ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.

ކޯވިޑުގެ ޙާލަތާ ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ މި އަހަރު ނުބާއްވަވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ދެއްވުމަށް ނިންމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މިހާރުވަނީ ފަސްކުރައްވާފައެވެ. އަދި މިހާރު ނިންމަވާފައިވަނީ ޤައުމީ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ވަކިން ޚާއްޞަ ޖަލްސާއެއް ބާއްވަވާގޮތަށެވެ. މި ޖަލްސާ ބާއްވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެއެވެ.