بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު، ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފް، ޔުނިވަރސިޓީގެ އިސްވެރިންނާއި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މިފަދަ މުހިންމު މަސައްކަތެއް، އާދެ، މިފަދަ ރިސަރޗެއްގެ ޕޭޕަރ ނުވަތަ މި ޖާނަލް ނެރުމުގެ މި ޙަފްލާއަށް، އަޅުގަނޑަށް ފުރުޞަތެއް ދެއްވިކަމަށްޓަކައި، ޔުނިވަރސިޓީގެ ޗާންސެލަރަށް އަދި ޔުނިވަރސިޓީގެ އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ޤައުމީ ޔުނިވަރސިޓީއިން އިސްނަންގަވައިގެން މިފަދަ ކަންތައްތަކެއް ކުރައްވާކަމީ އެއީ، އަޅުގަނޑުމެން އެކަމަށްޓަކައިވެސް ވަރަށް ޚާއްޞަ ޝުކުރެއް، ޔުނިވަރސިޓީގެ އެންމެހައި އިސްވެރިންނަށް އަދާކުރަންޖެހޭނެ ކަމެއް. އަދި ވަކިން ޚާއްޞަކޮށް، މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި، މިފަދަ ޢިލްމީ ދިރާސާތަކެއް ކުރެވި، ރައްޔިތުންނާ ހަމައަށް މި ދިރާސާގެ އަލީގައި މި ތައްޔާރުކުރެވުނު ޖާނަލް، މި ކަރުދާސްތައް ގެނެސްދެވުނުކަމީ އެއީ، އަޅުގަނޑުމެން އެކަމަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަންޖެހޭނެ ކަމެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކޯވިޑް 19ގެ، މި ބަލިމަޑުކަމަށް ބަލައިފި ކަމަށްވަންޏާ، މި ބަލި ފެތުރިގެން އައިއިރު، އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، މި ބަލިން ސަލާމަތްވުމަށްޓަކައި، ރައްކާތެރިވުމަށްޓަކައި، އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަންތައްތައް ކުރަންޖެހޭގޮތް، އެއްވެސް މިންވަރަކަށް އަޅުގަނޑުމެންނަށް އެނގިފައި ނެތުން. އާދެ، މިހާރު އެކި ގޮތްގޮތުން ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި، ބަލިން ރައްކާތެރިވުމަށްޓަކައި، ބަލިން ސަލާމަތްވުމަށްޓަކައި، ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ދަސްކުރެވިއްޖެ. މިއީ، މިފަދަ މުހިންމު މަސައްކަތްތަކެއްގެ ނަތީޖާކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.

އާދެ، ރިސަރޗްގެ ދާއިރާއަކީ، ވަރަށް މުހިންމު ދާއިރާއެއް. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން މިކަމަށް މިހާ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމީ، އެއީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް މުހިންމު ކަމެއް. ވަކިން ޚާއްޞަކޮށް، މިގޮތަށް ކުރެވޭ ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެންނަށް ޕޮލިސީތައް ނިންމުމުގައި، ރަނގަޅު ކަންތައްތައް ނިންމުމަށް ވަރަށް ބޮޑަށް މަގުފަހިވޭ.

އެނގިވަޑައިގަންނަވާނެ، މިއަދުގެ ޙާލަތަށް އެކަނި ބެލިކަމުގައިވީނަމަވެސް، ތަފާތު އެކި ދާއިރާތަކުން، އަޅުގަނޑުމެންނަށް އެނގެނީ، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ޞިއްޙީ އެކި ގޮތްގޮތުން ތަފާތު އެކި ގޮންޖެހުންތައް، އެކި ދަތިތައް، އުނދަގޫތައް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެކަން. އެހެން ނަމަވެސް، މި ކަންތައްތަކުން އަރައިގަތުމަށްޓަކައި، ދެން އަޅުގަނޑުމެން ކަންތައްތައް ކުރަންވީ ގޮތްތައް، އަޅުގަނޑުމެންގެ އުޅުން ބަހައްޓަންވީ ގޮތް، އިތުރަށް އަޅުގަނޑުމެން ސަމާލުކަންދޭންވީ ގޮތްތަކަކީ، އެއީ، މިފަދަ ދިރާސާތަކުން، ދިރާސާވެރިން، އެ ކުރައްވާ މަސައްކަތުން އަޅުގަނޑުމެންނަށް އެނގޭ ކަންތައްތައް.


އާދެ، އަޅުގަނޑު ގަބޫލުކުރަނީ، މި ކުރެވުނު މަސައްކަތުގެ އަލީގައި، މިދެންނެވި ކަންތައްތަކަށް، ރާއްޖޭގައި ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއޭ. އަދި ހަމަމިއާއެކު، އަޅުގަނޑުމެންނަށް ދިމާވެފައި ހުރި މައްސަލަތަކުގައި، އިތުރަށް އަޅުގަނޑުމެން ސަމާލުކަންދޭންވީ ކޮންކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެންނަށް މިކަމުން އެނގިގެންދާނެ.

އަޅުގަނޑުމެން އެއް ދާއިރާއަކަށް ބަލައިފި ކަމަށްވަންޏާ، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންނަށް އެ ލިބިގެންދިޔަ ގެއްލުންތަކަކީ އެއީ، ހަމައެކަނި ސްކޫލްގެ ނިޒާމުގެތެރެއިން ކިޔެވުން، އާދެ، 'ލަރނިންގ ލޮސް'އަށް އެކަނި ބަލައިލިނަމަވެސް، ކުދިންނަށް ސްކޫލަށް ނުދެވި، ގޭތެރޭގައި ތިބުމުގެ ސަބަބުން، އެ ގެއްލުން ވެގެންދިޔަ މިންވަރު. ދެން އިތުރަށް އެ ކުދިންނަށް އިތުރު އެހީތެރިކަން ބޭނުންވަނީ ކޮންކޮން ދާއިރާއަކުން، ކިހާވަރަކަށްކަން އެއީ، މިފަދަ ދިރާސާތަކުގެ އަލިން އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ހޯދޭނެ، އެނގޭނެ ކަމެއް.

ހަމައެއާކު، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް މި ލިބުނު ގެއްލުންތަކާއި އަދި ވަޒީފާތަކަށް ކުރިމަތިވެގެންދިޔަ ކަންތައްތަކުގެ އިތުރުން، އަޅުގަނޑުމެންނަށް ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި، މުއްސަނދިކަން އިތުރުކޮށް، އަޅުގަނޑުމެންގެ އިޤްޠިޞާދު ހިފެހެއްޓުމަށްޓަކައި، ދެން އިތުރަށް ކުރަން އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިކަން މިފަދަ ދިރާސާތަކުން އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. ޤައުމަށް އެންމެ ބޭނުންތެރި ކަންތައްތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ. އާދެ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މީގެ މައްޗަށް ބަލައިގެން، އަޅުގަނޑުމެންނަށް ރަނގަޅު ކަންތައްތަކެއް ނިންމިއްޖެ ކަމަށްވަންޏާ، ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިޔާ، އަޅުގަނޑުމެންނަށް ފައިދާތަކެއް ކުރާނެ.

ޙަޤީޤަތުގައި އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތަކަކީ ގިނަ ދިރާސާތަކެއް ކުރެވި، ޢިލްމީގޮތުން އެކަމަށް ނަޒަރު ހިންގާލެވި، އެކަމުގެ ޙައްލު ހޯދުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެ ކަމެކޭ. އަޅުގަނޑުމެންގެ "ލޯންގް ޓަރމް ޕްލޭން" މުޅި ޤައުމުގެ ދުރު ރާސްތާގެ ތަރައްޤީ ބިނާވާންޖެހޭނީ، އަޅުގަނޑު ގަބޫލުކުރަނީ
އެ ޤައުމެއްގައި ހުންނަ މައްސަލަތައްވެސް އެނގިގެން، އަޅުގަނޑުމެންނަށް އެ އެކުލަވައިލެވޭ ކަމެއްގެ މައްޗަށް. އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އެކި ދިމަދިމާއަށް، އެކި ސިނާޢަތްތަކަށް އަދި މުޖުތަމަޢުގެތެރެއަށް ބަލައިލިނަމަވެސް، މިދެންނެވި ގޮތަށް ގިނަގުނަ މައްސަލަތަކެއް އެބަހުރި. މިކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ބޭނުންވަނީ، މިފަދަ ބޭފުޅުންގެ ވިސްނުންފުޅު އަޅުގަނޑުމެންނާ ހަމައަށް އަންނަން. އޭގެ އަލީގައި މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ރަނގަޅު ފެށުމަކުން މަސައްކަތްތަކެއް ކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެއިން ކާމިޔާބު ހޯދޭނީ.

