بســم اللّـه الرّحمـن الرّحيــم

މިރަށަށް މިއައީ އާދެ، ފިއްލަދުއަށް މިއައީ، މިދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް އެރި ބޮޑުރާޅުގެ ސަބަބުން ފިއްލަދުއަށް ލިބިފައިވާ ގެއްލުންތައް ބަލައިލުމަށްޓަކައި. އަދި ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކޮށްލައި، ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުވައިލުމަށްޓަކައި. ހަމައެޔާއެކީގައި، މި ގެއްލުން ލިބުނު ގޭގޭގެ ވެރިންނަށާއި، ރަށުގެ ރައްޔިތުންނަށް ހަމްދަރުދީއާއި އިޚްލާޞްތެރި ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަށްޓަކައި.

އާދެ، މިފަހަރު އަޅުގަނޑުމެންގެ ރާއްޖެއަށް މި ކުރިމަތިވީ، ވަރަށް ބޮޑު ޤުދްރަތީ ނުރައްކަލެއް. ވަރަށް ބޮޑު ޤުދްރަތީ ކާރިސާއެއް. މިކަހަލަ އެހެން ކާރިސާއެއް މީގެކުރިން ރާއްޖެއަށް އައިކަމެއް އެނގިފައެއްނެތް. މިފަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި. ހުރިހާ ރައްޔިތުންނަށް ވަނީ އެކިވަރުވަރުގެ ހިތާމަތަކާ ކުރިމަތިވެފައި. މިދަނޑިވަޅުގައި އެންމެން ބޭނުންވަނީ، އެންމެން އަތުގުޅާލައިގެން މަސައްކަތްކުރުން. އާދެ، އަމިއްލަފަރާތްތަކާއި، ރަށްރަށުގެ ރައްޔިތުންނާއި، ސަރުކާރާ އަދި ހެޔޮއެދޭ ހުރިހާ ފަރާތްތަކެއް އަތުގުޅާލައިގެން، އަޅުގަނޑުމެންނަށް މި ލިބިފައިވާ ހިތްދަތިކަމުން ސަލާމަތްވެވޭތޯ މަސައްކަތްކުރަން މިވަގުތު މިވަނީ މަޖުބޫރުވެފައި.

އާދެ، ތިޔަބޭފުޅުން ތިޔަ ވިދާޅުވާ ފަދައިން، އެދުވަހު ފިއްލަދޫގެ ރައްޔިތުން ރަށުގައި ނުތިއްބެވިގެން ކެލައަށް ވަޑައިގަތުމުން، ކެލާގެ ރައްޔިތުން ވަރަށް ރަނގަޅު ފެންވަރަކަށް މެހުމާންދާރީ އަދާކޮށްދެއްވި. ވަރަށް އެހީތެރިވެވަޑައިގެންދެއްވި. ވަރަށް ބޮޑަށް އަޅައިލެއްވި. އެހެންވީމާ، ކެލާގެ ރައްޔިތުންނަށް ތިޔަބޭފުޅުންގެ ނަމުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިފަހަރު އަޅުގަނޑުމެންގެ އެކިރަށްރަށަށް މިދިމާވި ބަދުނަސީބު ކަންތައްގަނޑުގެ ތެރޭގައި، ހާލުގައިޖެހުނު ހުރިހާ އެންމެންނަށްހެން، ރާއްޖޭގެ އެހެން އެންމެން ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ބަހައްޓާފައި. މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް އެމީހަކަށް ވެވުނު އެހީއެއް ދިޔައީ ވަމުން. ތަކެތީގެ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް، އެއްވެސްމީހަކު ހާލުގައިޖެހިފައިވާ މީހަކަށް އެހީވުމަކަށް އެއްވެސްކަހަލަ ހުއްޓުމެއްނާރުވާ. ޖެހިލުމެއްނުވޭ. ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އެންމެން އެންމެންނަށް އެހީވަމުން ގެންދިޔައީ. އެއީ އަޅުގަނޑުމެންނަށް ފެނުނު، ވަރަށް ރީތި އިސްލާމީ އުޚުއްވަތްތެރިކަމުގެ މިސާލެއް. އެކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދެންއޮތީ، މިފަދަކަމެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކަ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ދުނިޔޭގައި މިކަހަލަ ކަންތައްތައް ވަމުން މިދަނީ اللّـه سبحـانـه وتعـالى ގެ ތަދުބީރުކުރެއްވުމާއި މިންވަރުފުޅުގައިވާ ގޮތެއްގެ މަތިންކަން. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެ، އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ދަތިކަމަކަށް ކެތްކުރަން. ކޮންމެ ހިތާމައަކަށް ކެތްކުރަން. ކޮންމެ އުފަލަކަށް ޝުކުރު ކުރަން.

