بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އިހު މީހުން ގެންގުޅޭ ހަރުބަހެއްގައި ބުނޭ، ފަހަރެއްގައި އިއްތިފާޤުން ދިމާވާ ކަމެއް، އެއްހާސް ރޭވުމަށްވުރެ މޮޅުވެދާނެއޭ. މިއަދު ނުވަތަ މިރޭ އަޅުގަނޑުމެންނަށް ކަންތައް މިދިމާވީ، މިދެންނެވި ހަރުބަހުގައި ބުނެފައި އެވާގޮތަށް.

އާދެ، ކޮމަންޑުއަށް އައުމަކީ، އަޅުގަނޑަށް ކިތަންމެ އުފަލެއް ހާސިލުކުރެވޭނެ ކަމެއްކަމުގައިވިޔަސް، މި ދަތުރުގައި ކޮމަންޑުއަށް ޒިޔާރަތްކުރާ ގޮތަކަށް ނޫން އޮތީ އިންތިޒާމުކުރެވި، ރޭވިފައި. އެހެންނަމަވެސް، މިއަދުގެ ދަތުރުދިޔަގޮތުން، މާލެއިން ފުރަތަމަ ފުރުންވެސް ތަންކޮޅެއް ލަސްވީ. ފުރައިގެން ފެލިވަރަށް އައިސް، ފެލިވަރުގެ މަސައްކަތްތައް ކުޑަކޮށް ބަލައިލާފައި، އެތަނުން ފުރައިގެން އުތުރަށްދިޔަ މަގުމަތީގައި ޖައްސަން ޖެހުނު ރަށަކީ ކޮމަންޑޫ. އެގޮތުން، އަޅުގަނޑު މިއަދު ކޮމަންޑުއަށް މިއައީ. އެހެންނަމަވެސް، އަޅުގަނޑު ކޮމަންޑޫގެ ވެރިންނަށާއި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުމީ މިއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެކޭ.

ކޮމަންޑޫގެ ރައްޔިތުން ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު ކޮމަންޑުއަށް މީގެ ކުރިން ދެފަހަރެއްގެ މަތިން ޒިޔާރަތްކޮށްފިން. އެއްފަހަރަކީ، ޅ. އަތޮޅަށް ކުރި ދަތުރުގައި، މި ރަށަށް އައި އައުން. އަނެއްފަހަރަކީ، އޭގެކުރިން އެންމެ ފުރަތަމަ އަޅުގަނޑު އުތުރަށް ކުރި ދަތުރުގައި، ތިލަދުންމައްޗަށް ކުރި ދަތުރުގައި، މި ރަށަށް މަޑުކޮށްލި މަޑުކޮށްލުން. އެހެންވީމާ، މިއީ އަޅުގަނޑަށް ކޮމަންޑުއަށް ޒިޔާރަތް ކުރުމަށް ލިބުނު ތިންވަނަ ފުރުޞަތު. މި އުފާ އަޅުގަނޑަށް ހާސިލުވި ތިންވަނަފަހަރު.

އާދެ، މިރޭ އަޅުގަނޑު ގަސްތުކޮށްގެން ހުރީވެސް ކޮމަންޑުއަށް ފައިބައި، ރަށުތެރެ ކުޑަކޮށް ބަލައިލާފައި އަދި ޚާއްޞަކޮށް، ކޮމަންޑޫގައި ވަރަށް ތަނަވަސްކޮށް މިސްކިތެއް ޢިމާރާތް ކުރައްވާފައިވާ ވާހަކަ އަހާފައި އޮތީމާ، އެ މިސްކިތްވެސް ބަލައިލައި އަދި މި އަތޮޅުގެ ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކޮށް، އެ ކަންތައް ނިންމާލުމަށްފަހު، އެނބުރި ބޯޓަށް ދާން. އެހެންނަމަވެސް، އަޅުގަނޑު މި ރަށަށް ފައިބައި، މި ދެންނެވި ތަންތަން ބަލައިލުމަށްފަހު، މި ރަށުގެ ވެރިންގެ ފަރާތުން އަޅުގަނޑަށް އެނގުނީ ކޮމަންޑޫގެ ރައްޔިތުން އަޅުގަނޑުގެ އިންތިޒާރުގައި އެބަތިއްބެވިކަން. އަޅުގަނޑު ކޮންމެވެސް އެއްޗެއް ރައްޔިތުންނަށް ދެންނެވުމުގެ އިންތިޒާރުގައި މިތަނަށް ހާޒިރުވެވަޑައިގެން އެބަތިއްބެވިކަން.

އާދެ، ރައީސަކަށް ހުންނަ މީހަކު ކަންތައް ކުރަންޖެހޭނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުން އެ މީހަކު އިންތިޚާބު ކޮށްފައި އެ ހުންނަނީ ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ގެންގޮސްދޭން. އެހެންވީމާ، ކޮމަންޑުއަށް އާދެވުނު ވަގުތު، ކޮމަންޑޫގެ ރައްޔިތުން އެދިވަޑައިގަންނަވަނީ އަޅުގަނޑު ރައްޔިތުންނާ މުޙާޠަބުކޮށް، އެއްޗެއް ދަންނަވަން ކަމުގައިވަންޏާ، އަޅުގަނޑު އެ ބަލަންޖެހޭނީ، އަޅުގަނޑަށް ކޮމަންޑޫގެ ރައްޔިތުން ކުރެއްވި އަމުރެއް ކަމުގައި. އެހެންވީމާ، އެ އަމުރަށް ކިޔަމަންވުމުގެ ގޮތުން، އަޅުގަނޑު މިރޭ މިތަނަށް އައިސް، ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކޮށް، މި ވާހަކަކޮޅު މިދައްކާލީ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މިތަނަށް އައިސް ވާހަކަ ދައްކާގޮތަކަށް ނޫން އަޅުގަނޑު ޚިޔާލުކޮށްފައި އޮތީ. އެހެންވީމާ، މިރޭގެ ވާހަކަ އަޅުގަނޑު މާދިގުކުރާކަށްނެތިން. އަޅުގަނޑު އަދިވެސް އެއްފަހަރު، ކޮމަންޑުއަށް އާދެވުނުކަމަށްޓަކައި ކޮމަންޑޫގެ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އުފާވެރިކަމުގެ ޝުޢޫރު ދަންނަވާލަން ބޭނުންވޭ. ހަމައެއާއެކު، ކޮމަންޑޫގެ ރައްޔިތުންނަކީ، ތަރައްޤީއަށް ލޯބިކުރައްވާ، ހީވާގިކަމާއެކު ހުރިހާ ރޮނގަކުންވެސް މަސައްކަތް ކުރައްވާކަމަށް ފާހަގަކުރެވިފައިވާ ރައްޔިތުންތަކެއް ކަމަށްވާތީ، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަޢުރީފު ރައްދުކުރަން.

ރަށަކީ، ރަށުގެ ރައްޔިތުން ވަރަށް އެކުވެރިކަމާއެކު ކުރިޔަށްދާ ރަށެއްކަން އޮންނަނީ ފާހަގަކުރެވިފައި. ވެރިންނާއި ރައްޔިތުން ގުޅިގެން ހުރިހާ ކަމެއްވެސް އިޞްލާޙުކޮށް، ތަރައްޤީގެ މަގުގައި ހިންގެވޭތޯ ރައްޔިތުން ބައްލަވާކަން އަޅުގަނޑަށް އޮންނަނީ އެނގިފައި. އެއީ އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި އުފަލާއެކު ފާހަގަކުރާ ކަމެއް.

އާދެ، އަޅުގަނޑުގެ އެދުމަކީ، މިހާރުވެސް ރައްޔިތުން ތިޔަކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދެވުން. ރައްޔިތުންގެ ކުރިއެރުން އޮންނާނީ އެބަޔަކު ކުރާ މަސައްކަތެއްގައި ހިމެނިފައި ކަމަށްވާތީ، މި ރަށުގެ ރައްޔިތުންވެސް ހުރިހާ ކަމެއްގައިވެސް ފަރުވާތެރިކަމާއެކު، މަސައްކަތް ކުރައްވަމުން ގެންދެވުމަކީ، އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި ތިޔަބޭފުޅުންގެ ވާޖިބަކަށް ވާނީ.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ކޮމަންޑުއަށް މިއަދަށްވުރެ ފާގަތި ބާއްޖަވެރި އުފާވެރި މާދަމާއެއް ދެއްކެވުން. ކޮމަންޑޫގެ ވެރިންނާއި ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލެއްވުން. އަދި ދިވެހިރާއްޖެއަށް އަދަށްވުރެ، ހުރިހާ ގޮތަކުންވެސް ތަނަވަސް އަދި އުފާވެރި މުސްތަޤްބަލެއް ދެއްކެވުން.

والسّــلام عليكم ورحمـة اللّـه وبركاته.