بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

ޝައްކެއްނެތް، މިއަދަކީ ރާއްޖޭގެ ސްކައުޓް ޙަރަކާތުގައި ވަރަށް ތާރީޚީ ދުވަހެއް. ރާއްޖޭގެ ސްކައުޓް ޙަރަކާތް ފެށުނީ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން މީގެ 25 އަހަރު ކުރިން. މި އަހަރަކީ ރާއްޖޭގައި ސްކައުޓް ޙަރަކާތް އުފެދުނުތާ 25 އަހަރު ފުރުނު އަހަރު ކަމަށްވުމާއެކު، އެޙަރަކާތުގެ ރިހިޔޫބީލް ދިމާވާ އަހަރު.

އާދެ، މިފަދަ މުހިންމު މުނާސަބަތެއްގައި، ރާއްޖޭގެ ސްކައުޓުންގެ ފުރަތަމަ ޤައުމީ ޖަމްބަރީ ނުވަތަ ރާއްޖޭގެ ސްކައުޓުންގެ ފުރަތަމަ އާންމު އެއްވުން، މި ބޭއްވޭ ދުވަހަކީ ނުވަތަ މި ބޭއްވޭ މުނާސަބަތަކީ، ޝައްކެއްނެތްގޮތުގައި ރާއްޖޭގެ ސްކައުޓް ޙަރަކާތުގެ ތާރީޚުގައި ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ދުވަހެއް.

އާދެ، މިއަދު އަޅުގަނޑު ޖަމްބޮރީއަށް އައިސް، މި ޖަމްބޮރީ ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ރާއްޖޭގެ ސްކައުޓް ޗީފް ކޮމިޝަނަރ އަލްއަޚް އަޙްމަދު ޝާޠިރަށް، އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެފަދައިން، ސްކައުޓް އެސޯސިއޭޝަންގެ އެންމެހައި ހިންގުންތެރިންނަށާއި ވެރިންނަށް، އަދި ކައުންސިލްގެ މެމްބަރުންނަށްވެސް އަޅުގަނޑު އުފަލާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް ދެންމެ މިތާނގައި ހިސާބަކަށް ނަމަވެސް މަޢުލޫމާތު ލިބުނު ގޮތުގައި، ސްކައުޓް ޙަރަކާތަކީ ވަރަށް ފުރިހަމަ މަޤްޞަދުތަކެއް ހާސިލުކުރުމަށްޓަކައި، ދުނިޔޭގައި އުފެދިފައިވާ ޙަރަކާތެއް. އާދެ، އެ ޙަރަކާތް އުފެދުނީ، ރާއްޖެއަކު ނޫން އަދި ރާއްޖެއާ ގުޅޭ ހިސާބެއްގައިވެސް ނޫން. ވަރަށް ދުރުގައި އުފެދުނީ. އެހެންނަމަވެސް، ވޭތުވެދިޔަ ހަތްދިހަ އަށް އަހަރު ދުވަހުގެ ތެރޭގައި، އެ ޙަރަކާތުގެ ކަންތައްތައް ދުނިޔޭގެ ކަންކޮޅުތަކަށް ދިޔައީ ފެތުރިގެން. ދުނިޔޭގެ ހުރިހާ ޤައުމަކަށް ސްކައުޓް ޙަރަކާތުގެ ކަންތައްތައް ފެތުރިގެންގޮސް، އެއިން ކޮންމެ ޤައުމެއްގައިވެސް އެ ޙަރަކާތުގެ މަސައްކަތްތަކާއި، ޚިދުމަތްތައް ވަނީ ފެށިފައި. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީވެސް، ދުނިޔޭގައިވާ ޤައުމަކަށްވާތީ، ދުނިޔޭގައި ހިނގާ މުހިންމު ކަންތައްތައް ރާއްޖެއަށްވެސް އާދޭ. އެއުސޫލުން ރާއްޖެއަށް ސްކައުޓް ޙަރަކާތް ތަޢާރުފުވެ، މިހާރު އެދެވޭ ހިސާބަކަށް ހިނގައްޖެކަމަށް އަޅުގަނޑަށް ފެނޭ.

އާދެ، މީގެ 25 އަހަރު ކުރިން ސްކައުޓް ޙަރަކާތް ފުރަތަމަ އުފެދުނުއިރު، މިތާނގައި ދެންމެ ހާމަވެގެންދިޔަ ފަދައިން ތިބީ ހަމައެކަނި 18 ކުދިން. އެހެންނަމަވެސް، އޭގެ 25 އަހަރު ފަހުން، މިއަދު ރާއްޖޭގައި ގާތްގަނޑަކަށް ހާހަކަށް ކުދިން، އެ ޙަރަކާތުގައި ބައިވެރިވެފައިވާކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އެންމެ ފުރަތަމަ މި ޙަރަކާތް އުފެދުނީ، ރާއްޖޭގައި ހުރި، ފިރިހެން ކުދިންނަށް ކިޔަވައިދޭ އެންމެ މުހިންމު މަދަރުސާ ކަމުގައިވާ މަޖީދިއްޔާގައި. އެއީ މިކަހަލަ ކަންތައްތައް ފެށެން ވަރަށް އެކަށީގެންވާ ތަނެއް. މިހާރު މަޖީދިއްޔާގެ އިތުރަށް މާލޭގެވެސް، ހުރިހާ ބޮޑެތި މަދަރުސާތަކުގައި މި ޙަރަކާތްވަނީ ފެށިފައި. އަދި އެ މަދަރުސާތަކުގެ ކުދިން، ސްކައުޓް ކުދިން މި ޖަމްބޮރީގައި ބައިވެރިވޭ. ހަމައެއާއެކު، ރާއްޖެތެރޭގެ ހަމަ ވަރަށް ގިނަ އަތޮޅުތަކުގައި ސްކައުޓް ޙަރަކާތްވަނީ ފެށިފައި. އޭގެ ޚިދުމަތްތައް ކޮންމެވެސްވަރަކަށް މިހާރު ދަނީ ލިބެމުން. އަޅުގަނޑުމެންގެ މި ޖަމްބޮރީގައިވެސް އޭގެ ތެރެއިން ބައެއް ސްކޫލްތަކުގެ ކުދިން ބައިވެރިވާކަން އަޅުގަނޑުމެން މިއަދު ފާހަގަކޮށްލަންޖެހޭ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ސްކައުޓް ޙަރަކާތަކީ ވަރަށް މަތިވެރި މަޤްޞަދުތަކަކަށް މަސައްކަތްކުރާ ޙަރަކާތެއް. އާދެ، ކުރުކޮށް ދަންނަވަންޏާ، ސްކައުޓް ޙަރަކާތަކީ ކޮންމެ ޤައުމެއްގައިވެސް ރަނގަޅު މުވާޠިނުންތަކެއް އުފެއްދުމަށް ފެށިފައިވާ ޙަރަކާތެއް. ރަނގަޅު މުވާޠިނެއްގައި ހުންނަންވީ ސިފަތައް ޒުވާނުންނާއި، ޅަކުދިންގައި އަށަގެންނެވުމަށްޓަކައި އުފެދިފައިވާ ޙަރަކާތެއް. އެއްވެސް މީހަކަށް ރަނގަޅު މުވާޠިނަކަށް ވެވޭނީ، އެމީހެއްގައި ވަރަށް ޚާއްޞަ ސިފަތަކެއް ހުރެގެން. އެންމެ ފުރަތަމަ އެމީހާ ހެއްދެވި ފަރާތަށް އިޚްލާޞްތެރިވެގެން. اللّـه سبحـانـه وتعـالىގެ ޙައްޤުތަކަށް ރައްކާތެރިވެގެން. ދެވަނައަށް އެމީހެއްގެ ޤައުމަށް އިޚްލާޞްތެރިވެގެން. އެމީހެއްގެ ޤައުމުގެ ވާޖިބުތައް، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ފަރުވާތެރިކަމާއެކު އަދާކޮށްގެން. ތިންވަނައަށް އެމީހަކަށް އަމުރުކުރަން ތިބޭ ފަރާތްތަކަށް ފުރިހަމައަށް ކިޔަމަންވެގެން. އެފަރާތްތަކަކީ ޝައްކެއްނެތްގޮތުގައި، ތަފާތު ރޮނގުރޮނގުން ވިސްނާއިރު، ތަފާތު ފަރާތްތައް. އާދެ، ޤައުމުގެ ވެރިކަންކުރާ ފަރާތް، ސްކޫލް ކުދިންގެ ނަޒަރުން ވިސްނާއިރު، މަދަރުސާތަކުގެ ނާޡިރުން. އިދާރާގެ އެކިއެކި ކަންކަމާ ހަވާލުވެ ތިއްބަވާ ބޭފުޅުން، މުދައްރިސުން، އެކިއެކި ކުޅިވަރުތައް ދަސްކޮށްދެއްވާ މާހިރުން، ޢާއިލާގެ ގޮތުން ވިސްނަންޏާ، މައިންބަފައިން، މުޖުތަމަޢުގެ އެހެން ދާއިރާތަކަށް ވިސްނަންޏާ، ކޮންމެ ދާއިރާއަކާވެސް ހަވާލުވެ ތިއްބަވާ ވެރިން. މި ހުރިހާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމަކީ، ތެދުވެރި ރަނގަޅު މުވާޠިނެއްގައި ހުންނަންވާނެ ސިފައެއް. އެހެންވީމާ، އެކަމަށްވެސް ސްކައުޓް ޙަރަކާތުގައި ވަރަށް މުހިންމު ކަމެއް އޮންނަނީ ދީފައި.