ދުނިޔޭގައި އަޅުގަނޑުމެން ދިރިއުޅެމުންދާއިރު، އެކިދުވަހު މި ދިމާވަނީ އެކިގޮތް. ބައެއްފަހަރަށް ވަރަށް އުފާވާ ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވޭ. ވަރަށް ބޮޑެތި އުފާތައް އަޅުގަނޑުމެންނަށް ލިބޭ. އެހެންވީމާ، އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭނެ. ބައެއް ދުވަސްދުވަހު އަޅުގަނޑުމެން ހިތްނޭދޭގޮތަށް ކަންތައްތައް ވަމުންދޭ. ހިތާމަތަކާ ކުރިމަތިލާންޖެހޭ. ބަދުނަސީބު ކަންތައްތައް ދިމާވޭ. އެފަދަ ދަނޑިވަޅުތަކުގައިވެސް އަޅުގަނޑުމެން ޖެހޭނެ އެކަންކަމަށް ކެތްކުރަން.

މާތް ﷲ އަންގަވާފައިވާ ގޮތުގައި، ކެތްކުރާމީހުންނަށް އެކަލާނގެ ޙަޟްރަތުގައި މަތިވެރި ޘަވާބާއި ދަރުމަ ކަނޑައަޅުއްވާފައިވޭ. ދުނިޔޭގައިވެސް އާޚިރަތުގައިވެސް އަދި ހިތްދަތިވެފައިވާ ކޮންމެ ދަނޑިވަޅެއްގައި ހިތްހަމަޖެހުން ހޯދުމަށް އޮތީ އެންމެ މަގެއް. އެ މަގަކީ، اللّـه سبحـانـه وتعـالى ގެ މަތިން ހަނދުމަކުރުން. ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވަނީ، "أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ" (الرعد: 28) "ހިތްތައް ހަމަޖެހިގެންދަނީ ﷲ ހަނދުމަކުޅައުމުން ނޫންހޭ." ހިތްތައް ހަމަޖެހި، ހިތްތަކަށް އުފާވެރިކަންލިބި ފިނިކަން ލިބެނީ، ހަމައެކަނި ﷲ ހަނދުމަކުޅައުމުންނޭ. އެނޫން އެއްވެސްގޮތަކުން އިންސާނުންގެ ހިތްތަކަކަށް ހަމަޖެހުމެއް ނުލިބޭނެ. އުފާވެރިކަމެއް ނުލިބޭނެ. ފިނިކަމެއް ނުލިބޭނެ.

އެހެންވީމާ، މިދަނޑިވަޅުގައިވެސް އަޅުގަނޑުމެންގެ ހިތްތައް ހަމަޖައްސާލަންޖެހެނީ، ﷲ ހަނދުމަކުރުމުން. މާނައަކީ، ﷲ އަންގަވާފައިވާ ހުރިހާ ކަމަކަށް ބޯލަނބައި އިޙްތިރާމުކުރުން. ވަގުތުން ވަގުތަށް ނަމާދުކުރުމާއި، އެނޫން ހެޔޮކަންތައްތައް ކުރުމާއި، އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤު، އިސްލާމީ ހަމަތަކުގެމަތިން ސީދާކުރުމާއި، އެންމެން އެންމެންނަށް އެހީތެރިވުމާއި އިޙްސާންތެރިވުން. އެއްވެސް މީހަކު އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަނެ، ހަމަޖެހުމާއި އުޚުއްވަތްތެރިކަމާއެކީގައި ދިރިއުޅެމުން ގެންދިއުން.

އެހެންވީމާ، މިގޮތުގެ މަތިން އަޅުގަނޑުމެން ދިރިއުޅުން ބައްޓަންކޮށްގެން ކުރިޔަށްދަނީނަމަ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައި މާތްﷲ އަޅުގަނޑުމެންނަށް ވަރަށް ތަނަވަސް މަގުތަކެއް ދައްކަވާނެ. އަޅުގަނޑުމެންކުރާ މަސައްކަތްތަކުގައި ކާމިޔާބު ލައްވާނެ.

އާދެ، މިވަގުތު ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ވަރަށް ގިނަ ދަތިތައް ދިމާވެފައި އެބަހުރި. އެއީ، ކާބޯތަކެތީގެ ދަތިކަމާއި، ފެނުގެ ދަތިކަމާއި، ޞިއްޙީ ފަރުވާގެ ދަތިކަމާއި، ތަޢުލީމު ހާސިލުކުރަން އެދޭ ކުދިންނަށް ލިބިފައިވާ ހިތްދަތިކަމާއި އަދި ގެދޮރުގެ ދަތިކަން. އެހެންވީމާ، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން މިވަގުތު ސަމާލުވާން އެބަޖެހޭ. ސަރުކާރާއި، ރައްޔިތުންނާއި، އަމިއްލަފަރާތްތަކާއި އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެންގެ ތެރެއިން މިވަގުތު ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ޕްރޮގްރާމްތަކެއް އެބަ ހިންގޭ. ކާބޯތަކެތި އެބަ ފޮނުވޭ. ފެނާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ތަކެތި ހުރިހާ ދިމަދިމާއަކަށް އެބަ ފޮނުވޭ. އަދި ރަށް ސާފުކުރުމުގެ މަސައްކަތްވެސް އެބަ ކުރެވޭ. މިކަމުގައިވެސް އަމިއްލަ ރައްޔިތުން އަމިއްލައަށް އެކުރާ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެއް. ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެރަށެއް ސާފުކުރުމަށާއި އަދި ކައިރި ރަށްރަށުގެ މީހުން އައިސްގެންވެސް، ދޯނިފަހަރުގައި އައިސްގެން އެމަސައްކަތް އެބަ ކޮށްދޭ. އެކަން އެއީ ވަރަށް މުހިންމުކަމެއް.

ދެން ކުރިޔަށް އޮތްތާނގައި ގެދޮރުގެ ކަންތައް. އާދެ، އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑު މިފަހަރު މި ދަތުރުގައި ޒިޔާރަތްކުރި އެހެން ރަށްރަށަށްވުރެ މާތް ﷲގެ ރަޙްމަތްފުޅުން ފިއްލަދޫގެ ހާލަތު ރަނގަޅޭ. ފިއްލަދުއަށް ލިބިފައިވާ ގެއްލުންތައް ކުޑައެއްނޫން. އެހެންނަމަވެސް، އެހެން ރަށްރަށުގެ ނިސްބަތުގައި ގެއްލުންތައް ކުޑަކަމަށް ދަންނަވަންޖެހެނީ. އަޅުގަނޑު މިއައީ ކަނދޮޅުދޫން. ކަނދޮޅުދޫގެ ހާލު ވަރަށް ބޮޑު. އަދި އިއްޔެދިޔަ ތިން ރަށުގެ ހާލުވެސް ވަރަށްބޮޑު. ހުރިހާ ގެތަކެއް ހަލާކުވެ އަވަދިވެފައި. ކޮއްޅަށްހުރި އެންމެ ގެއެއްވެސް ނެތް، ބައެއް ރަށްރަށް އެބަހުރި. އެއްވެސް މީހަކަށް ދިރިއުޅެވޭނެ މަގެއްނެތް.

މި ހުރިހާ ކަންތައްތައް މިހެން ހުރިއިރުވެސް، ފިއްލަދުއަށް އިރާދަކުރެއްވީތީ ﷲގެ ރަޙްމަތްފުޅު ވަރަށް ތަނަވަސް. އެކަމަކު މިރަށުގެ ރައްޔިތުންވެސް ބޭނުންވާ، ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ގެދޮރު މަރާމާތުކުރުމާއި އަދި ދާއިމީގޮތެއްގައި އުޅެވޭނެގޮތެއް ހަމަޖެހުން. މިކަންކަމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދޭނެ. އަދި ތިޔަބޭފުޅުން ބޭނުންފުޅުވާގޮތް، ތިޔަ ހުރިހާ ބޭފުޅުން މަޝްވަރާކުރައްވައިގެން ބޭނުންފުޅުވާގޮތް ސަރުކާރުގައި ވިދާޅުވުމުން، އެކަމަށް ސަރުކާރުން ރިޢާޔަތްކުރާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި ހިތާމަވެރި ހާދިސާގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މިދުނިޔެ ދޫކޮށްދިޔަ އެންމެންނަށް މާތްﷲ ރަޙްމަތްލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އެ ހުރިހާ އެންމެންނަށް އެކަލާނގެ ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާކުރަން. އަދި އެ ހިތާމަވެރި ހާދިސާ ދިމާވި ޢާއިލާތަކަށާއި، އެ ރަށްރަށުގެ ރައްޔިތުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާއާއި ހަމްދަރުދީގެ ޝުޢޫރުތައް އަޅުގަނޑު ހާމަކުރަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މެދުވެރިކުރެއްވުން. އެކަލާނގެ ފޮނުއްވި މާތް ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ އުޅުމާއި، އަޚްލާޤާއި، މީހުންނާދޭތެރޭގައި ކުރާ މުޢާމަލާތާއި، މި ހުރިހާ ކަމެއްވެސް އިސްލާމީ އުޚުއްވަތްތެރިކަމުގެ ރީތި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކުރުމުގެ ކުޅަދާނަކަން، އެކަމުގެ ވިސްނުން އަޅުގަނޑުމެންނަށް ދެއްވުން. އަދި މާތްﷲ ހުރިހާ މުޞީބާތްތަކަކުންނާއި ބަދުނަސީބު ކަންތައްތަކުން ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވައި، ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ޞުލްޙަވެރިކަމާއި ތަރައްޤީއާއި ތަނަވަސްކަން މިންވަރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.