بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދު ކުޅުދުއްފުށްޓަށް ޒިޔާރަތްކޮށް ކުޅުދުއްފުށީގެ ވެރިންނާއި، ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. އާދެ، އަޅުގަނޑުގެ މިދަތުރަކީ، ދެންމެ ތިޔަބޭފުޅުން ތިޔައެއްސެވި ފަދައިން، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އުތުރުގެ ބައެއް ރަށްރަށަށް ކުރަން ހަމަޖެހިފައިވާ ދަތުރެއް. ދަތުރުކުރުމަށް ކުރިން ޚިޔާލު ކުރެވިފައި އޮތްގޮތަކީ، އިއްޔެ ފެލިވަރުން ފުރައިގެން މަނަދުއަށްގޮސް، އިރުއޮއްސެންވާއިރަށް މަނަދޫން އައުން. އެހެންނަމަވެސް، މޫސުން ހުރިގޮތުން އިއްޔެގެ ދަތުރު އެހެން ނުގެންދެވުނީ.

ހަމަ އެގޮތަށް، މިއަދުވެސް ގަސްތުކުރެވިފައި އޮތީ، މިއަދު ހެނދުނު ފުރައިގެން މަކުނުދުއަށް ދާން. މަކުނުދޫގައި ކުރަން ހަމަޖެހިފައިވާ ކަމެއްވެސް އޮތް. އާދެ، އެއީ އެ ރަށުގެ މަދަރުސާއެއްގެ ބިންގާ އަޅައިދިނުން. އެކަންވެސް މިއަދު ވާގޮތްނުވީ. ތަޤްދީރު ދިމާކުރިގޮތުން. ވައިބާރުވެ، ކަނޑުގަދަވުމުގެ ސަބަބުން، އަޅުގަނޑު ކޮމަންޑޫން ފުރައިގެން ދަތުރުކުރަމުން ދިޔައިން މަކުނުދުއާ ދިމާއަށް. ނަމަވެސް، ވަކި ހިސާބަކަށް ގޮސްފައި، ދަތުރު ކުރެވޭގޮތް ނުވެގެން، ލާންޗް އަނބުރާލަން ޖެހުނީ.

އެހެންވީމާ، މިއަދު އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު މިއަދު މި ދައްކާވާހަކައަކީ ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، އެވިދާޅުވި ފަދައިން، ހދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، ދައްކާވާހަކައެއް ކަމަށް ހިމެނިދާނެތީ، މިއަދު އަޅުގަނޑު އެންމެ ފުރަތަމަ ބުނަން ބޭނުންވަނީ، މަކުނުދްއަށް ނުދެވުނުކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަކުރަމޭ. އަދި މަކުނުދޫގެ ވެރިންނާއި ރައްޔިތުން އެކަން ގަބޫލު ކުރެއްވުން އެދެމޭ. އިރާދަކުރެއްވިއްޔާ، ދެން ލިބޭ ފުރުޞަތެއްގައި މަކުނުދުއަށް ދިޔުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކޭނަމޭ.

އާދެ، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކުޅުދުއްފުށްޓަށް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެންމެ އުތުރުގެ ދެ އަތޮޅަށް ދަތުރެއް ކުރިން. އެ ދަތުރުގައި އަޅުގަނޑު ކުޅުދުއްފުށްޓަށް އައިން. އާދެ، ހަނދާންވާ ގޮތުގައި، އެއީ 1979ވަނަ އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހު. އެ ދުވަހު އައިސް، މި ރަށުގައި ޢިމާރާތް ކުރެވުނު، އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައިދިނީ. އަދި އޭގެފަހުންވެސް، ބައެއްފަހަރު މި ރަށަށް ވަނީ ޒިޔާރަތް ކުރެވިފައި. އޭގެ ތެރެއިން އެއްފަހަރަކު، މި ރަށުގައި މިހާރު ހިނގަމުންމިދާ، ސަރަޙައްދީ ހަސްފަތާލު ހުޅުވައިދިނުމުގެ އުފާވެސް އަޅުގަނޑަށް ލިބުނު. އަދި ރާއްޖެތެރޭގައި ކުރެވޭ އެކިއެކި މަސައްކަތްތައް ބަލައިލުމަށް ކުރާ ދަތުރުގައިވެސް ރާއްޖެތެރޭގެ ރަށްރަށަށް ދިއުމުގެ ފުރުޞަތު އަޅުގަނޑަށް ލިބޭ. އެގޮތުން މި ރަށަށް އަޅުގަނޑަށް ވަނީ އެއްފަހަރަށްވުރެ ގިނަފަހަރު އާދެވިފައި.

ޝައްކެއްނެތް، ކުޅުދުއްފުށްޓަކީ، ވަރަށް ޚާއްޞަ ރަށެއް. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލާއިރު. މި ރަށް ހިމެނެނީ މާލެއިން އުތުރުގައި އޮތް އެންމެ މީހުން ގިނަ ރަށް ކަމުގައި. މުޅި ރާއްޖެއަށް ބަލައިލައިފިނަމަ، މުޅި ރާއްޖޭގެ ނިސްބަތުގައި ތިންވަނަ ރަށް ކަމުގައި. އެކަންއޮތީ އެހެންކަމަށްވުމާއެކު، ސަރުކާރުގެ ފަރާތުން މި ރަށަށްދޭ އަހަންމިއްޔަތަކީވެސް، ވަރަށްބޮޑު އަހަންމިއްޔަތެއް. އޭގެ ވަރުގަދަ ހެތްކެއް، މިހާރު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވާ ބުރަ މަސައްކަތް، ކުޅުދުއްފުށީ ފަޅު ކޮނުމުގެ މަސައްކަތް. ޝައްކެއްނެތް، ކުޅުދުއްފުށީގެ ފަޅު އޮތްގޮތް އެއީ މި ރަށުގެ ތަރައްޤީއަށް އެޅިފައި އޮތް ވަރަށްބޮޑު ހުރަހެއް. އަޅުގަނޑު މީގެ ކުރިން މި ރަށަށް އަންނަ ކޮންމެ ފަހަރެއްގައިވެސް، އެކަން އަޅުގަނޑަށް އޮތީ ފެނިފައި. އަދި ފަޅު އޮތްގޮތުން ރަށަށް ލިބެމުންދިޔަ ދަތިކަން އަޅުގަނޑަށް އޮތީ ކިތަންމެ ރަނގަޅަކަށްވެސް ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުންވެސް އިޙްސާސް ކުރެވިފައި. އެހެންވުމާއެކު، މިހާރު ކުޅުދުއްފުށީ ފަޅު ކޮނުމުގެ މަޝްރޫޢެއް ރޭވިގެން ހިނގަމުން އެދަނީ. ސަރުކާރުން ޚަރަދުކޮށްގެން ހިނގާ ވަރަށްބޮޑު މަސައްކަތެއް މިއީ. އަދި މާލެ ފިޔަވައި ރާއްޖެތެރޭގެ އެހެން ރަށެއްގައި މިބާވަތުގެ މަސައްކަތެއް މި ފެންވަރަކަށް ގެންދެވިފައެއް ނެތް.

އާދެ، އަޅުގަނޑު ހިތުން މިހާރުވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް އިޙްސާސް ކުރެއްވޭނެ، މި މަޝްރޫޢު މިހާތަނަށް ދިއުމުންވެސް މި ރަށަށް ލިބިފައިވާ ފަސޭހަތައް. ސަރުކާރުން ގަސްތުކުރަނީ، މި މަޝްރޫޢު ހަމަ މިހާރު މިގެންދާ ބާރުމިނުގައި ނުވަތަ އެއަށްވުރެވެސް ހަލުއިކޮށް، ކުރިޔަށް ގެންގޮސް ނިންމައިލެވޭތޯ ބެލުމަށް. މި މަޝްރޫޢު ނިމުމުން، ޝައްކެއްނެތްގޮތުގައި، ކުޅުދުއްފުށީގެ ރައްޔިތުންނަށް އެކަމުން ވަރަށްބޮޑު ލުޔެއް ލިބޭނެ. އެކަމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް އޮތް ހުރަހެއް ނައްތައިލެވުމާ އެކުގައި ތަރައްޤީގެ މަގު ތަނަވަސްވެގެންދާނެ.

އާދެ، މި ދެންނެވި ބޮޑު މަޝްރޫޢުގެ އިތުރަށް، ކުރިންވެސް އިޝާރަތް ކުރި ފަދައިން، މި ރަށުގައިވަނީ ސަރުކާރުގެ ޚަރަދުގައި މަދަރުސާއެއް ބިނާކުރެވިފައި. އެތާނގެ ތަޢުލީމު އެކަށީގެންވާ ގޮތުގައި މި ރަށުގެ ކުދިންނަށް ދެވެމުން އެބަދޭ. ހަމަ އެފަދައިން، މި ހިސާބުގަނޑުގެ މީހުން ބަލިވުމުން ބޭސްކުރުމަށް އަންނާނެ ހަސްފަތާލެއް މި ރަށުގައި ޢިމާރާތްކުރެވި، އެ ހަސްފަތާލުވެސް މިހާރު ދަނީ ހިނގަމުން. އޭގެ އިތުރުން، މި ރަށުގައި، ރަށު އޮފީހެއް ޢިމާރާތްކުރުމުގެ ކަންތައްވެސް ވަނީ ކުރެވިފައި.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މި އުޅުނު އެއްޗަކީ، ކުޅުދުއްފުށްޓަކީ ވަރަށް ޚާއްޞަ ރަށަކަށްވުމާއެކު، ސަރުކާރުން ކުޅުދުއްފުށްޓަށް ވަރަށްބޮޑު ސަމާލުކަމެއްދީގެން، ކުޅުދުއްފުށީގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ގޮތުގެމަތިން އެކިއެކި މަޝްރޫޢުތައް ވަނީ ހިންގާފައޭ. އަދި މިހާރުވެސް ހިންގަމުން އެބަގެންދެއޭ.

އާދެ، މިއަދު އަޅުގަނޑު މި ރަށަށް އައިއިރު، ހދ. އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންވެސް މި ރަށަށް ވަޑައިގެން ތިއްބެވި. އެހެންވީމާ، އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހެން މިދެންނެވީ، އަޅުގަނޑުގެ މި ދަތުރު ރޭވިފައި އޮތްގޮތުން މި އަތޮޅުގެ މާ ގިނަ ރަށްތަކަކަށް ދެވޭކަށެއް ނެތް. މިއަދު މިތަނުން ފުރައިގެން އިރާދަކުރެއްވިއްޔާ ހަނިމާދުއަށް ދާގޮތަށް އޮތީ ރޭވިފައި. ދެން އަޅުގަނޑަށް ދާންޖެހެނީ އެހެން ދިމާއަކަށް. އާދެ، މާދަމާ އިރާދަކުރެއްވިއްޔާ، އުތީމުގައި އޮތް އިޙްތިފާލެއްގައި ބައިވެރިވުމަށް. އޭގެފަހުން ދަތުރު އޮތްގޮތުންވެސް، ހދ. އަތޮޅުގެ އެހެން ރަށްރަށަށް ދެވޭގޮތަކަށް މިފަހަރު ހަމަޖެހިފައެއްނެތް.

އާދެ، އެހެންވުމާއެކު، މިއަދު އަޅުގަނޑު މި ރަށަށް އަންނާތީ، މި ތަނަށް ވަޑައިގެން ތިއްބެވި ހދ. އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން. ހަމައެއާއެކު، އެ ބޭފުޅުން އެނބުރި އެ ބޭފުޅުންގެ ރަށްތަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށްވެސް އެދެން.

