بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ އުއްތަމަފަނޑިޔާރު، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، މިރޭގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السّلام عليكم ورحمـة اللّـه.

ފަހަކަށްއައިސް އަޅުގަނޑުމެން ވަރަށް ގިނައިން ދައްކާ ވާހަކައެއް، ދިވެހިރާއްޖެއަކީ އަމިއްލަ ޤައުމިއްޔަތެއް އޮތް، އަމިއްލަ ޘަޤާފަތެއް އޮތް ތަނެކޭ. ރާއްޖޭގެ ތާރީޚަކީ މުއްސަނދި ތާރީޚެކޭ. ރާއްޖޭގެ ޘަޤާފަތަކީ ފަޚުރުވެރިވުން ޙައްޤު ޘަޤާފަތެކޭ. މިވާހަކައަކީ މިއީ ޙަޤީޤަތެއް އޮތް ވާހަކައެއްތޯ ނުވަތަ ހަމައެކަނި ޤައުމަށްޓަކައި ފަޚުރުވެރިވުމުގެ ގޮތުން ދައްކާ ވާހަކައެއްތޯ؟ މިއީ އަޅުގަނޑުހިތުން ބައެއް މީހުންގެ ހިތުގައި އުފެދިދާނެ ސުވާލެއް. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ އެއީ ހަމަ ޙަޤީޤަތެކޭ. އެއްވެސް ޙާލެއްގައި އެއީ ޙަޤީޤަތެއް ނެތް ކަމަކަށްޓަކައި ފަޚްރުވެރިވުމެއް ނޫނޭ.

އާދެ، ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލިޔަދެއްވާ. ދާދިފަހުން އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމުގެ ޝަރަފް އަޅުގަނޑަށް ލިބުނު. އެ ޖަލްސާއަށް ވަޑައިގެން ތިއްބެވި އެކިއެކި ޤައުމުތަކުގެ ރައީސުންނާ ބައްދަލުކޮށްލުމުގެ އުފާވެސް އަޅުގަނޑަށް ލިބުނު. އޭގެތެރެއިން އެފްރިކާގެ ޤައުމެއްގެ ރައީސަކާ އަޅުގަނޑު ބައްދަލުކޮށްލި ދުވަހު އޭނާ ރާއްޖޭގެ ޙާލުއަޙުވާލު ބައްލަވައިލެއްވުމުގެ ގޮތުން، ބައެއް މަޢުލޫމާތު ސާފުކޮށްލުމަށް އަޅުގަނޑާ ސުވާލުކޮށް ހެއްދެވި. އޭނާ އައްސަވައިލެއްވި، ކަލޭމެންގެ ބަހަކީ ކޮބައިހޭ؟ އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ބަހަކީ ދިވެހިބަހޭ. ދެން އޭނާ ވިދާޅުވީ، ތިމަންނާ މިއައްސަވަނީ އެވާހަކައެއް ނޫނޭ، ކަލޭމެންގެ ރަސްމީ ބަހަކީ ކޮބައިހޭ؟ އިނގިރޭސިބަސް ދޯއޭ؟ އަޅުގަނޑު ދެންނެވީ ނޫނެކޭ، އަޅުގަނޑު މިދަންނަވަނީ ހަމަ އެވާހަކައޭ. އަޅުގަނޑުމެންގެ ރަސްމީ ބަހަކީވެސް ދިވެހިބަހޭ. ދެން ވަރަށް ޙައިރާންވެވަޑައިގަންނަވައިގެން އޭނާ އެއްސެވީ، އެކަމަކު ރަސްމީ ބަހަކަށް ވާންޖެހޭނީ ލިޔެކިޔުމެއް އޮންނަ ބަހެކޭ. ތަޢުލީމުގެ ބަހަކަށް އެ ވާންޖެހޭނޭ. އެބަހުގައި، ދިރުންހުރި ބަހެއްގައި ހުންނަންޖެހޭ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވެފައި ހުންނަންޖެހޭނެއޭ. އަޅުގަނޑު ދެންނެވީ، ވަރަށް މާފުކުރައްވާށޭ، އަޅުގަނޑުމެންގެ ދިވެހިބަހަކީ، ތިޔަވިދާޅުވި ހުރިހާ ޝަރުޠުތަކެއް އޭގައި ފުރިހަމަ ވެފައިވާ ބަހެކޭ. އަޅުގަނޑުމެންގެ ދިވެހިބަހުގައި، އެ ބަސް ލިޔާ އަކުރެއް އޮވެއޭ. އަޅުގަނޑުމެންގެ ބަހުގައި ޤަވާޢިދުތަކެއް، ހަމަތަކެއް، އުސޫލުތަކެއް އޮވެއޭ. އަޅުގަނޑުމެންގެ ބަހުގައި އެބަހުގެ އަދަބިއްޔާތެއް އެބައޮތޭ. ޅެންވެރިކަން އެބައޮތޭ. އެބަހުން އަޅުގަނޑުމެން ވާހަކަލިޔެ ހަދަމުއޭ. އަދި މިނޫންވެސް އެހެން ޤައުމުތަކުގެ އަހުލުވެރިން، އެމީސްމީހުންގެ ބަސްބަހުން ކުރާ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ދިވެހިބަހުންކޮށް ހަދަމުއޭ.

އެހެން ދެންނެވީމާ، ވަރަށްބޮޑަށް އަނެއްކާވެސް ޙައިރާންވެވަޑައިގެންނެވި. އޭނާ ވިދާޅުވީ އެހެންވެއްޖިއްޔާ ކަލޭމެންގެ ޤައުމަކީ ހާދަ ކުރިއަރާފައިވާ ޤައުމެކޭ. ހާދަ ފަޚުރުވެރި ބަހެއް ނުވަތަ ޘަޤާފަތެއް ނުވަތަ ޤައުމިއްޔަތެއް ލިބިފައިވާ ޤައުމެކޭ. އެހެން ތިމަންނާ މިވިދާޅުވަނީ، ތިމަންނާ އެޤައުމެއްގެ ރައީސްކަން މިކުރައްވާ ޤައުމަކީވެސް ކުރިއަރަމުން އަންނަ ޤައުމެކޭ. ވަރަށްގިނަ އަދަދެއްގެ މީހުން އުޅޭ ތަނެކޭ. އަހަރެމެން ވާހަކަ ދައްކާ ބަސްތަކެއްވެސް އެބައޮތޭ. އެންމެ ބަހެއް ނޫނޭ. ވަރަށްގިނަ ބަސްތަކަކުން އަހަރެމެންގެ ރައްޔިތުން ވާހަކަދައްކާ ހަދައޭ. އެހެންނަމަވެސް، އެއިން އެއްވެސް ބަހަކީ ލިޔެކިޔުމެއް އޮތް ބަހެއް ނޫނޭ. އެއިން އެއްވެސް ބަހެއްގައި ނޯވެއޭ، އެ ބަސްލިޔާ އަކުރެއް. އެ ބަސް ތިމަންނާމެން ބޭނުންކުރަނީ ހަމައެކަނި ވާހަކަދައްކާ ހެދުމުގައޭ. ތަޢުލީމުގެ ބަހެއްނޫނޭ އެ ބަހަކީ. އަހަރެމެންނަށް ކިޔަވައިދޭން ޖެހިއްޖިއްޔާ ކިޔަވައިދެނީ ފަރަންސޭސިބަހޭ. ސިޓީ ފޮނުވަން ޖެހިއްޖިއްޔާ ސިޓީ ފޮނުވަނީ ފަރަންސޭސި ބަހުންނޭ. ސަރުކާރުގެ ހުރިހާ މުއާސަލާތެއް ހިނގަނީ ފަރަންސޭސި ބަހުންނޭ.

އެހެންވީމާ، އަހަރެމެންގެ ބަސް އެއީ، ހަމައެކަނި އަހަރެމެން ވާހަކަ ދައްކާލާ އުޅޭ ބަހެކޭ. އެއީކީ ރަސްމީ ބަހެއްވެސް ނޫނޭ، ތަޢުލީމުގެ ބަހެއްވެސް ނޫނޭ. ލިޔެކިޔުމެއް އޮތް ބަހެއްވެސް ނޫނޭ. މިއީއޭ އެފްރިކާގެ ގިނަ ތަންތަނުގައި ޙާލު އޮތްގޮތަކީ. އެއީ ތެދެއްކަންވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެއީ އއެފްރިކާގެ ޤައުމެއްގައި ކުޑަ ދުވަސްކޮޅަކު ހުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި އޮތުމާއެކު މިދަންނަވަނީ. ނައިޖީރިޔާގައި ކުޑަދުވަސްކޮޅަކު އަޅުގަނޑު ހޭދަކުރިން، ކުޑަދުވަސްކޮޅެއް ހޭދަކުރިން. އެތާނގައިވެސް ވަރަށްގިނަ ބަސްތަކެއް އޮވޭ. އެތާނގެ އެންމެގިނަ މީހުން ވާހަކަދައްކާ ބަހަށް ކިޔަނީ "ހައުސާ". ހައުސާ ބަހުގެ އަހުލުވެރިން އެބަސް ލިޔެއުޅެނީ، މިހާރު ލިޔެއުޅެނީ އަޅުގަނޑުމެން ލެޓިންއަކުރޭ މި ކިޔާ އަކުރުން، ނުވަތަ އިނގިރޭސި އަކުރުން. ތަންކޮޅެއް ކުރިން އެމީހުން އެ ބަސް ލިޔެއުޅުނީ ޢަރަބި އަކުރުން. އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ އެމީހުންގެވެސް އަޞްލު އަކުރެއް ނެތޭ. އެމީހުންވެސް ލިޔެކިޔުމުގެ ބޭނުންކުރަމުން ގެންދަނީ އަދި ކުރިން ގެންގޮސްފައިވަނީވެސް ކޮންމެވެސް އެހެން ބަހެއްގެ އަކުރެކޭ. އެހެންވީމާ، މިގޮތްގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ޚާއްޞަ، ވަރަށް ފަޚުރުވެރި ޘަޤާފަތެއް، ޤައުމިއްޔަތެއް، ބަހެއް އޮތްތަނެއްކަން އެއްވެސް ޝައްކެއްނެތި އެނގޭ.

އާދެ، ފަހަރެއްގައި ހިތްޕުޅަށްއަރާފާނެ، އަތްތެރިމަސައްކަތުގެ މައުރަޒު ހުޅުވާ ރޭ މިވާހަކަ އަޅުގަނޑު މިދައްކަނީ ކީއްވެގެންބާއޭ. މިއީ މި މުނާސަބަތާ ގުޅޭ ވާހަކައެއްބާއޭ. އާދެ، އަޅުގަނޑުގެ ހިތުގައި، އަޅުގަނޑު މިދަންނަވާ ވާހަކަޔާ މިރޭގެ މި މުނާސަބަތާ ކޮންމެވެސްވަރެއްގެ ގުޅުމެއް އެބައޮތް. އެއީ އަތްތެރިމަސައްކަތަކީވެސް އަޅުގަނޑު ދަންނަވާނީ ޤައުމެއްގެ ޘަޤާފަތު ވަރަށްބޮޑަށް ހާމަކޮށްދޭ، ތަމްސީލުކޮށްދޭ އެއްޗެކޭ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ބައެއް ޢަމަލީ ބޭނުންތައް ފުއްދުވާ އެއްޗެއް ނޫނޭ. ޢަމަލީ ބޭނުންތައް ފުއްދުވާ އެއްޗެއްވެސްމެއޭ. އޭގެއިތުރަށް އެއީ އަޅުގަނޑުމެންގެ ޘަޤާފަތު ދައްކައިދޭ އެއްޗެކޭ. އަޅުގަނޑުމެންގެ ފަންނެކޭ. އޭގެތެރޭގައި އަޅުގަނޑުމެންގެ ދިރިއުޅުން ހިމެނިފައިވެއޭ.

މިސާލެއްގެ ގޮތުން ދަންނަވަންޏާ، އަނެއްކާވެސް އަޅުގަނޑުމެންގެ ކުރެހުންތެރިޔަކު ކުރަހާ މަންޒަރު އެއީ ގަނޑުފެން ފައިބާފައިވާ ފަރުބަދައެއްގެ މަންޒަރު ކަމަށްވަންޏާ އެއީ ފަހަރެއްގައިވެސް ނުވާނެ ދިވެހިރާއްޖޭގެ ކުރެހުންތެރިޔަކު އުފެއްދި ކުރެހުމެއް ކަމުގައެއް. ނުވަތަ ކޯރެއްގެ މަންޒަރު. ރާއްޖެއިން ފެންނަން ނުހުންނަ މަންޒަރުތަކެއް ކުރަހާފައިވަންޏާ އެއީ އަޅުގަނޑުމެންގެ މަންޒަރަކަށް ނުވާނެ. އަޅުގަނޑުމެން އެއްވެސް ދިވެއްސަކު ނުބުނާނެ އެއީ ދިވެހިރާއްޖޭގެ މަންޒަރެކޭ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުން އެއިން ދައްކައިނުދޭތީ. އެހެނެއްނޫން، އަޅުގަނޑުމެންގެ މި ރީތި ޖަޒީރާތައް ދައްކުވައިދޭ މަންޒަރެއް ކުރަހާފައިވާ ކަމަށްވަންޏާ ނުވަތަ އަޅުގަނޑުމެންގެ ނޫކުލައިގެ ކަނޑު ދައްކައިދޭ މަންޒަރަކަށްވަންޏާ، އަޅުގަނޑުމެންގެ ރީތި ގޮނޑުދޮށްތައް ދައްކައިދޭ މަންޒަރަކަށްވަންޏާ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ މަންޒަރަކަށް އެ ވާނީ. އެހެންވީމާ، ކޮންމެ ޤައުމެއްގެވެސް އަތްތެރިމަސައްކަތް ނުވަތަ އަތްތެރިމަސައްކަތާއި، އަތުމަސައްކަތާއި މީގައި ހިމެނޭ ބާވަތްތައް ވާންޖެހޭނެ، އެޤައުމެއްގެ ރައްޔިތުންގެ ދިރިއުޅުން ދައްކައިދޭ އެއްޗަކަށް. އެ ޤައުމެއްގެ ރައްޔިތުންގެ ދިރިއުޅުމާ ވަރަށްބޮޑަށް ލާމެހި ގުޅިފައިވާ އެއްޗަކަށް. އެނޫންގޮތަކަށްވަންޏާ އެއީ ފަހަރެއްގައިވެސް ނުވާނެ، އެޤައުމުގެ އަތްތެރިމަސައްކަތަކަށް ނުވަތަ އަތުމަސައްކަތަކަށް.

އާދެ، އަޅުގަނޑު ދަންނަވާލަން ޤަޞްދުކޮށްގެންހުރީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ އަތްތެރިމަސައްކަތަށް މަޝްހޫރުވެފައިވާ ތަނެކޭ. އެހެންނަމަވެސް، އަޅުގަނޑު އެހެން ދަންނަވާލުމުގެ ކުރިން، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ވާހަކަފުޅު ދެއްކެވިއިރު ގެންނަވައިފި އެކަމުގެ ހެކިތައް، ދަލީލުތައް. މީގެ ހަސަތޭކަ އަހަރަށްވުރެ ކުރިން ރާއްޖެއަށް ވަޑައިގެންނެވި އިބްނި ބަޠޫތާ. އޭނާ ލިޔުއްވި ފޮތުގައިވެސް ރާއްޖޭގެ މީހުންގެ އަތްތެރިމަސައްކަތުގެ މޮޅުކަމުގެ ވާހަކަ ލިޔުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި. އޭގެފަހުން މީގެ ސަތޭކަ ފަންސާސް އަހަރު ކުރިން ރާއްޖެއައި ބަޔަކުވެސް އެހެން ލިޔުނުކަމާއި، މިހުރިހާ ވާހަކައެއް ހާމަކޮށްދެއްވި.

ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ އަތްތެރިމަސައްކަތަށް މަޝްހޫރުވެފައިވާ، އަޅުގަނޑުމެންގެ ޚާއްޞަ އަތްތެރި މަސައްކަތެއް އޮތް ޤައުމެއް. އެހެންވީމާ، އެމަސައްކަތް ކުރިޔަށް ގެންދިއުމަކީ ޝައްކެއްނެތްގޮތުގައި ހުރިހާ ރޮނގަކުންވެސް ވަރަށް ބޭނުންތެރިކަމެއް. އެއީ ކުރިން މިދެންނެވި ޤައުމީ ރޮނގުން ބެލިކަމުގައިވިޔަސް އެއީ އަޅުގަނޑުމެންގެ އަމިއްލަ ޘަޤާފަތުގެ ބަޔަކަށްވާތީ، އަޅުގަނޑުމެންގެ ޚާއްޞަ ފަންނަކަށްވާތީ، އެރޮނގުން ބެލިކަމުގައިވިޔަސް ނުވަތަ އިޤްތިޞާދީ ރޮނގުން ބެލިކަމުގައިވިޔަސް އެއީ އަޅުގަނޑު ހިތުން ކުރިން މިދެންނެވި ރޮނގަށްވުރެ، ގިނަ މީހުންނަށް އިޙްސާސް ކުރެވޭނެ ރޮނގެއް. އިޤްތިޞާދީ ގޮތުން އެއިން ލިބޭ އާމްދަނީއަށް ބެލިކަމުގައިވިޔަސް އެއީ ވަރަށް ބޭނުންތެރި އެއްޗެއްކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ. ޚާއްޞަކޮށް، މިވޭތުވެދިޔަ ދިހަ އަހަރު ނުވަތަ ބާރަ އަހަރު ނުވަތަ ބާރަ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގައި އިޤްތިޞާދީ އާ މަސައްކަތެއް ފެށިގެން ހިނގަމުންދާ ދިޔުމުގައި، އަތްތެރި މަސައްކަތުގެ ބޭނުންތެރިކަމާއި، އެކަމުން ލިބޭ އާމްދަނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކަށް މިހާރު ހުންނާނީ އިޙްސާސްވެފައި. އަދި އެ އާމްދަނީގެ ފައިދާ އެބައިމީހުންނަށް ލިބެމުންދާކަންވެސް ކަށަވަރު.

އާދެ، އެހެންވީމާ، އަތްތެރި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ބޭނުންތެރިކަން ވަރަށްވެސް ބޮޑު. އެކަމަށްޓަކައި ކޮންމެ އަހަރަކު ސަރުކާރުން މައުރަޒެއް ބާއްވަމުން މިގެންދަނީ. ދެންމެ މިނިސްޓަރ އެވިދާޅުވިފަދައިން، އަތްތެރި މަސައްކަތުގެ މައުރަޒަކީ ރާއްޖޭގައި 1945ވަނަ އަހަރުން ފެށިގެން ބޭއްވެމުންދާ މައުރަޒެއް. މިއީ އާކަމެއް ނޫން، އަޅުގަނޑުމެން މިހާރު މިކުރަނީކީ. މީގެކުރިން 23 މައުރަޒު ބޭއްވިއްޖެ. މިއީ 24 ވަނަ މައުރަޒު. މި އަންނަ އަހަރު، އޭނާ ވިދާޅުވިފަދައިން އެއީ އަޅުގަނޑުމެންގެ މި މައުރަޒުގެ ރިހިޔޫބީލް ފާހަގަކުރަންޖެހޭ އަހަރު. އެހެންވީމާ، މި މަސައްކަތް މިއީ އަޅުގަނޑުމެން ވަރަށް ގިނަދުވަސް ވަންދެން، ބައެއްފަހަރަށް މެދުކެނޑިގެން، އަނެއްބައިފަހަރަށް މެދުނުކެނޑި ކުރަމުން ގެންގޮސްފައިވާ މަސައްކަތެއް. މި މަސައްކަތް މިހާރު މިކުރާ ވަރަށްވުރެ ފުރިހަމަގޮތެއްގައި ކުރުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް.

އާދެ، ދެންމެ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަލްފާޟިލް އަޙްމަދު ޒާހިރުވެސް އެ ވިދާޅުވިފަދައިން، އަދި އޭގެފަހުން މިނިސްޓަރުގެ ވާހަކަފުޅުގައި ގެންނެވި ފަދައިން، މިއަހަރުގެ މައުރަޒަކީ ކުރީ އަހަރުތަކާ އަޅައިބަލާއިރު ވަރަށް ފެންވަރުދެރަ މައުރަޒެއް. އެއީ، ވަރަށްބޮޑަށް ހިތާމަކުރަންޖެހޭ ކަމެއް. މި މައުރަޒު ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގައި އަތުމަސައްކަތާއި އަތްތެރިމަސައްކަތް ކުރިޔަށް ގެންދިޔުން. އޭގެ ފެންވަރު މަތިކުރުން. އެއިން ލިބޭ އިޤްތިޞާދީ ފައިދާތައްވެސް ގިނަކުރުން. ބޭރުން އަޅުގަނޑުމެން އެތެރެކުރަންޖެހޭ އެއްޗެތި ވީހާވެސް މަދުކުރުން. އެހެންވީމާ، މިހުރިހާ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުން މި މައުރަޒު ބާއްވަނީ. އެހެންވީމާ، މައުރަޒަށް އެކަށީގެންވާ ތަރުޙީބެއް، ހުރިހާ ފަރާތްތަކަކުން ލިބެމުން ދިޔުމަކީ، ޝައްކެއްނެތްގޮތުގައި ވަރަށް ބޭނުންތެރި ކަމެއް. ސަރުކާރުން ކިތަންމެ ބޮޑަކަށް މައުރަޒުގެ ކަންތައްތައް ރޭވިޔަސް ނުވަތަ މިކަން ހިންގުމަށްޓަކައި ކިތަންމެ ބޮޑެތި ޚަރަދުތަކެއް ކުރަމުން ގެންދިޔަޔަސް އެކަމުން އެއްވެސް ފައިދާއެއް ނުނިކުންނާނެ، އެހެން ފަރާތްތަކުގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލުން ނެތްކަމަށްވަންޏާ.

އާދެ، ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަރަށްގިނަ އަތޮޅުތަކުން މި މައުރަޒުގައި ބައިވެރިވި. އެހެންނަމަވެސް މިނިސްޓަރ އެވިދާޅުވިފަދައިން، އެކަށީގެންވާ ގޮތުގައި ބައިވެރިވީ އެންމެ އަތޮޅެއް. އެހެން އަތޮޅުތަކުން ބައިވެރިވި ބައިވެރިވުމަކީ އެރޮނގުން ބަލާއިރު މާއެކަށީގެންވާ ބައިވެރިވުމަކަށްނުވޭ. ހަމައެފަދައިން، އޭނާ އަދަދުވެސް ވިދާޅުވެދެއްވި. ކުރީ އަހަރު، 1982ވަނަ އަހަރު ތޭރަހާސް އައިޓަމް ނުވަތަ އެކިބާވަތުގެ ތޭރަހާސް ތަކެތި މައުރަޒުގައި ހިމެނިފައިވިޔޭ. މި އަހަރު ހިމެނިފައިވަނީ ހަމައެކަނި އަށްހާސް ނުވަތަ އަށްހާހަށްވުރެ ކުޑަތަންކޮޅެއް ގިނަ އަދަދެއްގެ ތަކެއްޗޭ. އެހެންވީމާ، ވަރަށްބޮޑު އުނިކަމެއް ލިބިގެން އެދިޔައީ. ދެން ފެންވަރަށް ވިސްނާއިރުވެސް، އަޙްމަދު ޒާހިރު އެވިދާޅުވި ގޮތުގައިވެސް އަދި މިނިސްޓަރ ފަހުން ވިދާޅުވިގޮތުގައިވެސް، ފެންވަރު ވަރަށް ދެރަ. މައުރަޒު ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަކަށް އަދި ނުލިބޭ. އެހެންނަމަވެސް އެބޭފުޅުން އެވިދާޅުވީ ތެދެއްކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ.

އެހެންވީމާ، އެކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެ. ހުރިހާ އަތޮޅުތަކުންވެސް މިހާރުއްސުރެ ފަށައިގެން، މިއަންނަ އަހަރުގެ ރިހިޔޫބީލަށް ތައްޔާރުވަމުން ގެންދިޔުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ކަމެއް. ހަމައެފަދައިން، މާލޭގެ އަވަށްތަކުންވެސް އެކިއެކި ކުލަބުތަކާއި ޖަމުޢިއްޔާތަކުގެ ފަރާތުންވެސް މި އަންނަ އަހަރުގެ މައުރަޒަށް މިހާރުއްސުރެ ފަށައިގެން ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވުމަކީ އަޅުގަނޑުގެވެސް ވަރަށް ޚާއްޞަ އެދުމެއް.

އަޅުގަނޑު މިދެންނެވި ބޭނުންތަކުގެ އިތުރަށް، އަތުމަސައްކަތާއި އަތްތެރިމަސައްކަތް ކުރިޔަށް ގެންދިޔުމުން އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއްވެސް އެބައޮތް. އެއީ މިހާރު ރާއްޖެވަނީ ބޭރުދުނިޔެއާ ވަރަށްބޮޑަށް ގުޅިފައި. ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ. އަދި ރާއްޖޭގެ ވެރިންވެސް ބޭރު ޤައުމުތަކަށް ޒިޔާރަތްކުރަންޖެހޭ. މިކުރާ ޒިޔާރަތްތަކުގައި، ބައިނަލްއަޤްވާމީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުގެމަތިން، އެއް ޤައުމެއްގެ ވެރިޔަކު އަނެއް ޤައުމެއްގެ ވެރިޔަކަށް ކޮންމެވެސް ހަދިޔާއެއް އަރުވަންޖެހޭ. ބޭރުން ވަޑައިގަންނަވާ ބޭފުޅުން އަޅުގަނޑުމެންނަށްވެސް ހަދިޔާ ދެއްވާ. އަޅުގަނޑުމެންވެސް ބޭރަށްމިދާ ދަތުރުތަކުގައި އެބޭފުޅުންނަށް ހަދިޔާ އަރުވަންޖެހޭ. އެގޮތަށްދޭ ހަދިޔާ ވާންޖެހޭ، އެޤައުމެއްގައި އުފެދިފައިވާ އެޤައުމު ތަމްސީލުކުރާ އެއްޗަކަށް. ބޭރު ޤައުމުތަކުގެ ބޭފުޅުން ވަޑައިގެން، ދެއްވާ ހަދިޔާއަކީ އެތަންތާނގައި އުފައްދާ އަތްތެރިމަސައްކަތުގެ އަގުހުރި، އޭގައި ފާޑުވެރިކަންހުރި ޚާއްޞަ ފަންނެއް އޭގައި އެކުލެވިފައިވާ ތަކެތި. ހަމައެފަދައިން އަޅުގަނޑުމެން ހަދިޔާކުރާ ތަކެތިވެސް ވާންޖެހޭ އެފެންވަރުގެ ތަކެއްޗަށް.

އެހެންވީމާ، އަޅުގަނޑުމެން މި ހަދާ ލާޖެހި އެއްޗެތި، އެންދެރީގެ ބައެއް އެއްޗެތި، މުތްތޮށީގެ އެއްޗެތި ނުވަތަ އެނޫންވެސް ރާއްޖޭގައި އުފެދޭ ތަކެތިން ހަދާ ރީތި ފަންނުހުރި ތަކެތި އެއީ ވަރަށްބޮޑަށް މިހާރު ބޭނުންވެފައިވާ އެއްޗެތި. އަޅުގަނޑުމެންގެ ބާޒާރުގައި ހުންނަ އާދައިގެ އެއްޗެއް ދީގެން އެއީ ރާއްޖޭގެ މީހަކު ދިން ހަދިޔާއަކަށް ނުވާނެ. މޮޅު އަތުކުރީ ގަޑިއެއް ދިނަސް، އެ ނުވާނެ ރާއްޖޭގައި އުފެއްދި އެއްޗަކަށް. ނުވަތަ މާލޭގެ ބާޒާރުގައި އެހުންނަކަހަލަ ރީތި ވައްތަރު ވައްތަރުގެ ފޮތި، އެއިން އެއްޗެއް ގެންދިޔަޔަކަސް، އެ ނުވާނެ އަޅުގަނޑުދޭ ހަދިޔާއަކަށް ނުވަތަ ރާއްޖޭގެ ފަރާތުންދާ މީހަކުދޭ ހަދިޔާއަކަށް. ހަދިޔާއަކަށްވާނީ މިދެންނެވިކަހަލަ، ރާއްޖެ ތަމްސީލުކޮށްދޭ، ރާއްޖޭގެ ޘަޤާފަތު، ރާއްޖޭގެ ފަންނު، ރާއްޖޭގެ ފާޑުވެރިކަން، ރާއްޖޭގެ މަސައްކަތްތެރިކަން ތަމްސީލުކޮށްދޭ އެއްޗަކަށް އެހަދިޔާވުމުން. ފަހަކަށްއައިސް އެއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށްބޮޑު ދައްޗަކަށް އޮންނަނީވެފައި. ތަނަކަށް ދާންޖެހިގެން ބަލާއިރު، ބާޒާރުގައި އެކަށީގެންވާ އެއްޗެއް ނުހުރޭ ލިބޭކަށް. ވަރަށްގިނަ މީސްމީހުންނާ އެގޮތް މިގޮތުން ގުޅައިގެން، ދެން ބައެއްފަހަރަށް ފުދޭވަރަށް އެއްޗެތި ލިބޭ، އަނެއްބައިފަހަރަކަށް ނުލިބޭ. އަޅުގަނޑުމެންނަށް އެއީ ވަރަށް ހިތާމަކުރަންޖެހޭ ކަމަކަށްވެސްވޭ. އެހެންނަމަވެސް، އެކަން އެހެން އޮތްކަމުގައިވިޔަސް ލިބުނު އެއްޗަކުން ފުއްދައިލަނީ.

