بســم اللّـه الرّحمـن الرّحيــم

الله سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތްނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދު ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވޭ މުދައްރިސުންގެ ތަޢުލީމީ މަރުކަޒު ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި އުފަލެއް. އަދި އެހާމެ މަތިވެރި ޝަރަފެއް. މި އުފަލާއި، މި ޝަރަފު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިންގެ އަރިހަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދިވެހިރާއްޖޭގެ ތަޢުލީމުގެ މަގަކީ ވަރަށް ދިގު މަގެއް. އަޅުގަނޑުމެންނަށް އަދި އެ މަގުގައި އެޅިފައިވަނީ ވަރަށްމަދު ފިޔަވަޅުތަކެއް. އެހެންނަމަވެސް، މިއަދު ރާއްޖޭގެ ދިގު ތަޢުލީމީ މަގުގައި މި އެޅޭ ފިޔަވަޅަކީ ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ކަށަވަރު. މި ފިޔަވަޅުގެ ސަބަބުން މުސްތަޤްބަލުގައި ރާއްޖޭގެ ތަޢުލީމަށް އިތުރު ކުރިއެރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް. މިއަދު މި އެޅޭ ފިޔަވަޅަކީ، މީގެ ހަތް އަހަރު ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށްޓަވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެއްގެ އެންމެފަހު މަރުޙަލާ.

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ބަޔާންވެގެން އެދިޔަ ފަދައިން، މީގެކުރިންވެސް ރާއްޖޭގައި މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސްތަކެއް އަންނަނީ ހިނގަމުން. މިވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި، ވަކި މަރުކަޒެއް ޤާއިމުވެފައި ނެތްކަމުގައިވިޔަސް، އެކަށީގެންވާ ޕްރޮގްރާމްތަކެއް ރޭވިގެން، އެ ޕްރޮގްރާމްތަކާ އެއްގޮތަށް، މިވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި، މި މަސައްކަތްވަނީ ވަރަށް އެކަށީގެންވާ ގޮތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހިންގަވާފައި. އަދި އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައިނުވަންޏާ، މިދިޔަ ހަތް އަހަރު ދުވަހުގެތެރޭގައި، ރާއްޖޭގެ ފަށާ ތަޢުލީމުގެ މުދައްރިސުންގެ ތެރެއިން 246 މުދައްރިސުންވަނީ ތަމްރީނުކޮށް ނިމިފައި. އޭގެތެރެއިން އެންމެ ގިނަ ބަޔަކީ ދިވެހިބަހުން ތަމްރީނު ކުރެވުނު މުދައްރިސުން.

އާދެ، އެހެންވީމާ މިއަދު މިފަށަނީ އާ މަސައްކަތެއް ނޫން. އެހެންނަމަވެސް، މީގެ ހަތް އަހަރު ކުރިއްސުރެ ހިނގަމުން އަންނަ މަސައްކަތަކަށް، އެކަމަށް އެކަށީގެންވާ މަގު މިއަދު ތަނަވަސްވެގެން މިދިޔައީ. މުދައްރިސުން ތަމްރީނު ކުރުމުގެ މުހިންމުކަން ބޮޑުކަމާއެކު، މުދައްރިސުން ތަމްރީނު ކުރުމަށް ޚާއްޞަ މަޢުހަދެއް ނުވަތަ ޚާއްޞަ މަދަރުސާއެއް، ނުވަތަ ޚާއްޞަ މަރުކަޒެއް، މިއަދު މި ހުޅުވެނީ. އާދެ، ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، މީގެ ފަސް އަހަރު ކުރިން 1979 ވަނަ އަހަރުގެ ހަމަ މިއަދު އާދެ، މާޗް މަހުގެ 1 ވަނަ ދުވަހު ހދ.އަތޮޅުގައި، އެ އަތޮޅު ކުޅުދުއްފުށީގައި އެތާނގެ ތަޢުލީމީ މަރުކަޒު އުފެދުނީ. ކޮމިއުނިޓީ ސްކޫލް ހުޅުވުނީ.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެވާހަކަ ގެންނެވީމާ، އަޅުގަނޑުގެ ހިތަށްވަން އެއްޗަކީ، މާޗް މަހުގެ 1 ވަނަ ދުވަހާ އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢުލީމާ ހާދަބޮޑަކަށް ގުޅެމުންނޭ މިދަނީ. އެހެން މިދެންނެވީ 1979 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހަކީ ހަމައެކަނި ހދ.ކުޅުދުއްފުށީގައި އެ ހުޅުވުނު ތަޢުލީމީ މަރުކަޒު ހުޅުވުނު ދުވަހެއްނޫން. އޭގެއިތުރަށް، ހަމަ އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި، އެހެން އަތޮޅެއްގައި ސަރުކާރުގެ މަދަރުސާއެއް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް އޮތީ ލިބިފައި. އާދެ، އެއީ ނ. އަތޮޅު މަނަދޫ. ނ.އަތޮޅު މަނަދޫގެ، ސަރުކާރުން ހިންގާ މަދަރުސާ، އަތޮޅުމަދަރުސާ. ހަމަ 1979 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެދުވަހުގެ ތަންކޮޅެއް ފަހު ގަޑިއެއްގައި، އަޅުގަނޑު ހަނދާންވާގޮތުގައި، ގާތްގަނޑަކަށް ދިހައެއްޖަހާ އެހާކަންހާއިރު، ހދ. އަތޮޅުގެ އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނީ. މިއަދު އޭގެ ފަސް އަހަރު ފަހުން ހަމަ މިއަހަރުގެވެސް މާޗް މަހުގެ 1 ވަނަ ދުވަހުގައި އަޅުގަނޑުމެން މިހުޅުވަނީ، ރާއްޖޭގެ މުދައްރިސުންގެ ތަޢުލީމީ މަރުކަޒު. އެހެންވީމާ، މިއަދަކީ ޝައްކެއްނެތްގޮތުގައި އާދެ، މާޗް މަހުގެ 1 ވަނަ ދުވަހަކީ، ރާއްޖޭގެ ތަޢުލީމަށް ވަރަށް ރަނގަޅު ފާލެއް ކުރިމަތިކުރާ ދުވަހެއްކަން ކަށަވަރު.

އާދެ، އެއްވެސް ޤައުމެއްގައި ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ، ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ޚިދުމަތް އެކަށީގެންވާގޮތުގައި ލިބިގެން. ތަޢުލީމު ދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތަކީ މަދަރުސާތައް. އާދެ، ރާއްޖޭގައި މިހާރު ކަނޑައެޅިފައިވާ ޕްރޮގްރާމެއްގެ ދަށުން މަދަރުސާތައް ދަނީ އުފެދެމުން. ހަމައެކަނި މާލެއަކު ނޫން. މާލޭގައިވެސް، އަދި އެއަށްވުރެ ބޮޑު އަހަންމިއްޔަތެއް މިވަގުތު ދޭ ކަމެއް ކަމުގައިވާ ރާއްޖެތެރޭގައިވެސް. އެއީ ރާއްޖެތެރޭގެ ތަޢުލީމަކީ މީގެކުރިން މުޅިންހެން ހަނދާންނެތިކޮށްލެވިފައިވާ ކަމަކަށްވުމާއެކު، މި ދައުރުގައި ރާއްޖެތެރޭގެ ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދަނީ ދެމުން. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖެތެރޭގައިވެސް ސަރުކާރުގެ ފަރާތުން ހިންގާ ވަރަށްގިނަ މަދަރުސާތައްވަނީ ހުޅުވިފައި. ރާއްޖޭގައި ތިރީސް އަށް މަދަރުސާ މިހާރު އެބަހުރި، ސަރުކާރުގެ ފަރާތުން ހިންގާ.

އެހެންވީމާ، އެކަށީގެންވާ ގޮތަކަށް، އަޅުގަނޑުމެންގެ ތަނަވަސްކަން ތަންދޭ މިންވަރަކުން މާލެއާއި ރާއްޖެތެރޭގައި މަދަރުސާތައްދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން. އެކަމަކު ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ހަމައެކަނި މަދަރުސާއެއް ހެދުމަކީ ނުވަތަ ބިނާކުރުމަކީ ނުވަތަ ޢިމާރާތް ކުރުމަކީ އެއީ އަދި ތަޢުލީމު ދިނުމެއް ނޫން. އެއީ ތަޢުލީމު ދިނުމަށް ބޭނުންވާ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތް. އަނެއް ވަސީލަތަކީ މިހުރިހާ ކަމެއް އަމާޒުކުރަންޖެހޭ ކުދިން، ދަރިވަރުން. އާދެ ދަރިވަރުންނަކީ ތަޢުލީމުގެ އެންމެ މުހިންމުބައި އަދާކުރަންޖެހޭ މީހުން. އާދެ، ދަރިވަރުންވެސް ފުދޭވަރަކަށް ރާއްޖޭގައި އެބަތިބި. މިހާރުވެސް ރާއްޖޭގެ ތަފާތު މަދަރުސާތަކުގައި ސާޅީސް ދެހާހަށްވުރެ ގިނަ އަދަދަކަށް ދަރިވަރުން ކިޔަވަމުން އެބަދޭ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސް ޙާލެއްގައި ފަގީރު ވަސީލަތެއްނޫން. މިހާރުވެސް އެއްވެސް މަދަރުސާއަކަށް ނުވަދެ ތިބޭ، ކިޔަވާ ޢުމުރުގެ ވަރަށްގިނަ ކުދިން މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް އެބަތިބި. އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ހާސިލުކޮށްދެވޭނެ ފުރުޞަތެއް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށްބޮޑު މަސައްކަތެއް ކުރަމުންގެންދާ ކަމެއް.

އާދެ، ތަޢުލީމު ދިނުމުގައި ބޭނުންވާ އަނެއް ވަސީލަތަކީ ކިޔަވައިދޭނޭ ފޮތް. ކުދިން އަތުގައި ހުންނާނޭ ފޮތްތަކެއް ހުރުން. އެ މަސައްކަތްވެސް މިހާރުދަނީ ވަރަށް އެކަށީގެންވާ ގޮތަކަށް ކުރެވެމުން. ރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި އެ މަސައްކަތް ކުރެވެމުން އެބަދޭ. މިއަހަރު ރާއްޖޭގެ ފަށާ ތަޢުލީމުގެ މުޤައްރަރެއް އެކަށައެޅި، އެ މުޤައްރަރަށް ޢަމަލުކުރެވެމުންދާ ވާހަކަ ތިޔަބޭފުޅުންވާނީ އައްސަވާފައި. އެހެންވީމާ، މުޤައްރަރު ކަނޑައެޅުމާއި އަދި އެ މުޤައްރަރު ކިޔަވައިދިނުމަށް ބޭނުންވާ ފޮތް ތައްޔާރުކުރުމާއި، މި މަސައްކަތްވެސް މިހާރުދަނީ އެކަށީގެންވާ ފެންވަރަކަށް ހިނގަމުން.

އޭގެފަހުން އޮތްކަމަކީ މުދައްރިސުން. މުދައްރިސުންނަކީ، ތަޢުލީމު ހިންގާ މީހުން. މުދައްރިސުން ތަމްރީނު ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެކަށީގެންވާ މުދައްރިސުންނެތި، ކިތަންމެ މަދަރުސާއެއް ހުރިކަމުގައިވިޔަސް އަދި ކިތަންމެ ގިނަ އަދަދަކަށް ދަރިވަރުން ތިބި ކަމުގައިވިޔަސް، އަދި ކިތަންމެ ގިނަ އަދަދަކަށް ފޮތް ޗާޕުކުރެވި، ކުދިންގެ އަތުގައި ހުރިކަމުގައިވިޔަސް، ތަޢުލީމު ކުރިޔަކަށް ނުދާނެ.

