بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالٰى
ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.

އާދެ! މިއަދު މިނިސްޓަރ އޮފް ޖަސްޓިސް އަލްފާޟިލް އަޙްމަދު ޒާހިރުގެ އެދިވަޑައިގަތުމުގެމަތިން، ފުވައްމުލަކު ކޯޓުގެ އާ ޢިމާރާތުގެ ބިންގާ މާތްﷲގެ ވާގިފުޅާއެކު އަޅައިދިނުމަކީ، ދެންމެ އަޅުގަނޑަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. މި ފުރުޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި މިނިސްޓަރ އަޙްމަދު ޒާހިރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ކޯޓުގެ އާ ޢިމާރާތުގެ ބިންގާ އެޅުމުގެ އުފާވެރި މުނާސަބަތުގައި، މިނިސްޓަރ އަޙްމަދު ޒާހިރަށާއި، ފުވައްމުލަކު ކޯޓުގެ އިސް މެޖިސްޓްރޭޓުންނަށާއި، މެޖިސްޓްރޭޓުންނަށާއި، ކޯޓުގެ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. ހަމައެއާއެކު މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނަށާއި، ރަށުގެ ވެރިންނަށާއި، ޢާންމު ރައްޔިތުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި މިއަދު ބިންގާ އެޅުނު މި ކޯޓަކީ ވަރަށް ރަނގަޅު ފެންވަރަކަށް އިމާރާތްކުރެވޭނެ ކޯޓެއް. އިރާދަކުރެއްވިއްޔާ، މި ކޯޓުގެ އާ ޢިމާރާތް، ޢިމާރާތްކޮށް ނިމުމުން މިތާނގައި ކޯޓުގެ ފަރާތުން ރައްޔިތުންނަށް ދެއްވާ ޚިދުމަތުގެ ދާއިރާ ފުޅާވެގެންދާނެ. ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ. ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ.

މިއަދު ހެނދުނު ފުވައްމުލަކު އަތޮޅުއޮފީހުގެ އާ ޢިމާރާތް ހުޅުވައިދިނުމުގެ ޙަފްލާގައި ވާހަކަ ދައްކަމުން އަޅުގަނޑު ދަންނަވާލިފަދައިން، ޢިމާރާތެއް މޮޅަށް ކުރުމުގެ ބޭނުމަކީ ހަމައެކަނި ރީތި ޢިމާރާތެއްގެ ގޮތުގައި އެތަން ބެހެއްޓުމެއްނޫން. އެތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން. އެތަނުން ރައްޔިތުންނަށް ލިބިދެވޭ ލުއިފަސޭހަކަން އިތުރުވެގެންދިޔުން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ، ދެންމެ މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅުގަނޑު މި ބިންގާ އަޅައިދިން ފުވައްމުލަކު ކޯޓުގެ އާ ޢިމާރާތް ނިމުމުން މިތާނގެ ޚިދުމަތްވެސް، މިދެންނެވިގޮތުގެމަތިން އިތުރުވެގެން، ހަލުވިވެގެންދާނެކަމަށް.

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ވާހަކަ ވިދާޅުވެއްޖެ. އޭނާ އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ޢަދުލުއިންޞާފު ޤާއިމުކުރުމަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު ކަމެކޭ. ޢަދުލުއިންޞާފު ޤާއިމުކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ ކަމެކޭ. އެހެންކަމުން، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވީހިނދު އަދި އަޅުގަނޑުމެންނަކީ މިނިވަން ޤައުމަކަށްވީހިނދު، އަޅުގަނޑުމެންގެ ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް އޮންނަންޖެހޭނީ ވަރަށް ހަރުދަނާ ބިންގަލެއްގެ މައްޗަށް ޤާއިމުކުރެވިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުން ވާންޖެހޭނީ ސަރުކާރުގެ ވަރަށް ބޮޑު މަސްއޫލިއްޔަތަކަށް. އަދި އެކަން އަދާކުރައްވަން ތިއްބަވާ ބޭފުޅުންގެވެސް ވަރަށް ބޮޑު މަސްއޫލިއްޔަތަކަށް.

އާދެ، މިހެން ދަންނަވާއިރު މިނިސްޓަރ އަޙްމަދު ޒާހިރާއި، މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ވެރިންނާއި މުވައްޒަފުން، މި ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު އަޅުގަނޑު ވަޒަންކުރަން. އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، ރާއްޖޭގެ ކޯޓުތަކުގައި ވަޒީފާ އަދާކުރައްވާ އިސް ޤާޟީންނާއި، ޤާޟީންނާއި، އިސް މެޖިސްޓްރޭޓުންނާއި، މެޖިސްޓްރޭޓުންނާއި އަދި އެކޯޓުގެތަކުގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެބޭފުޅުން އެކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ކިތަންމެ ރަނގަޅަކަށް ކަންތައްތައް ހިނގަމުންދިޔަސް، އެކަމާ ދޭތެރޭގައި ހިތްހަމަނުޖެހޭނެ މީހުން ތިބޭނެ. ވަކިން ޚާއްޞަކޮށް، ޝަރުޢީ ދާއިރާގައި އެކަން ތަންކޮޅެއް ބޮޑުވާނެ. އެއީ ވަރަށް ގިނަ މައްސަލަތަކަކީ، ދޭދޭ މީހުންގެ މެދުގައި އޮންނަ މައްސަލަތައް ކަމަށްވާއިރު، ކޯޓުން މައްސަލަ ނިންމެވޭނީ ކޮންމެވެސް އެއްކޮޅަކަށް. އެހެން ނިންމެވީމާ، އަނެއްކޮޅުގައި ހުންނަ މީހަކު ހިތްހަމަނުޖެހުމަކީ އެކަށީގެންވާ ކަމެއް. މިއީ މިރާއްޖޭގައި އެކަންޏެއްނޫން، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންވަމުންދާގޮތް. އެހެންނަމަވެސް، އެއީކީ އަޅުގަނޑުމެންގެ އެއްގޮތަކަށްވެސް މިކުރާ މަސައްކަތަށް ހުރަހެއްއެޅެންވީ ކަމެއްނޫން. އެކަމަށް އުނިކަމެއް އަންނަންވީ ކަމެއްނޫން. ޝައްކެއްނެތް، އަޅުގަނޑުމެން ކުރަމުންގެންދާ ކޮންމެ މަސައްކަތެއްގައި ބައިވަރު އުނި ކަންތައްތައް ހުންނާނެ. އަޅުގަނޑުމެންނަކީ އިންސާނުން ކަމަށްވީއިރު، އަޅުގަނޑުމެންނަށް ނުފޯރައިގެން ކުރެވޭ ކަންތައްތަކެއްވެސް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށްވާންވާނީ އެކަންތައްތައް ދެނެގަތުން. އެކަންތައްތައް ދެނެގަނެ، އެކަންތައްތައް އިޞްލާޙުކުރަން މަސައްކަތްކުރުން. އިޞްލާޙުކުރުމަކީ އެއްއިރެއްގައިވެސް ހުއްޓޭނެ މަސައްކަތެއް ނޫން. އިޞްލާޙަކީ ނިމުމެއް އޮތް ކަމެއްނޫން. އިޞްލާޙަކީ އަބަދުވެސް ވާންޖެހޭނެ އެއްޗެއް. އެހެންވީމާ، މި މަޤްޞަދުގައި ރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް މަސައްކަތްކުރައްވަމުން ގެންދަވަނީނަމަ، އަޅުގަނޑުހިތުން ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކަންތައްތަކާމެދު ހިތްހަމަޖެހޭ މިންވަރު މިހާރަށްވުރެވެސް ބޮޑުވެގެންދާނެ.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللّـه سبحـانـه وتعـالٰى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީޤު ދެއްވުން. އަދި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތުގައި އަދި ހުރިހާ ޙައްޤެއް، އޭގެ ޙައްޤުވެރިންނަށް ލިބިދެވޭ ގޮތެއްގެމަތިން ކަންތައްތައް ކުރެވޭނެ، ކުރުމުގެ ވިސްނުމާއި ޤާބިލިއްޔަތު އަޅުގަނޑުމެން އެންމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.