بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް، ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން، ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ބެލެނިވެރިން، އެޗް.ޑީ.ސީ. ކުންފުނީގެ އިސްވެރިން، އަދި އެސޯސިއޭޝަންތަކުގެ ވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


ދިވެހި ޒުވާނުންނާއި ކުޅުންތެރިން ބިނާކުރުމަށް ބޭނުންވާ، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި، މިއަދަކީވެސް ވަރަށް ޚާއްޞަ ދުވަހެއް. މިއަދު އަޅުގަނޑުމެން މިތާ މިތިބީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް މުހިންމު ދެކަމެއްގެ ނިމުން ފާހަގަކުރުމަށް.


ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެންގެ އުންމީދުތައް ހުރީ ވަރަށް އުހުގައި. ކުޅިވަރުގެ ރަން ވަނަތައް ބޭނުންވޭ. އެކަމަކު އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތްކަމީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ކުޅިވަރު ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޓްރެކްތަކާއި، ޖިމްފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް އަދިއެއް ނެތް.


އެކަމަކު ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބި. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ، ޙަޤީޤީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން. ސަބަބަކީ، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް އަދި ނެތުން.


ކުޅިވަރު ތަރައްޤީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ތަރައްޤީކޮށްދިނުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ކުޅުންތެރިންނަށް ހޯދައިދިނުން. އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން މިތިބީ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށް.


ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ، މި ސަރުކާރު އުފެދުނުތާ 24 ގަޑިއިރުވެސް ނުވަނީސް، ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެގެން، "ދުޅަހެޔޮ ހަށިހެޔޮ ޢީދު"ގެ ނަމުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑު ޙަރަކާތްތަކެއް އަޅުގަނޑުމެން ބޭއްވިން. އާދެ، އަޅުގަނޑުމެން މި ސަރުކާރު ފެށީ، ދުޅަހެޔޮ ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތާ އެކުގައި.


ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ތެރެއިން، މިއަދު މި ހުޅުވޭ އާ ވަސީލަތްތަކަކީ، ޓީ.ޓީ. އާއި މާރޝަލް އާރޓްސްއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުޞަތުތަކެއް. މިއަދު މި ހުޅުވޭ ޤައުމީ މާރޝަލް އާރޓްސް ސެންޓަރުގެ އިތުރުން، މާރޝަލް އާރޓްސް އެސޯސިއޭޝަނެއް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޤާއިމުކުރެވިގެންދާނެ.


އެ އެސޯސިއޭޝަން ޤާއިމުވެ، މާރޝަލް އާރޓްސްއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ނަމުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ވަރަށް ގިނަ ޒުވާނުން އެބަތިބިކަން އަޅުގަނޑަށް ހަމަ ޔަޤީން. އެފަދަ އުންމީދީ މޫނުތަކެއް، މިތަނުންވެސް އަޅުގަނޑަށް އެބަ ފެނޭ.


އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި، ރާއްޖޭގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީ އަޅުގަނޑުމެންގެ ހަނދާނުގައި މިއަދުވެސް އެބަހުރި. ޚާއްޞަކޮށް، ޓޭބަލް ޓެނިހާއި ބެޑްމިންޓަނުން ހޯދި ހަތަރު ރަން މެޑެލް އަޅުގަނޑު ފާހަގަކޮށްލަން. އޭގެ ތެރެއިން ތިން ރަން މެޑެލް ހޯދައިދިނީ، އަޅުގަނޑުމެންގެ ޒުވާން އަންހެން ޓީ.ޓީ. ޓީމު.


އަޅުގަނޑު އުންމީދުކުރަނީ، މިއަދު މި ހުޅުވޭ ޓީ.ޓީ ހޯލަކީ، ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭނެ އިތުރު ކުޅުންތެރިން އުފައްދާނެ ތަނަކަށް ވާނެކަމަށް. މީގެ އިތުރުން، މާލޭގައި ނޭޝަނަލް ޓީ.ޓީ ސެންޓަރެއް ޤާއިމުކުރުމަށް، މިހާރު ވަނީ ބިމެއް ކަނޑައަޅާފައި. އޭގެ ތަފްޞީލުތަކުގެ ވާހަކަ، ދެންމެ ޔޫތު މިނިސްޓަރުވެސް ވިދާޅުވެދެއްވައިފި. އަދި އެ މަސައްކަތް، އަންނަ އަހަރު އިރާދަކުރެއްވިއްޔާ ފެށޭތޯ އަޅުގަނޑުމެން މިދަނީ ބަލަމުން.


މީގެ ކުރިން ބައިނަލްއަޤްވާމީ ބައެއް ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވައިފި. އަޅުގަނޑުމެންގެ އަމާޒަކީ، ދެންމެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވިފަދައިން، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ މުބާރާތެއް ބޭއްވުން. އެ ފުރުޞަތު ލިބޭތޯ، މިނިސްޓަރ މިހާރުވެސް އެބަ ގެންދަވާ މަސައްކަތް ކުރައްވަމުން.


މި އެކުވެނީގައި ހުރި، ބިލިއަޑް ހައުސްއަކީވެސް މިދިޔަ ޖުމްހޫރީ ދުވަހު ހުޅުވި ތަނެއް. އެއީ މީގެ ކުރިން، މާލޭގައި ބިލިއަޑް ކުޅެމުން އައި ނޭޝަނަލް ބިލިއަޑް ސެންޓަރަށްވުރެވެސް، ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވިފައި ހުރި ތަނެއް. މިހާރު ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުން އެ ގެންދަނީ، ވާރލްޑް ޗެމްޕިއަންޝިޕް ބޭއްވޭ ފެންވަރަށް މާލޭގައި ހުރި ބިލިއަޑް ސެންޓަރު ތަރައްޤީ ކުރުމަށް.


ރާއްޖޭގައި ވަރަށް ކުރިއްސުރެވެސް ޗެސް އެސޯސިއޭޝަނެއް އެބައޮތް. ނަމަވެސް، އެ ކުޅިވަރު ކުޅެވޭނެ ރަސްމީ އިންތިޒާމެއް، ކުޅުންތެރިން ފަރިތަކުރާނެ ރަނގަޅު ތަނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ޗެސް އާކޭޑް ހުޅުވުމާ ހަމައަށްވެސް ރާއްޖޭގައި ހަމަޖެހިފައެއް ނެތް.


މިދިޔަ މަހު އޮންލައިންކޮށް ބޭއްވި، ބައިނަލްއަޤްވާމީ ޗެސް މުބާރާތެއް، އާދެ، "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޮރ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020"ގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ވަނީ ރަން މެޑެލް ހާސިލުކޮށްފައި. އެއީ، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވާ، ޢުމުރުން 12 އަހަރުގެ މަރިޔަމް މިޝްކާ މިޤްދާދާއި، ތާޖުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވާ، ޢުމުރުން 14 އަހަރުގެ މަރިޔަމް ލައިސާ ޢަބްދުއްރަޝީދު.


މިއީ ބައިނަލްއަޤްވާމީ ޗެސް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ލިބުނު ފުރަތަމަފަހަރު. އެހެންކަމުން، އެ ދެ ކުޅުންތެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ކިޔަން. މިއިން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ކުޅިވަރު ވަސީލަތްތައް ފަހިކޮށްދެވޭވަރަކަށް، ދިވެހި ޒުވާނުންގެ ކަރުގައި އެޅިގެންދާ ރަން މެޑެލްތައް އިތުރުވެގެންދާކަން.


އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ. އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައި.


ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތް.


މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރުން. އެކަމަށް ބޭނުންވާ ބިންވެސް، މިނިސްޓަރ ދެންމެ އެ ވިދާޅުވިފަދައިން، މިހާރު އޮތީ ކަނޑައަޅާފައި. މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް. އެކަން ނިމުމާއެކު، އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ.


އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެން. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދީގެން.


އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން.


ކުޅިވަރުގެ މައިދާނުގައި ޤައުމީ ފެންވަރުގަޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި، މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގެ ޙަޤީޤަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް. މިކަމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން އަދާކުރާ މުހިންމު ދައުރު އަޅުގަނޑު ޝުކުރުވެރިކަމާއެކު މިއަދު ފާހަގަކުރަން.


އަދި ބެލެނިވެރިން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އެ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް، ކުޅިވަރާބެހޭ ވަޒީރުގެ ހައިސިއްޔަތުން، މިނިސްޓަރ މަޚްލޫފް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ހުރިހާ ޒުވާނުންނާއި، ކުޅުންތެރިންގެ ނަމުގައި އެ މިނިސްޓަރަށް އަޅުގަނޑު ޝުކުރު ދަންނަވަން.


އަޅުގަނޑު މިއަދު ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނަށް އިލްތިމާސްކުރަނީ، ސަރުކާރުން މި ތަރައްޤީކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް. ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށް. އަދި ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤެއްގެ މަތީގައި ސާބިތުވެހުރުންކަން ޤަބޫލުކޮށް، ކޮންމެ ކުޅުންތެރިއަކީވެސް، ދީނީގޮތުންނާއި އަޚްލާޤީގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް އަޅުގަނޑު ގޮވާލަން.


ދިވެހި ޒުވާނުންނާއި ދިވެހި ކުޅިވަރަށް އަބަދުވެސް ކުރިއެރުމާއި ތަރައްޤީއަށް އެދެން. ކުޅިވަރުގެ ދާއިރާއިން ދިވެހި ޒުވާނުން ބިނާކުރުމަށް، ސަރުކާރާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި ބެލެނިވެރިން ކުރާ މަސައްކަތް ކާމިޔާބުކުރައްވައި، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ބަޔަކު ކަމުގައި ދިވެހި ޒުވާނުން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.