އެހެންވީމާ، އެ ބޮޑު ބޭނުން، އެ މިހާރުވަނީ ޤައުމީ ބޭނުމަކަށްވެފައި. އެ ޤައުމީ ބޭނުން ފުދެން އަންނަނީވެސް އަޅުގަނޑުމެންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް މިހާރަށްވުރެ ރަނގަޅުކޮށްގެން. އުފައްދާ ތަކެތިވެސް ގިނަކޮށްގެން. އަޅުގަނޑު ހިތުން މައުރަޒުގައި ބައިވެރިވެވަޑައިގަންނަވާ ވަރަށްގިނަ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ، މައުރަޒުގައި އެ ބޭފުޅުން ބައިވެރިކުރައްވާ ތަކެތީގެ ތެރެއިން ވަރަށްގިނަ ތަކެތި ނަގަނީ ސަރުކާރަށްކަން. ނުވަތަ އެހެންގޮތަކަށް ދަންނަވަންޏާ މުލީއާގެއަށްކަން. މުލީއާގެއަށް އެ އެއްޗެތި ނަގަންޖެހޭ ސަބަބަކީ ފަހަރެއްގައިވެސް އަޅުގަނޑު އަމިއްލައަށް އެ ބޭނުންކުރާކަށްނޫން. އެއީ މިދެންނެވި ބޭނުމަށްޓަކައި އެހިފައިގެން އަޅުގަނޑު އެބަ ދާންޖެހޭ ޤައުމުތަކަށް. ބޭރު ޤައުމުތަކުން ވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެ ތަމްސީލުކޮށްދޭ އެއްޗެއް ހަދިޔާއަކަށް އަރުވަންޖެހޭ. މިބޭނުމުގައި އެ އެއްޗެތި ނަގަނީ. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑު ދަންނަވަންޖެހެނީ އެފަދަ ތަކެތި އުފައްދަވާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދެއްވައިގެން، އަޅުގަނޑުމެންގެ ރާއްޖެއަށް ބޭރު ދުނިޔޭގައި އިތުރު ރީތި ނަމެއް، އިތުރު ފަޚުރެއް ލިބޭފަދަ ގޮތަކަށް މަސައްކަތް ކުރައްވަމާ ހިންގަވާށޭ.

އާދެ، ގަޑީގެކަށި ވަރަށްބާރަށް ހިނގަމުން އެބަދޭ. މިކަހަލަ ވަގުތެއްގައި މިހާ ދަންވެފައިވާއިރެއްގައި ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެ، އާދައިގެ ވަގުތަކަށްވުރެ ގަޑީގެކަށި ބާރަށް ހިނގަމުންދާކަން. އެހެންވީމާ، އަޅުގަނޑުވެސް މާގިނަ ވާހަކަތަކެއް ދައްކާކަށް ގަސްދެއްނުކުރަން. އެހެންނަމަވެސް، މިރޭ މިފެނިގެންދިޔަ ބައެއް މަންޒަރާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ.

އާދެ، އަޅުގަނޑު ހިތަށް ވަރަށް ޚާއްޞަ އުފަލެއް ލިބިގެންދިޔަ ކަމެއް، މިރޭ އަޅުގަނޑުމެންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ޢިއްޒަތްތެރި ދެބޭފުޅަކު އެއްފަހަރަށްވުރެ ގިނަފަހަރު މި ހަރުފަތްތައް ގިރާކުރައްވައި، ހުރަސްކުރައްވައި މި ސްޓޭޖަށް އަރާވަޑައިގަންނަވަން ޖެހުނުކަން ނުވަތަ އެ މަންޒަރު. އާދެ، އަޅުގަނޑު މިދަންނަވަނީ އަލްފާޟިލް ޢަލީ ފަހުމީ އަދި އަލްފާޟިލް ހީރާ ޔޫސުފްފުޅުގެ ވާހަކަ. އަޅުގަނޑު ހިތުން ޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކުވެސް ބޭނުންވާނީ އެބޭފުޅުންގައި އެހުރި ސާބިތުކަން، އަޅުގަނޑުމެންގެ މިހާރުގެ ޒުވާނުންގައި އުފެދުން. އެބޭފުޅުންގެ ޢުމުރުފުޅުން މިހާރު އެކަށީގެންވާ ދުވަސްތަކެއް ވޭތުކުރައްވައިފި. އެހެންނަމަވެސް، އެ ބޭފުޅުންގެ އުފެއްދުންތެރިކަމަށް، އެބޭފުޅުންގެ ފަންނަށް ކުޑަވެސް އުނިކަމެއް ނާދޭ. ކޮންމެ އަހަރަކުވެސް ޢަރަބި ލިޔުމުން އެއްވަނައަށް އަންނަ ނަމަކީ ޢަލީ ފަހުމީގެ ނަން. ޢަލީ ފަހުމީއަށް ޚާއްޞަ ޝުކުރެއް އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވެސްވޭ. އެއީ ޢަލީ ފަހުމީ އެއީ އަޅުގަނޑުގެވެސް އުސްތާޛަކަށްވާތީ. އަޅުގަނޑަކީވެސް ޢަރަބި ލިޔުމުގެ ފަންނުގައި ކޮންމެވެސްވަރަކަށް ހޭކިލެވޭތޯ މަސައްކަތް ކޮށްފައިވާ މީހެއް. އެންމެ ފުރަތަމަ އަޅުގަނޑަށް އަކުރު ލިޔެދެއްވި ބޭކަލަކީ ޢަލީ ފަހުމީ. އެހެންވީމާ، އެގޮތުންވެސް އެޝުކުރު އަދާކުރަން. އަނެއްކާ އޭނާގައި އެހުރި ވަރުގަދަ ޢަޒުމާއި ހީވާގިކަމަށް، ޢުމުރުން ދުވަސްވި ކަމުގައިވިޔަސް ޒުވާނުންނަށްވުރެ މާވަރުގަދަ ޢަޒުމެއް އޭނާގައި ހުރިކަމަށް އަޅުގަނޑު ދެކެން. މާވަރުގަދަ ހިންމަތެއް. ކޮންމެ އަހަރަކު މައުރަޒުގައި ބައިވެރިވެލައްވައިގެން 1 ވަނަ އެކަންޏެއް ނޫން. 1 ވަނަ ، 2 ވަނަ، 3 ވަނަވެސް އެބަ ހޯއްދަވާ. ހަމައެފަދައިން، ހީރާ ޔޫސުފްފުޅުވެސް އެތައް ފަހަރަކު މި ސްޓޭޖަށް މިރޭ އެރުއްވި.