އެހެންވީމާ، ތަޢުލީމު ދިނުމުގެ އެންމެ މުހިންމު ވަސީލަތަކީ، އަޅުގަނޑު ދަންނަވާނީ މުދައްރިސުންނޭ. އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވިފައި ތިބި މުދައްރިސުންނޭ. ކޮންމެ ޤައުމެއްގައިވެސް ތަޢުލީމު ދިނުމުގެ ޤައުމީ އަދި އިޖުތިމާޢީ ފިކުރީ އަމާޒުފަތްގަނޑުތަކެއް އޮންނާނެ. އެހެންވީމާ، އެ އަމާޒުފަތްގަނޑުތަކާ ދިމާއަށް ދަތުރުކުރުމުގައި، މުދައްރިސުން ކުޅޭ ބަޔަކީ ވަރަށް މުހިންމު ބައެއް. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް، ކުރިން ހީވެފައި އޮންނަނީ ކިޔަވައިދިނުމަކީ ވަރަށް ފަސޭހަ ކަމެކޭ. އެއްވެސް މާއްދާއެއް ނުވަތަ ޢިލްމެއް ނުވަތަ ފަންނެއް ކިޔަވައިދޭން ބޭނުންވާ މީހަކަށް އެ މާއްދާއަކާބެހޭ، ނުވަތަ އެ ޢިލްމަކާބެހޭ، ނުވަތަ އެ ފަންނަކާބެހޭ މަޢުލޫމާތު ލިބިފައިވާ ކަމުގައިވަންޏާ، އޭނާއަށް އެ މާއްދާއެއް، އެ ޢިލްމެއް، އެ ފަންނެއް ކިޔަވައިދެވިދާނެއޭ. އެހެންނަމަވެސް، އެއީކީ މިހާރު އަޅުގަނޑުމެންނަށް އެނގޭގޮތުގައި ޙަޤީޤަތެއް އޮތް ވާހަކައެއް ނޫން. ކިތަންމެ މަތީ ދަރަޖައަކަށް ހިސާބު ޢިލްމު ދަސްކޮށްގެން ހުރި މީހަކަށްވެސް، ކިޔަވައިދިނުމުގެ ފަންނު އޭނާއަށް ނޭނގޭ ކަމުގައިވަންޏާ، އޭނާއަށް އެ އެނގޭ މަޢުލޫމާތު، އެހެން މީހުންނަކަށް، އެހެން ކުދިންނަކަށް ފޯރުވައެއްނުދެވޭނެ. ހަމައެފަދައިން، ބޭރުގެ ބަހެއް ކިތަންމެ މަތީ ފެންވަރަކަށް ދަންނަ މީހަކަށްވެސް، މިދެންނެވި ކިޔަވައިދިނުމުގެ ފަންނު އޭނާއަށް ހާސިލު ކުރެވިފައި ނެތްކަމުގައިވަންޏާ، އޭނާއަށް އެ ލިބިފައިވާ ބޭރުބަހުގެ މަޢުލޫމާތު، ކުދިންނާ ހަމައަކަށް ވާސިލުކޮށެއްނުދެވޭ. އަޅުގަނޑުމެންގެ އިސްލާމްދީނުގެ މަޢުލޫމާތުވެސް. ހަމައެފަދައިން، ދީނީ މަޢުލޫމާތު ކިތަންމެ ފުރިހަމައަށް ލިބިފައިވިޔަސް، އެ މަޢުލޫމާތު ކިޔަވައިދޭން ނޭނގެންޏާ، އެކުދިންނާ ހަމައަށް އެ މަޢުލޫމާތުގެ ނަތީޖާ، އެ މަޢުލޫމާތުގެ ބޭނުން، އެ މަޢުލޫމާތުން އެކުދިންނަށް ލިބެންވާ ޚިދުމަތް އެކުދިންނާ ހަމައަކަށް ފޯރުވައެއްނުދެވޭނެ.

އެހެންވީމާ، މާއްދާ ނުވަތަ ޢިލްމު ނުވަތަ ފަންނު އެނގުމުގެ އިތުރަށް، ކިޔަވައިދޭނޭގޮތްވެސް އެނގެންޖެހޭ. މުދައްރިސުންވާންޖެހޭ، ވަރަށް ޚާއްޞަ ރޮނގެއްގައި ތަމްރީނުވެފައި ތިބޭ ބަޔަކަށް. މުދައްރިސުންނަށް އެނގެންޖެހޭ، ކުދިންގެ ނަފްސިއްޔާތު. މުދައްރިސުންނަށް އެނގެންޖެހޭ، ކިހިނެއް ކިޔަވައިދިނީމާކަން ކުދިންގެ ހިތްތަކުގައި އެކިޔަވައިދޭ މާއްދާއަކަށް ޝައުޤުވެރިކަން އުފެދޭނީ. އަދި މީގެ އިތުރަށްވެސް، ކިޔަވައިދިނުމުގެ ފަންނާބެހޭ ވަރަށްގިނަ މަޢުލޫމާތުތައް މުދައްރިސުންނަށް އެނގިގެންނޫނީ އެމީހުންނަކަށް އެމީހުންގެ ވާޖިބު ފުރިހަމައަށް އަދައެއްނުކުރެވޭނެ.