އެހެންވީމާ، މިއަދު އަޅުގަނޑު ޚާއްޞަކޮށް، މި މަސައްކަތް ކުރައްވާ ބޭފުޅުން، އަދި ޔުނިވަރސިޓީގެވެސް އިސްބޭފުޅުންނަށް ދަންނަވާލަން އޮތީ، ޤައުމެއްގައި ހުންނަ މައްސަލަތައް ޙައްލުކުރުމަށްޓަކައި، އިޖުތިމާޢީ ގޮތުން މުޖުތަމަޢުގެ ތެރޭގައި ހުރި ކަންތައްތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންނަށް އެ އެހީތެރިކަން އިތުރަށް އެބަ ބޭނުންވެއޭ. ކަމެއްގައި އޮންނަ އެންމެ ރަނގަޅުގޮތް، ކަމެއް ޙައްލުކުރުމަށްޓަކައި 'އެޕްލައި' ކުރަންޖެހޭ އެންމެ ރަނގަޅުގޮތް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. ޙަޤީޤަތަކީ މިއަދު އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން އެހެން ޤައުމުތަކާ އެއްކޮށް ކުރިއަރުވަން މަސައްކަތްކުރާއިރު، ވަގުތަކީ ވަރަށް މުހިންމު އެއްޗެއް. ކޮންމެ ކަމަކީ އަޅުގަނޑުމެން ޓެސްޓުކޮށްފައި، އެކްސްޕެރިމެންޓް ކޮށްފައި، އިތުރު ގޮތްތައް ހޯދަން ކުރާ ކަންތައްތައް ކަމަށްވަންޏާ، ވަގުތާއި އަދި އެއަށް ހޭދަކުރަންޖެހޭ އެތައް ކަންތައްތަކެއް އިސްރާފުވެގެން އެބަދޭ.

އެހެންވީމާ، މިއަދު ކުރިއަރާފައިވާ ޤައުމުތަކުގެ ކަންތައްތައް ކުރާ އުސޫލުން، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގައި މިދެންނެވި ގޮތަށް، ތިޔަބޭފުޅުންގެ ތިޔަ ދިރާސާތަކާއި، އެކި ދާއިރާތަކުން އެންމެ ރަނގަޅަށް ކަންތައްތައް ގެންދަން، އަޅުގަނޑުމެންނަށް އެ ޑިސިޝަންތައް، ޕޮލިސީ ލެވެލްގައި ނިންމޭނެ އެންމެ ރަނގަޅަށް އެކަންތައްތައް ހޯދަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހަމަ ތަކުރާރުކޮށް އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ޝުކުރުވެސް އަދާކުރަމުން ދަންނަވާލަން، މިކަމުގައި އަޅުގަނޑުމެން އިތުރަށް މަސައްކަތްތަކެއް އަދި ކުރަންޖެހޭކަމަށް.

އާދެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ގިނަގުނަ މަސައްކަތްތަކެއް، ވަރަށް ގިނަ ކަންތައްތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ކުރައްވައިފި. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، 1973 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގައި މީހުން ބިނާކުރުމާއި، މަސައްކަތްތެރިން އުފެއްދުމާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، ހަތްދިހަ ތިންހާސްވަރަކަށް ދަރިވަރުން، އެކި ރޮނގުރޮނގުންވަނީ ޤައުމުގެ އެކި ދިމަދިމާއަށް މަސައްކަތަށް ނެރެވިފައި.

މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޚާއްޞަކޮށް، މީހުން ބިނާކުރުމުގެ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށްވެސް، އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ ކަންތައްތަކުގެ އަލީގައިވެސް، ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެން، ޤައުމަށް ބޭނުންވަނީ ކޮންކަމެއްތޯ، ޤައުމަށް އެންމެ ބޭނުންވަނީ ކޮންދާއިރާތަކެއްތޯ ބެލިގެން، މީހުން ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް އިތުރަށް، އަޅުގަނޑުމެން ފަށަން އެބަޖެހެއޭ. ފަށާ ތަޢުލީމު ރަނގަޅުކުރުމަށްޓަކައި، ފަށާ ތަޢުލީމު ތުއްތުކުދީންނަށް، އެންމެ ފުރަތަމަ މަދްރަސީ ތަޢުލީމު އުނގަންނައިދިނުމަށްޓަކައި، މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް، ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން ކުރަން އެބަޖެހޭ. ދިވެހިރާއްޖޭގައި ޚާއްޞަގޮތެއްގައި، ފަތުރުވެރިކަމުގެ ދާއިރާއަށް އިސް މަޤާމުތަކާއި، މަތީ މަޤާމުތަކާއި އަދި އެނޫންވެސް އެފަދަ ދާއިރާތަކުގައި އެފަދަ މަޤާމުތަކަށް މީހުން ތައްޔާރުކުރުމުގެ މަސައްކަތްތައް އިތުރަށް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

އާދެ، މި ހުރިހާ ކަމެއް ކުރަމުންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ޤައުމުގެ ސައިޒާއި، ޤައުމުގެ ޕޮޕިއުލޭޝަނާއި، އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތައް އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ރިސޯސްތައް ވީހާވެސް ވަރަކަށް ޑުބްލިކޭޓް ނުވާނެ ގޮތަކަށް، އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަންކުރެވެން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، މިއަދު ދިވެހި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އަމާޒެއްގެ ގޮތުގައި މިވަނީ، ލާމަރުކަޒީ އުސޫލުން، ދިވެހިރާއްޖޭގެ ހިންގުން ވަރުގަދަކޮށް، ހިންގުމުގެ ނިޒާމު ރަނގަޅުކޮށް، އަދި އަތޮޅުތަކުގައި ތިބެގެން ދިވެހިރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، އެކިއެކި ޚިދުމަތްތަކާއި، އެ ބޭނުންވާ ކަންތައްތައް ފުއްދޭނެ މަގުފަހިކުރުން. އެއީ ޞިއްޙީ ދާއިރާއިންވިޔަސް، ތަޢުލީމީ ދާއިރާއިންވިޔަސް، އަދި ރަށާ ކައިރިން މަސައްކަތް ހޯދުން ކަމުގައިވީނަމަވެސް، މިއީ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއްދޭ އެއްކަންތައް.

މީހުން ބިނާކުރުމުގައި އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑަށް އެނގޭ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވަރަށް ގިނަ މަސައްކަތްތަކެއް، ކިޔަވައިދިނުމުގެ މަސައްކަތްތައް ކެމްޕަސްތައް މެދުވެރިކޮށް، އަދި 'އައުޓް ރީޗް' ސެންޓަރުތައް މެދުވެރިކޮށް، ގިނަ އަތޮޅުތަކެއްގައި އެ މަސައްކަތް ކުރިއަށް އެބަގެންދެވޭ. ކުރިއަށް އޮތް ދުވަސްތަކުގައި ވީހާވެސް ފަސޭހަކަމާއެކު، ރަށުގައި ތިބެގެން، ނުވަތަ އަތޮޅުގައި ތިބެގެން، މި ފުރުޞަތު ކައިރިން ލިބި، މި ބޭނުންވާ ދާއިރާތަކަށް ދިވެހި ދަރިން އިތުރަށް ތަމްރީނުކޮށް، މި މަސައްކަތް ކުރުމަކީ މިއީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭނެކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު އަދި އެއް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެކި މީހުންނަށް މާތްރަސްކަލާނގެ މިންވަރުކުރައްވަނީ، އެކި ކަންތައްތައް. އެއްބައިމީހުންނަށް ޢިލްމު. އަނެއްބައި މީހުންނަށް ތަނަވަސްކަން. އަނެއްބައި މީހުންނަށް ވަރަށް އޯގާތެރި، ބޮޑު ހިތެއް. އެހެންވީމާ، އެމީހަކަށް އެ ލިބިފައިވާ ނިޢުމަތެއްގެ އެންމެ ރަނގަޅު ބޭނުންހިފުމަކީ އެއީ، އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރުވެރިވަނީ، ތިޔަބޭފުޅުންގެ ހުރި ޢިލްމީ ޤާބިލުކަން، ލިބިފައިވާ ޢިލްމެއްގެ ބޭނުން ހިއްޕަވައި، އެ ޢިލްމު ފެތުރުއްވުމަށްޓަކައި ތިޔަބޭފުޅުން ކުރައްވާ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކުރަމުން.

އެހެންވީމާ، ޤައުމެއް ތަރައްޤީވެގެންދާނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި ދެންނެވި ގޮތަށް، އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތެއް ކަމަށްވަންޏާ، އެއީ ނަސީބެއް ކަމަށްވަންޏާ، އެއީ، ހަމައެކަނި އަޅުގަނޑުމެންގެ ނަފްސަށް ލިބިފައިވާ އެއްޗެއް ނޫންކަން ގަބޫލުކޮށް، ވީހާވެސް ބޮޑަކަށް އެހެން މީހުންނަށް، އެ ފޯރުކޮށްދިނުމަށްޓަކައި، މުޖުތަމަޢުގެ ތެރެއަށް އެ ގެންގޮސްދިނުމަށްޓަކައި، އޭގެ ފައިދާ އެހެން މީހުންނަށް ހޯދައިދިނުމަށްޓަކައި ކުރެވޭ މަސައްކަތުން.

އާދެ، މިފަދަ ބުރަ މަސައްކަތެއް ކުރެއްވީތީވެ، ޔުނިވަރސިޓީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި، ކޯވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ސަލާމަތްވުމަށްޓަކައި، މި ކުރެވުނު މަސައްކަތުގައި، ޔުނިވަރސިޓީއަށް ނިސްބަތްވާ، ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ދަރިވަރުންގެ އެހީތެރިކަންވަނީ ލިބިފައި. އެކަމަށްޓަކައި އެންމެހައި އިސްވެރިންނަށާއި އަދި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، ޔުނިވަރސިޓީގެ މަސައްކަތްތަކަށް، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކާމިޔާބު ލިބިގެން ދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އަޅުގަނޑުމެންނަކީ ޢިލްމީ، ޤާބިލް، ރަނގަޅު، ހެޔޮލަފާ ބައެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.