އާދެ، އޭގެ އިތުރުން ސްކައުޓް ޙަރަކާތުގައި ހިމެނޭ މަޤްޞަދުތަކުގެ ތެރޭގައި، މި ދެންނެވީ ކޮންމެ މީހަކީވެސް ރަނގަޅު މުވާޠިނަކަށް ހެދުމަށްޓަކައި ބޭނުންވާ ސިފަތަކުގެ ތެރޭގައި ތެދުވެރިކަން، އަމާނާތްތެރިކަން، އަނެކުންނަށް އެހީތެރިވެދިނުން. ދިމާވާ ކޮންމެ ކަމަކަށް ތައްޔާރަށް ހުރުން. މިބާވަތުގެ މުހިންމު ސިފަތައް ހިމެނޭ. ޝައްކެއްނެތް، މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ހިމެނިފައިވާ ކަންތައްތައް. ވުމާއެކު، އަޅުގަނޑުމެން މި ޙަރަކާތަށް މިހާ މަތިވެރި ތަރުޙީބެއް ދެނީ.

އާދެ، މިއަދުގެ މި އުފާވެރި އެއްވުން ފެށުމުގެ ގޮތުން އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައިވެސް، މިފަދަ މުހިންމު ބޭނުންތަކަށް އިޝާރަތް ކުރައްވައި ވަޙީގެ ބަސްފުޅުތަކެއް އިވިގެންދިޔަ. وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَىٰ "ތިޔަބައިމީހުން ހެޔޮކަން ކުޅައުމުގަޔާއި، ތަޤްވާވެރިވުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިދޭށޭ." އާދެ، އެހެންވީމާ، މުޖުތަމަޢަށް ފައިދާހުރި ކަންތައްތައް މުޖުތަމަޢުގައި ހިމެނޭ އަފްރާދުންނަށް، އެކިއެކި މުހިންމު ޚިދުމަތްތައް ލިބިދެވޭ ކަންތައްތައް. މިއީ ޝައްކެއްނެތްގޮތުގައި، ހެޔޮ ކަންތައްތައް. މި ކަންތައްތަކުގައި އެކަކު އަނެކަކަށް ވާގިދިނުމަކީ، ދީނުގައި އަންގަވާފައިވާ ކަމެއް. ހަމަ އެފަދައިން ތަޤްވާވެރިވުމަށް ދީނުގައި އަންގަވާފައިވާކަން އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން. މި ޙަރަކާތަކީ، ކުރިންވެސް ދެންނެވި ފަދައިން، ކޮންމެ އިންސާނަކީވެސް ތެދުވެރި، ބޭނުންތެރި، ރަނގަޅު މުވާޠިނަކަށް ހެދުމަށް އުފެދިފައިވާ ޙަރަކާތަކަށްވާއިރު، ތިމާ ހެއްދެވި ފަރާތަށް اللّـه سبحـانـه وتعـالى އަށް އިޚްލާޞްތެރިވެ އެކަލާނގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުން އެއީ މި ޙަރަކާތުގެވެސް ވަރަށް މުހިންމު ވާޖިބެއް. ވަރަށް މުހިންމު މަޤްޞަދެއް، އެ މަޤްޞަދުގެ ތެރެއިން އަޅުގަނޑުމެންނަށް ތަޤްވާވެރިވުމަށް ވާސިލުވެވޭފަދަ މަޤްޞަދެއް.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މި ޙަރަކާތަކީ އިސްލާމީ ޤައުމުތަކުގައިވެސް ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ޙަރަކާތެކޭ. އެއީ އޭގެ މަޤްޞަދުތަކަކީ، އަޅުގަނޑުމެންނަށް ބީރަށްޓެހި ނުވަތަ އަޅުގަނޑުމެން ނުދަންނަ މަޤްޞަދުތަކަކަށް ނުވާތީ. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި ކުރިއްސުރެ ހަމަޖެހި، އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ މަޤްޞަދުތަކެއް ކަމަށްވާތީ. އާދެ، ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ ފަދައިން، އިސްލާމްދީނަކީ، އެ ދީނުގެ އުސޫލުތަކާ ޚިލާފުނުވާ ގޮތުން އަދި މުޖުތަމަޢާއި ޤައުމުގެ ފައިދާއަށް ކުރެވޭ ކޮންމެ ކަމަކަށް ތަރުޙީބުދޭ ދީނެއް. އެގޮތުން ސްކައުޓް ޙަރަކާތަށްވެސް އިސްލާމްދީނުގައި ތަރުޙީބު ދެވޭކަމަށް ދަންނަވަންޖެހޭ.

މާތްވެގެންވާ އިސްލާމްދީން އައިއިރު، ޢަރަބިންގެ ތެރޭގައި ހުރި ރަނގަޅު ކަންތައްތަކަށް އެ ދީންވަނީ މަރުޙަބާ ކިޔާފައި. އެ ދީނުގެ ބައެއްގެ ގޮތުގައި ބަލައިގެންފައި. އާދެ، ޢަރަބިންގެ ތެރޭގައިވެސް ކޮންމެވެސްވަރަކަށް މަތިވެރި ސިފަތަކެއް ހުރި. އެއީ އެމީހުންގެ އަމިއްލަ ޝަރަފް ރައްކާތެރިކުރުން. މިސާލަކަށް، ހިތްވަރުގަދަކަން، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވެދިނުން. މެހްމާނުންނަށް ކަމޭހިތުން، މިބާވަތުގެ މާތް ރީތި ސިފަތަކެއް، ޢަރަބިންގެ ތެރޭގައި ކުރިއްސުރެ އަށަގެންފައިވޭ. އެ ސިފަތައް އިސްލާމްދީން ބަލައިގަނެ، އެ ސިފަތައް އެއީ މާތް ސިފަތަކެއް ކަމުގައި އިސްލާމްދީންވެސް ގަބޫލުކޮށް، އެ ސިފަތައް ލިބިގަތުމަށް މީސްތަކުންނަށް ވަނީ އަންގާފައި.

ހަމަ އެފަދައިން، އިސްލާމީ ތާރީޚަށް ވިސްނާލިޔަސް، ކޮންމެ ދައުރެއްގައިވެސް، ބޭރުގެ ޤައުމުތަކުން އުފެދިގެން އައިސްފައިވާ އެކިއެކި ބޭނުންތެރި ކަންތައްތައް އިސްލާމްދީނުގައި ވަނީ ބަލައިގެންފައި. މިޒަމާނުގައިވެސް ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުން، އިންސާނިއްޔަތަށް ބޭނުންތެރި ކޮންމެ ޚިދުމަތެއް، އެއީ އިސްލާމްދީން ބަލައިގަންނަ، އިސްލާމްދީން މަރުޙަބާކިޔާ ޚިދުމަތެއް. އެގޮތުން ސްކައުޓް ޙަރަކާތަކީވެސް، އަޅުގަނޑު ކުރިން ދެންނެވި މަތިވެރި އުޞޫލުތައް އޭގައި ހިމެނިފައިވާ ޙަރަކާތަކަށްވާތީ، އެ ޙަރަކާތަކީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަތުން ވަރަށް އެކަށީގެންވާ މުހިންމު ޙަރަކާތެއް.

އާދެ، އަޅުގަނޑުގެ ވާހަކަ މިއަދު މާދިގުކުރާކަށްނެތިން. މި މުހިންމު އަދި ތާރީޚީ މުނާސަބަތުގައި، މި ޖަމްބޮރީގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. ހަމައެއާއެކު، ސްކައުޓް ޙަރަކާތުގެ ވެރިން، ރާއްޖޭގައި މި ޙަރަކާތް ހިންގަވަން އިސްވެ ތިއްބެވި ބޭފުޅުން، އާދެ، ސްކައުޓް ޗީފް ކޮމިޝަނަރ އަދި ކައުންސިލުގެ މެންބަރުން، ހަމައެއާއެކު، މި ޙަރަކާތުގެ ވަރަށްބޮޑު ބައެއް ހިނގަމުންދަނީ ރާއްޖޭގެ މަދަރުސާތަކުގައި ކަމުގައިވާތީ، މަދަރުސާތައް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި މިނޫންވެސް މި ޙަރަކާތަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި، ޙަރަކާތް ތަރައްޤީ ކުރުމުގެ ގޮތުން ވާގިވެރި ވެދެއްވާ ހުރިހާ ފަރާތްތަކަށް، މިއަދުގެ މުނާސަބަތުގައި އަޅުގަނޑު މަރުޙަބާ ދަންނަވަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މިއަދު މި ފެށޭ ރާއްޖޭގެ ސްކައުޓުންގެ ފުރަތަމަ އާންމު އެއްވުމުގެ ސަބަބުން ސްކައުޓް ޙަރަކާތް، މި އެއްވުމުގައި ބައިވެރިވާ ހުރިހާ ކުދިންގެ ހިތްތަކުގައި އޭގެ މުހިންމުކަން، ރަނގަޅަށް ވަޒަންކުރެވިގެން ދިޔުން. މި ލިބޭ ފުރުޞަތުގެ ބޭނުން އެކުދިން ރަނގަޅަށް، އެ ކުދިންނަށް ތަމްރީނުދެވޭ އެކިއެކި ހުނަރުތަކަށް ފަރިތަކުރުމުގައި އިޚްލާޞްތެރިވުން. އަދި މިފަދަ ބައްދަލުވުމަކުން އެ ލިބޭ މަތިވެރި ފުރުޞަތުގެ ބޭނުންކޮށްގެން، ތިޔަކުދިންގެ މެދުގައި އެކުވެރިކަން އުފެއްދުން. އެއްބާރުލުން އުފެއްދުން. އުޚުއްވަތްތެރިކަން އުފެއްދުން. އަދި މި ފުރަތަމަ އެއްވުމުގެ ސަބަބުން ރާއްޖޭގެ ސްކައުޓް ޙަރަކާތަށް އެކަށީގެންވާ ތަރައްޤީއެއް ލިބިގެން ދިޔުން.

والسّــلام عليكم ورحمـة اللّـه وبركاته.