ދިވެހިންނަށް ލިބިފައިމިވާ މިނިވަންކަމަކީ، ދިވެހިންގެ ގިނަބަޔަކު ޤުރްބާނީތަކެއްވެގެން ލިބިފައިވާ މިނިވަންކަމެއް ކަމަށާއި، މިއީ، އިނގިރޭސިވިލާތުން ރަންތަބަކެއްގައި ދިވެހިންނަށް ދިން ހަދިޔާއެއް ނޫންކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މުސްތަޤްބަލުގައި ދިވެހިންނަށް މިނިވަންކަން ދެމެހެއްޓޭނީ ދިވެހިންކުރި މަސައްކަތަކުންކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މިއަދު ދުނިޔޭގެ އެކިޤައުމުތަކަށް ޓެރަރިޒަމްގެ ނުރައްކާތެރިކަންވަނީ ކުރިމަތިވެފައި ކަމަށާއި، ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށްވެސް އެފަދަ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު މި އިޝާރާތްކުރެއްވީ، ނޮވެމްބަރު 3 ގެ ހާދިސާއަށެވެ. ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގައި ޖެހުނު އެންމެކުލަގަދަ ލައްގަނޑަކީ، ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ހަމަލާކަމަށާއި، އެ ހަމަލާ ދިވެހިރާއްޖެއަށް އަންނަންޖެހުނީ، އެވަގުތު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާއި، އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ދިފާޢީ ސިޔާސަތާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ އިހްމާލުން ކަމުގައި ދަންނަވަން ކެރިދާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިން އަބަދުވެސް ދިވެހި ރައްޔިތުންނާ ދޭތެރޭގައި ދެކެމުން އަންނަނީ، ދިވެހި ރައްޔިތުންނަކީ، ފުރިހަމަ މިނިވަންކަމެއް ލިބެންޖެހޭ ބައެއްގެ ގޮތުގައި ނޫންކަމުގައި ވިދާޅުވިއެވެ. މިއަދު އަޅުގަނޑުމެން ދިވެހިރާއްޖެއަށް މިގެނައި ޑިމޮކްރެޓިކް ބަދަލަކީ، އޭގެސަބަބުން ގެންނަންޖެހުނު ބަދަލެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނާބެހޭ ކަންކަމުގައި ރައްޔިތުންގެ ލަފާނުހޯދާ، ވެރިންނަށް ފެންނަގޮތަކަށް ކަންކަން ނިންމަމުން ގެންދިޔައީ ކަމުގައި ވިދާޅުވެ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުން ތަޞައްރުފު ނުފުދޭ ބަޔަކު ކަމުގައި ބަލައި، އެކަންކަމުގައި ރައްޔިތުން ބައިވެރިނުކޮށް ވެރިކަންކޮށްފައިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.