بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

ފުވައްމުލަކު ބަނދަރު ހުޅުވައިދިނުމަށް އަޅުގަނޑު ފުވައްމުލަކަށް މިކުރާ ޒިޔާރަތުގައި، މިއުފާވެރި އަދި މިބަރަކާތްތެރި ހުކުރުދުވަހުގެ ހެނދުނު ފުވައްމުލަކުގައި އަލަށް ޢިމާރާތްކުރެވިފައިވާ އަތޮޅު އޮފީސް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ވިދާޅުވިފަދައިން، މި ޢިމާރާތަކީ ވަރަށް ރަނގަޅު ފެންވަރަކަށް ހެދިފައިވާ ޢިމާރާތެއް. އާދެ، ޢިމާރާތެއް ހެދުމުގެ ބޭނުމަކީ ހަމައެކަނި އެ ޢިމާރާތަކީ ރީތި ޢިމާރާތަކަށްވުމެއް ނޫން. މޮޅަށް ތައްޔާރުކުރެވިފައިވާ ޢިމާރާތަކަށް ވުމެއްނޫން. ބޭނުމަކީ، އެ ޢިމާރާތެއްގައި ޚިދުމަތް އަދާކުރަން ތިބޭ މީހުންގެ ޚިދުމަތަށް އިތުރު ދިރުމެއް ލިބި، އެމީހުން އެއަދާކުރާ ޚިދުމަތް ކުރިއަށްވުރެ ރަނގަޅުވެ، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި، އިތުރު ލާބަ ލިބިގެންދިއުން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ މިއަދުމި ހުޅުވޭ އާ ޢިމާރާތުގެ ސަބަބުން މިދެންނެވި މުހިންމު މަޤްޞަދުތައް ހާސިލުވެގެންދާނެކަމަށް. މި ޢިމާރާތުގެ މަސައްކަތް ހިންގެވީ ޓެންޑަރ އުސޫލުން ކޮންޓްރެކްޓަށް ދެއްވައިގެން ބަޔަކާ ހަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން. މަސައްކަތް ހިންގެވުމަށް އެ މިނިސްޓްރީއިން ކުރެއްވި މަސައްކަތްތަކާއި، ރޭއްވެވި އިންތިޒާމުތަކުގެ ފުރިހަމަކަމަށްޓަކައި މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އެ މަސައްކަތުގައި އޭނާއަށް އެހީތެރިވެދެއްވި އެ މިނިސްޓްރީގެ އެހެން ވެރިންނާއި، މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން. މި މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކުން އެހީތެރިވެދެއްވި. އޭގެތެރޭގައި، އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދު. އެހެންކަމުން، އޭނާއަށާއި، އަތޮޅުއޮފީހުގެ ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި ރަށުގެ ވެރިންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑު ޔަޤީންކުރަނީ ފުވައްމުލަކުގެ، މިއަތޮޅުގެ އާ އަތޮޅުއޮފީސް ހުޅުވުމުން، އޭގެ ސަބަބުން އަތޮޅުއޮފީހުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް. އިތުރަށް ހަރުދަނާވެގެންދާނެކަމަށް. އިތުރަށް ހަލުވިވެގެންދާނެކަމަށް. އެކަން އެހެންވެއްޖެނަމަ ޝައްކެއްނެތް، ބޮޑު ޚަރަދެއްކޮށްގެން، ގިނަ މަސައްކަތްތަކެއްކޮށްގެން، މިކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އޮންނާނީ ފެނިފައި.

އާދެ، މިއަދުގެ މި މުނާސަބަތުގައި، އަތޮޅުއޮފީހުގެ އާ ޢިމާރާތް ހުޅުވުމުގެ މުނާސަބަތުގައި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދަށާއި، އަތޮޅުއޮފީހުގެ އެހެން ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި މިރަށުގެ ވެރިންނަށާއި، ރަށުގައި ޚިދުމަތްކުރައްވާ ސަރުކާރުގެ ދާއިރާތަކުގެ މުވައްޒަފުންނަށާއި އަދި ފުވައްމުލަކުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރަން.

މިއަދު ފުވައްމުލަކުގެ، މިއަތޮޅުގެ އަތޮޅުއޮފީހުގެ އާ ޢިމާރާތް ހުޅުވައިދިނުމަށްފަހުގައި، ފުވައްމުލަކު ވެބްސައިޓް އިފްތިތާޙްކޮށްދިނުންވެސް އެބައޮތް. އެއީ، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއްކަމުގައި ދަންނަވާލަން. އާދެ، އެއިން އަޅުގަނޑުމެންނަށް އެނގިގެންދާ އެއްޗަކީ، ޒަމާނީ ތަރައްޤީއާ އެއްގޮތަށް ރާއްޖޭގެ ކަންތައްތައް ތަރައްޤީވަމުންދާކަން. އާދެ، މިޒަމާނުގައި ކޮމްޕިއުޓަރާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ މުހިންމުކަން ވަރަށްބޮޑު. އެދާއިރާއިން އަޅުގަނޑުމެންނަށް ލިބޭ ފަސޭހަތައް ވަރަށް ގިނަ. އެ ފަސޭހަތަކުގެ ބޭނުން ހެޔޮގޮތުގައި ކުރެވިއްޖެނަމަ ތަރައްޤީ އެތައް ގުނައަކަށް ހަލުވިވެގެންދާނެ. އެހެންވީމާ، ޒަމާނީ ތަރައްޤީގެ ވަސީލަތެއްގެ ބައެއް މިއަދު އަޅުގަނޑު އިފްތިތާޙްކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވެގެން އެބަދޭ.

އާދެ، އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުގެ ހުރިހާ ދާއިރާތަކަކުންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ. ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންވެސް، އެ މިނިސްޓްރީއާ ބެހޭ ކަންތައްތައް އަތޮޅުތަކުގައި ވަރަށް ރަނގަޅަށް ހިންގެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ. އެހެންކަމުން، ޖުމްލަގޮތެއްގައި، އެކަންތައްތަކާ ހަވާލުވެވަޑައިގެން ތިއްބެވި ހުރިހާ ވަޒީރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން ސަރުކާރުގެ ކޮންމެ ވުޒާރާއަކީ، އެ ވުޒާރާއަކާބެހޭ ކަންތައްތައް އަތޮޅުތަކުގައި ހިންގަވާ ވުޒާރާއެއް. އަދި އެ ހިންގަވާ ހިންގެވުން ހަރުދަނާކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ. އަދި ވަޒީރުން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، ކަންތައްތައް ހުރި ނެތްގޮތް ބައްލަވައި، ދިމާވާ ދަތިތައް ފިލުއްވައި އަދި އެނޫން ގޮތްގޮތުންވެސް އެބޭފުޅުންގެ ވުޒާރާގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ނުވަތަ އެ ވުޒާރާތަކުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ.

އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް ތިޔަބޭފުޅުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަތޮޅުތަކުގެ ކަންތައް ހިންގެވުމުގައި، އެންމެ އިސްކޮށް އުޅުއްވާ ފަރާތަކީ، ސަރުކާރުގެ ފަރާތަކީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން. އާދެ، އެމިނިސްޓްރީގެ މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އެއީ، އަތޮޅުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވަރަށް ޤާބިލް، ވަރަށް ހުނަރުވެރި ވަޒީރެއް. ވަރަށް ގިނަގިނައިން އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކުގައި ހުރި ކަންތައްތައް ބައްލަވައި، އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވައި ހައްދަވާ ބޭފުޅެއް. އެހެންވީމާ، މި މުނާސަބަތުގައި ވަރަށް ޚާއްޞަ ޝުކުރެއް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް އަޅުގަނޑު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ހުރިހާ ވުޒާރާތަކަކުންވެސް އަތޮޅުތަކުގައި، ކަންތައްތައް ތަރައްޤީ ކުރައްވަން މަސައްކަތް ކުރައްވާއިރު އަދި އެއް ވުޒާރާއެއްގެ ވާހަކަ އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވޭ. އެއީ، ޚާއްޞަކޮށް ފުވައްމުލަކު ބަނދަރު ހުޅުވުމާ ގުޅިގެން މި ބޭއްވުނު އިޙްތިފާލުތަކުގައި ނުވަތަ މިހާރުވެސް ބޭއްވެމުންމިދާ އިޙްތިފާލުތަކުގައި ވަރަށްބޮޑަށް ބައިވެރިވެވަޑައިގެންދެއްވަވި، މިއަތޮޅުގެ ރައްޔިތުންނަށާއި ވެރިންނަށް ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވި މިނިސްޓްރީއެއް. އާދެ، އެއީ މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ. އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޓެލެވިޜަން މޯލްޑިވްސްއާއި، ދިވެހިރާއްޖޭގެ އަޑުން މިކަންތައްތަކުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންދެއްވައި، ވަރަށް ގިނަގުނަ އެހީތަކެއް މި އަތޮޅުގެ ރައްޔިތުންނަށްވަނީ ވެދެއްވާފައި. އެހެންވީމާ، މިނިސްޓަރ އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކަށާއި، އޭނާގެ ދަށުން ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރައްވާ އެހެން ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތްކުރައްވާ ވެރިންނަށާއި، މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގައި އަދި މި އިޙްތިފާލް ފުވައްމުލަކުގައި ބޭއްވެމުންމިދާ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދިވެސް އެއް މިނިސްޓްރީއެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. އެ މިނިސްޓްރީއަކީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެ މިނިސްޓްރީގެ ފަރާތުން އަމަންއަމާންކަމާއި، ޞުލްޙަ މަޞްލަޙަތު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ހިންގަވާ މިނިސްޓްރީއެއް. މި އިޙްތިފާލުގައިވެސް އެ މިނިސްޓްރީގެ ބޭފުޅުން ވަރަށް ފުރިހަމަގޮތެއްގައި ބައިވެރިވެވަޑައިގެންދެއްވައި، ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އިންތިޒާމުކޮށްދެއްވާފައިވޭ.

އެހެންވީމާ، އަތޮޅުތަކުގައި އެ މިނިސްޓްރީގެ ފަރާތުން އެކުރައްވާ ޚިދުމަތްތަކަށްޓަކައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އަންބަރީ ޢަބްދުއްސައްތާރަށާއި އަދި އޭނާގެ ބެއްލެވުމުގެ ދަށުން ޑިފެންސް މިނިސްޓްރީގަޔާއި އަދި އެން.އެސް.އެސް ގައި މަސައްކަތްކުރައްވާ އިސް އޮފިސަރުންނާއި، އެހެން އޮފިސަރުންނާއި އެންމެން، އެން.އެސް.އެސްގެ ހުރިހާ ބޭކަލުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިއަދުގެ މި މުނާސަބަތަކީ، މާދިގުކޮށް ވާހަކަދައްކާ މުނާސަބަތެއް ނޫން. އެހެންކަމާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން. އަޅުގަނޑު އެދެނީ ފުވައްމުލަކު އަތޮޅުއޮފީހުގެ މަސައްކަތަށް އިތުރު ހަލުވިކަމާއި އިތުރު ކުރިއެރުން. ފުވައްމުލަކު ރައްޔިތުންނަށް ހުރިހާވެސް ތަނަވަސްކަމަކާއި، ބާއްޖަވެރިކަމަކާއި، އުފާފާގަތިކަމެއް. އަދި ޢާންމުކޮށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއެއް.

والسّلام عليكم ورحمـة اللّـه وبركاته.