بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަޚްލޫފް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބަދުﷲ ޝާހިދު، އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު، ދައުލަތުގެ ވަޒީރުން، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، އަދި ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މި ރަސްމިއްޔާތުގައި ބައިވެރިވާ ހުރިހާ އެތުލީޓުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް އުފާވެރި ދުވަހަކަށް ވާނެކަން ޔަޤީން. މިއަދު މި ހުޅުވޭ ސިންތެޓިކް ޓްރެކަކީ، ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން، ކުރަމުން އައި ޝަކުވާތަކަށް ލިބުނު، ކޮންމެވެސްވަރެއްގެ ޙައްލެއްކަމަށް އަޅުގަނޑު ދެކެން. އަދި ކަސްރަތުކުރެއްވުމަށް މި ޓްރެކަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް، މި ޓްރެކް ވެގެންދާނެ.


ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ޤައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ.


މިއީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ފުރިހަމަކުރެވުނު ވަރަށް ބޮޑު މަސައްކަތެއް. އެންމެ ފުރަތަމަވެސް، އިޖުތިމާޢީ ޒިންމާގެ ދަށުން، މި ޓްރެކްގެ ބިންގަނޑު އެއްވަރުކޮށް، ސަބް ބޭސް ތައްޔާރުކޮށް، ކޮންކްރީޓްގެ މަސައްކަތްތައް ކޮށްދެއްވި، އާރު.ކޭ.އެލް ގުރޫޕަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި ސިންތެޓިކް އެޅުމުގެ މަސައްކަތް ކޮށްދެއްވި، ޕޮލިސް ވެލްފެއަރ ކުންފުންޏަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.


އޭގެ އިތުރުން، މިހުރިހާ މަސައްކަތެއް ކުރައްވައި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، އާދެ، ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ފުރިހަމަކޮށްދެއްވިކަމަށްޓަކައި، ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފަށާއި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ހީވާގި ޓީމަށް، ރާއްޖޭގެ ހުރިހާ އެތުލީޓުންގެ ނަމުގައި އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.


މި މަޝްރޫޢު ފުރިހަމަކުރުމުގައި، އިންޑިއާގެ ވަރަށް ދީލަތި އެހީތެރިކަމެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ދެކޭގޮތުގައި މިއީ، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ. އެހެންކަމުން، ރާއްޖޭގެ ތަރައްޤީއަށާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގައި، ދެމުން އަންނަ އެހީތެރިކަމުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އިންޑިޔާ ސަރުކާރަށް، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.


ކުޅިވަރުގެ ތަރައްޤީއަށްޓަކައި މިފަދަ ކޮންމެ ފިޔަވަޅެއް އަޅާއިރު، ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު، އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭނެ. މިހާރު މިތަނުގައި ޤުދުރަތީ ވިނަ ދަނޑަކާއި، ސިންތެޓިކް ޓްރެކެއް އޮތަސް، މީގެ އަހަރުތަކެއް ކުރިން، މުޅި މި ސަރަޙައްދަކީ އޮށްގަލާއި އަކިރިއާއި ކަށިވެލީގެ ބިމެއް.


މި ދެންނެވި ދުވަސްވަރު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ހަވީރުގެ ވަގުތުގައި ޒާހިރު ނަޞީރު އުޅުއްވަނީ މި ސަރަޙައްދުގައި. ބައެއްފަހަރަށް، ވޮލީ ކުޅުންތެރިން ގޮވައިގެން، ބައެއް ދުވަސްވަރު ކްރިކެޓް ކުޅުންތެރިންނާއެކު، އަދި ބައެއް ދުވަސްވަރު އެތުލީޓުންނާއެކު. މަންޑި މުބާރާތްތަކާއި، ބަށި މުބާރާތައްވެސް، ޒާހިރު ނަޞީރުގެ ރޭއްވެވުމުގެ މަތިން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުރިއަށްގެންދެވި.

 

އާދެ، މިއަދު ރާއްޖޭގެ ކުޅިވަރު މިއޮތް ފެންވަރަށް ތަރައްޤީވެފައިވަނީ، މާގިނަ ވަސީލަތްތަކެއް ނެތް، މި ދެންނެވި ދަތި ދުވަސްވަރު، ޒާހިރު ނަޞީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ހަމަ ޔަޤީން. ރާއްޖޭގެ ކުޅިވަރުގެ ޙަޔާތުން ދުވަހަކުވެސް އެމަނިކުފާނުގެ ނަންފުޅު ފޮހެވިގެނެއް ނުދާނެ. އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.


އެދުވަސްވަރު، ކުޅުންތެރިންނާއި އެތުލީޓުން އުފެއްދުމަށް ކުރެވުނު މަސައްކަތްތަކާއި، އެކަމުގައި ކުރިމަތިވި ގޮންޖެހުންތައް، އެންމެ ބޮޑަށް ވަޒަންކުރެއްވޭނެ އެއް ބޭފުޅަކީ، އަދި މިތަނުގައި ސިންތެޓިކް ޓްރެކެއް ހުޅުވުމުން، އެކަމާ އެންމެ އުފާކުރައްވާނެ އެއް ބޭފުޅަކީ، އަޅުގަނޑުމެންގެ ކުރިމަތީގައި މި އިންނެވި މައިޒާން ޢަލިމަނިކު. އަލިބެއަކީ އަބަދުވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އެހެންކަމުން، މައިޒާން އަލިބެއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.


ހަމަ އެއާއެކު، މި ޓްރެކްގެ މަސައްކަތް ޢަމަލީގޮތުން ފެށިގެން އައިއިރު، އޭރު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި ޑޮކްޓަރ ޒާހިރު ޙުސައިންގެ ނަންފުޅުވެސް އަޅުގަނޑު މިއަދު ފާހަގަކުރަން. އެމަނިކުފާނު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށްޓަކައި ވަރަށް މުހިންމު ޕްލޭންތަކެއް ކުރައްވާފައި އޮތް. އޭގެތެރޭގައި، މިތަނުގައި މިފަދަ ޓްރެކެއް އެޅުމުގެ ވިސްނުންވެސް ގެންގުޅުއްވާފައި އޮތްކަން، އަޅުގަނޑުމެންނަށް ލިޔުންތަކުން ފެންނަން އެބަހުރި. އެކަމަށްޓަކައި މިއަދު މި ޓްރެކް ހުޅުވިގެންދާއިރު، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންދެއްވި ކަމަށްޓަކައި ޑޮކްޓަރ ޒާހިރު ޙުސައިނަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން.


އާދެ، މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫން. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް.


އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ޙަޤީޤަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން.


މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް.


ކުރިންވެސް ދެންނެވި ފަދައިން، މިތަނުގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވުނީ 1998 ވަނަ އަހަރު. އޭރުން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، މިތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެއް. ކޮންމެފަހަރަކުވެސް ޓްރެކް ހަލާކުވީމާ، ވެލިއަޅައިގެން ހަރުކުރުމަށްފަހު އެއްވަރުކޮށްލަނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް، އެ ފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެ.


އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން، ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއްނޫން. އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްޤީކުރެވިފައެއް ނެތް. ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައެއް ނެތް.


މާލޭގެ ފަތާ ޓްރެކް އެއޮތީ މިތަނާ މާ ދުރަކު ނޫން. އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު، އެތަން އޮތް ގޮތް ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. އަތްވާއި ވާރެއިން ހިޔާވެވޭނެ ގޮތެއް އެތަނަކު ނެތް. އެކަށީގެންވާ ޗޭންޖިންގ ރޫމެއްވެސް ނެތް. އެއީ، ފަތަން ދާ މީހުންނަށާއި، ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް އެކަށީގެންވާ ގޮތަކަށް އޮތް ތަނެއް ނޫން.


މިހާރު އެތަން ތަރައްޤީކުރުމަށް ކުރިއަށްދާ މަޝްރޫޢު، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެ. އޭރުން އެތަނުގައި ހުންނާނީ ހިޔާވެވޭނެ ގޮތަށް ހެދިފައި. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިންގ ރޫމްތަކާއި، ފާޚާނާއާއި، ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެ. އޭރުން، އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ، ވަރަށް ގިނަ މައްސަލަތައް ޙައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.


އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން މި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުން. ހަމައެފަދައިން، ކުޅިވަރުގެ ޒަރީއާއިން، ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް، އަޅުގަނޑު ވަރަށް އެދޭ ކަމެއް.


އަޅުގަނޑުގެ ދުޢާއަކީ، އެކި ދާއިރާތަކުން ޤައުމު ތަރައްޤީކުރުމަށް، މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކުރައްވައި، ރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.