ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމަށް މައްޗަންގޮޅި ޑޯންޝައިން އަލްއުސްތާޛު އަޙްމަދު މުޢިއްޒު ޢައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛު އަޙްމަދު މުޢިއްޒު މިމަގާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢަދުލު އިންސާފު ޤާއިމުކުރެއްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ވާޖިބު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވިއެވެ.

އަލްއުސްތާޛު އަޙްމަދު މުޢިއްޒު މިމަގާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިމަތީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވިއެވެ.