މި ސަރުކާރުން މިހާތަނަށް ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީދުވަހުގެ މުނާޞަތުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގެވެ. ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެ މަނިކުފާނުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތްތަކާބެހޭ ތަފުސީލުތައް ހާމަކުރެއްވިއެވެ. އެ ގޮތުން ތިން ސަތޭކަ އެތައް މަޝްރޫޢެއް ސަރުކާރުން ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަށާފައިވާއިރު، މިއަދު ޤައުމަށް ކުރިމަތިވެފައިވާ ހާލަތާ އެކުވެސް، އޭގެ ތެރެއިން ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 156 މަޝްރޫޢެއް ފެށުމަށް މިހާރު ވެސް ތައްޔާރީތައް ވަމުން އަންނަކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން ތަޙައްމުލުކުރަން ޖެހުނު ކަންކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމާއި، ހަމައެހެންމެ އެ ދަތި ހާލަތުގައި ވެސް ސަރުކާރުގެ މުވައްޒަފުން މަދުކުރުން ނުވަތަ މުސާރަ ކުޑަކުރުން ފަދަ ފިޔަވަޅެއް އަޅާފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 މި ވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި ވަނީ، ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތާއި، ބަލި ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކުކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކަށް ޖުމްލަ ގޮތެއްގައި އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައި މިބަލި ރާއްޖެއިން ނައްތައިލުމުގައި ހުރިހާ ފަރާތްތަކުން އެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ތަޢުލީމީ ދާއިރާއިން އަންނަ އަހަރު ފަށާނެ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވައިލަވަމުން، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް ވަސީލަތްތައް ތަރައްޤީކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީކުރުމާއި، ޖޫނިއަރ ކޮލެޖް ޤާއިމްކުރުމާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، ފަށާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމުގެ ދާއިރާއިން ސަރުކާރުން މިހާތަނަށް ފަހިކޮށްދިން ފުރުޞަތުތަކާއެކު ޙާޞިލުކުރެވުނު ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.

ޞިއްޙީ ދާއިރާއިން ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރު އަތޮޅުތަކުގައި ކުރިއަށް ގެންދިއުމާއި، ސަރުކާރުން ފަށާފައިވާ ފަސް ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފައިދާ އަންނަ އަހަރުގެ ތެރޭގައި ލިބެން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާނެ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލު ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން ސާފު ބޯފެން ލިބުމާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ދިނުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ބޯފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، އަންނަ އަހަރު ޢަމަލީ މަސައްކަތް ފަށައި، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޤާއިމްކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް، އެކި ދާއިރާތަކުން އަންނަ އަހަރު ކުރިއަށްގެންދާނެ ތަފާތު މަޝްރޫޢުތަކާއި ކަންކަންކަމުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޙިއްޞާކުރެއްވިއެވެ.

ވަކިން ޚާއްޞަގޮތެއްގައި ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން އަންނަ އަހަރު ކުރާނެ އެންމެ މުހިންމު ކަމެއްގެ ގޮތުން، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭން ތަންފީޒުކުރަން ފެށުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަކީ، އެ ޒާތުގެ ޕުލާސްޓިކު އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ޤައުމަކަށް ވެގެންދާނެކަން ފާހަގަކުރައްވައި، ސަރުކާރުން ފަށާ މި މަސައްކަތުގައި ހުރިހާ ރައްޔިތުން ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދެއްވުމަށް އަމަނިކުފާނު ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމުންނެވެ.