بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام عَلٰـى خاتم الأنبياء والمرسلين، سَيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

ގަލޮޅުގެ އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސް، ގަލޮޅުގެ އަވަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުން، ރާއްޖޭގެ ޢިއްޒަތްތެރި ވަޒީރުން، ރާއްޖޭގެ އުއްތަމަފަނޑިޔާރު، ގަލޮޅުގެ ޢިއްޒަތްތެރި ރައްޔިތުން، އަދި މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ޚާއްޞަކޮށް މިރޭ މިހުޅުވުނު މަދަރުސާގެ ދަރިވަރުން ކަމުގައިވާން ތިބި ކުދިން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިރޭ އަޅުގަނޑުގެ ވާހަކަކޮޅު، ދާދި މިދާކަށްދުވަހު އަޅުގަނޑަށް ފެނުނު މަންޒަރަކުން ފެށިޔަދެއްވާނެކަމަށް ހީކުރަން. އާދެ، އެއީ މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސްކުރިން ނުވަތަ ދޮޅުމަސްދުވަސް ކުރިން، އަޅުގަނޑު މަގުމަތިން ދުށް މަންޒަރެއް. ދުވަހަކީ ވަރަށް ވިއްސާރަ އުޑުމަތި ބަނަ ދުވަހެއް. ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައި ވަރަށް ގިނައިން ފެންހެދިފައި އޮތް. އަޅުގަނޑު އެވަގުތު އައީ އޮފީހުން ގެޔަށް. ހަނދާންވާ ގޮތުގައި ގާތްގަނޑަކަށް ހުންނާނީ މެންދުރުން އަނބުރާ ދޭއްޖަހަން ކައިރިވެފައި. އަޅުގަނޑު ދުށް މަންޒަރަކީ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އެ ވިއްސާރަ ދުވަހު އޭނާގެ ފަޓުލޫނުކޮޅުގެ ފައިކުރި އޮޅުއްވައިލައްވައިގެން ފައިވާންކޮޅު ދޫކޮށްލައްވާފައި ބިންމަތީގައި، މަގުމަތީގައި، ހެދިފައިވާ ފެންތައް ގިރާކުރައްވަމުން، އަޅުގަނޑަށް ލަފާކުރެވޭގޮތުގައިވިއްޔާ، އޭނާގެ ދަރިކަލަކު، ތުއްޕުޅު ބޭފުޅެއް ބައިސްކަލުމަތީގައި ބައިންދަވައިގެން ހަރުކޮށް ހިންގަވާފައި މަދަރުސާޔަކާ ދިމާޔަށް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު. އާދެ، މަންޒަރަކީ، އަޅުގަނޑަށް ވަރަށް އަސަރުކުރި އަދި އަޅުގަނޑަށް އެހާމެބޮޑު އުފަލެއް އިޙްސާސްކުރުވި މަންޒަރެއް. އެދައްކައިދެނީ ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ އިޝާރަތް ކުރެއްވި، ރާއްޖޭގެ ތަޢުލީމާ ބެހޭގޮތުން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް.

އާދެ، މިހާރު ތަޢުލީމަށް ދެވޭ އަހަންމިއްޔަތަކީ، ހަމައެކަނި ސަރުކާރުންދެވޭ އަހަންމިއްޔަތެއް ކަމުގައި ބުނެވޭކަށްނެތް. ސަރުކާރުންދޭ އަހަންމިއްޔަތާ އެއްވަރަށް އާންމު ރައްޔިތުންގެ ފަރާތުންވެސް ތަޢުލީމަށް ލިބެމުންދަނީ ވަރަށް މަތިވެރި ތަރުހީބެއް. އަމިއްލަ ފަރާތްތަކުން ހަމައެހާމެ މަތިވެރި އެއްބާރުލުމެއް ތަޢުލީމުގެ ކަންތައްތަކަށް ލިބެމުންދޭ. އެއްވެސް މީހަކު މާލޭގެ މަގެއްގެމައްޗަށް ދުވާލުގެ ކޮންމެ ވަގުތަކު ނުކުތްކަމުގައިވިޔަސް އަޅުގަނޑުހިތުން ކޮންމެވެސް މަދަރުސާ ކުދިންކޮޅަކާ ދިމާނުވާ ހަމަ އެންމެ ވަގުތުކޮޅެއްވެސް ނުދާނެ. ކޮންމެ ގަޑިއެއްގައި ނުކުތަސް މަދަރުސާގެ ހެދުން އަޅައިގެން ތިބި ކުދިންތަކަކާ ދިމާވާނެ. ފޮތްތަކެއް ހިފައިގެން ކޮންމެވެސް ދިމާއަކަށްދާ ކުދިންތަކަކާ ދިމާވާނެ. ނުވަތަ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ބައްޕަޔަކު ނުވަތަ މަންމަޔަކު އޭނާގެ ދަރިފުޅަކު ބައިސްކަލަކަށް ލައިގެންދާ މަންޒަރެއް ފެންނާނެ. މިނޫން އެއްވެސް މަންޒަރެއް އެހާ އާންމުކޮށް މިހާރު މާލޭގެ މަގެއްގެ މައްޗަކުން ފެނިގެނެއް ނުދޭ. އެއިން ދައްކައިދެނީ ތަޢުލީމާ ބެހޭގޮތުން ރާއްޖޭގައި މިހާރު އުފެދެމުންދާ ހޭލުންތެރިކަމުގެ ބޮޑުކަން. ތަޢުލީމަށް އެންމެންގެ ފަރާތުން ލިބޭ އަހަންމިއްޔަތު އަދި އެންމެންނަށްވެސް ތަޢުލީމުގެ އަގު މިހާރު ވަޒަންކުރެވެމުންދާކަން.

އާދެ، މިހާރު މިފެންނަ މަންޒަރުތަކަކީ މީގެކުރިން، މީގެ ވިއްސަކަށް އަހަރު ކުރިން ނުވަތަ ތިރީސް އަހަރު ކުރިން ނުވަތަ ފަންސާސް އަހަރު ކުރިން ރާއްޖޭގައި ފެންނަމުންދިޔަ މަންޒަރުތަކެއް ނޫން. އަޅުގަނޑު ނުދެންނެވިޔަސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ތަންކޮޅެއްކުރިން ރާއްޖޭގައި ތަޢުލީމުގެ ކަންތައްތައް އޮތްގޮތް. އެއްޒަމާނެއްގައި ތަޢުލީމު ދިނުމަކީ ކުށެއް ކަމުގައިވެސް ބެލިގެންދިޔަ. ގޭގޭގައި ކިޔަވައިދޭ މީހުންނަށް ސަރުކާރުގެ ފަރާތުން އަދަބުދެވުނު ޒަމާނެއްވެސް ދިޔަކަމަށް އަޅުގަނޑު އަހަނީ. މިއަދު މިއޮތީ އެއާމުޅިން ތަފާތު ގޮތަކަށް ދުނިޔެ ބަދަލުވެފައި. މިއަދު ތަޢުލީމު ދިނުމަކީ ހަމައެކަނި ވާޖިބެއްނޫން. އެއީ މަސްއޫލިއްޔަތެއް. އަދި އެހާމެބޮޑު ޙައްޤެއް.

އާދެ، އަޅުގަނޑު މިހެން މިދަންނަވަނީ ޤައުމެއްގައި ތަޢުލީމުގެ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ގެންދެވޭނީ ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން ކަމަށްވާތީ. ޝައްކެއްނެތް، ތަޢުލީމު ދިނުމުގައި މިދެންނެވި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ނުލިބި، އެއްވެސް ޤައުމެއްގައި އެކަށީގެންވާ ގޮތަކަށް ތަޢުލީމުގެ ކަންތައްތައް ނުވަތަ ކިޔަވައިދިނުމުގެ ކަންތައްތައް ކުރިޔަކަށް ނުގެންދެވޭނެ. އެންމެފުރަތަމަ ފަރާތަކީ ކޮންމެ ޤައުމެއްގައިވެސް ތަޢުލީމުގެ ކަންތައްތައް ރާވައި ހިންގާ ފަރާތް. އަނެއްފަރާތަކީ ތަޢުލީމު ދިނުމަށްޓަކައި މަސައްކަތްކުރާ މީހުން ނުވަތަ އެކިއެކި މަދަރުސާތަކުގައި ކިޔަވައިދެމުންދާ މުދައްރިސުންނާއި އެ މަދަރުސާތަކުގެ ހިންގުންތެރިން. އަނެއް ފަރާތަކީ އެ ތަޢުލީމު ލިބިގަންނަ ކިޔަވާކުދިން. އަނެއްފަރާތަކީ މައިންބަފައިން ނުވަތަ ބެލެނިވެރިން. މިހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބިގެން ޤައުމެއްގައި އެކަށީގެންވާ ގޮތަކަށް، އެޤައުމަކަށް ފައިދާހުރި ގޮތަކަށް، އޭގެނަތީޖާއެއް މުސްތަޤުބަލުގައި ފެންނާނެގޮތަކަށް ތަޢުލީމުގެ ކަންތައްތައް އެއްވެސް ޤައުމެއްގައި ކުރިޔަށް ގެންދެވޭނީ.

އާދެ، އަޅުގަނޑު ނުދެންނެވިއަސް އެނގިވަޑައިގަންނަވާނެ. ތަޢުލީމުގެ ކަންތައްތައް ރާވައި ހިންގާ ފަރާތަކީ ސަރުކާރު. ސަރުކާރުގެ ކަމާބެހޭ ވުޒާރާ. އެ ވުޒާރާއިން ރާއްޖޭގެ ތަޢުލީމުގެ ސިޔާސަތު ކަނޑައަޅުއްވައި މުޤައްރަރުތައް ހައްދަވައި އަދި ތަޢުލީމުދެވޭނޭ ވަސީލަތްތައް ފަތުރުއްވަވައި އާންމުކުރައްވަމުން ގެންދަވަނީ. މަދަރުސާތައް ބިނާކުރައްވައި އަދި އެ މަދަރުސާތަކަށް ބޭނުންވާ މުދައްރިސުން ހޯއްދަވައި، ކުދިންނަށް ބޭނުންވާފޮތް ހޯއްދަވައި އަދި އެނޫންވެސް ކިޔަވައިދިނުމަށް ބޭނުންކުރެވޭ އެކިއެކި އެހީކަމަށް ބެލެވޭ ތަކެތި ހޯއްދަވައި، އެ ޢިމާރާތް ކުރައްވާ ސްކޫލްތަކަށް ބޭނުންވާ ގޮނޑި، މޭޒުފަދަ ތަކެތި ހޯއްދަވައި، ތަޢުލީމު ދިނުމުގެ އިންތިޒާމުތައް ރާއްވަވައި ހައްދަވަނީ. ހަމައެއާއެކު މިހުރިހާ ކަމެއްގެ ނަތީޖާ ފެންނަމުންދަނީ އެހެން ބައެއްގެ ވާސިޠާއިން. އެއީ މުދައްރިސުން އެކަށީގެންވާ ދަރަޖައަށް ތަޢުލީމު ހާސިލުކޮށްފައިވާ، ކަމުގެ ތަމްރީނު ލިބިފައިވާ ތަޖުރިބާ ލިބިފައިވާ މުދައްރިސުންނެތި ސަރުކާރުގެ ފަރާތުން ތަޢުލީމަށް، މަދަރުސާތައް ބިނާކުރުމަށް ނުވަތަ ގޮނޑި، މޭޒު، ޑެސްކުފަދަ ތަކެތި ހޯދުމަށް ކިތަންމެ ޚަރަދެއް ކުރިކަމުގައިވިޔަސް ތަޢުލީމު ކުރިޔަކަށް ނުދާނެ.

އާދެ، ދެންއޮތް ފަރާތަކީ ކުދިން. ތަޢުލީމު ހާސިލުކުރާ ކުދިންނަކީ ތަޢުލީމު ދިނުމުގެ މަޤްޞަދު. ތަޢުލީމު ދިނުމުގެ މަޤްޞަދަކީ އެ ކުދިން އިންސާނުންނަށް ހެދުން، ބިނާކުރުން. އަޅުގަނޑު މިދެންނެވި ބަހުގެ މާނައަކީ ތަޢުލީމު ނުލިބި ތިބޭ މީހުންނަކީ އިންސާނުން ނޫނެކޭ ނޫން. އެހެންނަމަވެސް، ފުރިހަމަ އިންސާނަކަށްވަނީ ކޮންމެވެސް މިންވަރަކަށް ތަޢުލީމު ލިބިގެން. އެއީ ތަންދޮރުފިލާ މީހަކަށްވެގެން. އެނޫން މީހުންނާއި އިންސާނުން ނޫން އެކިއެކި ފުރާނަހުރި ތަކެއްޗާ މާބޮޑު ތަފާތެއް އޮތެކޭ ދެންނެވޭކަށް ނެތް. ތަޢުލީމަކީ މިދެންނެވި މާނައިގައި ހަމައެކަނި މަދަރުސާއިންދޭ އެއްޗެއް ނޫން. މަދަރުސާ ފިޔަވައި އެހެން ތަންތަނުންވެސް ތަޢުލީމު ލިބިދާނެ. ކޮންމެއަކަސް މަޤްޞަދަކީ، މުރާދަކީ، ފުރިހަމަ އިންސާނުންތަކެއް އުފެއްދުން ނުވަތަ އިންސާނުން ބިނާކުރުން. އެ ބިނާކުރެވޭ އިންސާނުންނަކީ މިއަދުގެ ދަރިވަރުން.

އެހެންވީމާ، ދަރިވަރުން އެއީ ތަޢުލީމުގެ އެންމެ މުހިންމު ބައި. ދަރިވަރުންނާ ދޭތެރޭގައި އަޅުގަނޑު މިރޭ އެއްޗެއް ދަންނަވާއިރު، ދަންނަވަން ބޭނުންވަނީ އެކުދިންގެ އުޅުމާއި އަޚްލާޤާއި ހުރިހާ ކަމެއްވެސް ހުންނަންވާނީ ޚާއްޞަ އުސޫލުތަކެއްގެ މަތިންނޭ. އެކުދިން މަދަރުސާއަށް ދާދިޔުންވެސް އަދި މަދަރުސާގައި އުޅޭއުޅުންވެސް، ފިލާވަޅު ދަސްކުރާކުރުންވެސް، މަގުމަތީގައި އުޅޭއުޅުމާއި، ގޭތެރޭގައި އުޅޭ އުޅުންވެސް ހުންނަންވާނީ ވަކި އުސޫލެއްގެ މަތިން. އެހެންކަމުގައި ނުވަންޏާ އެލިބޭ ތަޢުލީމުގެ ފައިދާ އެކުދިންނަކަށް ނުލިބޭނެ. އަދި ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެވިދާޅުވިފަދައިން، ތަފާތު މަޢުލޫމާތުތަކެއް އެކުދިންގެ ސިކުނޑިތަކަށް ވެއްދުނު ކަމުގައިވިޔަސް، ތާރީޚާބެހޭ މަޢުލޫމާތު، ހިސާބާބެހޭ މަޢުލޫމާތު، ފިޒިކްސް ނުވަތަ ކެމިސްޓްރީއާބެހޭ މަޢުލޫމާތު، މިބާވަތުގެ މަޢުލޫމާތުތަކެއް ކުދިންގެ ސިކުނޑިތަކަށް ވެއްދުނުކަމުގައިވިޔަސް، އެކުދިންނަކީ ތަޢުލީމު ލިބިފައިވާ ކުދިބައެކޭ ނުބުނެވޭނެ.

އާދެ، ތަޢުލީމު ލިބުމަކީ މިދެންނެވި މަޢުލޫމާތުތައް ލިބުމުގެ އިތުރަށް ކުއްޖާގެ ޝަޚުޞިއްޔަތު ބިނާވެގެންދިޔުން. ކުއްޖާގެ ވިސްނުން ހަރުދަނާވުން. އެ ކުއްޖާއަކީ ޤައުމަށް ފައިދާކުރާނެ، އެކުއްޖާ ދިރިއުޅޭ މުޖުތަމަޢަށް ފައިދާކުރާނެ، އަދި އެކުއްޖާގެ އަމިއްލަ ނަފުސަށްވެސް ފައިދާކުރާނެ މީހަކަށްވުން. މިކަންކަންވާނީ އެކުދިންނަށް ލިބޭ މަޢުލޫމާތުގެ އިތުރަށް، އެކުދިންގެ ސިކުނޑިތައްވެސް ތަރުބިއްޔަތުވެގެން. ކުދިންގެ އުޅުން ތަރުބިއްޔަތުވެގެން. ކުދިންގެ އަޚުލާޤު ތަރުބިއްޔަތުވެގެން. އެހެންވީމާ، އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ ކިޔަވާކުދިންގެ ކަންތައްތައްވެސް ހުންނަންވާނީ ވަކި އުސޫލަކަށޭ، ވަކި ގަވާއިދެއްގެ މަތިންނޭ. މިދެންނެވި ގަވާއިދު އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނަ އެއްޗެއް. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެ ޤައުމެއްގެ ކިޔަވާކުދިން ދިރިއުޅެންވީ ގޮތްތައް، އެކުދިން ކަންތައްތައް ކުރަންވީގޮތުގެ ގަވާއިދާއި އުސޫލު އޮންނަނީ ހަމަޖެހިފައި. އެގަވާއިދާ އެއްގޮތަށް އެކުދިން ޢަމަލުކުރަމުން ގެންދަނީ.

ބައެއް ތަންތާނގައި އޮންނަނީ ވަރަށް ހަރުކަށި އުސޫލުތަކެއް، ގަވާއިދުތަކެއް. އަނެއްބައި ތަންތާނގައި އޮންނަނީ އެއަށްވުރެ ދޫ ގަވާއިދުތަކެއް ނުވަތަ އުސޫލުތަކެއް. ކޮންމެގޮތެއްގައިވެސް ކޮންމެވެސް ދާއިރާއެއްގެ ތެރޭގައި ކުދިންގެ އުޅުމާއި އަޚްލާޤާއި އެހެނިހެން ކަންތައްތައް ހިނގަންޖެހޭ އުސޫލުތަކެއް ނުވަތަ ގަވާއިދުތަކެއް ހަމަ ކޮންމެ ތަނެއްގައިވެސް ކަނޑައެޅިފައި އޮންނަންޖެހޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެފަދަ ގަވާއިދުތަކެއް ކަނޑައެޅިފައިއޮވޭ. މާސާފުކޮށް ލިޔެވިފައި، ކުދިންގެ އަތުގައި ނުވަތަ މައިންބަފައިންގެ އަތުގައި ނުވަތަ މުދައްރިސުންގެ އަތުގައި ނެތްނަމަވެސް، އަޅުގަނޑުމެން ތަބަޢަވާ އުސޫލުތަކެއްހުރޭ.

މިހާރު އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަސައްކަތް ކުރައްވަނީ މިދެންނެވި ގަވާއިދު، ކިޔަވާކުދިން ކަންތައްތައް ކުރަންވީގޮތުގެ ގަވާއިދު އެކަށީގެންވާގޮތަކަށް އެކުލަވައިލައްވާފައި ލިޔުއްވާފައި ކުދިންގެ އަތަށްވެސް ދެއްވަން. މައިންބަފައިންނާއި ބެލެނިވެރިންގެ އަތަށްވެސް ދެއްވަން. މަދަރުސާތަކަށްވެސް ފޮނުއްވުން. މުދައްރިސުންގެ އަތަށްވެސް ދެއްވަން. ތަޢުލީމުގެ ކަންތައްތައް ކުރިޔަށްގެންދާ ކޮންމެ ފަރާތެއްގެ އަތުގައިވެސް މިދެންނެވި ގަވާއިދު އޮންނަގޮތަކަށް ހަމަޖައްސަން. އަޅުގަނޑުހިތުން އެއީ ވަރަށް ބޭނުންތެރިކަމެއް. އެއީ ކުރިންވެސް ދެންނެވިފަދައިން، ވަކި ހަމަތަކެއްގެމަތިން ކިޔަވާކުދިން މަދަރުސާގައިވެސް، މަގުމަތީގައިވެސް، ގޭގައިވެސް، ޢާއިލާގެ ތެރޭގައިވެސް އުޅެގެންނޫނީ، އެކުދިންނަށް އެދެވޭ ތަރުބިއްޔަތެއް ނުލިބޭނެ. އަދި އެކުދިންގެ ފަރާތުން މުސްތަޤުބަލުގައި ޤައުމަށް، މުޖުތަމަޢަށް އެދެވޭ އެއްވެސް ޚިދުމަތެއް ނުލިބޭނެ.

އާދެ، ހަމައެއާއެކު ދަންނަވަންޖެހެނީ ތަޢުލީމުގައި ހިމެނޭ ދެން އޮތް ފަރާތް، އެއީވެސް ވަރަށް މުހިންމު ފަރާތެކޭ. އަޅުގަނޑު މި އިޝާރަތްކުރަނީ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް. މައިންބަފައިންނާއި ބެލެނިވެރިން ތަޢުލީމު ކުރިއެރުވުމުގައި އަދި އެދެވޭ ތަޢުލީމެއް ދަރިވަރުންނަށް ލިބިދިނުމުގައި ކުޅެންޖެހޭ ބަޔަކީ ވަރަށް މުހިންމު ބައެއް. އެބައި އޮންނަނީ ރާއްޖޭގައި، ހިސާބަކަށް އޮޅުމެއްގެ ތެރޭގައި. ނުވަތަ މާސާފުކޮށް އޮޅުންނުފިލައި. ބައެއް މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ހީވަނީ ކުއްޖާ މަދަރުސާއަކަށް ވެއްދުނީމާ އެމީހާގެ މަސްއޫލިއްޔަތު އެހިސާބުން އެ ނިމުނީ ކަމަށް. ކުއްޖާ ހެނދުނު މަދަރުސާއަށް ފޮނުވާލީމާ ނިމުނީ. ދެން އޭގެފަހުން އޭނާ ފިލާވަޅު ދަސްކުރޭތޯ ބެލުމެއް ކޮންމެހެން ނޯންނާނެ. އޭނާ އުޅެނީ ގޭގައި ކިހިނެއްތޯ ބެލުމެއް ނުވަތަ މަގުމަތީގައި އުޅޭތޯ އޭނާގެ ކަންތައްތައް ހުންނަނީ ހަމަޖެހޭ ރަނގަޅު ގޮތެއްގެމަތިންތޯ ބެލުމެއްނޯވޭ. އެއީ މުޅިން އެހެން ބައެއްގެ މަސްއޫލިއްޔަތެއް ކަމަށް ބައެއް ބެލެނިވެރިން، ބައެއް މައިންބަފައިން ދެކެނީ. އެއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސްއޫލިއްޔަތު ކަމަށް. ނުވަތަ މަދަރުސާގެ މަސްއޫލިއްޔަތު ކަމަށް. ވިޔާނުދާގޮތަށް ކުއްޖާ އުޅެމުންދާ ކަމަށްވަންޏާ ބަދުނާމުވަނީ ނުވަތަ އެމީހުން ބަދުނާމު ކުރަނީ މަދަރުސާ ނުވަތަ ޓީޗަރ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަން. އެހެންނަމަވެސް، އެއީ އެކަން އޮންނަންވީ ގޮތެއްނޫން. ތިޔަބޭފުޅުން ކިތަންމެ ކުޑަކޮށް ވިސްނަވައިލެއްވިޔަސް އެނގިވަޑައިގަންނަވާނެ. ރެޔަކާއި ދުވާލުގައި ހިމެނޭ ސައުވީސް ގަޑިއިރުގެ ތެރެއިން ގިނަވަގުތު ކުއްޖާ ހޭދަކުރަނީ ގޭގައިކަން. އާދެ، މަދަރުސާގައި އުޅޭނީ ހަތަރުފަސްގަޑިއިރު ނުވަތަ ހައެއްކަގަޑިއިރު. އެންމެ ގިނަވެގެންވެސް ދެންއޮތް އަށާރަގަޑިއިރު ނުވަތަ އެއަށްވުރެވެސް ގިނަވަގުތު ކުއްޖާ ހޭދަކުރަނީ ގޭގައި ނުވަތަ މަގުމަތީގައި. އެހެންވީމާ، އެބައި ބެލެހެއްޓުން އެއީ އެއްވެސް ހާލެއްގައި މައިންބަފައިންގެ ނުވަތަ ބެލެނިވެރިންގެ މަސްއޫލިއްޔަތަކަށް ނުވެއެއް ނުދާނެ.

އެހެންވީމާ، މައިންބަފައިންގެ އެއްބާރުލެއްވުމާއި ބެލެނިވެރިންގެ އެއްބާރުލެއްވުން ހޯއްދެވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އިތުރު މަސައްކަތެއް ކުރަން ފަށްޓަވާފައިވޭ. އާދެ، އެއީ ކޮންމެ މަދަރުސާއެއްގައިވެސް މައިންބަފައިންނާއި ބެލެނިވެރިންގެ މަޖިލީހެއް އުފެއްދުން. އޭގެބޭނުމަކީ ކުދިން ތަރުބިއްޔަތު ކުރުމާބެހޭ ކަންތައްތަކުގައި މަދަރުސާގެ އިދާރާއާއި، މައިންބަފައިންނާއި ބެލެނިވެރިންނާ މަޝްވަރާކުރެވިގެން، އެންމެންނަށް އެއްބަސްވެވޭ އުސޫލަކުން ކަންތައްތައް ގެންދިޔުން. މަދަރުސާއިން ބޭނުންވާ ކަންތައްތަކުގައި މައިންބަފައިންނާއި ބެލެނިވެރިންގެ ޝައުޤުވެރިކަން ހޯދުން. އެމީހުންގެ އެއްބާރުލުން ހޯދުން. އެމީހުންގެ ފަރާތުން ލިބެންޖެހޭ ތާއީދު ހޯއްދެވުން. މިހުރިހާ ގޮތަކަށް މަސައްކަތް ކުރެވިގެން މައިންބަފައިންނާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު، ތަޢުލީމުގެ ކަންތައްތަކުގައި ލިބިގެންނޫނީ އެކަށީގެންވާ ގޮތަކަށް ކުދިން ތަރުބިއްޔަތެއް ނުކުރެވޭނެ. އަދި އެކަށީގެންވާ ތަޢުލީމެއް ދަރިވަރުންނަކަށް ލިބިއެއް ނުދެވޭނެ. އާދެ، އެހެންވީމާ، މިއީވެސް ރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި އިތުރަށް އެޅޭ ފިޔަވަޅެއް.

އެހެންވީމާ، މިއަހަރުގެ ތެރޭގައި އަޅުގަނޑު ހިތުން މުހިންމު ތިން ފިޔަވަޅެއް މި އެޅެނީ. އެއްފިޔަވަޅަކީ، ފަށާ ތަޢުލީމުގެ މުޤައްރަރެއް. މުޅިރާއްޖެއަށް އާންމުވެގެންދާ މުޤައްރަރެއް. އެއީ ސަރުކާރުގެ މަދަރުސާތަކާއި އަމިއްލަ މަދަރުސާތަކުގައި ކިޔަވައިދޭ މުޤައްރަރެއް، ސަރުކާރުން ފާސްކޮށް އެ މުޤައްރަރަށް ޢަމަލުކުރަން ފެށުން. އެއީ އެއްވަނަ ކަންތައް. ދެވަނަ ކަންތަކަކީ ކިޔަވާ ކުދިންނާބެހޭ ގަވާއިދެއް ކަނޑައަޅައި، އެގަވާއިދު ހުރިހާ އެންމެންނަށް ލިބޭނެގޮތަކަށް ހަމަޖެހިގެންދިއުން. އެ މަސައްކަތް މިހާރު ވަރަށް އަވަހަށް ނިމޭނެކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އާދެ، މިދެންނެވި ގަވާއިދު އެއީވެސް ރާއްޖޭގައި ކިޔަވާ ހުރިހާ ކުދިންގެ މައްޗަށް ހިނގާނެ ގަވާއިދެއް. ހަމައެކަނި ސަރުކާރުގެ މަދަރުސާތަކުގައި އުޅޭ ކުދިންނަކަށް ނޫން. ސަރުކާރުން އެހީވެދޭ މަދަރުސާތަކުގައި އުޅޭ ކުދިންނަކަށް ނޫން. ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންގެ މައްޗަށާއި، އަމިއްލަ މަދަރުސާތަކުގައި ކިޔަވާކުދިންގެ މައްޗަށްވެސް މިދެންނެވި ގަވާއިދު ހިނގާނެ. އަދި މިދެންނެވި ގަވާއިދުގެ އިތުރަށް، ކޮންމެ މަދަރުސާއަކަށް ފެންނަ ގަވާއިދުތަކެއްވެސް ހެދިދާނެ. އަޅުގަނޑު މިދެންނެވި ގަވާއިދުގައި އޮންނާނީ އާންމު އުސޫލުތަކެއް.

