بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަސް. މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. އަދި ދިވެހި ޖުމްހޫރިއްޔާގެ ދެ ބަޠަލުން ކަމަށްވާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށާއި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަން.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންނަށް މި ތިބެވުނީ، ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ވެރިކަމަށް، ދެ އަހަރު ފުރުމާ އެންމެ 6 ދުވަހާ ގާތަށް އާދެވިފައި. ރައްޔިތުން ކުރި އިތުބާރާއެކު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ، ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށައިގަތީ، ވަރަށް ފުރިހަމަ ރޭވުންތެރިކަމެއްގެ ދަށުން.

ނަމަވެސް، މުޅި ދުނިޔެ ބަނަކުރަމުންދިޔަ ކޯވިޑް-19ގެ ވިލާގަނޑު، މިއަހަރުގެ މާރިޗު މަހު ރާއްޖެއަށް ހިޔަނި އެޅުމާ ގުޅިގެން، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ހުރަސްއެޅިގެންދިޔަ. ކޯވިޑް-19 އަޅުގަނޑުމެންނާ ކުރިމަތިލީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައެއް ނޫން. މީގެކުރިން މުޅި ދުނިޔެވެސް ތަޖުރިބާނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލުނުކުރާފަދަ، އިޤްތިޞާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައި.

އޭގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކުގެ އިސްކަންދޭ ތަރުތީބަށްވެސް ބަދަލުގެންނަން ޖެހުނު. ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެންވިޔަސް، ސަރުކާރުގެ މަޤްޞަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި، ރައްޔިތުންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ޤައުމު ހިންގަމުން ދިޔުން.

ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން.

ކޯވިޑްގެ މި ޙާލަތުގައިވެސް މާތް ﷲގެ ހެޔޮ ރަޙްމަތްފުޅު އަޅުގަނޑުމެންނަށް ވަރަށް ބޮޑު. ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތް. އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާވަރުގެ ބޮޑު ދަތިކަމަކާ ކުރިމައްޗެއްނުވޭ.

ކޯވިޑް-19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން. އަދި، މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން. އެކަމަށްޓަކައި، ކޯވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މުޅި ޓީމުގައި ހިމެނޭ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އެހެންނަމަވެސް، މި ހޯދުނު ކާމިޔާބީ އެގޮތުގައި ދެމެހެއްޓޭނީ، އަދި މިބަލި ރާއްޖެއިން ނައްތައިލެވޭނީ، އެޗް.ޕީ.އޭ.ގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް، ލޮބުވެތި ރައްޔިތުންގެ ޢަމަލުތައް ކުރިމަގުގައިވެސް ބަހައްޓަވައިގެން.

ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދެން. ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އެބަދޭ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް.

ކޯވިޑް-19 އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުން. އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެ.

މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީ ކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމަށާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށޭނެ.

މަތީ ތަޢުލީމުގެ ދާއިރާއިން އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއްކަމަކީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމް. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދީފި. އަދި މިސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯނުގެ ލުއިތަކާއެކު، 23 ޤައުމެއްގައި، 1082 ދަރިވަރަކު މިހާރު އަންނަނީ މަތީ ތަޢުލީމް ހާސިލުކުރަމުން.

މީގެ އިތުރުން، މިދިޔަ ދެ އަހަރުވެސް، ބައިނަލްއަޤްވާމީ ދާއިރާއިން، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވުނު. މި ދާއިރާއިން އެންމެ ފާހަގަކޮށްލެވެނީ، ހީނަރުވެފައި އޮތް ޚާރިޖީ ގުޅުންތައް އަލުން ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ގާތް ގުޅުމެއް އުފެދިގެންދިޔަކަން. އޭގެ ހެޔޮ ނަތީޖާވެސް އަންނަނީ ފެންނަމުން.

އިޖުތިމާޢީ ހަމަޖެހުމަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން، ރާއްޖޭގެ ރައްޔިތުން ތިބީ، ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި. މާރާމާރީއާއި ގޭންގު ކުށްތައް އިތުރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން، އިޖުތިމާޢީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައި. ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން އެދެމުން ދިޔައީ، ހަމަޖެހިގެން ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަށް.

އަޅުގަނޑު ދެކޭގޮތުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ، އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދެވުން.

މިކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ސިފައިންނާއި ފުލުހުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރަން.

ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައި ހުރި، ގިނަ މައްސަލަތަކެއްގެ ވާހަކަ މިއަދު ދެކެވެން ފަށައިފި. ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި، އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ މިއަދު ހަރުއަޑުން އެބަ ދެކެވޭ. ކޮރަޕްޝަންގެ ވާހަކަތައް ހާމަކުރަން ފަށައިފި.

މީގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ޤާއިމުކޮށްދިނުން. އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއްނެތި، މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްދޭނެކަން.

އިޤްތިޞާދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ، ވެރިކަމުގެ ތިންވަނަ އަހަރަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާއެކު. މާތް ﷲގެ ވާގިފުޅާއެކު، އަންނަ އަހަރުގެ ތެރޭގައިވެސް، ޤައުމީ ތަރައްޤީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ.

އެގޮތުން، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދެވޭނެ. އޭގެ ތެރެއިން، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ.

ކޯވިޑް 19އާއެކު، އަނެއްކާވެސް އަޅުގަނޑުމެންނަށް ޔަޤީންވެގެން ދިޔައީ، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން. މިއީ އަބަދުވެސް ދެކެވޭ ވާހަކައެއް. ނަމަވެސް މިއީ، ޢަމަލީގޮތުން ޙައްލެއް ހޯދުމަށް މިހާތަނަށް ބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއް.

އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ. މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް މި އަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައި. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައްވެސް ކުރިއަށްދާނެ.

ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ދިނުމަށް އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ބޯފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، މި އަންނަ އަހަރު ޢަމަލީ މަސައްކަތް ފަށަން. އަދި، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމަށް.

ހަމަމިއާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް، ޤައުމީ ފެންވަރުގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ފެށިފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައި. އެ މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، އަތޮޅުތަކުގައި ފެށޭނެ. މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވާ ކޯވިޑުގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތައް އިތުރުވެ، އެކަމަށްދޭ ސަމާލުކަން ވަނީ އިތުރުކުރަން ޖެހިފައި.

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން. މި މަސައްކަތުގެ ދަށުން، މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް މި އަންނަނީ ފަހިކޮށްދެމުން.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރާއިރު، އަޅުގަނޑުމެންގެ އަމާޒުން މާލެ ކައްސާލައިގެނެއް ނުދޭ. ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް މާލެ ސަރަޙައްދުގައި ފެށުން.

ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ، ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން. ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ހަރުދަނާ ގޮތެއްގައި މިއަންނަނީ ކުރަމުން. އޭގެ ސަބަބުން، ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އަންނަނީ ލިބެމުން. ނަމަވެސް މިކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި.

ތަރައްޤީގެ މަގުގައި ޤައުމެއްގެ ހައިސިއްޔަތުން ހޯދޭނެ އެންމެ ބޮޑު ކުރިއެރުމަކީ، މިހާރަށްވުރެ ރަނގަޅު ޙާލަތެއްގައި، ކުރިމަގުގެ ޖީލަށް ޤައުމު ގެންގޮސްދިނުން. މިއަދުގެ ދިރިތިބީންގެ އެންމެ މުހިންމު ވާޖިބަކީވެސް އެއީ. އެކަން ކުރެވޭނީ، ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރާއްޖެ ރައްކާތެރިކޮށްގެން.

ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން މި އަންނަ އަހަރު ކުރާނެ އެންމެ މުހިންމު ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭން ތަންފީޒުކުރަން ފެށުން. މި ޕްލޭން ތަންފީޒު ކުރުމުން، 2023 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް، އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ވެގެންދާނެ. ސަރުކާރުން މި ފަށާ މުހިންމު މަސައްކަތުގައި، ދިވެހި ހުރިހާ ރައްޔިތުން، ޢަމަލީގޮތުން ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން.

ކޯވިޑް-19އާއެކު އަޅުގަނޑުމެންނަށް މި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ. މިބަލީގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް. އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް.

ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫޢުތަކަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ. އަދި އަލަށް ތަޢާރަފުކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ.

މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައި. އަޅުގަނޑު މި މަގާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަން.

ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއް. ހަމަނުޖެހުމެއްގެ ތެރެއަށްވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ސުލްހަ މަސަލަސްކަންވެސް ޤައުމުގައި ފަތުރާލެވިދާނެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަންދީގެން.

މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބައޮތް. އެއީ އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއްދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން.

އަދިވެސް އެއްފަހަރު، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންގެ ހިތްތަކުގައި މިލޮބުވެތި ވަޠަނަށާއި ދިވެހިރާއްޖެއަށް އޮތް ލޯބި އިތުރުކޮށްދެއްވައި، މިޤައުމަށް ހެވާއި ލާބަހުރި އެންމެހައި ކަންކަން ކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން އެދި ދުޢާކުރަމުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމު ތަރައްޤީ ކުރުމަށް މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.