އާދެ، އަޅުގަނޑު މި ދެންނެވި ދަތުރުގައި މި އަތޮޅަށް އައުމާއެކު، އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް. އެއީ މި ރަށުގެ ރައްޔިތުންގެ ފަރާތުން، އަދި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންގެ ފަރާތުން. އަދި އެއަށްވުރެވެސް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާހިތްއޮތީ، މި އަތޮޅު އަތޮޅުވެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު މަރުޙަބާ. އެހެންވީމާ، އަތޮޅުވެރިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިފަހަރު ކަންތައް ދިމާވިގޮތުން، އަތޮޅުވެރިންނަށް ޖެހިވަޑައިގަތީ ވަރަށްބޮޑު ބުރައެއް އުފުއްލަވަން. އެއީ އަޅުގަނޑު ދާނެކަމަށް ހީކުރައްވާ ކޮންމެ ދިމާއަކަށް އޭނާ ވަޑައިގަންނަވާ. އެކަމަކު އެތަނަށް ވަޑައިގަންނަވާއިރު އެނގިވަޑައިގަންނަވަނީ އަޅުގަނޑަށް އެތަނަކަށް ނުދެވުނުކަން. ދެން އަނބުރާލައްވާފައި، އަޅުގަނޑު ހުރި ދިމާއެއް ހޯއްދަވަން، އަނެއްކާވެސް ވަޑައިގަންނަވަން ޖެހިވަޑައިގަތީ. އެގޮތުން ވަރަށް ބުރަކޮށް އޭނާއަށް މިދިޔަ ސައުވީހަކަށް ގަޑިއިރު ތެރޭގައި އުޅުއްވަން ޖެހިވަޑައިގެންފި. އެކަން އަޅުގަނޑު އިޙްސާސްކުރަން. އެކަމަށްޓަކައި މަޢާފަށްވެސް އެދެން. އެހެންނަމަވެސް، އެއީ މިފަހަރު ދަތުރުކަންތައް ދިޔަގޮތުން އަޅުގަނޑުގެވެސް އިޚްތިޔާރެއްނެތި، ހިނގަމުންދިޔަ ކަންތައްތަކެއްކަން އަޅުގަނޑު ހިތުން އޭނާވެސް ގަބޫލުކުރައްވާނެ.

އާދެ، މިރަށު ރައްޔިތުންނާ ވާހަކަދައްކާއިރު، ދެން މާގިނަ ވާހަކަތަކެއް ދައްކަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ކުޅުދުއްފުށީގެ ރައްޔިތުންނަކީ ކުރިއްސުރެ، ވަރަށް ހީވާގި، ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި ބައެއްކަމަށް އޮންނަނީ މުޅި ރާއްޖޭގައިވެސް ފާހަގަކުރެވިފައި. އެހެންވީމާ، މިރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ދައްކާވާހަކައެއްގައި، އިތުރަށް މަސައްކަތް ކުރެއްވުމަށް ބާރުއެޅުމުގެ ގޮތުން މާގިނަ ވާހަކަތަކެއް ދައްކަންޖެހޭނެކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ޔަޤީންކުރަނީ، މިހާރުވެސް ކުޅުދުއްފުށީގެ ރައްޔިތުން، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާނޭކަމަށް. އަދި ރަށަށް ލިބޭ ތަނަވަސްކަން، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ ގޮތެއްގެމަތިން ކުޅުދުއްފުށީގެ ރައްޔިތުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ހދ. އަތޮޅުގެ އަތޮޅުވެރިންނަށާއި، ކުޅުދުއްފުށީގެ ވެރިންނަށާއި ރައްޔިތުންނަށް އަދި ހދ. އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނަށްވެސް ޝުކުރު ދަންނަވަމުން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް ތަނަވަސް ފާގަތި މުސްތަޤްބަލެއް ދެއްކެވުން. ރާއްޖޭގެ ރައްޔިތުން ތަރައްޤީގެ މަގުގައި ކުރަމުންދާ ބުރަ މަސައްކަތްތަކުގައި އެކަލާނގެ ހެޔޮ ތައުފީޤު ލެއްވުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަޅުގަނޑުމެން އެންމެންގެ ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.