އާދެ، އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ ތަނެއް، އަޅުގަނޑުމެންގެ ކުއްޖަކު މަދަރުސާއަށް ގޮސްފައި، ފުރަތަމަ ދުވަހު އައިސްފައި ބުނެފާނެ، ތިމަންނާމެންނަށް ކިޔަވައިދޭ މުދައްރިސަކީ ވަރަށް ރަނގަޅު މީހެކޭ. ނުވަތަ އެއީ ވަރަށް ގޯސް މީހެކޭ. އެހެން އެބުނަނީ ފަހަރެއްގައިވެސް އެ މުދައްރިސަށް އޭނާ އެ ކިޔަވައިދޭ މާއްދާ ރަނގަޅަށް އެނގޭ ވާހަކަ އަންގައިދިނުމުގެ ގޮތަކުންނޫން. ނުވަތަ އެ މާއްދާގެ ތެރެއަށް، އެ މުދައްރިސަށް ވަދެވިފައި ނެތް ވާހަކަ ބުނުމުގެ ގޮތަކުންވެސް ނޫން. އެބުނަނީ އަދި އެހެން ވާހަކައެއް. އެބުނަނީ އޭނާގައި އެހުންނަގޮތަކުން، ކުލާހަށް އައިސް ކުދިންނާ ވާހަކަދައްކައި، ކުދިންގެ ޝައުޤުވެރިކަން ހޯދައި، މިގޮތްގޮތުން ކުދިންނަށް ރަނގަޅު މީހަކަށޭވީ، އެމުދައްރިސް. ނުވަތަ ކުދިންނަށް ރަނގަޅު މީހަކަށް އޭނާ ނުވިއޭ. އެހެންވީމާ، އެއީ ވަރަށް މުހިންމު ނުކުތާއެއް. މުދައްރިސުން ކުދިންނަށް ކަންތައް އަންގައިދޭންޖެހޭ އުސޫލު އެއީ މިހާރުގެ ތަޢުލީމީ ދާއިރާގައި ވަރަށް މުހިންމުކަން ދެވޭ މާއްދާއެއް، ޢިލްމެއް. އެހެންވީމާ، އެ ޢިލްމު ފުރިހަމައަށް އެނގިތިބި ބަޔަކަށް ނޫނީ، އެކަށީގެންވާގޮތަކަށް ކިޔަވާކުދިންނަށް އެއްވެސް އެއްޗެއް އަންގައެއްނުދެވޭނެ.

އެހެންވީމާ، އަޅުގަނޑުމެން މުދައްރިސުން ތަމްރީނު ކުރުމަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހެނީ. އަދި އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުން ގެންދަނީ، ރާއްޖޭގައި އަމިއްލަ ތަޢުލީމެއް ޤާއިމުކުރެވޭތޯ. އަމިއްލަ ތަޢުލީމެއް ޤާއިމުކުރުމުގެ އެންމެ މުހިންމު އެއްކަމަކީ މުޤައްރަރެއް ކަނޑައެޅިފައި އޮތުން. އެ ޤައުމަކަށް އެކަށީގެންވާ މުޤައްރަރެއް. އެ މުޤައްރަރުގެ އެއްބައި މިހާރު އޮތީ އެކަށައެޅިފައި. އެއީ ފަށާ ތަޢުލީމުގެ މުޤައްރަރު. ދެން ބޭނުންވާ އަނެއްކަމަކީ އަމިއްލަ މުދައްރިސުން ތިބުން. އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށްގިނަ އަދަދަކަށް އަދިވެސް ބިދޭސީ ޓީޗަރުން އެބަތިބި. ތިބެންވެސްޖެހޭނެ. އަޅުގަނޑުމެންނަށް އެހިސާބަކަށް ނުދެވޭ. ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ އަމިއްލަ މުދައްރިސުންނަށް ކިޔަވައިދެވޭ ފެންވަރަކަށް އަޅުގަނޑުމެންގެ ތަޢުލީމީ ކަންތައްތައް އަދި ތަރައްޤީވެފައެއް ނެތް. އެހެންނަމަވެސް، ޤައުމީ އަމާޒުފަތްގަނޑުތަކެއް ތަޢުލީމުގައި އެކުލެވިގެންވާ ކަމަށްވަންޏާ، އެ އަމާޒުފަތްގަނޑުތަކާ ދިމާއަށް ދަތުރުކުރެވޭނީ، ޤައުމުގެ މީހުން ތަޢުލީމުގެ ހުންގާނުގައި ތިބެގެން. ހަމައެކަނި މިނިސްޓަރަކަށް ދިވެހި ބޭފުޅަކު ހުންނެވިޔަކަސް ނުވަތަ މިނިސްޓްރީ ހިންގެވުމަށް ދިވެހި ބޭފުޅުން ތިއްބެވިޔަކަސް، މިދެންނެވި އަމާޒުފަތްގަނޑާ ހަމައަކަށް ނުދެވޭނެ.

އޭގެއިތުރަށް، ތަޢުލީމުގެ ކަންތައްތައް ޢަމަލީގޮތުން ކުރިއަށް ގެންދަން ތިބި މީހުން އެއީވެސް އަޅުގަނޑުމެންގެ ޤައުމުގެ މީހުން ކަމަށްވެގެން، ދިވެހިން ކަމަށްވެގެން ދިވެހި ޤައުމީ އިޖުތިމާޢީ ކަންތައްތަކަށް ލޯބިކުރާ ޝައުޤުވެރިކަން ހުންނަ ބަޔަކަށް ވެގެންނޫނީ، ތަޢުލީމުގެ ޤައުމީ އަދި އިޖުތިމާޢީ މަޤުޞަދުތަކެއް ހާސިލެއް ނުކުރެވޭނެ. އެހެންވީމާ، އެރޮނގުންވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް މިއަދު މިއެޅެނީ މި މަރުކަޒުގައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެކަށީގެންވާ ކޯސްތަކެއް ހިންގަވަން އެބަ ފަށްޓަވާ. އޭގެތެރެއިން ދިވެހި މުދައްރިސުން ތަމްރީނުކޮށްދެއްވުމަށް ފަށްޓަވާ ދެއަހަރު ދުވަހުގެ ކޯހަކާއި އަދި އިނގިރޭސި ތަޢުލީމު، ހިސާބަކަށް ހާސިލުކޮށްފައި ތިބޭ ކުދިންނަށް އާދެ، އެއީ ޖީ.ސީ.އީ. އިމްތިޙާނުގައި ބައިވެރިވެފައި ތިބި ކުދިން، ނުވަތަ ގްރޭޑް ދިހައެއްގައި ބައިވެރިވެފައި ތިބި ކުދިންނަށް އިނގިރޭސިބަހުން ފުރިހަމަކޮށްދެއްވާ އެއްއަހަރު ދުވަހުގެ ކޯހެއް. އޭގެ އިތުރަށް، މިހާރު މުދައްރިސުންގެ ދައުރު އަދާކުރައްވަމުން ގެންދަވާ ބޭފުޅުންނަށް، އެބޭފުޅުންނަށް އިތުރު ތަޖުރިބާއާއި މަޢުލޫމާތު ހޯއްދަވައި ދެއްވުމުގެ ގޮތުން ބާއްވަވާ ކޯހެއްވެސް މިތާނގައި ފެށޭނެ.

އާދެ، އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމާ، ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ރައްދުކުރަންޖެހޭ، އަޅުގަނޑުމެންގެ މާތް ދީނުގެ އުސޫލުތަކަށް. އަޅުގަނޑުމެންގެ މާތް ދީނުގެ އުޞޫލުތަކަށް ވިސްނާއިރު، މުދައްރިސުންނަކީ ނުވަތަ މުޢައްލިމުންނަކީ ނުވަތަ އުގަންނައިދޭ މީހުންނަކީ ދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ ބައެއް. އާދެ، އަޅުގަނޑުމެންގެ އެންމެ މަތިވެރި މުޢައްލިމަކީ ކޮބައިތޯ؟ ޝައްކެއްނެތް، އެއީ الله سبحانه وتعالى. ދެންމެ މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ފެށުނު، ޤުރްއާނުގެ އާޔަތްތަކަށް ވިސްނާލިޔަސް އެއިން އެނގޭ. ﷲ އަންގަވަނީ عَلَّمَ الْإِنسَانَ مَالَمْ يَعْلَمْ. ﷲ އެއީ އިންސާނާއަށް އޭނާ ނުދެނެހުރި ތަކެތި އަންގަވައިދެއްވައި އުގަންނަވައިދެއްވި ކަލާނގެއޭ. އެހެންވީމާ، އެންމެފުރަތަމަ މުޢައްލިމަކީ، އެންމެ މަތިވެރި މުޢައްލިމަކީ الله سبحانه وتعالى. ދެން އަޅުގަނޑުމެންނަށް ޢަމަލީގޮތުން މުދައްރިސެއްގެ ބައި، މުޅި އިސްލާމީ އުންމަތުގައި ފުރިހަމަކޮށްދެއްވުމަށްޓަކައި އެކަލާނގެ ފޮނުއްވި މާތްނަބިއްޔާ އެއީ އަޅުގަނޑުމެންގެ، ޢަމަލީގޮތުން ބަލާއިރު އެންމެ އަގުހުރި އެންމެ މަތިވެރި މުޢައްލިމް. هُوَالَّذِي بَعَثَ فِى الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُواْ عَلَيْهِمْ ءَايَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ . الله سبحانه وتعالى ވަޙީކުރައްވަނީ އެމީހުންގެ ތެރެއަށް ފޮނުއްވީމޭ ރަސޫލުބޭކަލަކު. އެމީހުންގެ މީހަކު، އެރަސޫލުބޭކަލަކު އެފޮނުއްވީ ﷲގެ ފޮތް އެމީހުންނަށް އުގަންނަވައިދެއްވުމަށޭ. ﷲގެ ފޮތް އެމީހުންނަށް ކިޔަވައިދެއްވުމަށޭ. އަދި ޙިކުމަތް އާދެ، އެއީ ފިކުރުގެ ތަނަވަސްކަން، ވިސްނުން، ވިސްނާނެގޮތް، މީސްތަކުންނަށް އަންގަވައިދެއްވުމަށޭ. އެހެންވީމާ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި މިއޮންނަނީ ދެ އަޞްލެއް. އެއް އަޞްލަކީ މާތްވެގެންވާ ޤުރްއާން. އަނެއް އަޞްލަކީ ހަމަބުއްދި، ސަލާމަތް ބުއްދި. ފުރިހަމައަށް ކީރިތި ޤުރްއާނުގެ އުސޫލުތައް އެނގިގެންނޫނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޢަޤީދާ ޞައްޙައެއް ނުކުރެވޭނެ. ދީނުގެ ކަންތައްތަކެއް ރަނގަޅަށް އޮޅުމެއްނުފިލާނެ.