އެހެންވީމާ، އޭގެ އިތުރަށް ކޮންމެ މަދަރުސާއަކަށްވެސް ބޭނުންވާ، އެ މަދަރުސާއެއްގެ ކުދިން ތަބަޢަވާން އެމަދަރުސާއަކަށް ފެންނަ އިތުރު ގަވާއިދު ހެދުމުގެ އިޚުތިޔާރު އެ މަދަރުސާތަކަށްވެސް އޮންނާނެ. އެއީ، ދެވަނަ ފިޔަވަޅު. ތިންވަނަ ފިޔަވަޅަކީ ތަޢުލީމުގެ ކަންތައްތަކުގައި މައިންބަފައިންނާއި ބެލެނިވެރިންގެ އެއްބާރުލުން ހޯދުމަށްޓަކައި މައިންބަފައިންނާއި ބެލެނިވެރިންގެ މަޖިލިސްތަކެއް މަދަރުސާތަކުގައި އުފެއްދެވުން. މި މަޖިލިސްތަކަކީ ރާއްޖޭގައި އަލަށްކުރެވޭ ކަމެއްކަމުގައިވިޔަސް އެއީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އޮންނަ ކަމެއް. އެކި ނަންނަމުގައި އެ އޮވެދާނެ. ކޮންމެއަކަސް ބޭނުމަކީ ކޮންމެވެސް ކަހަލަ ޖަމާޢަތެއް ނުވަތަ އިންތިޒާމު ކުރެވިފައިވާގޮތެއް ރޭވިގެން، އެ އިންތިޒާމުގެ ތެރެއިންލާފައި މަދަރުސާއާއި ބެލެނިވެރިންނާ ދޭތެރޭގައި ގުޅުން އެކަށީގެންވާ ގޮތަކަށް ބަދަހިވެފައި އޮތުން. މަޝްވަރާކުރާނެ އޮނިގަނޑެއް އޮތުން. އެ މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ދެފަރާތުގެ އެއްބާރުލުން ލިބިގެން ކުދިންގެ ހުރިހާކަމެއް އިޞްލާޙުވެ ތަރައްޤީ ވެގެންދާނެ މަގެއް ފަހިވެފައިއޮތުން. އާދެ، މި ބޭނުމުގައި މިދެންނެވި މުހިންމު ފިޔަވަޅުވެސް މިއަހަރުގެ ތެރޭގައި އެޅޭނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް.

އާދެ، ބެލެނިވެރިންގެ ވާހަކަ ދައްކާއިރު އަދި އަޅުގަނޑުގެ ހިތަށް އަންނަ އެހެން ޚިޔާލެއްވެސް ދަންނަވާލަން ބޭނުންވޭ. އެއީ ކޮންމެ ޖަމާޢަތެއްގައިވެސް، ކޮންމެ ޤައުމެއްގައިވެސް، ކޮންމެ މުޖުތަމަޢެއްގައިވެސް ވަކި އުސޫލުތަކެއް އޮންނަން ޖެހޭނެއޭ. އެ އުސޫލުތައް ހިފަހައްޓައި ނުވަތަ އެ އުސޫލުތައް ހިންގާ ބާރުވެރި ފަރާތެއް އެ ޖަމާޢަތުގައި، އެ މުޖުތަމަޢުގައި، އެ ޤައުމުގައި އޮންނަންވާނެއޭ. މިއީ އިންސާނީ ކޮންމެ މުޖުތަމަޢެއްގައިވެސް ކިތަންމެބޮޑު ދާއިރާއެއްގައި ނަމަވެސް، އަދި ކިތަންމެ ކުޑަ ދާއިރާއެއްގައި ނަމަވެސް އޮންނަންޖެހޭކަމެއް. އެ ޖަމާޢަތުގައި ހިންގުމަށް ހަމަޖެހިފައިވާ އުސޫލުތައް ހިންގާނެ ފަރާތެއް ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަންޏާ ބާރުވެރި ފަރާތެއް އޮތުން. ޤައުމުގެ ފެންވަރަށް ވިސްނާލާއިރު ޤައުމުގައި ބާރުވެރި ފަރާތެއް އޮންނަންޖެހޭ. އެއީ ޤައުމެއް ޤާއިމުވުމުގެ ޤާނޫނީ ޝަރުޠެއް. ހަމައެކަނި ރައްޔިތުން ތިބެގެން ޤައުމެއް ޤާއިމެއް ނުވާނެ. ހަމައެކަނި ބިމެއް އޮވެގެން ޤައުމެއް ޤާއިމެއްނުވާނެ. ބިމާއި ރައްޔިތުންނާއި ބާރުވެރިފަރާތަކާ، މިތިން ރުކުން އެއީ ޤައުމެއް ޤާއިމުވުމުގެ ތިންރުކުން ކަމުގައި ދުސްތޫރީ ޢިލްމުވެރިން ލިޔުއްވާފައިހުރޭ.