އެހެންވީމާ، އެއިން އަޅުގަނޑުމެން ޢިބްރަތެއް ލިބިގަންނަންވެއްޖެ. އަޅުގަނޑުމެން މިތާ މިތިބަ ޒުވާނުން، މިހާރު ކުރެހުމުންނާއި، އެކިއެކި ކަންކަމުންނާއި ވަނަވަނަ މި ހޯދާ ކުދިން، އަޅުގަނޑުމެންގެ މިތިބަ ދިވެހި ހަރުދަނާ ދަރިން، އެ ހަރުދަނާ ޖީލުން އަޅުގަނޑުމެން ފިލާވަޅެއް ލިބިގަންނަންވެއްޖެ. އެގޮތުގައި އަޅުގަނޑުމެން ތިބެންވީ. އެގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާކަމަށްވަންޏާ، ޝައްކެއްނެތް، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރަށްވުރެ ތަރައްޤީވެފައިވާ އަތްތެރިމަސައްކަތެއް އޮތް ދުވަހެއް ވަރަށް އަވަހަށް އަންނާނެ.

އާދެ، އެދެބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމުގެ އިތުރަށް، މި އަހަރު މައުރަޒުން ވަރަށް ފުރިހަމަ އެއްވަނައެއް ހޯދި މާޅޮސްމަޑުލު ދެކުނުބުރިއަށްވެސް ވަރަށް ޚާއްޞަ ތަހުނިޔާއަކާއި މުބާރަކްބާދީއެއް އަޅުގަނޑު ރައްދުކުރަން. އަޅުގަނޑުގެ ހަނދާން މާބަލިކަމުގައި ނުވަންޏާ، 1982 ވަނަ އަހަރު ބޭއްވުނު މައުރަޒުންވެސް އެއްވަނައަށް އައި އަތޮޅަކީ، ހަމަ އެއަތޮޅު. އެހެންވީމާ، ޝައްކެއްނެތްގޮތުގައި އެއަތޮޅަކީ، އެއަތޮޅުގައި އަތްތެރިމަސައްކަތުގެ ފަންނު ވަރަށް ގަދަޔަށް ހަރުލާފައިވާ އަތޮޅެއް. އަދި އެ އަތޮޅުގެ ރައްޔިތުން އެމަސައްކަތް ކުރިޔަށް ގެންދިއުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ.

އެހެންވީމާ، އެކަމަށްޓަކައި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، އަތޮޅުގައި އަތްތެރިމަސައްކަތުގެ ކަންތައްތައް ކުރައްވަމުން ގެންދަވާ ބޭކަލުންނަށް، އެއްވެސް ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވަން. މާލޭގެ އަވަށްތަކުން އެއްވަނަ ހޯދި މާފަންނަށްވެސް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު އަދާކުރަން. ހަމައެފަދައިން ކުލަބް ޖަމުޢިއްޔާތަކުން އެއްވަނަ ހޯދި ޖިންސުއްލަޠީފުންގެ ރޫޙަށްވެސް މުބާރަކްބާދީއާއި ތަހުނިޔާ ރައްދުކުރަން. ނަތީޖާފާޅުކުރަމުން ދިޔައިރު، އަޅުގަނޑު ހަމަޔަޤީނުންވެސް އިވޭނެކަމަށް ހީކުރި ޖަމުޢިއްޔާއެއްގެ އަޑު އަޅުގަނޑަކަށް ނީވުނު. އެހެންނަމަވެސް، ފަހުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އެކަން އެވީގޮތް ރަނގަޅަށް ސާފުވެއްޖެ. އެހެންވީމާ، އަޅުގަނޑުވެސް އުންމީދުކުރަނީ މިއަންނަ އަހަރު އަޅުގަނޑުމެންގެ މައުރަޒުގެ ރިހިޔޫބީލް ފާހަގަކުރާއިރު، ޖަމުޢިއްޔަތުލް އަމީނުގެ ނަން އަނެއްކާވެސް ވަރަށް ކުލަގަދަ ގޮތެއްގައި އިވިގެންދާނެކަމަށް.

އާދެ، ގަޑީގެކަށި ކިތަންމެ ބާރަށް ހިނގިކަމުގައިވިޔަސް، އަދިވެސް އެއް ވާޖިބު އަދާކޮށްފައި ނޫނީ އަޅުގަނޑަށް މިމަޤާމުން ވަކިވެވޭކަށް ނެތް. އާދެ، އެއީ މިމައުރަޒުގެ ކަންތައްތައް ވަރަށް ފުރިހަމަ ގޮތެއްގައި އިންތިޒާމު ކުރެއްވި ފަރާތަށް ޝުކުރު ދެންނެވުން. މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް އިލްޔާސް އިބްރާހީމް މިކަމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތް ކުރައްވާތާ ލައްކަދުވަސްވެއްޖެ. އެހެންވީމާ، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. ހަމައެފަދައިން އެމިނިސްޓްރީގެ ވެރިންނަށާއި، ހުރިހާ މުއައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަނީ އުފަލާއެކު. ހަމައެއާއެކު ފަނޑިޔާރުކަން އަދާކޮށްދެއްވި ފަރާތްތަކަށްވެސް ޝުކުރު ދަންނަވަންޖެހޭ. އަޅުގަނޑު މިޝުކުރު މިރޭ މިދަންނަވަނީ ވަރަށްބުރަ މަސައްކަތްތަކެއް، ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އަދި ސަރުކާރުގެ މުހިންމު ކަންތައްތަކުގެ ތެރޭގައި އެބޭފުޅުން އުޅުއްވަމުން ކޮށްދެއްވީތީ އެކަންޏެއްނޫން. އޭގެއިތުރަށް، ޖަޖުންގެ ފަރާތުން އަދި ފަނޑިޔާރުންގެ ފަރާތުން މިރޭ ވާހަކަފުޅު ދެއްކެވި ޑިޕާޓްމަންޓް އޮފް ޓުއަރިޒަމްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޒާހިރު ވަރަށް ސާފުކޮށް، ޙަޤީޤަތްތަކެއް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވި ކަމަށްޓަކައި. އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންނަށް އާދަވެފައި އޮންނަނީ އެހެން ހަދާކަށްނޫން. ކޮންމެވެސް ރީތި ޢިބާރާތަކުން ޝުކުރު އަދާކޮށްފައި ނުވަތަ ކަންތައްތައްހުރީ ވަރަށް ފުރިހަމަކޮށްކަމަށް ބުނެފައި، އެއަށްވުރެ ވަކިން ފުރިހަމަގޮތަކަށް ދެން ކަމެއް ނުކުރެވޭނޭކަމަށް ބުނެފައި ނިންމާލުން. އެއީ، ގިނަފަހަރަށް ގިނަ މީހުންނަށް އާދަވެފައިވާ ގޮތަކީ. އެއާޚިލާފަށް މިރޭ އޭނާ އެވިދާޅުވީ ހަމަ ތެދު ޙަޤީޤަތް. އެހެންވީމާ، އެކަމަށްޓަކައި އޭނާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން. އެއީ، އަޅުގަނޑުމެން އެންމެ ފުރަތަމަ ޙަޤީޤަތް ގަބޫލުކޮށްގެން ނޫނީ އަޅުގަނޑުމެންގައި ހުރި އުނިސިފަތައް ނުވަތަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނުވަތަ އަޅުގަނޑުމެން ކުރާ ކަމެއްގައި އެހުންނަ އުނިކަންތައްތައް ރަނގަޅެއް ނުކުރެވޭނެ.

އެހެންވީމާ، މިރޭ އަޅުގަނޑުމެންނަށް އެނގިއްޖެ، މިއަހަރުގެ އަތްތެރިމަސައްކަތުގެ މައުރަޒުގެ ފެންވަރު ދެރަކަން. އެއަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަން. އެކަން އަޅުގަނޑުމެންނަށް އިޙްސާސްވިއްޔާ ނޫނީ، ކުރިޔަށް އޮތް އަހަރުގެ މައުރަޒު މިއަށްވުރެ މަތީފެންވަރުގެ މައުރަޒަކަށް ހަދާކަށް އެކަކަށްވެސް މަސައްކަތެއް ނުކުރެވޭނެ. ޙަޤީޤަތް ބަޔާންކުރުން އެއީ އަޅުގަނޑުހިތުން ހަމަ ކޮންމެ މީހެއްގެވެސް ވާޖިބަކަށް ވާންޖެހޭނެ. އެހެންވީމާ، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އޭގެ ވަރަށް ރީތި މިސާލެއް. ހަމައެކަނި ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު ޙަޤީޤަތް ވިދާޅުވީކީ ނޫން. އޭގެފަހުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައިވެސް، ހިތާމަޔާއެކު އޭނާ ޙަޤީޤަތްތަކެއް ބަޔާންކޮށްދެއްވައިފި. އެހެންވީމާ، މިރޭގެ މިޖަލްސާއިން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެ ކަމަށްވެސް އަޅުގަނޑ ދަންނަވަންޖެހޭ.

އާދެ، ދެން އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަނީ. އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް އިތުރު ކާމިޔާބީ ދެއްވުން. ހުރިހާ ރޮނގަކުންވެސް ކުރިޔަށް ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން. ވެރިންނާއި ރައްޔިތުން އެކުވެގެން ރާއްޖޭގެ ކަންތައްތައް އިޞްލާޙުކޮށް، ތަރައްޤީ ކުރުމުގެ ހިދާޔަތު ދެއްވުން. ސަރުކާރުން ކޮންމެ ކަމެއްވެސް ރާވަމުން މިގެންދަނީ ޤައުމުގެ ފައިދާއަށް، ރައްޔިތުންގެ ފައިދާއަށް. އެހެންވީމާ، އެކަން ރައްޔިތުން ފުރިހަމައަށް އިޙްސާސް ކުރައްވައިގެން، ސަރުކާރުން ރާވައި އަދި ހިންގާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ އެއްބާރުލެއްވުން ލިބޭގޮތްވުން އެއީ އަޅުގަނޑުގެ ވަރަށް ޚާއްޞަ ދުޢާއެއް.

والسّلام عليكم ورحمـة اللّـه وبركاته.