بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އަދި މިފަދަ ރަބީޢުލްއައްވަލު މަހެއްގައި ޢާލަމްތަކަށް ރަޙްމަތެއްގެގޮތުގައި މިދުނިޔެއަށް ވަޑައިގެންނެވި މާތްނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މިކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑުމެން މިރޭ މިފާހަގަކުރާ ޛިކްރާއަކީ، ދެންމެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް އޮނަރަބްލް އައްޝައިޚް އަޙްމަދު ޝާޠިރު އެ ވިދާޅުވިފަދައިން، ކީރިތިރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ޖަލްސާ. އެކަލޭގެފާނު މިދުނިޔެއަށް ވަޑައިގަތް ވަޑައިގަތުން، އެކަމުން އަޅުގަނޑުމެން ލިބިގަންނަންވީ ޢިބްރަތްތައް ލިބިގަތުމަށްޓަކައި ސަރުކާރުގެ ފަރާތުން އިންތިޒާމުކުރި ޖަލްސާ. އާދެ، މި ޖަލްސާގެ ޕްރޮގްރާމުގައި ހަމަޖެހިފައިވާގޮތުން ކީރިތިރަސޫލާގެ ޢީދުމީލާދުގެ ޛިކްރާއާ ދޭތެރޭގައި ނުވަތަ ކީރިތިރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅުތަކާ ދޭތެރޭގައި، ޢިބްރަތްތަކާ ދޭތެރޭގައި، އަޅުގަނޑު ވާހަކަދައްކާކަށްނުޖެހޭ. އެ މައުޟޫޢުތަކަށް އެހެން ބައެއް ބޭފުޅުން، ކަމަށް ވަރަށް އެކަށީގެންވާ ޢިލްމުވެރި ބޭފުޅުން ހަމަޖެހިފައި އެބަތިއްބެވި.

އާދެ، އަޅުގަނޑު މިރޭ އެއްޗެއް ދަންނަވާލަން ޤަޞްދުކުރަނީ ކީރިތިރަސޫލާ މިދުނިޔެއަށް ވަޑައިގެންނެވި ދުވަސް ނުވަތަ مولدالرّسول ފާހަގަކުރުމަކީ ކޮންކަހަލަ ކަމެއްތޯ އަދި އެ މުނާސަބަތު ފާހަގަކުރުމަކީ ކުރަންޖެހޭނެ ކަމަކަށްވާނަމަ، އެކަން ކުރަންވީ ކޮން އުޞޫލަކުންތޯ، މިކަމާ ދޭތެރޭގައި ކޮންމެވެސް އެއްޗެއް ދަންނަވާލަން.

އާދެ، ދީނީނަޒަރަކުން ވިސްނާއިރު ކީރިތިރަސޫލާގެ ޛިކްރާ، އެކަލޭގެފާނު މި ދުނިޔެއަށް ވަޑައިގެންނެވި ދުވަސް ފާހަގަކުރުމަށް ވަކި ޚާއްޞަކަމެއް ކުރަންޖެހޭނެ ކަމަކަށް ދީނުގެ އަޞްލުތަކުން ފެންނާކަށްނެތް. އާދެ، ދީނުގެ އެންމެފުރަތަމަ، އެންމެ ވަރުގަދަ އަޞްލަކީ މާތްވެގެންވާ ޤުރްއާން. ކީރިތި ޤުރްއާނުގައި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި ދުވަސް ފާހަގަކުރުމަށްޓަކައި މިވެނި ޢަމަލެއް ކުރާށޭ ނުވަތަ މިވެނިކަމެއް ކުރުން މޮޅުއިތުރު، މިހެން އަންގަވާފައިވާ ކަމަކަށް އެނގިފައެއްނެތް. މާތްވެގެންވާ އިސްލާމްދީނުގެ ދެވަނަ އަޞްލަކީ ކީރިތިރަސޫލާގެ ސުންނަތް. އެކަލޭގެފާނު ކަންކުރެއްވި ގޮތް. އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދުތައް. ޝައްކެއްނެތްގޮތުގައި، މާތްރަސޫލާ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވިދުވަސް ފާހަގަކުރައްވާފައި އޮތް ކަމަކަށްވެސް، ފޮތްފޮތުން ފެންނާކަށްނެތް. ހަމައެއާއެކު ދަންނަވަންޖެހެނީ، އެދުވަސް ފާހަގަކުރުމަށް އެކަލޭގެފާނު އަޞްޙާބު ބޭކަލުންނަށް އިރުޝާދު ދެއްވާފައިވާކަންވެސް އަޅުގަނޑުމެންނަށް ފެންނާކަށެއްނެތޭ. އެހެންވީމާ، ދީނުގެ އެންމެފުރަތަމަ ދެ އަޞްލުކަމުގައިވާ ކީރިތި ޤުރްއާނުގެ ޞަރީޙު ޢިބާރާތަކުން ނުވަތަ ކީރިތިރަސޫލާގެ ސުންނަތުން މިދުވަސް ނުވަތަ މި މުނާސަބަތު ވަކިގޮތަކަށް ފާހަގަކުރުމަށް، އެއްވެސް އިރުޝާދެއް، އެންގެވުމެއް އަންގަވާފައިވާ ކަމަކަށް ދެންނެވޭކަށްނެތް.

އާދެ، އެކަން އޮތީ އެހެން ކަމުގައިވިޔަސް، ބައެއްކަހަލަ ކަންތައްތައް އެބަހުރި، މާތްވެގެންވާ ޤުރްއާނުގައި، އެކަމެއް ވަކިގޮތަކަށް ކުރާށޭ އަންގަވާފައި ނުހުންނަ. ހަމައެފަދައިން، ކީރިތިރަސޫލާގެ ސުންނަތުގައިވެސް، އެކަމެއް މިވެނިގޮތަކަށް ކުރާށޭ އަންގަވާފައި ނުހުންނަ. އެހެންނަމަވެސް، ދީނުގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތައް ނިޔާކުރާގޮތުގެމަތިން، އެކަންކަން ކުރުން އެއީ ހުއްދަ ނުވަތަ އެދެވިގެންވާ ކަންކަންކަމުގައި ހިމެނިފައިވާ ކަންތައްތައް.

