بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربِّ العالمـين، والصّـلاة والسّـلام على أشرف المرسلين، وخاتم النَّبِيّــين، سيِّدنا محـمّد، وَعلـى آلـه وصحبـه أجمـعـين.

ދިވެހިރާއްޖޭގެ ޞިއްޙަތާބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޖަމީލް، މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅުވެރިޔާ އަލްފާޟިލް ޤާސިމް ކަލޭފާނު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމް، މި ރާއްޖޭގައި ތަމްސީލު ކުރައްވާ މިސްޓަރ ޕީޓަރ ބައުޓް އަދި މިސް ބަރނީ ކިޓްލް، މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށުގެ ވެރިން، އުނގޫފާރުގެ ލޮބުވެތި ރައްޔިތުން؛

السّــلام عليكم ورحمـة اللّـه وبركاته.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުންވެސް އެ ވިދާޅުވި ފަދައިން މިއަދަކީ، ވަރަށް އުފާވެރި މުހިންމު ދުވަހެއް. މިއަދަކީ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި، މިތާނގެ ސަރަޙައްދީ ހަސްފަތާލު ހުޅުވުނު ދުވަސް. އެހެންނަމަވެސް، އެ ހަސްފަތާލާ ދޭތެރޭގައި ނުވަތަ އެ މުނާސަބަތާ ދޭތެރޭގައި އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުގެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅުވެރިންނަށާއި، ރަށްރަށުގެ ވެރިންނަށާއި، އުނގޫފާރުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ، އެއީ އަޅުގަނޑު މިއަދު މިރަށަށް އައި އައުން ފާހަގަކުރައްވައި، މިކަމަށް އެހާބޮޑު އަހަންމިއްޔަތެއް ދެއްވައި އަޅުގަނޑަށް މަރުޙަބާ ވިދާޅުވީތީ. އަދި މި މަރުޙަބާގައި އަޅުގަނޑުގެ އަންހެނުންވެސް ހިމެނުއްވީތީ. އެހެންވީމާ، އަޅުގަނޑުމެން ދެމަފިރިންގެ ފަރާތުން ރ.އަތޮޅުގެ އަތޮޅުވެރިންނަށާއި، ރަށްރަށުގެ ވެރިންނަށާއި އަދި އުނގޫފާރުގެ ވެރިންނަށާއި، އުނގޫފާރުގެ ރައްޔިތުންނަށް މަރުޙަބާއާއި ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އޭގެފަހުގައި އަޅުގަނޑު ޝުކުރު ދަންނަވަންޖެހެނީ، ރާއްޖޭގެ ޞިއްޙަތާބެހޭ ކަންތައްތައް ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރަށް. އާދެ، މިއުފާވެރި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް އެމަނިކުފާނު ދަޢުވަތު ދެއްވީތީ. އަދި މިރަށުގައި މި ހުޅުވުނު ސަރަޙައްދީ ހަސްފަތާލު ހުޅުވައިދިނުމުގެ ޝަރަފުވެސް އަޅުގަނޑަށް ދެއްވީތީ. އެކަމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީވެސް، އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް ކަމުގައި ދެކެން.

އާދެ، މިއަދު މިހާރު މި ސަރަޙައްދީ ހަސްފަތާލު ހުޅުވައި މި ނިމުނީ. އެހެންވީމާ، އަޅުގަނޑުމެން ކުރަންވީ ސުވާލަކީ، މިތަނުން ދެން އަޅުގަނޑުމެން ދާންވީ ކޮންތަނަކަށްތޯއޭ؟ މި ހިސާބުން ހުރިހާ ކަމެއް ނިމުނީތޯއޭ؟ ނޫނީ އަދި މީގެފަހުން ކުރަންހުރި މަސައްކަތްތަކެއް އެބަހުރިތޯއޭ؟ ޝައްކެއްނެތް، މި ހަސްފަތާލު ތައްޔާރުކުރުމަކީ، ވަރަށް ބުރަ މަސައްކަތެއް. އެ މަސައްކަތް ކުރެވެމުންދިޔައީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުން ލިބިގެން. އާދެ، އޭގެތެރޭގައި އެމެރިކާ ސަރުކާރު، އެމެރިކާ ސަރުކާރުގެ ދީލަތި އެހީއެއް، މިހާރު މިއަތޮޅުގައި ހިނގަމުންދާ ޕްރޮގްރާމްގައި، ތަރައްޤީގެ ޕްރޮގްރާމްގައި ހިމެނިފައިވޭ. ހަމަ އެފަދައިން ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމުގެ ޖަމާޢަތް ނުވަތަ ޕްރޮގްރާމް، އެ ޖަމާޢަތުގެ ފަރާތުންވެސް މި ހަސްފަތާލު ތައްޔާރުކުރުމާއި އަދި މިއަތޮޅުގައި އެނޫންވެސް ތަރައްޤީގެ މަސައްކަތްތަކެއް ކުރެވެމުންދާ މަސައްކަތްތަކުގައި އެފަރާތުގެ ވަރަށްބޮޑު އެހީ ހިމެނިފައިވޭ. އެއާއެކު އެނޫންވެސް ބައެއް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީ މި މަޝްރޫޢުގައި އަދި ރ. އަތޮޅު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނިފައިވޭ.

އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމާއެކު، ސަރުކާރުގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމާއެކު އަޅުގަނޑަށް ދަންނަވަން ޖެހެނީ، އެފަރާތްތަކުގެ މަސައްކަތްތައް މިހާހިސާބަށް ގެނެވިފައިވުމުން އެއީ އަޅުގަނޑުމެންގެ މަސައްކަތް ނިމުނީއަކީ ނޫނޭ. މިއަދު އަޅުގަނޑުމެން މި ކުރިމަތިލަނީ އާ ގޮންޖެހުމަކަށް. އާދެ، އާ ތަޙައްދީއަކަށް، އާ ޗެލެންޖަކަށް. ހަމައެކަނި ޢިމާރާތެއް ކުރުމުން އެއީ އެ ޢިމާރާތުން ލިބެންވާ ފައިދާތަކާއި ނިޢުމަތްތައް ލިބުނީކަމަށް ބަލައިގެނެއްނުވާނެ. މަދަރުސާއެއް ހުޅުވުމުން، އެ މަދަރުސާގެ ފަރާތުން ލިބެންހުރި ހުރިހާ ޚިދުމަތްތަކެއް ލިބުނީކަމަށް ބެލިގެނެއްނުވާނެ. ހަމައެފަދައިން، ހަސްފަތާލެއް ހުޅުވުނަކަސް، އެ ހުޅުވުނު ދުވަހުން ފެށިގެން އަޅުގަނޑުމެން ކުރަންހުރި ހުރިހާ މަސައްކަތްތައް ނިމުނީކަމަށް ބަލައިގެންނެއް ނުވާނެ. މިއީ އާ ފެށުމެއް. މިއަދު މިފެށޭ ފެށުން ކުރިޔަށް ގެންދިއުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް.

ޝައްކެއްނެތް، ހަސްފަތާލު ހިންގުމުގައި ރާއްޖޭގެ ޞިއްޙަތާބެހޭ ވުޒާރާއިން ވަރަށްބޮޑު ބައެއް އަދާކުރައްވަންޖެހޭ. ހަމައެއާއެކު، ޑޮކްޓަރުންނާއި އަދި އެނޫންވެސް ތަޖުރިބާކާރު ފަރާތްތަކުން މިތާނގެ ޚިދުމަތްތައް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރައްވައި އަދި މިހިސާބުގަނޑުގެ ރައްޔިތުންގެ އެންމެންނަށް މި ޚިދުމަތްތައް ލިބިދެވޭނެ ގޮތްތައް ރާއްވަވައި ކުރިޔަށް ގެންދެވުމުގައި ވަރަށްބޮޑު ބައެއް އަދާކުރައްވަންޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ހަސްފަތާލު ރައްކާތެރިކޮށް ބެލެހެއްޓުމާއި، މި ހަސްފަތާލުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބިދިނުމާއި، އެއިން ލިބެންވާ ފައިދާތައް އެންމެންނަށް ޙިއްޞާކުރުމަކީ، ނުވަތަ ކުރެވޭގޮތް ހަދައިދިނުމަކީ، މިއަތޮޅުގެ ރައްޔިތުންގެ ވާޖިބެކޭ.

އާދެ، މި ހަސްފަތާލަކީ، ތިޔަބޭފުޅުންގެ ހަސްފަތާލު. އެހެންވީމާ، އެތަނާ ހަވާލުވެ، އެ ހަސްފަތާލު ރައްކާތެރިކޮށް ހިންގައި ބަލަހައްޓައި، އެއިން ލިބެންވާ ޚިދުމަތްތައް ލިބިދެވޭތޯ މަސައްކަތް ކުރުމަކީ މިއަތޮޅުގެ ރައްޔިތުންގެ ވަރަށްބޮޑު ވާޖިބެއް. ދެންމެ ހެލްތު މިނިސްޓަރ އެ ވިދާޅުވިފަދައިން މި ހަސްފަތާލަކީ، މި ހިސާބުގަނޑުގައި ހިމެނޭ ހަތަރު އަތޮޅެއްގެ ރައްޔިތުންނަށް ހެދިފައިވާ ތަނެއް. އެހެންކަމުގައިވިޔަސް މިތަން ހެދިފައި މިހުރީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށެއްގައި. އެ އަތޮޅުގެ ވެރިކަންކުރާ ރަށުގައި، އުނގޫފާރުގައި. އެހެންވީމާ، އުނގޫފާރުގެ ރައްޔިތުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން އެބަޖެހޭ. އުނގޫފާރުގެ ރައްޔިތުންގެ ކޮނޑުގައި މިކަމާ ބެހޭގޮތުން ވަރަށް ބުރަ މަސްއޫލިއްޔަތެއް އެޅިފައި އެބައޮތް. ހަމައެފަދައިން މިއަތޮޅުގެ ރައްޔިތުންގެ ކޮނޑުގައިވެސް އެ މަސްއޫލިއްޔަތު އެޅިފައި އެބައޮތް. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ މިތަން ބެލެހެއްޓުމާއި ހިންގުމާއި، މިތަން ކުރިޔަށް ގެންދިއުމާ، މިހުރިހާ ކަމަކީ، އެކަމަށްޓަކައި މިއަތޮޅުގެ ރައްޔިތުން ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވަންޖެހޭނެ ކަމެކޭ.

އާދެ، އެންމެ ފުރިހަމަގޮތުގައި ތަނެއް ހިނގާނީ އެތަނެއްގެ މީހުން އެތަނެއް ހިންގަން ތިބިއްޔާ. އެހެންވީމާ، ކުރިޔަށް އޮތްތަނަށް ވިސްނާއިރު އަޅުގަނޑަށް ދެންނެވެން އަންނަނީ، މިއަތޮޅުގައި މިހުޅުވުނު ހަސްފަތާލުވެސް، އެތަނުގެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ލިބެމުންދާނީ، އެތަން ހިންގުމުގެ ހުރިހާ ކަމަކާ މި ހިސާބުގަނޑުގެ މީހުން ހަވާލުވެތިބި ދުވަހަކުންނޭ. އާދެ، މިތާ މި ހަސްފަތާލު ހިންގަވަން ހުންނަވާ ޑޮކްޓަރުވެސް ވާންޖެހޭނީ، މި ހަތަރު އަތޮޅުންކުރެ އަތޮޅެއްގެ ބޭފުޅަކަށް. ހިންގަވަން ހުންނަވާ ވެރިޔާވެސް ވާންޖެހޭ، މި ހިސާބުގަނޑުގެ ރައްޔިތަކަށް. އަދި މި ހަސްފަތާލުގައި މަސައްކަތްކުރާ ނަރުހުންނާއި އަދި އެނޫން މީހުންވެސް ވާންޖެހޭނީ މިއަތޮޅުތަކުގެ މީހުން ކަމުގައި. އެހެން އެކަން ނެތްކަމަށްވަންޏާ، ތަނެއްގައި އަދި ހަސްފަތާލެއް ހުޅުވުނަކަސް އެތަނުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކެއް ފުރިހަމައަކަށް ނުލިބޭނެ.

މިއަދު މިތަނަށް އައިސް ހަސްފަތާލު ބަލައިލި ބަލައިލުމުގައި، އެތާނގެ ނަރުހުންގެ ތެރެއިން ގިނަ ކުދިން އެއީ މިއަތޮޅު ކުދިން ކަމަށްވީކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑުހިތުން އެއީ އަޅުގަނޑު މިދެންނެވި ބަހުގެ ހެތްކަކަށް ފުދޭނެ. އެގޮތަށް އެކަންތައްތައް ރޭވިގެން ހިނގަމުންދާ ކަމަށްވަންޏާ، އަޅުގަނޑުހިތުން ތަރައްޤީގެ މަގުގައި މިހާރު ދިވެހިރާއްޖޭގައި އެޅެމުންމިދާ ފިޔަވަޅުތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާނެ. އަދި އެކަމުން އެދެވޭ ނަތީޖާ ރައްޔިތުންނަށް އެއްދުވަހުން އަނެއް ދުވަހަށް ލިބެމުންދާނެ.

އާދެ، ޤައުމެއްގައި މަދަރުސާތައް ހުޅުވުމާއި، ހަސްފަތާލުތައް ހުޅުވުމަކީ، އެތަނެއްގެ ތަރައްޤީއަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅުތަކެއްކަން ކަށަވަރު. ރާއްޖޭގައި މިހާރު ސަރުކާރުގެ ފަރާތުން ހުޅުވަމުންގެންދާ މަދަރުސާތަކުގެ ވާހަކަ، ތިޔަ ހުރިހާ ބޭފުޅުން އައްސަވާނެ. މިއަތޮޅުގައިވެސް އޭގެ ބައެއް މަދަރުސާ އެބަހުރި. މިއަތޮޅު މީދޫގައި އަތޮޅު ތަޢުލީމީ މަރުކަޒު އެވަނީ ހުޅުވިފައި. ކަނދޮޅުދޫގައި އެކުވެރި ޤައުމެއްގެ އެހީގައި ބިނާކުރެވުނު މަދަރުސާއެއް މިހާރުދަނީ ހިނގަމުން. އަދި އަޅުގަނޑު ކުރިންވެސް މިދެންނެވި އިންޓަރނޭޝަނަލް ހިއުމަން އެސިސްޓެންޓް ޕްރޮގްރާމް. އާދެ، ބައިނަލްއަޤްވާމީ، އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމާއި، އެ ޕްރޮގްރާމްގެ އެހީގައިވެސް މިއަތޮޅުގެ ވަރަށްގިނަ ރަށްރަށުގައި މަދަރުސާތައް ހެދެމުން އެބަދޭ. އެހެންވީމާ، މަދަރުސާތައް ގިނަވަމުން ދިޔުމަކީ، ތަނުގެ ތަރައްޤީއަށް ބޭނުންކަމެއްކަން މިހާރު އަޅުގަނޑުމެން އެންމެންނަށް އިޙްސާސް ކުރެވޭ. ހަމައެއާއެކު ހަސްފަތާލުތައްވެސް އެދަނީ އިތުރުވަމުން.

އާދެ، އެންމެ ފުރަތަމަ ހުރީ ހަމައެކަނި މާލޭގައިހުރި ހަސްފަތާލު، ސަރުކާރުގެ މަރުކަޒީ ހަސްފަތާލު. އެއަށްފަހު، ހުޅުވުނީ މީގެ ދެ އަހަރު ކުރިން ކުޅުދުއްފުށީގައި އެ ހިސާބުގަނޑުގެ ސަރަޙައްދީ ހަސްފަތާލު. މިއަދު މި ހުޅުވުނީ، މި ހިސާބުގަނޑުގެ ސަރަޙައްދީ ހަސްފަތާލު. އަދި ދެންމެ ވަޒީރު އެ ވިދާޅުވިފަދައިން، މިއަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި އެހެން ހަސްފަތާލެއް ހުޅުވޭނެ، މިއަހަރުގެ މެދެއްހާތާނގައި ހުޅުވޭނެ. އަދި އަންނަ އަހަރުގެ ކުރީކޮޅުގައި ދެކުނުގެ އެހެން އަތޮޅެއްގައި މިކަހަލަ އެހެން ހަސްފަތާލެއް ހުޅުވުމަށްޓަކައި މަސައްކަތްދަނީ ކުރެވެމުން.

އާދެ، މަދަރުސާ ހުޅުވުމާއި، ހަސްފަތާލު ހުޅުވުމާ، މިއީ ޤައުމުގެ ތަރައްޤީއަށް ކިތަންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމުގައިވިޔަސް، މި ދެކަމުގައި ވަރަށް ބޮޑު ތަފާތެއް އެބަހުރިކަމަށް އަޅުގަނޑު ދެކެން. މަދަރުސާއެއް ހުޅުވުމުން ސަރުކާރުން އުންމީދުކުރަނީ އެތާނގެ ޚިދުމަތްތައް ލިބިގަންނާނޭ މީހުން، ކުދިން އެއް ދުވަހުން އަނެއް ދުވަހަށް ގިނަވަމުންދާނެކަމަށް. ފެށޭއިރު ސަތޭކަ ކުދިންނަށް މަދަރުސާ ހުރި ކަމުގައިވިޔަސް، އޭގެފަހުން އެ ސަތޭކަ ކުދިން، ދުއިސައްތަ ކުދިންނަށް ބަދަލުވެގެންދާނެ ކަމަށް. ފައްސަތޭކަ ކުދިންނަށް ބަދަލުވެގެންދާނެ ކަމަށް. ނުވަތަ އެއްހާސް ކުދިންނަށް ބަދަލުވެގެންދާނެ ކަމަށް. އެއީ ސަރުކާރުން ކުރާ އުންމީދަކީ. އެހެންނަމަވެސް، ހަސްފަތާލެއް ހުޅުވޭއިރު، ސަރުކާރުންކުރާ އުންމީދަކީ، އެއާ ދިމާ އިދިކޮޅު އުންމީދެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އަޅުގަނޑުމެން ބޭނުންވަނީ ހަސްފަތާލުގެ ޚިދުމަތް ލިބިގަންނަ މީހުން، އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންދިޔުން. އާދެ، އެއީ، މިތާނގައި ހުރި ތަފާތަކީ. ހަސްފަތާލުގެ ޚިދުމަތް ގިނަ މީހުންނަށް ބޭނުންވާނީ، އެމީހުންގެ ޞިއްޙަތު ރަނގަޅު ނޫންކަމަށްވަންޏާ. އެކިއެކި ބަލިބަލި ފެތުރެމުންދާ ކަމަށްވަންޏާ. އެކި ގޮތްގޮތުން ރައްޔިތުންނަށް ދިމާވާ ޞިއްޙީ މައްސަލަތައް ގިނަކަމަށްވަންޏާ. އެއާ ޚިލާފަށް، މީހުންގެ ޞިއްޙަތު ރަނގަޅުވަމުންދާ ކަމަށްވަނީނަމަ، ހަސްފަތާލުތަކުގެ ޚިދުމަތްތައް ލިބިގަންނާނެ މީހުންގެ އަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދާނީ މަދުވަމުން.

އެހެންވީމާ، ހަސްފަތާލު މިއަދު ހުޅުވުނަސް، ސަރުކާރުން އުންމީދުކުރަނީ މި ހަސްފަތާލަށް މިއަދު ނުވަތަ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އެތާނގެ ޚިދުމަތް ލިބިގަތުމަށް އަންނަ މީހުންގެ އަދަދަށްވުރެ، މި އަންނަ އަހަރު އެތަނަށް އަންނަ މީހުންގެ އަދަދު މަދުވާނެކަމަށް. އަދި އޭގެފަހު އަހަރު އެއަށްވުރެ މަދުވާނެކަމަށް. އެހެންގޮސް އަޅުގަނޑުމެންގެ ރައްޔިތުންގެ ޞިއްޙަތު، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވެ ރަނގަޅުވަމުން ދިޔުމުގެ ސަބަބުން ރާއްޖޭގައި ހުޅުވޭ ހަސްފަތާލުތަކުގެ ޚިދުމަތް އަޅުގަނޑުމެންނަށް ބޭނުންވާވަރު، މިންވަރު އެއްދުވަހުން އަނެއްދުވަހަށް ކުޑަވަމުންދާނެކަމަށް.

އާދެ، ކޮންމެއަކަސް އެކަން އެހެންވާނީ، އަޅުގަނޑުމެން އެކަމަށް މަސައްކަތްކޮށްގެން. ހަމަ އަޅުގަނޑުމެން ކައިގެން ބޮއިގެން ތިއްބަކަސް އެކަން އެހެނެއްނުވާނެ. ދެންމެ ޞިއްޙަތާބެހޭ ވަޒީރު އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ޅަކުދިން، އުމުރުން އެއް އަހަރުނުވާ ކުދިން މަރުވަމުންދާ އަދަދު، މީގެ ފަސް އަހަރު ކުރިއާ ނުވަތަ ހަ އަހަރު ކުރިއާ ނުވަތަ ހަތް އަހަރު ކުރިއާ އަޅައިބަލާއިރު މިހާރު ތަންކޮޅެއްމަދު. އޭރު ކޮންމެ އެއްހާސް ކުދިންގެ ތެރެއިން ސަތޭކަ އެކާވީސް ކުދިން އުމުރުން އެއްއަހަރު ނުވަނީސް މަރުވޭ. މިހާރު ދެން އުމުރުން އެއްއަހަރު ނުވަނީސް މަރުވާ ކުދިންގެ އަދަދަކީ، ކޮންމެ އެއްހާސް ކުދިންގެ ތެރެއިން ހަތްދިހަ ހަތް ކުދިން. އެހެންވީމާ، މިވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އެބައި ދަށަށް ހިނގައްޖެ. އެއީވެސް ކުރެވުނު މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން. މިނިސްޓަރ އެ ވިދާޅުވިފަދައިން، އެއީ އެކަން އެއްވެސް މީހަކު އަޅައިނުލައިހުއްޓާ ދިމާވިގޮތެއް ނޫން. 

އާދެ، މިހެން ދެންނެވީމާ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތްޕުޅަށް ސުވާލެއް ވަނުން އެކަށީގެންވޭ. ދުނިޔޭގައި ހުރުމާއި، މަރުވުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއްނޫނޭ. އެއީ އެހެން ފަރާތެއްގެ ކަމެކޭ. އާދެ، ވަރަށްބޮޑު ތެދުފުޅެއް، އަޅުގަނޑުމެން ދުނިޔެއަށް އަންނަ އައުމާއި، ދުނިޔޭގައި ތިބޭ ތިބުމާ މިއީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއްނޫން. އެއީ، اللّــه ســبحانه وتــعالى އަށް ރައްދުވާކަމެއް. އެކަލާނގެ ތަދުބީރު ކުރައްވައި ތަޤްދީރު ކުރައްވައި ނިންމަވާ ގޮތެއްމަތިން އެކަންތައްތައް ވަމުންދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ސަބަބުތަކުގައި ހިފުމަށް. ނުވަތަ އެ ސަބަބުތައް މެދުވެރިކުރުމުން، އެ ނަތީޖާތައް ލިބޭނެކަމަށް އަންގަވާފައިވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ﷲ ޞިއްޙަތު ސަލާމަތްކުރުމަކީ، ދީނުގައި އޮތްކަމެއް، ދީނުގައި ބާރުއަޅުއްވާ ކަމެއް. އެގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެއްޔާ، އެކަމުގެ ނަތީޖާ ފެންނާނެކަންވެސް ދީނުގައި އަންގަވާފައި އެބައޮތް. އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކަޔާއި ދީނީ ޢަޤީދާއަކާ އެއްވެސް ތަޢާރުޒުވުމެއް، ފުށުއެރުމެއް ނެތް.

އާދެ، މިއަދު މިދިމާވަނީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، މުހިންމު މުނާސަބަތަކާ. ރާއްޖޭގެ ތާރީޚަށް ބަލާއިރު މުހިންމު މުނާސަބަތަކާ ދިމާވޭ. ހަމައެފަދައިން ބައިނަލްއަޤްވާމީ ގޮތުންވެސް މުހިންމު މުނާސަބަތަކާ ދިމާވޭ. އެއީ، މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް. ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 7 ވަނަ ދުވަހަކީ އެ ދުވަސް. އެހެންވީމާ، އެ ދުވަހަށް މިފަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު، ދެންމެ އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ވަޒީރު އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފި. އެއީ، "ކުޑަކުދިންގެ ޞިއްޙަތަކީ، މާދަމާގެ މުއްސަނދިކަމޭ" ޝައްކެއްނެތް، އެއީ ވަރަށްބޮޑު ޙަޤީޤަތެއް. ވަރަށްބޮޑު ތެދެއް. ޤައުމުގެ ތަރައްޤީއަށްޓަކައި މުސްތަޤްބަލުގައި މަސައްކަތްކުރަން ތިބޭނީ، މިއަދުގެ ޅަކުދިން، މާދަމާގެ ޒުވާނުން، މާދަމާގެ ހަރުދަނާ ބޮޑެތި މީހުން. އެމީހުންނަށް އެކަށީގެންވާ ޞިއްޙަތެއް ލިބިފައިނުވާ ކަމަށްވަންޏާ ޤައުމުގެ ތަރައްޤީއަށް، އެމީހުންނަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނޯންނާނެ. އިޖުތިމާޢީ ތަރައްޤީއާއި އިޤްތިޞާދީ އުފެއްދުންތެރިކަމާ އެންމެބޮޑަށް މިކަންކަމުގައި ހިއްސާކުރާ އެއްޗަކީ، މީހުންގެ ޞިއްޙަތު. މީހުންގެ ޞިއްޙަތު ރަނގަޅަށް ހުރިކަމަށްވަންޏާ ތަނުގެ އުފެއްދުންތެރިކަން އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާނެ. ތަނުގެ އިޖުތިމާޢީ ތަރައްޤީ ކުރިޔަށްދާނެ. ތަޢުލީމީ ތަރައްޤީ ކުރިޔަށްދާނެ. އެއާ އިދިކޮޅަށް ތަނުގެ އަހުލުވެރިންގެ މަސައްކަތަކީ، ވަރަށް ބަލިކަށި އެއްޗެއް ކަމުގައިވާނަމަ، ނުވަތަ އެކިއެކި ޞިއްޙީ ބޮޑެތި މައްސަލަތަކާހުރެ އުފެއްދުންތެރިކަން ދަށަށްދާ ކަމުގައިވަންޏާ ތަނުގެ ތަރައްޤީ ދާނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. އެހެންވީމާ، މިއަދުގެ ޝިއާރު އެއީ އަޅުގަނޑުމެން އެންމެންވެސް އެކަމާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނަންޖެހޭނެ ޝިޢާރެއް. މިއަދުގެ ކުޑަކުދިންގެ ޞިއްޙަތަކީ، އަޅުގަނޑުމެންގެ މާދަމާގެ މުއްސަނދިކަން ކަމުގައި އަޅުގަނޑުމެން އެންމެ ޤަބޫލުކުރަންޖެހޭނެ.

އާދެ، ވަޒީރުގެ ވާހަކަފުޅުގައި، ކުޑަކުދިންގެ ޞިއްޙަތު ސަލާމަތް ކުރުމާ ބެހޭގޮތުން އެޅެމުންދާ ފިޔަވަޅުތަކުގެ ވާހަކަ ވިދާޅުވެދެއްވި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުޑަކުދިންގެ ޞިއްޙަތު ފެށެނީ އެ ކުދިން ދުނިޔެއަށް އަންނަ ދުވަހަކުން ނޫނޭ. ޙަޤީޤަތުގައި ޅަކުދިންގެ ޞިއްޙަތު ފެށެނީ އޭގެ މާކުރިން. އާދެ، އެންމެފުރަތަމަ އެ ކުއްޖާގެ މައިމީހާ ބަނޑުބޮޑުވާ ދުވަހުން ފެށިގެން އެ ކުއްޖާގެ ޞިއްޙަތު އެ އޮންނަނީ ފެށިފައި. އެހެންވީމާ، އެކަމާދޭތެރޭގައިވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ. މައިމީހާ ވާންޖެހޭނެ، ޞިއްޙަތު ރަނގަޅަށް ހުރި މީހަކު ކަމުގައި. އެމީހާ އުމުރުގެ ގޮތުންނާއި، ޖިސްމާނީގޮތުން ކުދިން ލިބުން އެކަށީގެންވާ މީހަކަށް ވާންޖެހޭނެ. މާ އުމުރުން ޅަ އަންހެންކުއްޖަކަށް ލިބޭ ކުދިން ތިބޭނީ ޞިއްޙަތު ސަލާމަތުންނެއް ނޫން. މި ނުކުތާ މިއީ އަޅުގަނޑުމެން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުން ވަރަށްބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް. ދުނިޔޭގައި އަޅުގަނޑުމެންހެން ތިބި ޤައުމުތަކުގައި، މީހުން މީހުންނާ އިންނަ އުމުރަކީ، ވަރަށް ޅަ އުމުރެއް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ފަނަރަ އަހަރުވެފައި ތިބޭ އަންހެނުންނާ އިނދޭ. އެއަށްވުރެ ހަގު އަންހެން ކުދިންވެސް އިންނާނެ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެހެންވޭ.

އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ އެކުދިން އެތިބެނީ ޞިއްޙީގޮތުންނާއި ޖިސްމާނީގޮތުން ކައިވެނީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ މިންވަރެއްގައިތޯ، ފެންވަރެއްގައިތޯ ނުވަތަ އެހިސާބަށް އެ ކުދިންގެ ޞިއްޙަތާއި ޖިސްމާނީ ތަރުބިޔަތު ކުރިޔަށް ގޮސްފައިވޭތޯ. އެހެން ކަމުގައި ނުވަންޏާ އެއީ އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއްނޫން. އެހާ ޅަ އުމުރުގައި ކައިވެނިކުރުން، އެއީ ކައިވެނިކުރި ކަމުގައިވިޔަސް، އެހާ ޅަ އުމުރުގައި ކުދިން ލިބުމަކީ، އެ ކުދިންގެ ޞިއްޙަތަށް ލިބޭނެ ވަރަށްބޮޑު ނުރައްކަލެއް. މި ނުކުތާތަކާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ. އަޅުގަނޑުމެން ޢަމަލުކުރާ ގޮތެއްގެ މަތިން އަޅުގަނޑުމެންގެ ޅަކުދިންގެ ޞިއްޙަތު ސަލާމަތް ކުރެވޭނީ.

އެހެންވީމާ، އެންމެފުރަތަމަ އަޅުގަނޑު މިދަންނަވަނީ، ކުއްޖާގެ ޞިއްޙަތު ފެށޭ ދުވަހަކީ، އެ ކުއްޖާ ދުނިޔެއަށް އަންނަ ދުވަހެއް ނޫނޭ، އޭގެ މާކުރިންނޭ. އެހެންވީމާ، އަޅުގަނޑުމެން މީހުނާ އިންނައިރު ނުވަތަ އަޅުގަނޑުމެންގެ ދަރިން މީހުންނާ އިންނައިރު އެކަމާ ދޭތެރޭގައި ވިސްނަންވާނެ. އަންހެން ކުއްޖާ ހުންނަންޖެހޭނީ ފުރިހަމަ ޞިއްޙަތެއްގައި. އުމުރުގެ ގޮތުންނާއި ޖިސްމާނީގޮތުން އެކަށީގެންވާ ގޮތެއްގައި ދަރިން ލިބުމަށް. ދެން އެގޮތަށް ތިބޭ ކުދިންނަށް ލިބޭ ދަރިން ޝައްކެއްނެތްގޮތުގައި، ޞިއްޙަތު ރަނގަޅު ދަރިން ކަމުގައިވުމުގެ އުންމީދު ވަރަށްބޮޑު. އޭގެފަހުގައި ދެން އިތުރު އެހެން ކަންތައްތަކެއްވެސް، މިނިސްޓަރ އެ ވިދާޅުވިފަދައިން ހުންނާނެ. ކުދިންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ އެތައް ފިޔަވަޅުތަކެއް ހުންނާނެ. އަދި މައިމީހާގެ ބަނޑުގައި އެ ކުޑަ ދަރިފުޅު އުފެދުމުގެ އެންމެ ފުރަތަމަ ޙަރަކާތް ފެށޭ ދުވަހުން ފެށިގެން ވިހެއުމާ ދޭތެރޭގައިވެސް ޚާއްޞަ ގޮތްތަކަކުން އެ މައިމީހާ ސަލާމަތްކޮށް، ބަލަހައްޓަންޖެހޭ. އެ ބެލެހެއްޓޭ ބެލެހެއްޓުން އެއީވެސް އެ ކުދިންގެ ޞިއްޙަތަށް ވަރަށްބޮޑު އަސަރުކުރުވާ ކަމެއް. މައިމީހާ ބަލިވެ އިންނައިނުމުގައި، އެކިއެކި ބޮޑެތި ޞިއްޙީ ކަންތައްތަކާ ދިމާވާ ކަމަށްވަންޏާ، ބަލިވެ، ހަށިގަނޑު ދެރަވެ، މިފަދަ ގޮތްތައް ދިމާވާ ކަމަށްވަންޏާ، ވަރަށް ފަސޭހައިން އޮންނާނީ، ލިބޭ ކުއްޖާގެ ޞިއްޙަތުވެސް ވަރަށް ނިކަމެތިކޮށް. އެކުއްޖާގެ ދިރިއުޅުމުގެ ފުރުޞަތުވެސް ވަރަށް ކުޑަވެދާނެ ބައެއްފަހަރަށް. އެއާ ޚިލާފަށް، މައިމީހާ ބަލިވެއިންނަ އިނުމުގައި އޭނާގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓޭ ކަމަށްވަންޏާ، އޭނާއަށް ރަނގަޅު ކާނާ ލިބި އަދި ޞިއްޙީ ފަރުވާ ލިބި، ޞިއްޙީ ރަނގަޅު އާދަތައް އޭނާއަށް އާދަވެފައިވާ ކަމަށްވަންޏާ ލިބޭ ދަރިފުޅުގެ ޞިއްޙަތުވެސް ރަނގަޅުވާނެ.

އެހެންވީމާ، މިކަންތައްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ. މިއަދުގެ ޅަދަރިންގެ ޞިއްޙަތަކީ، ހަމައެކަނި އެ ކުދިން ދުނިޔެއަށް އަންނަ ދުވަހުން ފެށޭ އެއްޗެއް ކަމުގައި އަޅުގަނޑުމެން ބަލައިގެން ކަމަކުދާކަށް ނޯންނާނެ.

އާދެ، ކޮންމެއަކަސް މިކަންކަމާ ދޭތެރޭގައިވެސް ވިސްނައި، އަޅުގަނޑުމެންގެ މެދުގައި ހޭލުންތެރިކަން އުފެއްދުން އެއީ ސަރުކާރުގެވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއް. އަދި ސަރުކާރު ފިޔަވައި، މިކަހަލަ މައިދާންތަކުގައި ޚިދުމަތްކުރާ އަފުރާދުންނާއި، ޖަމާޢަތްތަކުގެވެސް ވާޖިބެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔުން. ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެ ދެ އަހަރު ކުރިން ކުޅުދުއްފުށީގައި ހަސްފަތާލު ހުޅުވުނު ދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، ރާއްޖޭގައި އެކަށީގެންވާ ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަށް ގޮވާލިން. އިލްތިމާސް ކުރިން. އެކަމަށް ވަރަށް އެކަށީގެންވާ ތަރުޙީބެއް، ހުރިހާ ފަރާތްތަކަކުންވެސް ލިބެމުންދިޔަކަން، މިއަދު އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

އެހެންނަމަވެސް، އެހިސާބުން އަދި އެކަން ނިމުނީއަކީނޫން. މިހާރު އަޅުގަނޑުހިތުން އެކަމަށް އިތުރު ހިތްވަރެއް ދޭންވެއްޖެ. އިތުރު މަސައްކަތްތަކެއް ކުރެވެންވެއްޖެ. އަޅުގަނޑުމެންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދޭތޯ. އެއީ، އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު އަޅުގަނޑުމެންގައި ތަފާތު ބާވަތްބާވަތުގެ އާދަތައް އަށަގަނޭ. އޭގެތެރެއިން ބައެއް އާދަތަކަކީ ރަނގަޅު އާދަތަކެއް، އަނެއްބައި އާދަތަކަކީ ނުބައި އާދަތަކެއް. އެހެންވީމާ، ޞިއްޙީގޮތުން ވިސްނާއިރު، ރަނގަޅު އާދަތަކަކީ ކޮބައިތޯ ބަލައި، އެ އާދަތައް ލިބިގަތުމުގައި އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ބަހައްޓަންވާނެ. ހަމައެފަދައިން، ޞިއްޙީ ރޮނގުން ވިސްނާއިރު، ނުބައި އާދަތަކަކީ ކޮބައިތޯވެސް ވިސްނައި އޮޅުންފިލުވައި، އެ އާދަތަކުން އެއްކިބާވެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. އެގޮތުން މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންގެ ޞިއްޙީ ފެންވަރު، އެއްދުވަހުން އަނެއްދުވަހަކަށް ތަރައްޤީވަމުންނެއް ނުދާނެ.

އާދެ، މީގެ ދެ އަހަރު ކުރިން ކުޅުދުއްފުށީގައި އެ ހަސްފަތާލު ހުޅުވުނު ދުވަހު އަޅުގަނޑު މިވާހަކަ ދެއްކިއިރު އިލްތިމާސް ކުރިން. އަޅުގަނޑުމެން ދުންފަތުގެ އިސްތިޢުމާލު ކުރަމުން ގެންދާވަރު މަދުކުރުމުގެ މައްޗަށް. އެކަމަށްވެސް އަޅުގަނޑު ދަންނަވާނީ، ވަރަށް މަތިވެރި ތަރުޙީބެއް ވަރަށްގިނަ ފަރާތްތަކުން ލިބުނޭ. އެހެންވީމާ، މިއަދު އަނެއްކާވެސް އެ އިލްތިމާސް އަޅުގަނޑު އާކުރަން. އަޅުގަނޑުމެން ދުންފަތުގެ އިސްތިޢުމާލު ކުރާލެއް މިހާރަށްވުރެވެސް މަދުކުރަންވެއްޖެއޭ. އަޅުގަނޑު ދަންނަވާނީ. އާދެ، ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޞިއްޙީގޮތުން ވަރަށް ގެއްލުންހުރި ކަމެއް. މިހާރު އެކަމާ ދޭތެރޭގައި ދެކޮޅުހަދައި އިންކާރުކުރާ ހަމަ އެކަކުވެސް ދުނިޔެއަކު ނެތް. އެކިއެކި ބޮޑެތި ބަލިތައް ޖެހުމުގެ ވަރަށްބޮޑު އަޞްލެއް ކަމުގައިވޭ، ދުންފަތުގެ އިސްތިޢުމާލު ކުރުން. ސިނގިރެޓް ބުއިން ނުވަތަ ބިޑި ސުއްޓާ ބުއިން، ދުންބުއިން. މިކަންތައްތައް މިއީ، ވަރަށްގިނަ ބަލިތަކެއްގެ ފެށުން ކަމުގައި އޮންނަނީ ހިމެނިފައި.

އެހެންވީމާ، އެކަމާދޭތެރޭގައި ކުޑައިރުއްސުރެ އަޅުގަނޑުމެން ވިސްނައި، އެފަދަ އާދައެއްނުވޭތޯ ބަލަންޖެހޭނެ. އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމަކީ، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަކީ، ހަމައެކަނި ބޮޑެތި މީހުން ކަމުގައިނުވާކަން. ވަރަށް ކުޑަކުދިންވެސް، މަގުމަތިންވެސް އަޅުގަނޑުމެންނަށް ފެނޭ، މާލޭގައި އުޅޭއިރު. އަޅުގަނޑު ދަންނަވާނީ، ޢުމުރުން ހައެއްކަ އަށެއްކަ އަހަރުވެފައި ތިބި ކުދިންނޭ. ހަމަ ސިނގިރެޓް ޖަހާލާފައި ތިބޭތަން ފެނޭ. ވަރަށް ހިތާމަވެރި މަންޒަރެއް އެއީ. އެ މަންޒަރު އަޅުގަނޑުމެންގެ މުޖުތަމަޢުން ފިލައިގެންނޫނީ، އަޅުގަނޑުމެން މި އެދޭ ޞިއްޙީ ތަރައްޤީއަކާ ހަމަޔަކަށް ނުދެވޭނެ.

އާދެ، އަޅުގަނޑުގެ މިވާހަކައަކީ ފަހަރެއްގައިވެސް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމަށް ބާރުއަޅާ ވާހަކައެއްނޫން. އަޅުގަނޑު މިދަންނަވަނީ، ކޮންމެ މީހަކުވެސް އެމީހެއްގެ ހިތުން ރުހުމުން، އެ މީހަކު އަމިއްލައަށް އެ ޙަޤީޤަތް ޤަބޫލުކުރެވިގެން، އެމީހަކު އެގޮތަށް ޢަމަލުކުރާށޭ. އެއީ، އެއްގޮތަކަށްވެސް ވެރިކަމުގެ ފަރާތުން ޤާނޫނެއް ހަދައިގެން ނުވަތަ ޤަވާޢިދެއް ހަދައިގެން ކުރެވޭނެ ކަމެއްނޫން. ކުރާކަށްނުވެސްވާނެ. އެހެނެއްނޫން، އެއީ މީހުންނަށް އޭގެ ޙަޤީޤަތް އޮޅުންފިލުވައިދީގެން، އެމީހުން އަމިއްލައަށް، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް އެ ނިންމުން ނިންމަންޖެހޭނީ ނުވަތަ އެގޮތަށް ޢަމަލުކުރަން ފަށަންޖެހޭނީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަޔަކީ، އަޅުގަނޑުމެން ޞިއްޙީ ހޭލުންތެރިކަން އުފައްދާއިރު، މިކަހަލަ ކަންތައްތަކުގެ މައްޗަށް ރައްޔިތުންގެ ހޭލުންތެރިކަން އުފައްދަންވާނެއޭ. ކޮންމެ މީހަކަށްވެސް އެމީހަކު އެގެންގުޅޭ އާދަތަކާ ދޭތެރޭގައި ވިސްނައި، އެއީ އެކަށީގެންނުވާ އާދައެއް ކަމަށްވަންޏާ، އެމީހަކު އަމިއްލައަށް އެ އާދަ ދޫކޮށްލުމުގެ މައްޗަށް ބާރުއަޅަންވާނެއޭ.

އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ބެހޭގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، އިސްތިޢުމާލު ކުރުން މަދުކުރުމާ ބެހޭގޮތުން، ސަރުކާރުގެ އެއްވެސް ފަރާތަކުން އޭގެ އިޝްތިހާރު ނުކިޔާގޮތަށް މީގެކުރިން ވަނީ ހަމަޖެއްސިފައި. ދިވެހިރާއްޖޭގެ އަޑުންވެސް އަދި ޓެލެވިޜަން މޯލްޑިވްސްއިންވެސް ދުންފަތުގެ އެއްވެސް އިޝްތިހާރެއް ނުކިޔާ. އެއީ، ވަރަށްބޮޑު އާމްދަނީ ލިބޭ ކަމެއް ކަމުގައިވިޔަސް، ސަރުކާރަށް އެއިން ލިބޭ އާމްދަނީއަކަށްވުރެ، އެކަމުން ރައްޔިތުންނަށް ލިބޭ ގެއްލުން މާބޮޑު. އެހެންވީމާ، އެގޮތަށް ސަރުކާރުން ހަމަޖައްސާފައިވަނީ.

މިއަދު އަޅުގަނޑު މި އިލްތިމާސް ކުރަނީ، ސަރުކާރުގެ ޚަރަދުގައި އެކަހަލަ ކަންތައްތައް ނުކުރުމަށް. އާދެ، އެހެން މިދަންނަވަންޖެހޭ ސަބަބަކީ، ސަރުކާރުގެ އެކިއެކި ފަރާތްފަރާތުގެ ނަމުގައި އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށްޓަކައި ބޭއްވޭ އިޙްތިފާލުތަކާއި، ޖަލްސާތަކާއި، ފަރިއްކޮޅުތަކާއި ރިސެޕްޝަންތަކާ، މިފަދަ ތަންތާނގައި މިހާތަނާ ޖެހެންދެން، ސިނގިރެޓް ހުރޭ ސަރުކާރުގެ ޚަރަދުގައި، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ގަނެފައި. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި ހަމަޖެހޭ ގޮތެއްނޫން. އަޅުގަނޑުމެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އެކިއެކި ރަސްމީ ޖަލްސާތަކާއި ޕާޓީތަކާއި އަދި އެނޫނަސް މިފަދަ ތަންތާނގައި ސިނގިރެޓް ބެހެއްޓިފައެއް ނުހުންނާނެ. މިހާރު އެގޮތަށް ޢަމަލުކުރެވޭތާ ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑު މިއަދު މި އިލްތިމާސް ކުރަނީ، ސަރުކާރުގެ އެއްވެސް ފަރާތަކުން ބާއްވާ ޖަލްސާއެއްގައި، ފަރިއްކޮޅެއްގައި، ރިސެޕްޝަނެއްގައިވެސް ނުބެހެއްޓުމަށް. މިކަމުގައި އަޅުގަނޑުގެ މަޤްޞަދަކީ، ސަރުކާރު އެއީ މީހުންނަށް މަގު ދައްކައިދޭ ފަރާތަކަށްވުން. މީހުންނަށް އިރުޝާދުދޭ ފަރާތަކަށްވުން. މީހުންނަށް ކަންތައްތައް އޮޅުންފިލުވައިދޭ ފަރާތަކަށްވުން. މީހުންނަށް ކަންތައްތައް އޮޅުންފިލައިގެން، އެމީހުން އަމިއްލައަށް އެކަން ޤަބޫލުކޮށްގެން ކުރިއްޔާ ނޫނީ، އެކުރާ ކަމެއްގެ އެއްވެސް ފައިދާއެއް ނޯންނާނެ.

އާދެ، އެހެންވީމާ، އަޅުގަނޑު އެ ވާހަކަ އެގޮތަށް މިދެންނެވީ. ކޮންމެއަކަސް މިއަދު މާޅޮސްމަޑުލު އުތުރުބުރިއަށް އައިސް މިތާނގައި މި ބިނާކުރެވުނު، ޢިމާރާތް ކުރެވުނު ވަރުގަދަ ޞިއްޙީ މަރުކަޒު ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު ކަމަށްޓަކައި اللّــه ســبحانه وتــعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އޭގެފަހުގައި މިކަން މިގޮތަށް ރާއްވަވައި އިންތިޒާމު ކުރެއްވި ފަރާތްތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ވަޒީރަށް، އަދި މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅުވެރިންނަށް، ހަމައެފަދައިން ތިޔައަތޮޅުގެ ރަށްރަށުގެ ވެރިންނަށާއި ރައްޔިތުންނަށް. ހަމައެއާއެކު، ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމް ހިންގަވަން ތިއްބެވި ބޭފުޅުންނަށާއި، ޚާއްޞަކޮށް، މިސްޓަރ ޕީޓަރ ބައުޓަށް، މިސް ބަރނީކިޓްލް އަށް މަރުޙަބާ ދަންނަވަން. ޝުކުރު ދަންނަވަން. އެބޭފުޅުން މިތާނގައި އެކުރެއްވި ޚިދުމަތްތައް އަޅުގަނޑުމެން އެންމެންނަށް ވަރަށް ސާފުކޮށް އެހެރީ ފެންނަން. އެބޭފުޅުން މިތާނގައި އުޅުއްވީ އެއްގޮތަކަށްވެސް ބޭރުން ބަޔަކު އައިސް، ބިދޭސީންގެ ބަޔަކު އައިސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ގޮތަކަށްނޫން. ކަމަކާ ހަމަ ހަވާލުވެފައި ތިބީމާ، އެކަމެއްކޮށްލާފައި ދާ އުސޫލަކުން ނޫން. އެބޭފުޅުން ކަންތައްތައް ކުރިޔަށްގެންދެވީ، އެ ދެ ބޭފުޅުންމެ އަޅުގަނޑުމެންގެ ތެރޭގައި މި ރަށުގައި އުޅުއްވީ ހަމަ އަޅުގަނޑުމެންނެކޭ އެއްފަދައިން. ހަމަ ދިވެހި ރައްޔިތުންގެ ގޮތުގައި، ރައްޔިތުންނެކޭ އެއްވެސް ތަފާތެއްނެތި އެ ބޭފުޅުން އުޅުއްވީ، އެ ބޭފުޅުން ކަންތައްތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަމުން ގެންދެވީވެސް ހަމަ އެ ރޫޙުގައި.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އެ ބޭފުޅުންނަށް ޝުކުރު އަދާކުރަންޖެހެނީ ހަމައެކަނި އެ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ހަސްފަތާލެއް ލިބުނީތީއަކީ ނޫން. އެ ގެންގުޅުއްވި ރޫޙަށް، އަޅުގަނޑުމެންނަށް އެ ދަސްކޮށްދެއްވި ކަންތައްތަކަށް. ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، އެ ބޭފުޅުންގެ ޕްރޮގްރާމްގައި ހިމެނިފައި އޮތީ، ހަމައެކަނި މި ހަސްފަތާލު ބިނާކުރުމެއްނޫން. މިއަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި މަދަރުސާތައް އެޅުމާއި، ވާރޭފެންތާނގީ ހެދުމާއި އަދި ފާޚާނާ ހެދުމާ، މިކަހަލަ ކިތަންމެ ކަމެއް އޭގައި އެބަހުރި. އެހުރިހާ ކަމެއް ކުރެއްވުމަށް އެ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވިއިރު، އަޅުގަނޑުމެންނާމެދު ޢަމަލުކުރައްވަމުން ގެންދެވީ ވަރަށް މަތިވެރި މާތް ގޮތަކަށް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަގޮތް އެއީ ގޮތަކީ. އެހެންވީމާ، އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރުމަކީ ވަރަށްބޮޑު އުފަލެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللّــه ســبحانه وتــعالى އަޅުގަނޑުމެންނަށް ހުރިހާ ޙައިޘިއްޔަތަކުންވެސް ފުރިހަމަ ޞިއްޙަތެއް ދެއްވުން. ޢަޤީދާގެ ގޮތުން އެންމެ ފުރަތަމަ ޞިއްޙަތެއް ދެއްވުން. އަޅުގަނޑުމެންގެ ޢަޤީދާއަކީ ޞައްޙަ ޢަޤީދާއެއް ކަމުގައި ހެއްދެވުން. އަދި އެ ޢަޤީދާ ޞައްޙަގޮތުގައި ބެހެއްޓުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންނަށް ޖިސްމާނީގޮތުން ފުރިހަމަ ޞިއްޙަތެއް ދެއްވުން. ހަމައެފަދައިން ފިކުރީގޮތުންނާއި ރޫޙާނީގޮތުންވެސް އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތެއް ދެއްވުން. އަދި އަޅުގަނޑުމެންނަށް މި ހުރިހާ ގޮތްގޮތުން އެ ދެއްވާ ޞިއްޙަތުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން ދިޔުމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭގޮތް އެކަލާނގެ މިންވަރު ކުރެއްވުން.

އާދެ، މި ދުޢާއާއެކު އަދި މި އަތޮޅުގެ ރައްޔިތުންނަށާއި، އަތޮޅުވެރިންނަށް އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ހަމައެފަދައިން މިކަމުގައި ބައިވެރިވެވަޑައިގެންނެވި ބައިނަލްއަޤްވާމީ ފަރާތްތަކަށް ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލަނީ.

والسّــلام عليكم ورحمـة اللّـه وبركاته.