ހަމައެފަދައިން، ސަލާމަތް ބުއްދީގެ އަހުލުވެރި ބަޔަކަށްވެގެން ނޫނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދީނުގެ ކަންތައްތަކެއްވެސް، ދުނިޔޭގެ ކަންތައްތަކެއްވެސް ރަނގަޅަކަށް އޮޅުމެއްނުފިލާނެ. އެއީ އަޅުގަނޑުމެން ބައެއްފަހަރަށް ހަނދާންނެތޭ ތަންކޮޅެއް، ބުއްދީގެ ތަންކޮޅު މިއީ. އަބަދުވެސް ހިތަށްއަރަނީ، ކޮންމެ ކަމެއްވެސް ދީނުގައި ނެތޭ ސަލާމަތް ބުއްދިއަށް ތަނެއް ދެއްވާފައެއް. ވަކިގޮތަކަށް ކަންތައް ކުރަން އަންގަވައި މަޖުބޫރު ކުރައްވާފައޭ އޮންނަނީ. މިވެނި ކަމެއް ކުރުމަކީ ވާޖިބު ކަމެކޭ. މިވެނިކަމެއް ކުރުމަކީ ޙަރާމް ކަމެކޭ. މިހެންނޭ އަންގަވަނީ. އެހެނެއްނޫން، އެއީ އަޅުގަނޑުމެންނަށް ދީނުގެ ކަންތައްތައް ނޭނގޭތީ ހިތަށްއަރާ އެއްޗެއް. ކޮންމެ ކަމެއް ވާޖިބު ކުރައްވާފައިވެސް، އެ ވާޖިބުކުރެއްވީ ކީއްވެކަން އަޅުގަނޑުމެން ވިސްނާލައިފިނަމަ އެނގޭގޮތަކަށް އޮންނަނީ. ބައެއްފަހަރަށް އެސަބަބު ކަނޑައެޅިގެން ޤުރްއާނުގައި ނުވަތަ ޙަދީޘުގައި އަންގަވާފައިއޮވޭ. ކަމެއް ޙަރާމް ކުރައްވައިފިއްޔާ، އެކަމެއް ޙަރާމް ކުރެއްވި ސަބަބު، ބައެއްފަހަރު ސީދާ ޢިބާރާތުން، ޞަރީޙު ޢިބާރާތުން ޤުރްއާނުގައި ނުވަތަ ޙަދީޘުގައި ދެއްވާ. އަނެއްބައިފަހަރު އެކަންތައް އަޅުގަނޑުމެންގެ ވިސްނުމަށް ދޫކޮށްލައްވާ. އަދި ވިސްނުން، ސަލާމަތް ބުއްދި ލިބިގެންވާ ކޮންމެ ބަޔަކަށް އެއީ ރަނގަޅު ފުރިހަމަ އެކަށީގެންވާ ބުއްދި ގަބޫލުކުރާ ސަބަބެއްކަން ގަބޫލުކުރެވޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ޤުރްއާން ކިޔަވައިދެއްވަން، އުނގަންނަވައިދެއްވަން ވަޑައިގެންނެވި މުޢައްލިމަކީ ރަސޫލާ. ހަމައެފަދައިން ބުއްދީގެ ވަސީލަތް ބޭނުންކުރާނެގޮތް، އަޅުގަނޑުމެންގެ ވިސްނުން ބޭނުންކުރާނެގޮތް ދަސްކޮށްދެއްވަން އަޅުގަނޑުމެންނަށް ފޮނުއްވި ބޭކަލަކީވެސް މާތްރަސޫލާ. އެހެންވީމާ، މާތްރަސޫލާ އެއީ ޢަމަލީގޮތުން މުޅި އިސްލާމީ އުންމަތަށް ﷲ ފޮނުއްވި އެންމެ މަތިވެރި މުޢައްލިމް. އެހެންވީމާ، މުޢައްލިމުންގެ ނުވަތަ މުދައްރިސުންގެ ނުވަތަ ކިޔަވައިދޭ މީހުންގެ މަޤާމު އަޅުގަނޑުހިތުން އެއްވެސް މީހަކަށް ނޯޅޭނެ. ހަމައެފަދައިން މި މަޤާމު ބަޔާންކުރުމުގެ ގޮތުން ބައެއް ފޮތްފޮތުގައި އޮންނަ ޢިބާރާތެއް އަޅުގަނޑު ހަނދާނަށް އެބައާދޭ. ޢަރަބި ފޮތްފޮތުގައި މިދެންނެވީ. އޮންނަނީ من علمنى حرفا صرت له عبدًا. އޭގެ މާނައަކީ، ތިމަންނާއަށް އެންމެ އަކުރެއް އުގަންނައިދީފި މީހާގެ އަޅެކޭ ތިމަންނާ މިއީ. އެންމެ އަކުރެއްވެސް ތިމަންނާއަށް އުގަންނަވައިދީފި މީހަކަށް ތިމަންނާ ވާންޖެހެނީ އެމީހާގެ އަޅަކަށޭ.

އާދެ، އެނގިވަޑައިގަންނަވާނެ، އިސްލާމްދީނުގައި އަޅުވަންތަކަން އޮންނަނީ ހަމައެކަނި الله سبحانه وتعالىގެ ޙަޟްރަތަށް. އެހެން މީހެއްގެ އަޅުންނެއް ނޫން އަޅުގަނޑުމެން މިއީކީ. އަޅުގަނޑުމެން އެންމެންނަކީ އެންމެ ފަރާތެއްގެ އަޅުން. އެހެންނަމަވެސް، މިދެންނެވި ޢިބާރާތުގައި އެ ބުނަނީ، މުދައްރިސުންގެ ނުވަތަ މުޢައްލިމުންގެ މަޤާމަކީ އެހާ މަތިވެރި މަޤާމެކޭ. އަޅުގަނޑުމެން އެމީހުންނަށް ފުރިހަމަ ޤަދަރާއި، އިޙްތިރާމާއި، ލޯބި ދޭންވާނެއޭ. އެހެންވީމާ، އެބައިވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިވަރުންނަށް އެބައި އެނގިފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް. މުދައްރިސުންނަށް އެކަށީގެންވާ އިޙްތިރާމާއި، ޤަދަރާއި، ލޯބި ލިބިގެން ނޫނީ، މުދައްރިސުންނަށް އެކަށީގެންވާ ގޮތުގައި އެމީހުންގެ ވާޖިބު އަދައެއްނުކުރެވޭނެ.

އާދެ، އެހެންވީމާ މި ހުޅުވުނު މަރުކަޒުގެ މުހިންމުކަމާ ދޭތެރޭގައިވެސް ވިސްނާއިރު އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭ. މި ފިޔަވަޅު އެޅުއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި އަދި އެމިނިސްޓްރީގެ ވެރިންނަށާއި އަދި ރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު ޔަޤީންކުރަނީ މި މަރުކަޒު ހުޅުވުމުގެ ސަބަބުން އަދި މިތާނގައި ތަމްރީނު ކުރެވޭ މުދައްރިސުންގެ ފަރާތުން ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ ކުރިއެރުމެއް ލިބެމުންދާނެކަމަށް.

އަޅުގަނޑުގެ ދުޢާއަކީ الله سبحانه وتعالى އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައި ތައުފީޤު ލެއްވުން. އަދި އެ މަސައްކަތުގެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް އަވަސް މަގަކުން ދެއްކެވުން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް އަދާކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށާއި، ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށާއި އަދި ރައްޔިތުންނަށާއި ހުރިހާ ފަރާތްތަކަކަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.