ރާއްޖޭގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް މިއަދުގެ ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑުއަތޮޅު މުޙިއްބުއްދީން ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ރޭ އެ ސްކޫލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމެއް ތަރައްޤީވެދަނީ، އެކި ޚާއްޞަ ކަންތައްތަކެއް ފަރުވާތެރިކަމާއެކު ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ތަޢްލީމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށްޓަކައި އަދި ރާއްޖެއަށް އައިސްފައިމިވާ އިޤްތިޞާދީ ހީނަރު ކަމުގައި އަނެއްކާވެސް ޤައުމު އަލުން އަނބުރާ އޭގެ އަމިއްލަ ޒާތަށް ގެނައުމަށާއި، ޤައުމީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް ދެމުން ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ބޭނުންފުޅުވަނީ ހުރިހާ ކުދިންނަށްވެސް ޑިގްރީއެއް ހޯއްދަވައި ދެއްވުންކަން ހާމަކުރައްވަމުން، އެކަން ނުކުރާހާ ހިނދަކު ވަޒީފާގެ ފުރްޞަތެއްވެސް ޙަޤީޤަތުގައި ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މެލޭޝިއާއިން މަތީ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރްޞަތު 400 ކުދިންނަށް މިހާރު ފަހިވެގެން ގޮސްފައިވާކަން ބަޔާން ކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުން ކިޔެވޭނެ ފުރްޞަތު ހޯއްދަވައި ދެއްވުމަށް ލޯނު ލިބޭނެގޮތް ހައްދަވައިދެއްވުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާ ދެބޭފުޅުން، ކަމާބެހޭ މަޝްވަރާތައް މިހާރު ކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނާމު ލިބުނު ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވަމުން، އިނާމު ނުލިބުނު ދަރިވަރުންވެސް ނާކާމިޔާބުގައި ހިތްވަރުގަދަކުރުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ސްކޫލްގެ ހުރިހާ ދަރިވަރުންވެސް މި ރާއްޖޭގެ ތާރީޚަށާއި ހިތަދޫގެ ތާރީޚަށާއި، އަތޮޅުގެ ތާރީޚަށް ހޭލުންތެރިވުމަށާއި، ތާރީޚު ދިރާސާ ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

މިދިޔަ އަހަރު މުޙިއްބުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވުނު ގްރޭޑް 12ގެ ދަރިވަރު މުޙަންމަދު ޝަހުދަށް އިނާމު ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާއެވެ.

ރޭގެ ޖަލްސާގައި، މުޙިއްބުއްދީން ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އެރުއްވިއެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ޝާޠިރެވެ.

މި ޖަލްސާއަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙިއްބުއްދީން ސްކޫލަށް ތާރީޚީ ލިޔުމެއް ހަދިޔާ ކުރެއްވިއެވެ. މި ތާރީޚީ ލިޔުމަކީ އައްޑޫ ހިތަދޫ މިސްކިތުގެ ފަތެވެ.