އެހެންވީމާ، ކޮންމެ ޤައުމެއްގައިވެސް ސަރުކާރެއް އޮންނަންޖެހޭ. އެއީ އެ ޤައުމެއްގެ ޤާނޫނުތަކާއި އުސޫލުތައް، އެ ޤައުމެއްގެ ޘާޤާފީ އަދި އެ ޤައުމެއްގެ އަޤާޢިދު އުސޫލުތައް ހިފަހައްޓައި ދަމަހައްޓައި ރައްކާތެރިކުރާ ބާރުހުރިފަރާތް. ހަމައެފަދައިން ކޮންމެ ޢާއިލާއެއްގައިވެސް ބާރުހުރި ފަރާތެއް ހުންނަންޖެހޭ. ދެމަފިރިންގެ ދެމެދުގައިވެސް. އެންމެ ފުރަތަމަ ޢާއިލާއެއް އުފެދެނީ ދެމަފިރިން އެއީ އޭގެ އަޞްލަކަށްވެގެން. ދެމަފިރިންގެ ދެމެދުގައިވެސް މިދެންނެވިފަދަ ބާރުހުރި ފަރާތެއް ހުންނަންޖެހޭ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވާގޮތުން އެއީ ފިރިމީހާ. ފިރިމީހާގެ އޮންނަ ޙައްޤެއް އެއީ، ޤިވާމަތުގެ ޙައްޤު. އޭގެ މާނައަކީ ފިރިމީހާއަށް ފެންނަ ހުރިހާ ގޮތަކަށް ހުރިހާ ކަމެއް ގެންދިޔުމެއް ނޫން. އަނބިމީހާއަށް އަނިޔާވެރި ގޮތްތައް ހެދުމެއް ނޫން. އެހެންނޫން، ދެމީހުން އެއްވަރު ކަމުގައިވިޔަސް، ޤިވާމަތުގެ ޙައްޤު ނުވަތަ އެކަންތައް ރާވައި ހިންގުމުގެ ބޮޑުބާރު އޮންނަނީ ފިރިމީހާގެ އަތުގައި. ޢާއިލާގެތެރޭގައި ދަރިންނަށް ނިސްބަތްކުރާއިރު މިބާރު އޮންނަނީ މައިންބަފައިންގެ އަތުގައި. މައިންބަފައިންނަކީ ކޮންމެ ޢާއިލާއެއްގެވެސް ކަންތައްތައް ހަމަޖައްސައި، ކަންތައްތައް ހިންގުމުގެ ބާރުހުރި ފަރާތް. ޤުރްއާނުގައި އަޅުގަނޑުމެންނަށް މިހުރިހާ ކަމަކަށް އިޝާރާތްކުރައްވައި އަންގަވާފައިއޮވޭ. ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވާށޭ. ރަސޫލާއަށް ކިޔަމަންތެރިވާށޭ. އަދި ތިޔަބައިމީހުންގެ ތެރެއިން އަމުރުވެރި ފަރާތްތަކަށް ނުވަތަ ތިޔަބައިމީހުންގެ ތެރެއިން އަމުރުވެރި ފަރާތްތައް ކަމުގައިވާ ފަރާތްތަކަށް ކިޔަމަންވާށޭ.

އެހެންވީމާ، މިދެންނެވި އަމުރުވެރި ފަރާތްތަކަކީ ހަމައެކަނި ސަރުކާރެއްނޫން. އެއީ، ސަރުކާރުގެ އިތުރަށް، ޢާއިލާގެވެސް މިދެންނެވިފަދަ އަމުރުވެރި ފަރާތްތައްވޭ. އެހެންވީމާ، ކިޔަވާކުދިންގެ ނިސްބަތުގައި އަމުރުވެރި ފަރާތަކީ ކޮބައިތޯ ބަލާއިރު، އެތައް ފަރާތްތަކެއް އެބަހުރި. އެތަނުން އެއްފަރާތެއް، ދައުލަތުގެ އާންމު ތަޢުލީމުގެ ސިޔާސަތު ކަނޑައަޅާ ތަޢުލީމުގެ ކަންތައްތައް ރާވައި ހިންގާ ފަރާތް. އާދެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން. އަނެއްފަރާތަކީ އެ ކުއްޖަކު އެ ތަޢުލީމު ހާސިލުކުރާ މަދަރުސާއެއްގެ އިދާރާއާއި، އެ މަދަރުސާގެ މުދައްރިސުން. އަނެއްފަރާތަކީ އެކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން. އެހެންވީމާ، އެ ބެލެނިވެރިން ނުވަތަ މައިންބަފައިން އެމީހުންނަށް ލިބިފައިއެވާ އަމުރުވެރިކަމުގެ ބާރު، އެ އިޚުތިޔާރު ފުރިހަމައަށް ހިފަހައްޓަންޖެހޭނެ. އެއާއެއްގޮތަށް ޢަމަލުކުރަންޖެހޭނެ. އަޅުގަނޑު މިހެން މިދަންނަވަނީ ބައެއްފަހަރަށް އަޅުގަނޑަށް ފެންނަ މަންޒަރުތަކުން ނުވަތަ އަޅުގަނޑަށް އިވޭ އަޑުތަކުން މިހާރަކަށްއައިސް ބެލެނިވެރިންނާއި މައިންބަފައިންވެސް އެ އިޚުތިޔާރު ނުވަތަ އެޙައްޤު މަޑުމަޑުންނަމަވެސް ދޫކޮށްލައްވަމުން ގެންދަވާހެންހީވާތީ.

