بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މާފަންނު އަވަށް ހިންގާ ކޮމިޓީގެ ރައީސް، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިރޭ މި ޖަލްސާއަށް ޙާޟިރުވެތިބި އެންމެންގެ ހިތްތަކުގައި ވެރިވެފައިވަނީ އުފަލުގެ ވަރަށްފުން ޝުޢޫރެއް. ޤައުމުގެ ތަރައްޤީގެ އެންމެ ފުރަތަމަ ބިންގަލަކީ ތަޢުލީމުކަން މިހާރު އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެވޭ. އަދި ދިވެހިރާއްޖެފަދަ ތަޢުލީމީ ޚިދުމަތްތައް އެތަނެއްގައި ވަރަށް ހަނި ދާއިރާއެއްގައި އޮތް ތަނެއްގައި، އާ މަދަރުސާއެއް ހުޅުވޭ މުނާސަބަތަކީ ޝައްކެއްނެތްގޮތުގައި، ވަރަށްވެސް އުފާވެރި މުނާސަބަތެއް.

އާދެ، އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގައި އަލަށް މަދަރުސާއެއް ހުޅުވޭ ދުވަހަކީ އެއީ ޢީދު ދުވަހެކޭ. ތަޢުލީމުގެ މުހިންމުކަމާއި، ތަޢުލީމާނުލައި އެއްވެސް ޤައުމަކަށް ކުރިއަށް ނުދެވޭނެކަން އެއީ މިއަދުގެ ދުނިޔެ އެއްހިތުން ގަބޫލުކުރާ ޙަޤީޤަތެއް. އެ ޙަޤީޤަތް ގަބޫލުކޮށްގެން ނޫނީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށްވެސް އެއްވެސް މައިދާނެއްގައި ކުރިއަށް ދެވޭކަށެއް ނޯންނާނެ. މި ޙަޤީޤަތަކީ ހަމައެކަނި މިއަދު ސަރުކާރުން ގަބޫލުކުރާ ޙަޤީޤަތެއް ނޫން. މިއީ ޒަމާނުއްސުރެ ދިވެހި ރައްޔިތުން، ދިވެހިން ގަބޫލުކުރަމުން އައިސްފައިވާ ޙަޤީޤަތެއް. އޭގެ އެންމެ އަލިގަދަ ދަލީލަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި އުފެދި ހިނގަމުން އައިސްފައިވާ މަދަރުސާތައް، ކްލާސްތައް ނުވަތަ އެދުރުގެތައް. މި ހުރިހާ ތަންތަން ރަމްޒުކޮށްދެނީ، ދިވެހިންގެ ހިތްތަކުގައި ތަޢުލީމާމެދު އުފެދިފައިވާ އަހަންމިއްޔަތާއި ޝައުޤުވެރިކަން.

ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެގެންނެވި ފަދައިން، ރާއްޖޭގެ ރައްޔިތުންނަށް މަޖުބޫރުކުރާކަށް ނުޖެހޭ، އެމީހުންގެ ދަރިން މަދަރުސާތަކަށް ފޮނުވާކަށެއް. ބޭރުގެ ބައެއް ޤައުމުތަކުގައި، ޤާނޫނީގޮތުން އެކަން އޮންނަނީ މަޖުބޫރުކުރަން ޖެހިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން އޮންނަނީ އޭގެ ދިމާ އިދިކޮޅަށް. ހުރިހާ ބެލެނިވެރިން، ހުރިހާ މައިންބަފައިން ބޭނުންވޭ، އެމީހުންގެ ދަރީންނަށް އެދެވޭ ތަޢުލީމެއް ދޭން. އެހެންނަމަވެސް، ހުރިހާ ކުދިންނަށް ރާއްޖޭގައި ހުރި މަދަރުސާތަކުން ޖާގަ ލިބެން ނޯންނަކަން އެއީ އެމީހުންގެ ހިތަށް ލިބޭ ވަރަށްބޮޑު ހާސްކަމެއް. ވަރަށްބޮޑު ދަތިކަމެއް. މަދަރުސާއެއް ހުޅުވޭއިރަށް އަދި މަދަރުސާ ހުޅުވުމުގެ މާކުރިން އެތާނގައި ތައްޔާރުވާ ހުރިހާ ޖާގަތަކެއް އޮންނަނީ ފުރިފައި، ނެގިފައި.

އަޅުގަނޑުހިތުން މިރޭ އަޅުގަނޑުމެން އެމަދަރުސާއެއް ހުޅުވުމުގެ އުފާ މިލިބިގަންނަ މާފަންނު މަދަރުސާގެ ކަންތައްވެސް އޮތީ އެހެން. މަދަރުސާ ރަސްމީގޮތުން ހުޅުވުމުގެ މާކުރިން މިތަނުގައި ޖާގައޮތްވަރަށް ވަނީ ކުދިން ލިބިފައި. އަދި އަޅުގަނޑަށް ހީވާގޮތުގައި، މިތަނުގައި ޖާގައޮތް ވަރަށްވުރެވެސް އިތުރަށް އެތަނަށް ކުދިން ވަންނަން އޮތީ ބޭނުންވެފައި. ބެލެނިވެރިން ވަނީ އެމީހުންގެ ކުދިން ވައްދަން އެދިފައި. އެހެންނަމަވެސް، ތަނުގައި އޮތް މިންވަރަކަށް ނޫނީ ކުދިން ނުވެއްދޭނެތީ، އެހުރިހާ އެންމެންގެ އެ އެދުން އޮންނަނީ ޙާޞިލުނުވެފައި. ނުވަތަ ނުވާގޮތަށް.

އާދެ، އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖޭގައި މަދަރުސާއެއް އުފެދޭ ކޮންމެ ދުވަހަކީ، އަޅުގަނޑު ދަންނަވާނީ ޢީދު ދުވަހެކޭ. އެ ޢީދުގެ އުފާ ޙިއްޞާކުރަނީ ހަމައެކަނި އެމަދަރުސާއެއް އުފައްދާ ފަރާތަކުންނެއް ނޫނޭ. އަދި އެމަދަރުސާގެ ޚިދުމަތްތައް ލިބޭ ފަރާތަކުން އެކަންޏެއްވެސް ނޫނޭ. އެޢީދުގެ އުފާ ޙިއްޞާކުރަނީ މުޅި ރާއްޖޭގެ ރައްޔިތުންނޭ.

ޝައްކެއްނެތް، މާފަންނުގެ ރައްޔިތުންގެ ހިތްތަކުގައި މިރޭ އުފެދިފައިއެވާ އުފަލުގެ ޝުޢޫރަކީ ވަރަށް ފުން ޝުޢޫރެއް. އެ ޝުޢޫރާ އެއްވަރުނުވިޔަސް އަޅުގަނޑު ދަންނަވާނީ، މާލޭގެ އެހެން އަވަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައިވެސް މިރޭ މިއުފަލުގެ ޝުޢޫރު އުފެދިފައިވާނެއޭ. ހަމައެކަނި މާލޭގެ ރައްޔިތުންގެ ހިތްތަކުގައެއް ނޫން. މުޅިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައިވެސް. އެއީ ކުރިންވެސް ދެންނެވިފަދައިން، ޤައުމުގެ ތަރައްޤީގެ އެންމެ ފުރަތަމަ ބިންގަލަކީ ތަޢުލީމު ކަމަށްވާތީ. ހަރުދަނާ ތަޢުލީމެއްގެ މައްޗަށް ނޫނީ އެއްވެސް ޤައުމެއް އެކަށީގެންވާގޮތުގައި ތަރައްޤީވެފައެއް ނޯންނާނެ. އަދި މާޟީގައިވެސް ނެތް. މިއަދަކުވެސް ނެތް. މުސްތަޤްބަލުގައިވެސް ނޯންނާނެ.

އަޅުގަނޑުމެން ޢިމާރާތްކުރާ ގެއެއްގައިވެސް ހަރުދަނާ ބިންގަލެއް އޮންނަންޖެހޭފަދައިން، ކޮންމެ ޤައުމެއްގައިވެސް ތަޢުލީމުގެ ހަރުދަނާ ބިންގަލެއް އޮންނަންޖެހޭނެ. އެހެންވީމާ، ތަޢުލީމަށް އަހަންމިއްޔަތު ދެވެނީ. ތަޢުލީމަށް އިތުރު ފުރުޞަތު ހޯދައިދޭން މަސައްކަތްކުރަނީ. ފަހަރެއްގައިވެސް އެމަސައްކަތް މިހާރު ކުރަމުން ގެންދަނީ ސަރުކާރުން އެކަންޏެއްނޫން. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އަމިއްލަ ފަރާތްތަކުން، ރަށްރަށުގެ ރައްޔިތުން، އަވަށްއަވަށުގެ ރައްޔިތުން،
ވަރަށް އެކަށީގެންވާ ދަރަޖައަކަށް މި މަސައްކަތް ކުރަމުން އެބަގެންދޭ. އާދެ، ބައެއް ބޭފުޅުންގެ ހިތްޕުޅަށްއެރުން އެކަށީގެންވޭ، މަދަރުސާތައް އުފެދިގެން ހިނގަމުން މިދަނީ މިހާރު ސަރުކާރުން އެކަމަށްއަޅާ ބާރަކުންނޭ. އެއީކީ މުޅިން ޙަޤީޤަތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. ސަރުކާރުން ތަޢުލީމަށް ބާރުއަޅާކަން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އޭގެއިތުރަށް، ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމަށް އުފެދިފައިވާ ލޯތްބަކާއި، ރައްޔިތުން ތަޢުލީމަށްދޭ އަހަންމިއްޔަތެއްގެ ސަބަބުންނޭ އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ކަންކޮޅުތަކުގައި އެއްދުވަހުން އަނެއްދުވަހަށް މަދަރުސާތައް ބިނާކުރެވެމުން ހުޅުވެމުން މިދަނީ.

އާދެ، ވަރަށް ކުޑަކުޑަ މިސާލެއް ދެންނެވިޔަދެއްވާ. 1979 ވަނަ އަހަރުގެ ކުރީކޮޅުގައި އަޅުގަނޑު ރާއްޖެތެރެއަށް ކުރިދަތުރުގައި، މާލޭގެ އުތުރުގެ ބައެއް އަތޮޅުތަކުން ފެނުނީ ވަރަށްމަދު މަދަރުސާއެއް ހިނގަނިކޮށް. އޭރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި، މުޅި ރާއްޖޭގައި ހިނގާހުރީ އަމިއްލަ ބާރަ މަދަރުސާ. ސަރުކާރުގެ ހަތަރު މަދަރުސާއާއި، އަމިއްލަ ފަރާތްތަކުން ހިންގާ ބާރަ މަދަރުސާ. މިހާރު އެ ބާރަ މަދަރުސާ ބަދަލުވެގެންދިޔައީ، ސައުވީސް މަދަރުސާއަކަށް ނޫން. ސާޅީސް އަށް މަދަރުސާއަކަށް ނޫން. ނުވަދިހަ ހަ މަދަރުސާއަކަށްވެސް ނޫން. ދުއިސައްތަ ފަނަރަ މަދަރުސާއަށް. އާދެ، މިހާރު ރާއްޖޭގައި އަމިއްލަ މީސްމީހުން ހިންގާ، އަމިއްލަ ފަރާތްތަކުން ހިންގާ، ރަށްރަށުގެ ރައްޔިތުން ހިންގާ، އަވަށްއަވަށުގެ ރައްޔިތުން ހިންގާ ދުއިސައްތަ ފަނަރަ މަދަރުސާ އެބަހުރި. މި ދުއިސައްތަ ފަނަރަ މަދަރުސާއަކީ ސަރުކާރުން ހިންގާ ތިރީސް އަށް މަދަރުސާގެ އިތުރަށް ރާއްޖޭގައި މިހާރު ހިންގަމުންދާ މަދަރުސާތަކެއް.

އާދެ، 1978 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރާ ތިބީ އޭރުގެ މަދަރުސާތަކުގައި ގާތްގަނޑަކަށް ބާރަހާސް ކުދިން. އެ ބާރަހާސް ކުދިންގެ ޢަދަދު މިހާރު ތިންގުނައަށްވުރެވެސް އިތުރުވެގެން ހިނގައްޖެ. މިހާރު ސާޅީސް އެތައްހާސް ކުދިންނެއް، ރާއްޖޭގެ މިދެންނެވި މަދަރުސާތަކުގައި ތަޢުލީމު ޙާޞިލުކުރަމުން އެބަގެންދޭ. ސަރުކާރުގެ މަދަރުސާތަކުގައި އެކަނިވެސް ސާޅީސްހާހަށްވުރެ ގިނަ އަދަދެއްގެ ކުދިން ތަޢުލީމު ޙާޞިލުކުރަމުން އެބަގެންދޭ. އެއީ ސަރުކާރުގެ ތިރީސް އަށް މަދަރުސާގައި. އޭގެ އިތުރުން، ސަރުކާރުން އެހީވެދޭ މަދަރުސާތަކުގައި، އެނގިވަޑައިގަންނަވާނެ، ވަކި އުޞޫލެއްގެމަތިން ހިނގަމުން އަންނަ އަމިއްލަ މަދަރުސާތަކަށް ސަރުކާރުން ފައިސާގެ އެހީވަމުންދާކަން ނުވަތަ މުދައްރިސުންގެ މުސާރަ ދިނުމަށް ނުވަތަ ތަން ހަދައިދިނުމުގެގޮތުން ނުވަތަ އެތަނަށް ބޭނުންވާ ގޮނޑި، މޭޒު، އެފަދަ ތަކެތި ހޯދައިދިނުމުގެ ގޮތުން. މިކަހަލަ ގޮތްގޮތުން އެހީވާ އަށްޑިހަ އެތައް މަދަރުސާއެއް މިހާރު ރާއްޖޭގައި އެބަހުރި.

އެހެންވީމާ، އެހުރިހާ ތަންތަން އެއްކޮށް ޖުމްލަކޮށް ބަލާއިރު ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރާ ފަންސާސް ހާހަށްވުރެ ގިނަކުދިން މިހާރު އެބަތިބި. އާދެ، މިއިން ދައްކާ އެއްޗަކީ މިމަސައްކަތް އެއީ ހަމައެކަނި ސަރުކާރުން ކުރަމުންގެންދާ މަސައްކަތެއް ނޫންކަން. މިމަސައްކަތުގެ އެންމެ ބޮޑުބައި އޮތީ ރައްޔިތުންގެ އަތުގައިކަން. އަދި ރާއްޖޭގެ ރައްޔިތުންކަން، ރާއްޖޭގެ ތަޢުލީމު ކުރިޔަށް ގެންދިޔުމަށް އެންމެބޮޑަށް ބާރުއަޅާ ފަރާތަކީ.

އާދެ، ޝައްކެއްނެތް، ކުރިންވެސް ދެންނެވިފަދައިން، މިރޭ މިއީ މާފަންނުގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ އުފަލެއް އިޙްސާސް ކުރެވޭނެ ރެއެއް. ހަމައެފަދައިން، މާލޭގެ ޢާއްމު ރައްޔިތުންނަށްވެސް، ރާއްޖޭގެ ޢާއްމު ރައްޔިތުންނަށްވެސް މިރޭ މިމަދަރުސާ ހުޅުވުމުން ވަރަށް ޚާއްޞަ އުފަލެއް ލިބޭނެ. މި މަދަރުސާ ތައްޔާރުކުރައްވައި އަދި މަދަރުސާގެ ރޭވުންތައް ރާއްވަވައި މަދަރުސާ ހިންގެވުމާ ޙަވާލުވެ ތިއްބެވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މާފަންނު އަވަށް ހިންގާ ކޮމިޓީގެ ރައީސް، އޭނާގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، މިމަދަރުސާއަކީ މާފަންނުގެ ރައްޔިތުންގެ އެންމެންގެ އެހީއާއި އެއްބާރުލުން ލިބިގެން އުފެއްދިފައިވާ މަދަރުސާއެއް. އެހެންވީމާ، މިމަދަރުސާ އުފެއްދުމުގެ ތަޢުރީފާއި އަދި މިމަދަރުސާ މިހާ ފުރިހަމަގޮތެއްގައި އިފްތިތާޙު ކުރެވުނު ކަމަށްޓަކައި ޙައްޤުވާ ސާބަސް ރައްދުވާ ފަރާތަކީ މާފަންނުގެ އެންމެހައި ރައްޔިތުން.

އާދެ، މާފަންނު އަވަށް ހިންގާ ކޮމިޓީއަށާއި އަދި މި މަދަރުސާ ހިންގަވާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމުގެ އިތުރަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއެއް އެބައޮތް. އެއީ މިރޭ ފަހަރެއްގައިވެސް ހީނުކުރައްވާށޭ، ތިޔަބޭފުޅުން މިވޭތުވެދިޔަ އެތައް އަހަރު ދުވަހެއްގެ ތެރޭގައި ކުރައްވަމުން ތިޔަ ވަޑައިގެންނެވި މަސައްކަތްޕުޅު ނިމުނީކަމަށް. އެއާޚިލާފަށް މިރޭ ތިޔަބޭފުޅުންނަށް މިފެށްޓެވުނީ މުޅިން އާ މަސައްކަތްޕުޅެކޭ. މިރޭ މިއީ ޖިހާދެއްގެ ފެށުމޭ. މަދަރުސާއެއް ޢިމާރާތް ކުރުމަށްވުރެ، އެ މަދަރުސާއެއް އެކަށީގެންވާ ގޮތުގައި ހިންގުމަކީ މާއުނދަގޫ ކަމެކޭ. އެހެންވީމާ، މިޙަޤީޤަތް ތިޔަބޭފުޅުންގެ ހިތްޕުޅުން ފަހަރެއްގައިވެސް ހަނދާންނެތިގެންދިޔަނުދެއްވާށޭ. މިރޭ ތިޔަ ފަށްޓަވާ މަސައްކަތަކީ ވަރަށްބުރަ މަސައްކަތެކޭ. ތިޔަ އުފުއްލަވާ މަސްއޫލިއްޔަތަކީ ވަރަށްބުރަ މަސްއޫލިއްޔަތެކޭ. އެހެންވީމާ، އެކަމަށް ރަނގަޅަށް ތައްޔާރުވެވަޑައިގެން ތިއްބަވައިގެން، ނިކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވުމަށްޓަކައި ވެވަޑައިގަންނަވަންޖެހޭ ހުރިހާ ޤުރްބާނީތަކެއް ވެވަޑައިގަތުމަށް ތައްޔާރަށް ތިއްބަވާށޭ.

ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން، އޭނާގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ކޮންމެ ޤައުމެއްގައިވެސް ކުދިންނަށް ކިޔަވައިދިނުމުގެ ވަރަށްބޮޑު މަޤްޞަދެއް އޮންނާނެ. އެ މަޤްޞަދާ ދިމާއަށް އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް، މިދެންނެވީ ތަޢުލީމުގެ ދާއިރާގައި އުޅޭ އެންމެންގެ މަސައްކަތްތައް އަމާޒުކުރުމަކީ ކޮންމެހެން ބޭނުންކަމެއް. އޭނާ ވަރަށް ޞަރީޙަ ޢިބާރާތްތަކުން އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފި، ރާއްޖޭގެ ތަޢުލީމު ހާސިލުކުރުމުގެ މަޤްޞަދަކީ ކޮބައިކަން. ރާއްޖޭގައި ސަރުކާރުގެ ފަރާތުން މަދަރުސާތައް ހުޅުވައި، ކުދިންނަށް ކިޔަވައިދިނުމުގެ އެންމެބޮޑު މަޤްޞަދަކީވެސް ކޮބައިކަން. އެއީ އެކަށީގެންވާ ހޭލުންތެރިކަންހުރި، ތެދުވެރި ދިވެހި މުވާޠިނުންތަކެއް އުފެއްދުން. ދިވެހި ތެދުވެރި، އިޚްލާޞްތެރި، މުވާޠިނުންތަކެއް އުފެއްދުން. ދިވެހި ތެދުވެރި، އިޚްލާޞްތެރި، މުވާޠިނުންތަކެއް އުފެއްދެނީ ބައެއްކަހަލަ ކަންކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދީގެންކަން، އޭނާގެ ވާހަކަފުޅުގައި ހާމަކޮށްދެއްވައިފި. އަޅުގަނޑުވެސް އެދެއްކެވި ވާހަކަފުޅަށް ސަތޭކައިންސަތޭކަ ތާއީދުކުރަން.

އެންމެ ފުރަތަމަ އަޅުގަނޑުމެން އަހަންމިއްޔަތު ދޭންވީކަމަކީ މާތްވެގެންވާ އިސްލާމްދީން. މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް އަޅުގަނޑުމެންގެ ތަޢުލީމުގައި އެއްވެސް ކަމެއް އޮވެގެނެއް ނުވާނެ. އަދި ތަޢުލީމު ދިނުމުގެ އެންމެ މުހިންމު މަޤްޞަދެއްކަމަށް ވާންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދައްކަވާފައިވާ ރީތި ތެދުމަގުގައި ފައިތިލަ ސާބިތުކުރުން. ދީނަށް ތެދުވެރި މުވާޠިނުންތަކެއް އުފެއްދުން. އޭގެފަހުގައި އޭނާ އެ ވިދާޅުވީ، ދެވަނަ ސުރުޚީއަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ޤައުމިއްޔަތު ހިފެހެއްޓުމޭ. އަޅުގަނޑުމެންގެ ދިވެހިވަންތަކަށް ހިފެހެއްޓުމޭ. އެއީވެސް ވަރަށްބޮޑު ތެދުފުޅެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކަހަލަ ސިޔާސަތެއް ހަމަޖެހިފައި ނެތުމުން މީގެކުރިން ވަމުންދިޔަގޮތް. އަޅުގަނޑުމެންގެ ރާއްޖޭގައި، މާލޭގެ މަދަރުސާތަކުގައި ކިޔަވަމުން ގެންދިޔަ ކުދިންތަކުގެ ހިތްތަކުގައި އަޅުގަނޑުމެންގެ ދީނަށް އޮންނަންވީ ޙުރްމަތްތެރިކަންދިޔައީ ކުޑަވެގެން. އަޅުގަނޑުމެންގެ ދިވެހިވަންތަކަމަށް، އަޅުގަނޑުމެންގެ ޘަޤާފަތަށް، އަޅުގަނޑުމެންގެ ބަހަށް އޮންނަންވީ ލޯބިދިޔައީ އުނިވެގެން. އެކަން އެހެންވާންޖެހުނު ސަބަބަކީ، ތަޢުލީމު ދިނުމުގެ މިދެންނެވި އުޞޫލުތައް އެއީ ކޮންމެހެން އެއަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ އުޞޫލުތަކެއްކަން އަޅުގަނޑުމެންގެ ހިތުން ކެހިގެންދިޔަކަން. އެހެންވީމާ، މިއަދުގެ ތަޢުލީމު ބިނާކުރަންޖެހެނީ، މިދެންނެވި މައިގަނޑުތަކުގެ މައްޗަށް.

ތަޢުލީމުގެ ބޭނުމަކީ ހަމައެކަނި މަސައްކަތްތަކެއް ދަސްކޮށްދިނުމެއް ނޫން. ސަރުކާރަށް ބޭނުންވާ މުވައްޒަފުން އުފެއްދުމެއް ނޫން. ނުވަތަ ދިރިއުޅުމުގެ މަގެއް ކުދިންނަށް، ޒުވާނުންނަށް ތަނަވަސްކޮށްދިނުމެއް ނޫން. އާމްދަނީ ލިބޭނެ ގޮތްތަކެއް ރާވައިދިނުމެއް ނޫން. އޭގެ އިތުރަށް، ނުވަތަ އެންމެ ކުރިން ތަޢުލީމު ދިނުމުގެ ބޭނުމަކީ ތެދުވެރި، އިޚްލާޞްތެރި، ދީންވެރި، މުވާޠިނުންތަކެއް އުފެއްދުން. އެހެންވީމާ، އެއީ ފަހަރެއްގައިވެސް މަދަރުސާތައް ހިންގާ ފަރާތުން ހަނދާންނައްތާލައިގެންވާނެ ކަމެއް ނޫން.

މިހާރު ދިވެހިރާއްޖޭގެ ފަށާ ތަޢުލީމުގެ ޤައުމީ މުޤައްރަރެއްވަނީ އެކަށައެޅިފައި. ސަރުކާރުން ކަނޑައަޅައި ނިންމާފައި. އެ މުޤައްރަރަށް މިއަހަރުން ފެށިގެން ޢަމަލުކުރަމުން ގެންދެވޭނެ. އާދެ، މުޤައްރަރަކީ އެއްފަހަރާ ހުރިހާ މަދަރުސާއެއްގައި، ހުރިހާ މަކްތަބެއްގައި، ހުރިހާ ތަނެއްގައި ފުރިހަމައަށް ކިޔަވައިދެވޭނެ އެއްޗަކަށް ނުވާތީ، ސަރުކާރުން ހަމަޖައްސާފައިވަނީ، އެކި އަހަރުމަތިން އެމުޤައްރަރުގެ އެކިބައި ކިޔަވައިދޭން ފަށާގޮތަށް. އެގޮތަށްގޮސް ވަރަށްކުރު މުއްދަތެއްގެ ތެރޭގައި، މުޅި ރާއްޖޭގައި އެ ޤައުމީ މުޤައްރަރު ކިޔަވައިދެމުންގެންދާ ގޮތަކަށް. ފަށާ ތަޢުލީމުގެ މުޤައްރަރު، ޤައުމީ މުޤައްރަރު މިހާރުވަނީ ސަރުކާރުން ކަނޑައަޅައި ނިންމާފައި. މިއަހަރު އެ މުޤައްރަރަށް ތަޢުލީމުދޭން ފެށޭނެ. ހަމައެކަނި ސަރުކާރުގެ މަދަރުސާތަކުގައެއް ނޫން. ސަރުކާރުގެވެސް މަދަރުސާތަކުގަޔާއި އަދި ރާއްޖޭގައި ރަޖިސްޓަރީވެގެން ހިންގާ ހުރިހާ މަދަރުސާތަކެއްގައި. އޭގެފަހުން ދެންއޮތީ ތަޢުލީމުގެ ދެންއޮތް ބައިތައް، ޕްރައިމަރީ ތަޢުލީމު ނުވަތަ އެއަށްވުރެ މަތީ ތަޢުލީމު. އެތަޢުލީމަށްވެސް ސަރުކާރުން މިހާރު މުޤައްރަރުތަކެއް ދަނީ ކަނޑައަޅަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ރާއްޖޭގައި ތަޢުލީމުދެވޭ ފެންވަރުގެ، ރާއްޖޭގައި ތަޢުލީމު ޙާޞިލު ކުރެވެންހުރި އެންމެމަތީ ފެންވަރަށް ސަރުކާރުން ކަނޑައަޅާ ޤައުމީ މުޤައްރަރެއް އޮންނާނެ.

އާދެ، މިރޭ ކުރިންވެސް ދެންނެވިފަދައިން، މިއީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ރެއެއް. އަޅުގަނޑަށް ލިބޭ އުފަލުގެ އެއްބަޔަކަށްވެދާނެ، އަޅުގަނޑަކީ މަދުރަސީ ދާއިރާގައި އުޅޭހިތްވާ މީހަކަށްވާކަން. ކިޔަވައިދިނުމުގެ ތަމްރީނު އަޅުގަނޑަށްވަނީ ކޮންމެވެސްވަރަކަށް ލިބިފައި. އަދި ބައެއް ތަންތާނގައި ކިޔަވައިދިނުމުގެ އުފާވެސްވަނީ ކޮންމެވެސްވަރަކަށް އަޅުގަނޑަށް ޙާޞިލުކުރެވިފައި. އަޅުގަނޑަށް މިރޭ މިލިބޭ އުފަލުގެ އެންމެބޮޑު އެއްބަޔަކީ އެއީ ކަމަށްވެސް ވެދާނެ. ކޮންމެއަކަސް އަޅުގަނޑު ދަންނަވާނީ، ތަޢުލީމުދޭ ތަނެއް ރާއްޖޭގައި އުފެދުން އެއީ ކޮންމެ ދިވެއްސަކުވެސް އުފާކުރާނެ ކަމެކޭ. ކޮންމެ ދިވެއްސަކު ފަޚުރުވެރިވާނެ ކަމެކޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ސަރުކާރުގެ ތިރީސް އަށް ސްކޫލާއި، އަމިއްލަގޮތުން ހިންގާ ދުއިސައްތަ ފަނަރަ މަދަރުސާއާއި މަކްތަބު ހުރިކަމުގައިވިޔަސް އެއީ އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ތަޢުލީމުދޭ ތަންތަން އުފެއްދުނީއަކީ ނޫނޭ. އެއަށްވުރެ މާގިނަ ޢަދަދަކަށް އެފަދަ ތަންތަން އުފައްދަން ބޭނުންވެއޭ.

އަދި މާލޭގައި މިއީ އަވަށަކުން އުފައްދާ ދެވަނަ މަދަރުސާ. މީގެ ދެއަހަރު ކުރިން، މައްޗަންގޮޅީ މަދަރުސާ ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. އަޅުގަނޑު ޝައްކެއްނުކުރަން، މާލަސްތަކެއްނުވެ މާލޭގެ ދެންހުރި އަވަށްތަކުގައިވެސް، އަވަށްތަކުން ހިންގާ މަދަރުސާތަކެއް އުފެދިގެންދާނެކަމާމެދަކު. އާދެ، ތަޢުލީމަށްދޭ އަހަންމިއްޔަތެއްގެ ގޮތުން އަދި ތަޢުލީމަކީ ހަމައެކަނި ސަރުކާރުން އޭގެ ބުރަ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލޭނެ ކަމަކަށް ނުވާތީއާއެކު، ތަޢުލީމަށް ސަރުކާރުންދޭ އެހީތަކުގެ ތެރޭގައި، ދޭ ފަސޭހަތަކުގެ ތެރޭގައި، މާލޭގައި މަދަރުސާ އަޅާނެ ބިން، އަވަށް އަވަށަށް ދޫކުރުން ހިމެނޭ. މާލޭގެ ހަތަރު އަވަށުންކުރެ ކޮންމެ އަވަށަކަށް ސަރުކާރުންވަނީ ބިމެއް ދޫކޮށްފައި. އެބިން ދޫކުރީ ކަނޑައެޅިގެން މަދަރުސާ ހަދަން. ތަޢުލީމުދޭނެ ތަންތަންހަދަން. އެހެން ބޭނުމަކުނޫން އެބިންތައް ދޫކޮށްފައި އެހުރީކީ. އެހެންވީމާ، އަދި ބައެއް ތަންތަނުގައި އެފަދަ މަދަރުސާތައް ނުހެދުނު ކަމުގައިވިޔަސް، އެ އަވަށް އަވަށަށް ދިމާވާ ކަންތައްތަކެއްގެ ސަބަބުން، ކަންތައްތައް ހުރިގޮތުން އަދި މަދަރުސާ އުފެއްދިފައި ނުވާކަމުގައިވިޔަސް، އަޅުގަނޑަށް ޔަޤީންކުރެވޭ، އަދި އަޅުގަނޑަށް އެނގިފައިވޭ، ކޮންމެ އަވަށަކުންވެސް މަސައްކަތްކުރަނީ، އެ އަވަށެއްގައި މަދަރުސާއެއް އުފެއްދޭތޯކަން.

އާދެ، ސަރުކާރުން ދޫކޮށްފައިވާ ބިމުގައި ކޮންމެވެސް އެހެންކަހަލަ ކަމެއް ވަގުތީގޮތުން ކުރި ކަމުގައިވިޔަސް، ސަރުކާރުގެ ހުއްދައާއެކު އެބިން ދޫކުރެވިފައި އެވަނީ، ހަމައެކަނި މަދަރުސާ ހެދުމަށްޓަކައި. އެހެންވީމާ، އާޚިރުގައި އެއީ މަދަރުސާއެއް އެޅޭނެ ބިމަކަށް ނުވާކަމަށްވަންޏާ، ސަރުކާރުން އެބިން އެގޮތަށް ދޫކޮށްފައި ބާއްވާކަށް ބޭނުމެއްނުވާނެ.

އާދެ، އަޅުގަނޑުވެސް ދެން މާގިނަ ވާހަކަތަކެއް ދައްކާކަށް ޤަޞްދެއްނުކުރަން. ކުރިންވެސް ދެންނެވިފަދައިން، މިރޭ މިލިބޭ އުފާ އިޙްސާސްކުރަނީ ހަމައެކަނި މާފަންނުގެ ރައްޔިތުންނެއް ނޫން. މާފަންނުގެ ރައްޔިތުންނާއެކު، މާލޭގެ އެހެން އަވަށް އަވަށުގެ ރައްޔިތުންވެސް މިއުފަލުގައި ބައިވެރިވޭ. ހަމައެފަދައިން، ރާއްޖޭގެ ޢާއްމު ރައްޔިތުންވެސް މިއުފަލުގައި ބައިވެރިވޭ. އަދި މާލޭގެ އެހެން އަވަށެއްގައި މަދަރުސާއެއް ހުޅުވޭ ދުވަހަކީ، އެދުވަހުގެ އުފަލުގައި މާފަންނުގެ ރައްޔިތުންވެސް އިޚްލާޞްތެރިކަމާއެކީ ބައިވެރިވާނެ ދުވަހެއް. އަދިވެސް އެއްފަހަރު، މަދަރުސާ އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ޝުކުރާއި މުބާރަކްބާދީ ދަންނަވަން. އެފަރާތްތަކުގެ ނަންތައް އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، މާފަންނު އަވަށް ހިންގާ ކޮމިޓީގެ ރައީސްގެ ވާހަކަފުޅުގައި ގެންނެވިފަދައިން، ވަރަށްގިނަ ފަރާތްތަކުން މިކަމުގައި އެހީތެރިކަން ބަހައްޓަވާފައިވޭ.

އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި އަދި ސަރުކާރުގެ ނަމުގައިވެސް ޝުކުރާއި ތަހުނިޔާ ދަންނަވަން. ހަމައެއާއެކުގައި މާފަންނުގެ ރައްޔިތުންނަށްވެސް ތަހުނިޔާ ދަންނަވަން. އަދި މާލޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށްވެސް މިރޭގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަން.

އަޅުގަނޑު އެދެނީ، މާފަންނުގައި މިހުޅުވޭ އަވަށު މަދަރުސާއަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް. އަވަށުގެ ދަރިވަރުންނަށާއި އަދި މިއަވަށް ފިޔަވައި، އެހެން އަވަށް އަވަށުންވެސް މިއަވަށުގެ މަދަރުސާގައި ބައިވެރިކުރަން އެދޭ ދަރިވަރުންނަށް ވަރަށް އެކަށީގެންވާ ގޮތަކަށް ތަޢުލީމުގެ ފުރުޞަތު ލިބޭނެކަމަށް. އަދި އެކުދިންނަށް އެލިބޭ ތަޢުލީމަކީ އެކުދިންގައި ހަރުދަނާ އުޞޫލުތަކެއް އަށަގަންނުވާނެ ތަޢުލީމަކަށްވާނެކަމަށް. ރާއްޖޭގައި ތަޢުލީމު ދިނުމުގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިން، މާތްވެގެންވާ އިސްލާމްދީނަށް އެކަށީގެންވާ ލޯތްބަކާއި ޙުރްމަތްތެރިކަމެއް، ކުދިންގެ ހިތްތަކުގައި އުފެދޭފަދަ ގޮތަކަށް، އަދި ދިވެހިވަންތަކަމަށާއި ދިވެހި ޤައުމިއްޔަތަށް ކުދިންގެ ހިތްތަކުގައި އެކަށީގެންވާ ޝައުޤުވެރިކަމަކާއި އިޚްލާޞްތެރިކަމެއް އުފެދޭފަދަ ގޮތަކަށް، އަދި އެކުދިންނަށް އެލިބޭ ތަޢުލީމަކީ ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ތަޢުލީމަކަށް ވާނެކަމަށް.

މިހުރިހާ އުންމީދުތަކެއް ކުރަމުން، ﷲގެ އިސްމުފުޅުގެ ބަރަކާތުން މާފަންނުގެ އަވަށު މަދަރުސާ ހުޅުވައިދިނުމުގެ ޝަރަފު އަދި އުފާ އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.