އާދެ، ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލިޔަދެއްވާ! އެނގިވަޑައިގަންނަވާނޭ ފަދައިން، ކީރިތިރަސޫލާ މިދުނިޔެ ދޫކުރައްވާ ވަޑައިގެންނެވިއިރު، މާތް ޤުރްއާން، ފޮތެއްގެ ސިފައިގައި ޖަމްޢުކުރެވިފައެއް ނެތް. ކީރިތިރަސޫލާއަށް ޤުރްއާން ލިބިވަޑައިގަންނަވަމުން ދިޔައީ، އެކިފަހަރު ޤުރްއާނުގެ އެކި ތަންތަންކޮޅު، އެކި ސޫރަތް، އެކި އާޔަތް، އެކަލޭގެފާނުގެ އިރުޝާދުގެ ދަށުން އެފަހަރަކު އެބާވައިލެއްވި ސޫރަތެއް ނުވަތަ އާޔަތެއް، ވަޙީލިޔުއްވާ ބޭކަލުން ގެންދެވީ ލިޔުއްވަމުން. އެހެންވީމާ، ރަސޫލާ މިދުނިޔެ ދޫކުރައްވައި ވަޑައިގެންނެވިއިރު، ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައްވަނީ ލިޔެވި ތަދްވީމް ކުރެވިފައި. އެހެންނަމަވެސް، އެ އާޔަތްތަކާއި ސޫރަތްތައް ހުރީ އެއްފޮތެއްގެ ސިފައިގައި، ފޮތަކަށް ޖަމްޢުކުރެވިފައެއް ނޫން. މިކަން ކުރެވުނީ އެކަލޭގެފާނު މިދުނިޔެ ދޫކުރައްވައި ވަޑައިގެންނެވި ފަހުން. އެންމެ ފުރަތަމަ ޚަލީފާ، އަބޫބަކުރުއްޞިއްދީޤް رَّضِيَ اللَّـهُ عَنْهُ ގެ ޒަމާނުގައި. އޭގެ ފަހުގައި عثمان ابن عفّان 3ވަނަ ޚަލީފާގެ ޒަމާނުގައި، މިކަންތައްތައް އެބޭކަލުން ކުރެއްވީ، އެކަމުން އުންމަތަށް ލިބޭނެ ފައިދާއަށް ބައްލަވާފައި. އެހެނީ ޤުރްއާނުން ކިތަންމެ ކުޑަތަންކޮޅެއްވިޔަސް ގެއްލިގެން ހިނގައްޖެނަމަ އެއީ މުޅި އިސްލާމީ އުންމަތަށް ލިބޭނެ ވަރަށްބޮޑު ގެއްލުމަކަށްވާނެތީ. އެންމެފުރަތަމަކޮޅުގައި ޤުރްއާން ޖަމްޢުކޮށް ފޮތެއްގެ ސިފައިގައި ލިޔެފައި ބާއްވާކަށްނުޖެހޭ. އެއީ އޭރުގެ ހުރިހާ އެންމެންނަކީ ޤުރްއާން ހިތުދަސް މީހުން. އެހެންނަމަވެސް، ޤުރްއާން ހިތުދަސްމީހުން އެކަކަށްފަހު އަނެކަކު މަރުވަމުން ދިޔަދިޔަހެން، އެ އެންމެން މަރުވަމުންދާފަހުން، ޤުރްއާން ގެއްލިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި. އަބޫބަކުރުގެފާނު، އޭގެފަހުން عثمانގެފާނު މިކަން ކުރެއްވި. އެހެންވީމާ، ޤުރްއާނުގައި ކަނޑައެޅިގެން ފޮތެއްގެ ސިފައިގައި އެ ޤުރްއާން ލިޔެ ރައްކާތެރިކުރާށޭ އަންގަވާފައިނެތަސް އަދި ރަސޫލާގެ ދޫފުޅުން އެފަދަ އިރުޝާދެއް ދެއްވާފައިނެތަސް، އެކަމަކީ މުޅި އިސްލާމީ އުންމަތުގެ އިޖުމާޢު، އެކަމުގެމައްޗަށް އޮތްކަމެއް. ހުރިހާ ޢިލްމުވެރިން، އަޞްހާބު ބޭކަލުން އެކަމަށް އިޖުމާޢުވެވަޑައިގެން އެކަން ކުރެއްވީ. އެހެންވީމާ، އެއީ ދީނީގޮތުން ބަލާއިރު ހުއްދަކަމެއްކަމާމެދަކު ޝައްކެއްނެތް. އަދި ކޮންމެހެން ކުރަންޖެހޭނެކަމެއް ކަމާމެދަކުވެސް ޝައްކެއްނެތް.

އާދެ، އެހެންވުމާއެކު، އަޅުގަނޑުމެން ވިސްނާލަންޖެހެނީ މިފަދަ މުނާސަބަތެއް، މާތްވެގެންވާ ރަސޫލާ މިދުނިޔެއަށް ވަޑައިގެންނެވި ދުވަސް ފާހަގަކުރުމުގެ މުނާސަބަތު ފާހަގަކުރުން އެއީ އެކަން އިޙްޔާކޮށް ދިރުވައި، އެކަމުން ލިބިގަންނަންވީ ޢިބްރަތްތައް ލިބިގަތުން އެއީ، ކޮންކަހަލަ ކަމެއްތޯ. ޝައްކެއްނެތް، ދީނުގެ ޢާއްމު އުޞޫލުތައް ނިޔާކުރާގޮތުން، އަދި ކަނޑައެޅިގެން ކީރިތި ޤުރްއާނުގެ އަމުރުތައް، އިރުޝާދުތައް ނިޔާކުރާގޮތުންވެސް އެއީ، އަޅުގަނޑުމެން ކުރުން އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ކުރުން އެދެވިގެންވާ ކަމެއް. ދެންމެ އައްޝައިޚް އަޙްމަދު ޝާޠިރު އެވިދާޅުވިފަދައިން، ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވޭ، وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ. "ﷲ އެކަލާނގެ ރަސޫލާއަށް މުޚާޠަބު ކުރައްވައި އަންގަވަނީ، ކަލޭގެފާނު ހަނދާންކޮށްދެއްވާށޭ. ހަމަކަށަވަރުން ހަނދާންކޮށްދެއްވުމަކީ މުއުމިނުންނަށް ފައިދާހުރިކަމެކޭ." އެހެންވީމާ، ރަސޫލާ މިދުނިޔެއަށް ވަޑައިގެންނެވިދުވަސް ހަނދާންކޮށް، އެހަނދާން އަޅުގަނޑުމެން އާކޮށް، އެކަލޭގެފާނު ދުނިޔޭގައި އުޅުއްވިގޮތްކޮޅު އަޅުގަނޑުމެންގެ ހިތްމައްޗަށްގެނެސް، އެކަލޭގެފާނު އެކުރެއްވި ޖިހާދު ހަނދާންކޮށް، އެކަލޭގެފާނުގެ އަގުހުރި އިރުޝާދުތަކުން އިބްރަތް ލިބިގަނެ، މިގޮތުގެމަތިން މިކަންތައްތައް ކުރުމަކީ ޝައްކެއްނެތްގޮތުގައި މިއާޔަތް ހުއްދަކުރާކަމެއް. އަދި މި އާޔަތުން، އަޅުގަނޑުމެން ކުރަން ހަމައެކަނި ހުއްދަވާކަމެކޭވެސް ނޫން ދެންނެވޭނީ. ކުރަން އަޅުގަނޑުމެން ވަރަށްބޮޑަށް ބޭނުންވާ ކަމެއް.

އާދެ، މިދެންނެވި އާޔަތުގެ އިތުރަށް، ތާރީޚުގައި ވޭތުވެގޮސްފައިވާ އެކިއެކި މުހިންމު ޙާދިޘާތަކުން ޢިބްރަތް ލިބިގަނެ، އެ ޙާދިޘާތަކާ ދޭތެރޭގައި ވިސްނައި، އެކަންކަމުން ފިލާވަޅު ހޯދައިގަތުން އެއީ، ޤުރްއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތެއް. ދެއްވާފައިވާ އިރުޝާދެއް. ﷲ ވަޙީކުރައްވާފައިވޭ. وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبآءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ وَجَآءَكَ فِى هَـٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ. (هود - 120) ﷲ ވަޙީކުރައްވަނީ ރަސޫލުބޭކަލުންގެ ޚަބަރުތަކުގެ ތެރެއިން، އެޚަބަރުތަކަށް ކޮންމެހެން މުސްލިމުން ބޭނުންވާނެ ޚަބަރުތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔަވައިދެއްވަމޭ. ކިޔައިދެއްވަމޭ. އެއީ އެ ޚަބަރުތަކުން ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށްޓަކައޭ. އަދި މިއާޔަތްތަކުގައި އެބަހީ ޤުރްއާނުގެ އާޔަތްތަކުގައި ނުވަތަ މިޚަބަރުތަކުގައި އެވަނީ ޙައްޤުތެދު ބަސްފުޅޭ. އަދި އޭގައި މުއުމިނުންނަށްވާ ވަޢުޡަކާއި ހަނދާންކޮށްދިނުމެއްވެއޭ. މިނޫން ކިތަންމެ އާޔަތެއް ޤުރްއާނުގައި މާޒީގެ ޙާދިޘާތަކުން ޢިބްރަތް ލިބިގަތުމަށް އަންގަވާފައިވާ، އެބަހުރި. އޭގެތެރެއިން އެއް އާޔަތެއްގައި ﷲ ވަޙީކުރައްވާފައިވޭ. قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُواْ فى الْأَرْضِ فَانظُرُوا ْكَيْفَ كَانَ عَــٰقـِبَةُ الْمُكَذِّبِينَ (آل عمران 137) "ތިޔަބައިމީހުންގެ ކުރިން އެކިއެކި ޤައުމުތަކުގެ މީސްތަކުން އުޅެދިޔަ ގޮތްތަކެއްވެއޭ. އެހެންވީމާ، ތިޔަބައިމީހުން ބިމުގައި ހިނގާބިނގާވެ އެކަންތައްތައް ބަލައިހަދާށޭ. އަދި ރަސޫލުން ދޮގުކޮށް ކާފިރުވީ މީސްތަކުންނަށްވީގޮތް، އެމީހުންނަށް ލިބުނު ނާކާމިޔާބީ، އެމީހުންނަށް ދިމާވި ހިތާމަވެރިގޮތްތައް، އެއީ ކޮންގޮތްތަކެއްތޯ ތިޔަބައިމީހުންބަލައި އެކަމުން ޢިބްރަތް ލިބިގަންނާށޭ."

އާދެ، ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ ހަމައެކަނި ކުރީގެ އިސްވެދިޔަ ޤައުމުތަކުގެ ވާހަކަތައް އެކަންޏެއްނޫން. އެޤައުމުތަކަށް ދިމާވި އެކިއެކި ޙާދިޘާތަކުން ޢިބްރަތް ލިބިގަތުމަކަށްނޫން. އޭގެ އިތުރަށް، މުސްލިމުންގެ ޙަޔާތުގައި އެމީހުންނަށް ކުރިމަތިވެފައިހުރި ޙާދިޘާތައްވެސް ޤުރްއާނުގައި އޭގެވާހަކަ ދެވަނަފަހަރަށް މުސްލިމުންނަށް ހަނދާންކޮށްދެއްވާފައިވޭ. އަދި އެ ޙާދިޘާތަކުން ޢިބްރަތް ލިބިގަތުމަށްވެސް އަންގަވާފައިވޭ. އޭގެތެރެއިން އެއް އާޔަތެއްގައި ﷲ ވަޙީކުރައްވާ. وَاذْكُرُواْ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِي الْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ النَّاسُ فَآوَاكُمْ وَأَيَّدَكُم بِنَصْرِهِ وَرَزَقَكُم مِّنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ ﴿الأنفال ٢٦﴾. ﷲ ވަޙީކުރައްވަނީ "ތިޔަބައިމީހުން ހަނދާންކުރާށޭ ތިޔަބައިމީހުންނަކީ ވަރަށް މަދު މީސްކޮޅެއް ކަމުގައި، ވަރަށް ނިކަމެތި ބައެއްކަމުގައި ތިބިދުވަސްވަރު ކަންތައް ހިނގާގޮތް. އެދުވަސްވަރު ތިޔަބައިމީހުން ތިބީ ވަރަށްމަދު މީސްކޮޅެއްގެ ގޮތުގައޭ. ބިމުގައި ނިކަމެތި ވެފައިވާ ބައެއްގެ ގޮތުގައޭ. އަދި ތިޔަބައިމީހުން އޭރު ބިރުންތިބީ އެހެންމީސްތަކުން ތިޔަބައިމީހުން ޖަހަޖަހައިގަނެގެން ގެންގޮއްސާނެކަމަށޭ. ތިޔަބައިމީހުން އެތަންމިތަނަށް ގެންގޮސް ތިޔަބައިމީހުންނަށް އަނިޔާކޮށް، ތިޔަބައިމީހުން ޤަތުލުކޮށް، ނެތިކޮށްލައިފާނެކަމުގެ ބިރުގައޭ ތިޔަބައިމީހުން ތިބީ. އެހެން ތިޔަބައިމީހުން ތިއްބާ، اللّـه سبحـانـه وتعـالىގެ ޙިމާޔަތް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިޔޭ. އަދި އެބައިމީހުންނަށް ތާއީދު ދެއްވާ އެކަލާނގެ ނަޞްރުދެއްވައިފިއޭ. އަދި ހެޔޮވެގެންވާތަކެތިން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވައިފިއޭ. އެއީ، ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައޭ." އާދެ، އެއީ މިއާޔަތުގައި އެ އަންގަވަނީ މުސްލިމުން އިސްލާމީ ދައުރުގެ ކުރީކޮޅުގައި އެމީހުން ތިބިޙާލު. އޭރު ވަރަށް ނިކަމެތި މަދުބައެއްގެ ގޮތުގައި ތިއްބާ، اللّـه سبحـانـه وتعـالىގެ ނިޢުމަތާއި ރަޙްމަތުން އެމީހުންނަށް ލިބުނު މަތިވެރި ނަޞްރެއްގެވާހަކަ، އެ ނަޞްރު ލިބުމުގެ ސަބަބުން އެބައިމީހުންނަކީ ޢިއްޒަތްތެރި ޝަރަފްވެރި ބަޔަކަށްވީވާހަކަ. އަދި އޭގެފަހުން އެބައިމީހުންނަށް ރިޒްޤު ތަނަވަސްކޮށްދެއްވައި، މިކަހަލަ ބޮޑެތި ނިޢުމަތްތައްދެއްވި ވާހަކަ، އެކަންކަމުން އެމީހުން ޢިބްރަތް ލިބިގަތުމަށްޓަކައި.

އާދެ، އެހެންވީމާ މިދެންނެވި އާޔަތްތަކުން އެނގޭ، އެކިއެކި މުހިންމު މުނާސަބަތުތައް ފާހަގަކުރުމަކީ ދީނުގައި އޮތްކަމެއްކަން. އެއީ މަނާކަމެއްނޫން. ހަމައެއާއެކު، ބައެއްކަހަލަ މުނާސަބަތު ފާހަގަކުރުމަކީ، ދީނުގައި ހުއްދަކަމެއްކަން އަންގައިދޭ ބައެއް ޚާއްޞަ ދަލީލުތައްވެސް އެބަހުރި. އޭގެތެރެއިން އެއް ދަލީލެއް ދަންނަވާލާނަން. ކީރިތިރަސޫލާ މަދީނާއަށް ހިޖުރަކުރެއްވިއިރު މުޙައްރަމްމަހުގެ ދިހަވަނަދުވަހު އާދެ، އަޅުގަނޑުމެން މިކިޔާ ޢާޝޫރާދުވަހު ޔަހޫދީން ރޯދައަށް ތިބެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވި ދެކެވަޑައިގަތުމާއެކު އެއްސެވީ ތިޔަބައިމީހުން މިއަދު ރޯދައަށް ތިޔަތިބީ ކީއްވެގެންހޭ. އެބައިމީހުން ދެންނެވީ އެއީ މިއަދު މިއީ މޫސާގެފާނު اللّـه سبحـانـه وتعـالى ސަލާމަތްކޮށްދެއްވި ދުވަސްކަމަށްވާތީ އެދުވަސް ފާހަގަކުރުމުގެ ގޮތުންނޭ ތިމަންނާމެން ރޯދައަށް މިތިބީ. އެހެން އެމީހުން ދެންނެވީމާ، ކީރިތިރަސޫލާ ޙަދީޘްކުރެއްވީ ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް ބޮޑަށް އައުލާވެގެންވަނީ ތިމަންމެން މުއުމިނުންނޭ. "نَحْنُ أَوْلَى بِمُوسَى مِنْكُمْ" "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނާ ގާތްކަން ބޮޑީ، މޫސާގެފާނަށް މާތްކޮށްހިތަނީ ތިމަންނާމެން މުސްލިމުންނޭ." އެހެން އެކަލޭގެފާނު ވިދާޅުވެފައި، ޢާޝޫރާދުވަހުގެ ރޯދަ މުއުމިނުން ހިފުމަށް އެކަލޭގެފާނު އެންގެވި. އެހެންވީމާ، މާތްﷲ މޫސާގެފާނު ސަލާމަތްކޮށްދެއްވި ދުވަސް ފާހަގަކޮށް އަދި ދީނީ ދުވަހެއްގެ ގޮތުގައި ފާހަގަކޮށް، އެދުވަހު ޚާއްޞަ އަޅުކަމެއް ކުރުމުގެ ގޮތްވެސް މިއޮތީ އަޅުގަނޑުމެންގެ ދީނުގައި ހާމަވެފައި. އެހެންވީމާ، މިކަހަލަ ޚާއްޞަ ދަލީލުތަކުން އެނގޭގޮތުގައިވެސް ބައެއްކަހަލަ މުނާސަބަތުތައް ފާހަގަކުރުމަކީ އެކަމަށް ﷲ އަންގަވައިފައިވާގޮތުގެމަތިން، ދީނުގެ ޢާއްމު ޤަވާޢިދުތަކާއި އުޞޫލުތައް ތަންދޭގޮތުގެމަތިން، އެމުނާސަބަތުތައް ނުވަތަ އެދުވަސްތައް ފާހަގަކުރުމަކީ އޮތްކަމެއް.

އާދެ، މުޅި އިސްލާމީ އުންމަތުގައި، ދުނިޔޭގެ އެތަންމިތާނގައި މުސްލިމުން ކީރިތިރަސޫލާގެ ޢީދުމީލާދު ފާހަގަކުރަމުން ގެންދޭ. ރަބީޢުލްއައްވަލްމަހުގެ ތެރޭގައި އެކި ތަންތާނގައި އެކި ޒަމާނުގައި މި މުނާސަބަތު ފާހަގަކުރަމުން ގެންދަނީ އެކިގޮތަށް. އެހެންވީމާ، އެގޮތްތަކުގެ ތެރެއިން ރަނގަޅުގޮތަކީ ކޮބައިތޯ، ރަނގަޅުނޫން ގޮތްތަކަކީ ކޮބައިތޯވެސް އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ.

އާދެ، ޝައްކެއްނެތް، ތަފާތުގޮތްތަކަކަށް މިކަން ކުރެވެމުންދާއިރު، އޭގެތެރޭގައި ރަނގަޅު ގޮތްތަކެއްވެސް އެބަހުރި. އަދި ކަނޑައެޅިގެން ރަނގަޅުނޫން ގޮތްތަކެއްވެސް އެބަހުރި. ބައެއް ތަންތާނގައި، އިސްލާމީ ބައެއް ޤައުމުތަކުގައި، ކީރިތިރަސޫލާގެ ޢީދުމީލާދު ފާހަގަކުރުމުގެތެރޭގައި، ކުޅިވަރަށް ހިމެނޭ ބައެއްކަހަލަ ކަންތައްވެސް ވަމުންދޭ. ތަންތަން ޒީނަތްތެރިކުރުމާއި، ބޭނުންނެތްގޮތުގައި ޚަރަދުކުރުމާއި، މީހުން ތަންތަނަށް އެއްވެ ޚާއްޞަ ވައްތަރު ވައްތަރުގެ ކާއެއްޗެތި ހަދައިގެން ކައިހެދުމާއި އަދި މިނޫންވެސް މިބާވަތުގެ އުފަލަކަށް ހިމެނޭ ކަހަލަ ނުވަތަ ކުޅިވަރެއްގެ ގޮތުގައި ބެލޭކަހަލަ ކަންތައްތައް، ބައެއް ތަންތާނގައި ކުރަމުންގެންދޭ. ޝައްކެއްނެތްގޮތުގައި، މިއީ މިފަދަ މުނާސަބަތަކާ އެކަށީގެންވާ ކަންކަމެއްނޫން. އޭގެ އިތުރަށް ބައެއް ތަންތާނގައި ބައެއް ފޮނިކާއެއްޗެތި ހަދާ. މެޓާކަހަލަ އެއްޗެތިން އެކި ސިފަސިފައިގައި އެއްޗެތި ހަދާފައި ވިއްކަންހުރޭ. އެ އެއްޗެތި އެމީހުން ގަނެގެން ގެޔަށް ގެންގޮސް، 12 ވިލޭރޭ ނުވަތަ 12 ދުވަހު ކައިހަދާ، އެންމެން، ޢާއިލާގެ އެންމެން އެއްތަނަކަށް އެއްވެތިބެ. އަދި ވިޔަފާރިވެރިންވެސް، އެމީހުންގެ ވިޔަފާރި ހިންގުމަށްޓަކައި ކުރިޔަށް ގެންދިއުމަށްޓަކައި، މި މުނާސަބަތާ ގުޅިގެން މިދެންނެވިފަދަ ފޮނިއެއްޗެތި ހަދާފައި ހުންނަ، އެކި ސިފަސިފައިގައި މެޓާފަދަތަކެތިން ހަދާފައި ހުންނަ އެއްޗެތި، އެމީހުންގެ ފިހާރަފިހާރައިގައި ބަހައްޓައިގެން ވިއްކަމުންގެންދޭ. އެހެންނަމަވެސް، ދަންނަވަންޖެހެނީ މިއީވެސް މިފަދަ ދީނީ މުނާސަބަތަކާ އެކަށީގެންވާ ކަމެއްނޫނޭ. މީގެ އިތުރުން، ބައެއް ތަންތާނގައި މިސްކިތް މިސްކިތުގައި ޤުރްއާން ކިޔެވުމުގެ ޖަލްސާތައް ނުވަތަ ޙަފްލާތައް ބާއްވަމުންގެންދޭ. ޤުރްއާން ކިޔަވާއިރު، މާތްވެގެންވާ ރަސޫލާގެ ނަންފުޅު އަންނަ އާޔަތްތައް ނުވަތަ އެކަލޭގެފާނުގެ ސިފަފުޅު އަންނަ އާޔަތްތައް ގިނަގިނައިން ކިޔެވޭ. އޭގެފަހުން ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި ގޮތުގެ ވާހަކަ ކޮންމެވެސް މީހަކު، ޙާޟިރުވެ ތިބޭ މީހުންނަށް ކިޔައިދީ، މިގޮތަށް އެކަންތައްތައް ކުރަމުންގެންދޭ.

ހަމައެއާއެކުގައި، އަޅުގަނޑުމެން މިރޭ މި ކުރާފަދައިން، ބައެއް ތަންތާނގައި ޖަލްސާތައްކޮށް، ކީރިތިރަސޫލާގެ ޙަޔާތްޕުޅާ ދޭތެރޭގައި ވާހަކަދައްކައި، އެކަލޭގެފާނު ގެންނެވި ޢަޤީދާއާ ދޭތެރޭގައި ވާހަކަދައްކައި، އެކަލޭގެފާނު ކުރެއްވި ޖިހާދާ ދޭތެރޭގައި ވާހަކަދައްކައި، އެކަންކަމުން މުސްލިމުން ލިބިގަންނަންވީ ޢިބްރަތްތަކުގެ ވާހަކަ މުސްލިމުންނަށް ކިޔައިދީ، މިގޮތަށް ޖަލްސާކުރާ ތަންތަންވެސް އެބަހުރި. ހަމަ އެފަދައިން، ރޭޑިއޯގެ ޒަރީޢާއިންނާއި، ޓީ.ވީ.ގެ ޒަރީޢާއިން ދީނީ ތަޤްރީރުތައް ފޮނުވައި، އިސްލާމުންނަށް މިފަދަ މުނާސަބަތެއްގައި ދޭންޖެހޭ މަޢުލޫމާތުތައްދީ، ހަނދާން އާކޮށްދޭންޖެހޭ ކަންތައްތައް ހަނދާން އާކޮށްދީ، ޢިބްރަތް ހޯދައިދީ ހަދާ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނައިލަންވީ ކަންކަމަކީ، މިކަންކަމުގެތެރެއިން މިފަދަ މަތިވެރި އަދި އުފާވެރި މުނާސަބަތެއް ފާހަގަކުރުމަށް އެންމެ އެކަށީގެންވާގޮތަކީ ކޮބައިތޯ. އެހެންބަލާއިރު، އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭ، އަޅުގަނޑުމެން ކޮންމެކަމެއްވެސް ކުރަންވާނީ، ދީނުގެ ދާއިރާގެތެރޭގައި، ދީނުގައި ހުއްދަ ކުރައްވާފައިވާ ދާއިރާއިން ބޭރުނުވާގޮތެއްގައި. އެހެންވީމާ، އެގޮތަށް ވިސްނައިލާއިރު މިސާލަކަށް، ރަބީޢުލްއައްވަލްމަހު 12ވަނަ ދުވަހު ރޯދައަށް ތިބުން، އެއީ ކޮންކަހަލަ ކަމެއްތޯ، އަޅުގަނޑުމެން ވިސްނާލަން އެކަށީގެންވޭ. ޝައްކެއްނެތް އެއީ، ކޮށްގެންވާނެ ކަމެއްނޫން. އެމުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ކީރިތިރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ރަބީޢުލްއައްވަލްމަހުގެ 12ވަނަ ދުވަހު ރޯދައަށް ތިބުމަކީ ދީނުގައި އޮތްކަމެއްނޫން. އެހެނީ އަޅުކަންތައްތައް ދީނުގައި އައިސްފައިވަނީ ވަކި އުޞޫލެއްގެ މަތިން. އަޅުކަމުގެ ތެރެއަށް އަޅުގަނޑުމެން އެއްވެސްކަމެއް އިތުރުކޮށްގެންނުވާނެ. އެއީ މާތްކަމެކޭ އަޅުގަނޑުމެންގެ ހިތަށްވަދެގެން، އެކަން އެއީ ޝަރްޢުގައި ވާރިދުވެފައިވާ ކަމަކަށް ނުވާނަމަ، އެފަދަ ކަމެއް އަޅުގަނޑުމެން އީޖާދުކޮށްގެން ނުވާނެ.

ސުންނަތް ރޯދަ، ދީނުގައި އަންގަވާފައި އެބަހުރި. މިސާލަކަށް، ޙައްޖުދުވަހުގެ ރޯދަ، ޝައްވާލްމަހުގެ ހަދުވަހުގެ ރޯދަ، ޢާޝޫރާދުވަހުގެ ރޯދަ، ހަފުތާގެތެރެއިން ހޯމަދުވަހާއި ބުރާސްފަތި ދުވަހުގެ ރޯދަ، މިފަދަ ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތައް ކީރިތިރަސޫލާގެ ޙަދީޘްފުޅުތަކުން އެނގެން އެބަހުރި. އޭގެތެރެއިން އެއްވެސް ދުވަހެއްގެ ތެރޭގައި، އެއްވެސް ކަމެއްގެ ތެރޭގައި ނެތް، ރަބީޢުލްއައްވަލްމަހުގެ ވަކިދުވަހެއް، އެއީ ކީރިތިރަސޫލާ މިދުނިޔެއަށް ވަޑައިގެންނެވި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، އެދުވަހުގެ ރޯދަހިފާކަށް. އެހެންވީމާ، އެއީ އަޅުގަނޑުމެން ކޮށްގެންވާނެކަމެއް ނޫން. ރަބީޢުލްއައްވަލްމަހުގެ 12 ވަނަ ދުވަހު ނުވަތަ ކީރިތިރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި ކަމަށް ޢިލްމުވެރިން ނުވަތަ މުއައްރިޚުން ވިދާޅުވާ ދުވަހު، ޚާއްޞަ ނަމާދެއް ކުރުން އެއީ ކޮންކަހަލަ ކަމެއްތޯ؟ އެއީވެސް އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ޝައްކެއްނެތް، އެއީވެސް ކޮށްގެންވާނެކަމެއްނޫން. ނަމާދުކުރާނެ ގޮތްތައް، ފަރުޟު ފަސްނަމާދު، އެނަމާދުގެ ވަގުތުތައް، ފަރުޟު ފަސްނަމާދުގެ އިތުރުން، އަޅުގަނޑުމެން ކުރަންޖެހޭ ނަމާދުތައް މިސާލަކަށް، ހުކުރުނަމާދު ނުވަތަ ސުންނަތްނަމާދުތައް، ދެޢީދު ދެނަމާދު، ތަރާވީޙުނަމާދު، ވިތުރުނަމާދު، ރަވާތިބުސުންނަތް، މިހުރިހާ ނަމާދުތަކެއް ވަނީ ކަނޑައެޅިގެން ޤުރްއާނުންނާއި ޙަދީޘުން އަޅުގަނޑުމެންނަށް ފިލުއްވައިދެއްވާފައި. އެހެންވީމާ، ދީނުގައި، ޝަރުޢުގައި ކަނޑައެޅިފައިނުވާ ނަމާދެއް އަޅުގަނޑުމެން އަމިއްލައަށް އީޖާދުކޮށްގެން، އެފަދަ ނަމާދެއް ކޮށްގެނެއް ނުވާނެ. އެހެންވީމާ، އެއީވެސް އަޅުގަނޑުމެންނަށް މި މުނާސަބަތާ ގުޅިގެން ކުރެވޭނެ ކަމެއް ނޫން.

އާދެ، މި މުނާސަބަތާ ގުޅިގެން އަޅުގަނޑުމެން ކިޔަން ވާރިދުވެފައިވާ ޚާއްޞަ ދުޢާއެއް އޮތްތޯ ބަލައިލުންވެސް އެކަށީގެންވޭ. އެހެން ބަލައިލާއިރުވެސް، މި މުނާސަބަތާ ގުޅިގެން ވަކި ޚާއްޞަ ދުޢާއެއް ނުވަތަ ވަކި ޚާއްޞަ އެއްޗެއް ކިޔާކަށް ދީނުގައި ވާރިދުވެފައެއްނެތް. އެހެންވީމާ، އެކަން އެއީވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން.

އާދެ، ދެން ބައެއް މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން ދީނުގައިވެސް ގެރި ބަކަރި ކަތިލުންފަދަ ކަންތައްކުރުން އެބައޮތް. އެންމެ މުހިންމު މުނާސަބަތަކީ އަޟްޙާޢީދުގެ މުނާސަބަތު. އެދުވަހު އުޟްޙިޔާ ކަތިލުމަކީ ސުންނަތެއް. އުޟްޙިޔާއަށް ކަތިލާ ގެރި، ބަކަރި، ޖަމަލުފަދަ އެއްޗަކުން ﷲއަށްޓަކައި ޤުރްބާންކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ އުޞޫލުގެމަތިން އެ ކަތިލާ އެއްޗެއްގެ ބޭނުންކުރުން އެއީ ހަމަޖެހިފައިވާ ގޮތެއް. ހަމައެފަދައިން އަލަށް ވިހާދަރިފުޅަށް، 7 ދުވަސްވާދުވަހު ޢަޤީޤާ ކަތިލުން އެއީވެސް ދީނުގައި އޮތްކަމެއް. އޭގެއިތުރުން، ރަބީޢުލްއައްވަލްމަހުގެ 12 ވަނަ ދުވަހު ނުވަތަ އެމަހުގެ ވަކި ދުވަހަކު ވަކިގޮތަކަށް އެއްޗެއް ކަތިލާ ޖާފަތަކަށް މީހުންނަށް ގޮވައި، ކެއިންބުއިމުގެ ކަންތައް، ވަކިގޮތަކަށް ގެންދާކަށް ދީނުގައި ނުވަތަ ޝަރުޢުގައި އަންގަވާފައެއްނެތް. އެހެންވީމާ، އެއީވެސް އެމުނާސަބަތާ ގުޅުވައިގެން އެބޭނުމުގައި، އެ މަޤްޞަދުގައި، އަޅުގަނޑުމެން ކޮށްގެންވާނެކަމެއް ނޫން. އެހެންނަމަވެސް، ފަޤީރުންނަށް އެހީވެދިނުން، މިސްކީނުންނަށް ކާނާގެ ކާބޯތަކެތީގެ އެހީވެދިނުން ނުވަތަ ފައިސާގެ އެހީވެދިނުން، މިއީ އަބަދުވެސް ކުރުން އެކަށީގެންވާ ކަމެއް. ކުރުން އެދެވިގެންވާ ކަމެއް. އެކަމުގެ ތަނަވަސްކަން ލިބިގެންވާ މީހުން ކުރުން ވަރަށްބޮޑަށް އެދެވިގެންވާ މުސްތަޙައްބު ކަންތައްތައް އެއީ. އެހެންވީމާ، ފަޤީރުންނަށް އެހީވެދިނުމުގެ ނިޔަތުގައި، މިސްކީނުންނަށް އެހީވެދީ، އެމީހުން ތިބި ޙާލުން ސަލާމަތް ކުރުމަށްޓަކައި ކާބޯތަކެތީގެ އެހީ އެމީހުންނަށް ވެދިނުމަކީ، ކޮންމެ ދުވަހެއްގައިވެސް ކުރުން ހުއްދަކަމެއް. ކޮންމެ ވަގުތެއްގައިވެސް ކުރުން ހުއްދަ ކަމެއް. އެހެންވީމާ، އެގޮތުގެމަތިން މިއަދުވެސް މިރޭވެސް ނުވަތަ މާދަމާވެސް އެކަން ކުރެވިދާނެ. އެހެންނަމަވެސް، އެކަން އެކުރަނީކީ، އަޅުގަނޑުމެން ކަނޑައެޅިގެން ކީރިތިރަސޫލާ ދުނިޔެއަށް ވަޑައިގެންނެވިދުވަސް ފާހަގަކުރުމުގެގޮތުން ކުރާ ކަމެއްގެ ގޮތުގައެއް ނޫން.

އާދެ، އަޅުގަނޑުވެސް ކުރިން ދެންނެވިން، ބައެއް ތަންތާނގައި ކަންތައް ކުރާގޮތުން މި މުނާސަބަތާ ނުގުޅޭކަހަލަ ބައެއް ކަންތައްތައް ކުރެވެމުންދޭ. ކުޅިވަރަށް ހިމެނޭކަހަލަ ކަންތައް، އުފާފާޅުކުރުން، ތަންތަން ޒީނަތްތެރިކޮށް، މީހުން ތަންތަނަށް އެއްވެ ކައިބޮއިހަދާ، މިކަހަލަ ކަންތައްތައް ކުރަމުންގެންދެއޭ، ބައެއް ތަންތާނގައި. އެހެންނަމަވެސް، އެއީ އިސްލާމީގޮތެކޭ އަޅުގަނޑަކަށް ދެންނެވޭކަށްނެތް. އަޅުގަނޑަށް ހީވާގޮތުގައި އެކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް އައިސްފައިވަނީ އެހެން ދީންތަކުން. މިސާލަކަށް، ނަޞާރާދީނުން. އެމީހުން ޢީސާގެފާނުގެ ޢީދުމީލާދުދުވަސް، އެމީހުން ކިޔާގޮތުގައިވިއްޔާ ކްރިސްމަސް ފާހަގަކުރަމުންގެންދަނީ، މިދެންނެވިފަދަ ގޮތަކަށް. އެއީ ކުޅިވަރުގެ ދުވަހަކަށް އެމީހުން ހަދާފައި އޮންނަނީ. މަޖާކުރާ ދުވަހަކަށް ހަދާފައި، ބޮޑެތި ޕާޓީތައް ބާއްވައި މީސްމީހުންނަށް ގޮވައި އެއްތަނަކަށް އެއްވެ، އުފާފާޅުކޮށް މަޖާކޮށް ހަދަނީ. ބޮޑެތި ޚަރަދުތައް ކުރަމުންގެންދަނީ. ޒީނަތްތެރިކޮށް އެކި ކުލަކުލައިގެ ބޮކިފަތި ދިއްލައި، އެފަދަ ޒީނަތްތަކުން ތަން ރީތިކޮށް، މިދެންނެވިފަދަ ޕާޓީތައް ބާއްވައި ހަދަނީ. އެއީ ފަހަރެއްގައިވެސް އަޅުގަނޑުމެން ކޮށްގެންވާނެކަމެއްނޫން. އަޅުގަނޑުމެންގެ ދީނުގައި އެކަން އޮންނަގޮތެއް ނޫން.

އާދެ، އެހެންވީމާ އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، އަޅުގަނޑުމެން މި މުނާސަބަތުވެސް އަދި މިނޫން އެހެނިހެން މުނާސަބަތުތައްވެސް ފާހަގަކުރަންވާނީ ދީނުގައި އަންގަވާފައިވާގޮތް ބަލައި އެގޮތުގެ މަތިންނޭ. ކީރިތި ޤުރްއާނުގައި ޢާއްމު އިރުޝާދުގެގޮތުން އަންގަވާފައިވަނީ ކީކޭތޯބަލައި، މާތްވެގެންވާ ރަސޫލާގެ ސުންނަތުގައި އަޅުގަނޑުމެންނަށް މަގު ދައްކަވައިފައިވަނީ ކިހިނެއްތޯބަލައި، އެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިންނޭ. އަދި އެމަގުން ކައްސާލައިގެން ނުދާނެ ގޮތެއްގެ މަތިންނޭ. ކުރިންވެސް ދެންނެވިފަދައިން، މިފަދަ ޙާދިޘާތަކުން ނުވަތަ މުނާސަބަތުތަކުން ލިބިގަންނަންވީ ޢިބްރަތް ލިބިގަތުން އެއީ އޮތްކަމެއް. އެކަމަށް ﷲވަނީ ބާރުއަޅުއްވާފައި. ކީރިތިޤުރްއާނުގެ ބައެއް އާޔަތްތައް އަޅުގަނޑު ދަންނަވާލައިފިން. އެހެންވީމާ، ކީރިތިރަސޫލާގެ ޙަޔާތްޕުޅުން ޢިބްރަތް ލިބިގަތުމަށްޓަކައި ޖަލްސާތައް ބާއްވައި، އެކަލޭގެފާނު ދުނިޔޭގައި ދުވަސްތައް ވޭތުކުރެއްވިގޮތާއި، އެކަލޭގެފާނު ގެންނެވި މާތް ޢަޤީދާތަކާއި، އެކަލޭގެފާނު ކުރެއްވި ޖިހާދު، އެކަލޭގެފާނުންގެ އަޚްލާޤު ހުރިގޮތާއި، މީހުންނާމެދު ކަންތައްތައް ކުރެއްވިގޮތާއި، އެކަލޭގެފާނުގެ ރަޙްމު ބޮޑުކަމާއި، އޯގާވެރިކަމާއި އަދި މިނޫންވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ދަސްވާންހުރި ރީތި ފިލާވަޅުތައް ދަސްކުރުން އެއީ، މިފަދަ މުނާސަބަތުގައި ކަންކުރުން އެންމެ އެކަށީގެންވާގޮތް.

ދެންމެ އައްޝައިޚް އަޙްމަދު ޝާޠިރު އެވިދާޅުވިފަދައިން، ﷲ ވަޙީކުރައްވަނީ، ތިޔަބައިމީހުންނަށް ވެޔޭ، ރަސޫލާގައި މަތިވެރި ރީތި ނަމޫނާއެއް. އެހެންވީމާ، އެ ނަމޫނާ އަޅުގަނޑުމެން ބަލައި، އެނަމޫނާއިން ފިލާވަޅެއް ލިބިގަނެވޭތޯ ބެލުމަކީ، މިފަދަ މުނާސަބަތުތަކުގައި ކުރުން ވަރަށް އެކަށީގެންވާ ކަމެއް. މިއީ ހަމައެކަނި މިފަދަ މުނާސަބަތުތަކުގައެއް ނޫން. އަބަދުވެސް އަހަރުގެ ކޮންމެ ދުވަހެއްގައިވެސް އަޅުގަނޑުމެން އެކަންތައްތައް ހަނދާންކުރަންޖެހޭ. އެއީ ހަމައެކަނި ރަބީޢުލްއައްވަލް މަހުގައެއްނޫން. ނުވަތަ ހަމައެކަނި ރަބީޢުލްއައްވަލުމަހުގެ ވަކި ދުވަހެއްގައެއް ނޫން. އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ދުވަހެއްގައިވެސް، މާތްވެގެންވާ ރަސޫލާ ދައްކަވާފައިވާ ރީތި ނަމޫނާއިން ފިލާވަޅުތައް ލިބިގަތުމަކީ، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެން މިކަހަލަ މުނާސަބަތުތައް ފާހަގަކުރަމުން ގެންދާއިރު، ކޮންމެ ކަމެއްވެސް ދީނުގައި އޮންނަގޮތެއްގެމަތިން ގެންދެވޭތޯ މަސައްކަތްކުރަމުން ގެންދިޔުން. ދީނުގައި އެކަމެއް ހުއްދަނުވާގޮތަކަށް އޮތްކަމެއްވިއްޔާ އެކަމެއް ދޫކޮށްލުން.

އާދެ، މިފަދަ މުނާސަބަތުގައި އަދި ކުރެވޭ އެހެންކަމެއް އެބައޮތް. އެއީ ރަސޫލާއަށް ޞަލަވާތް ކިޔެވުން. އެއީ ކޮންކަހަލަ ކަމެއްތޯވެސް ބަލައިލަން ބޭނުންވޭ. ޝައްކެއްނެތްގޮތުގައި، ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުން، އެއީ ވާޖިބެއް. ﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَاأَيُّهَاالَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيمًا (الأحزاب-٥٦) "ﷲއާއި އެކަލާނގެ މަލާއިކަތުން ހަމަކަށަވަރުން، ﷲ ރަސޫލާގެ މައްޗަށް ރަޙްމަތް ލައްވައޭ. އެކަލާނގެ މަލާއިކަތުން އެކަލޭގެފާނަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރައްވައޭ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރަސޫލާއަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރާށޭ. އަދި އެކަލޭގެފާނަށް ސަލާމްކުރުމަކުން ސަލާމްކުރާށޭ."

