ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ސަލްމާން ބިން ފަހުދު އަލްއަޢުދާއާ، މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢަރަބިންގެ ޘަޤާފަތާއި ތާރީޚަކީ، ދިވެހިން ވަރަށް ޝައުޤުވެރިވާ ކަންތައްތަކެއް ކަމަށާއި، ދިވެހިން ވަކިން ޚާއްޞަކޮށް ސަޢޫދީ ރައްޔިތުންނާ ދޭތެރޭ ދެކެނީ ވަރަށް ގާތް އެކުވެރި ގޮތަކަށް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަތަކަކީ، ދީނީ ބައިބައިވުމާއި، ޑްރަގްގެ ވަބާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގައި ޑޮކްޓަރ ސަލްމާން ބިން ފަހުދު އަލްއަޢުދާ ފަދަ ދީނީ ޢިލްމްވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ޑޮކްޓަރ ސަލްމާން ބިން ފަހުދު އަލްއަޢުދާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ފުރްޞަތު ލިބިވަޑައިގަތުމުން ވަރަށް އުފާފުޅު ކުރައްވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން އެއީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އައިސްފައިމިވާ އިސްލާޙީ ބަދަލުތަކަކީ ވަރަށް ރަނގަޅު ބަދަލުތަކެއް ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ރައީސް މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޑޮކްޓަރ އަލްއަޢުދާ ތަހުނިޔާ ވިދާޅުވިއެވެ.