުވާން ބޭނުންފުޅުވަންޏާ، ހަމަ ސިޓީއަކުން ހުށަހެޅުއްވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް ބަލައިދޭނަމޭ. އަދި ސަރުކާރުގެ އެހެން މިނިސްޓްރީތަކުންވެސް ބައްލަވައިދެއްވާނެއޭ. އެހެނެއްނޫން، ރައްޔިތުން ބޭނުންވާ ކަންތައްތައް ހުރީވިއްޔާ ނުވަތަ އެމީހުންނަށް ދަތިވެފައި އޮތް ކަމެއް އޮތީވިއްޔާ، އެކަމުގެ އަޑުއެހުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް. އަޅުގަނޑު މިއައީވެސް އެކަމާ. އެހެންނަމަވެސް، ވަގުތު ސަލާމަތް ކުރެއްވުމުގެ ގޮތުން ވީހާވެސް ކުރުކޮށް ވާހަކަފުޅު ގެންދެވިއްޔާ އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން އެންމެންނަށްވެސް ފަސޭހަވާނެހެން. އާދެ، މިވާހަކަ ދަންނަވާލާފައި، ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ އުފާ ލިބިގަންނަން އަޅުގަނޑު ހުރި ވާހަކަ ދަންނަވާލަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالٰى ފުވައްމުލަކަށް އިތުރު ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުން. މުޅި ދިވެހިރާއްޖެއަށްވެސް އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރުކުރެއްވުން. އަދި އަޅުގަނޑުމެން ދިވެހިސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންމިގެންދާ ތަރައްޤީގެ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.