އާދެ، صلاة، އެލަފްޒު ޢަރަބިބަހުގައި އޭގެމާނައަކީ ދުޢާ. އެހެންވީމާ صلواة އެއީ ދުޢާތައް. އަޅުގަނޑުމެން މިކުރާ ނަމާދަށް صلاة، މިލަފްޒު ޢަރަބިން ކިޔަނީވެސް ނަމާދުގައި ދުޢާތަކެއް އެކުލެވިގެންވާތީ. އެހެންވީމާ، ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ރަސޫލާއަށް ދުޢާކުރުން. ރަސޫލާއަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރުން. އަޅުގަނޑުމެންގެ ނިސްބަތުގައި އެއީ ދުޢާކުރުން. ﷲގެ ނިސްބަތުގައި އެއީ ރަޙްމަތްލެއްވުން. ﷲ ރަސޫލާގެ މައްޗަށް ޞަލަވާތް ލައްވައޭ ބުނާބުނުމުގެ މާނައަކީ، ﷲ ރަސޫލާއަށް ރަޙްމަތްލައްވައޭ. އަޅުގަނޑުމެން ރަސޫލާއަށް ޞަލަވާތް ކިޔަވަމުއޭ، ބުނާބުނުމުގެ މާނައަކީ، އަޅުގަނޑުމެން ރަސޫލާއަށް ރަޙްމަތްއެދި ދުޢާކުރަމޭ.

އެހެންވީމާ، އެކަންކުރުން އެއީ ދީނުގައި ވާޖިބުކުރައްވާފައިވާ ކަމެއް. ނަމާދުގައިވެސް އަޅުގަނޑުމެން އެކަން ކުރަންޖެހޭ. ރަސޫލާއަށް ޞަލަވާތް ކިޔަވަންޖެހޭ. ނުވަތަ ދުޢާކުރަންޖެހޭ. އެކަންކުރަންވީ ގޮތާ ދޭތެރޭގައިވެސް ރަސޫލާގެ އިރުޝާދު ވަރަށް ފުރިހަމަގޮތެއްގައި ލިބިފައި އެބައޮތް. ބައެއް ޙަދީޘްފޮތްފޮތުގައި އެބަހުރި. ބައެއް އަޞްޙާބު ބޭކަލުން ރަސޫލާގެ އަރިހަށް ވަޑައިގެންދެންނެވިއޭ. "ޤުރްއާނުގައި ﷲވަނީ ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ތިމަންނާމެންގެ މައްޗަށް ވާޖިބުކުރައްވާފައޭ. އެހެންވީމާ، އެކަން ތިމަންމެން ކުރަންވީ ކޮންގޮތަކަށްތޯއޭ؟ ކޮބައިތޯއޭ ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ނުވަތަ ޞަލަވާތް ކިޔަވަންވީގޮތަކީ ނުވަތަ ކަލޭގެފާނަށް ދުޢާ ކުރަންވީގޮތަކީ ކޮބައިތޯއޭ." ދެން އެކަލޭގެފާނު އިރުކޮޅެއްވަންދެން އިސްދަށަށް ޖައްސަވައިލައްވައިގެން އިންނަވާފައި ޖަވާބުދެއްވި. قولوا ތިޔަބައިމީހުންކިޔާށޭ ނުވަތަ ބުނާށޭ. اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ.

އާދެ، މިއީ ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވަންވީ ގޮތަކީ ނުވަތަ ރަސޫލާއަށް ދުޢާކުރަންވީ ގޮތަކީ. ރަސޫލާ އެކަލޭގެފާނުގެ ބަސްފުޅުން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވަނީ، އަޅުގަނޑު މިދެންނެވި ޢިބާރާތް، ކުޑަކޮށް ޚިލާފުވާކަހަލަ ގޮތަކަށް ބައެއް އެހެން ޙަދީޘްތަކުގައިވެސް އެބަހުރި. އެހެންނަމަވެސް ގާތްގަނޑަކަށް މިގޮތަށް ހުންނާނީ. އެހެންވީމާ، މީގެ މައްޗަށް ބިނާކުރައްވައި ޢިލްމުވެރިން ވިދާޅުވަނީ، ރަސޫލާއަށް ދުޢާކުރުމުގައި ބޭނުންކުރަންވާނީ صلاة އެލަފްޒު އޭގެ އިތުރަށް سلام، بركاة މިތިން ލަފްޒޭ. އެއީ ދުޢާކުރުމުގެގޮތުން ކަމުގައިވިޔަސް، އޭގެމާނައަކީ صل، سلّم، بارك އެހެންކަމުގައިވިޔަސް، ނުވަތަ އޭގެ ماضى فعل އެއް ގޮތުގައިވިޔަސް صـلّى الله علـيـه وسـلّم، صلّى الله عليه وبارك وسـلّم މިގޮތުން ނަމަވެސް އެންމެ ރަނގަޅު. ވާހަކައަކީ މިދެންނެވި ތިންލަފްޒު ނުވަތަ އެތިން ލަފްޒުންކުރެ ލަފްޒެއް ބޭނުންކުރެވޭ ގޮތުގެމަތިން އެދުޢާގެ ޢިބާރާތް އައުމުން އެއީ ރަސޫލާ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވާގޮތަށް އެކަން ކުރެވުނީ ކަމަށްވާނެކަމަށް އިލްމުވެރިން ވިދާޅުވަނީ. މިދެންނެވިގޮތުގެމަތިން، ރަސޫލާއަށް ދުޢާކުރުން އެއީ ވަރަށްމާތްކަމެއް ކަމުގައި ވަރަށް ގިނަގުނަ ޙަދީޘްތަކުން އަޅުގަނޑުމެންނަށް އެނގެން އެބަހުރި. އޭގެ ތެރެއިން އެއް ޙަދީޘެއް ދަންނަވާލާނަން. عبد الله بن عمر بن العاص ރިވާކުރެއްވި. ތިމަންނާ އެއްސެވީމޭ، رســول اللّـه ގެފާނު ޙަދީޘްކުރައްވާ އަޑު، مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا "ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ދުޢާކޮށްފިމީހާއަށް ﷲ ދިހަފަހަރު ރަޙްމަތްލައްވާނެއޭ." އެހެންވީމާ، ރަސޫލާއަށް ރަޙްމަތަށް އެދި ދުޢާކުރުމުގެ މާތްކަން، ޝައްކެއްނެތްގޮތުގައި، މިޙަދީޘުން އަދި މިފަދަ އެހެން ޙަދީޘްތަކުން އަޅުގަނޑުމެންނަށް އެބައެނގޭ.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު އަބަދުގެ އަބަދަށް ލިބިލިބި އޮތުން. އަދި އެހިދާޔަތުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ﷲ އަޅުގަނޑުމެންނަށް ދެއްވުން. ކީރިތިރަސޫލާ އެ ދެއްކެވި މާތްނަމޫނާއިން ޢިބްރަތްތަކެއް ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤުވެސް އަޅުގަނޑުމެންނަށް ދެއްވުން. އެކަލޭގެފާނުގެ ޙަޔާތްޕުޅުން ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ދަސްވެ، އެކަލޭގެފާނު ގެންނެވި އުޞޫލުތަކުގައި ހިފެހެއްޓުމުގެ ބާރާއި ވާގިވެރިކަން އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ކީރިތިރަސޫލާ އަޅުގަނޑުމެންނަށް އަންގަވާފައިވާގޮތުގެމަތިން، ﷲ އެކަލޭގެފާނުގެ މައްޗަށް ރަޙްމަތްލެއްވުން.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ.

والسّلام عليكم ورحمـة اللّـه وبركاته.