އާދެ، ކޮންމެގޮތަކަށް ދަރިފުޅު އުޅުނު ކަމުގައިވިޔަސް، ކިތަންމެ ގިނައިރަކު މަގުމަތީގައި އުޅުނުކަމުގައިވިޔަސް، ބޭނުންނެތް ކަންތައްތަކުގައި ވަގުތު ހޭދަކުރި ކަމުގައިވިޔަސް، އޭނާގެ އިސްތަށިގަނޑު ކިތަންމެ ދިގުކޮށްފައިހުރި ކަމުގައިވިޔަސް، ހެދުން އަޅަނީ ކޮންމެގޮތަކަށް ކަމުގައިވިޔަސް، މައިންބަފައިން އެއްޗެއް ނުބުނޭ. ނުވަތަ ބުނާކަށްނުކެރޭ. ވަރަށް ހިތާމަހުރިކަމެއް އެއީ، އެމީހުންނަށް އިންސާނީގޮތުން، ދީނީގޮތުން، އިޖުތިމާޢީގޮތުން ލިބިފައި މިއޮންނަ ބާރު އެމީހުން އަމިއްލައަށް ދޫކޮށްލާކަން. އެމީހުން ބުނަނީ މިޒަމާނުގެ ކުދިންނަކީ ވަކިގޮތަކަށް އުޅޭބަޔެކޭ. އެހެންވީމާ، އެމީހުންނާ ދޭތެރޭގައި ތިމަންނާމެން އެއްޗެއްބުނެ ނަޞޭޙަތެއް ދީފިއްޔާ މާގޯސްވާނެއޭ. އެކަމަކު އެއީ އަޅުގަނޑު ދަންނަވާނީ މަސްއޫލިއްޔަތުން އެއްކިބާވުމޭ. މަސްއޫލިއްޔަތު ނުއުފުލައި ފަސޭހަގޮތަށް ކަންތައްތައް ހަމަޖައްސާލުމޭ. އެ މައިމީހާއަށް ނުވަތަ އެ ބައްޕައަށް ދަތިވަނީ ކުދިންނާ ކުރިމަތިކޮށް މިވެނިކަމެއް ތިޔަކުރަނީ ގޯސްކޮށޭ، ކުރަންވާނީ މިވެނި ގޮތަކަށޭ ކިޔާފައި ނަސޭހަތްދީ އިރުޝާދުދީ އަމުރުކޮށް ހަދަން، އެއީ އެމީހުންނަށް ދަތިކަމަކަށްވަނީ.

އެހެންވީމާ، ފަސޭހަގޮތަށް، މިޒަމާނުގެ ކުދިންނަށް އަމުރެއް ނުކުރެވޭނޭ، ކުރީމާ މާގޯހޭ ވާނީ، ތިމަންމެންނާއި އެމީހުންނާ ދޭތެރޭގައި ގުޅުން ގޯސްވާނީއޭ. މިހެން ހިތަށްއަރާފައި ނުވަތަ އެހެންބުނެފައި އެއްކަލަ މަސްއޫލިއްޔަތު ނުއުފުލައި، އެ މަސްއޫލިއްޔަތު ދޫކޮށްލާފައި ދަނީ. އެހެން އެކަން އޮވެގެނެއް ނުވާނެ. އެ ބާރު ނުވަތަ އެ އިޚުތިޔާރު އެއީ ﷲ ދެއްވާފައިވާ ބާރެއް، އިޚުތިޔާރެއް. ދީނުން ދެއްވާފައިވާ ބާރެއް، އިޚުތިޔާރެއް. ކޮންމެ އިންސާނީ މުޖުތަމަޢެއްގައި އޮންނަ ބާރެއް ނުވަތަ އިޚުތިޔާރެއް. އޭގެބޭނުން ކުރަންޖެހޭނެ. އޭގެބޭނުން ކުރީމާ ކުދިން އިޞްލާހުވާނީ. އެއްވެސް ޝައްކެއްނެތް. ކުދިންނަށް ނަޞޭޙަތްތެރިވެ އިރުޝާދުދީ އަދި އެވަރުން ނުފުދުނީވިއްޔާ އަދަބުދީ، އެ އަދަބުދޭން އޮންނަ އުސޫލަކުން، އަދަބުދީ މިކަހަލަ ކަންތައްކުރީމާ އިޞްލާހުވާނެ.

އެހެންވީމާ، އަޅުގަނޑު ބެލެނިވެރިންނަށް އިލްތިމާސް މިކުރަނީ އެކުދިން ބެލުމުގެ، އެ ބާރުވެރިކަމުގެ އިޚުތިޔާރު އެއްގޮތަކަށްވެސް ދޫކޮށްނުލައްވަން. އެއްވެސް މީހެއްގެ ކުއްޖަކު އުޅެނީ އެކަށީގެންނުވާ ގޮތަކަށް ކަމަށްވަންޏާ އެކަން މަނާކުރައްވައި ނަޞޭޙަތްދެއްވައި އެކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވަން. މާ ބޯދިގުކޮށްގެން އުޅޭކަމަށްވަންޏާ، ބޯކޮށާށޭ ހަމަ ވިދާޅުވަންވީ. ޖެހިލުންވާނެކަމެއް ނެތް. ކޮންކަމަކާތޯ ޖެހިލުންވާންވީ. ރަނގަޅު ކަމަކަށް އަމުރުކުރާކަށް އެއްވެސް މީހަކު ޖެހިލުންވާނެ ކަމެއްނެތް. ހެދުން ހުންނަނީ ގޯސްކޮށް ކަމަށްވަންޏާ، ތިޔައީ ގޯސްގޮތެކޭ، މިވެނި ގޮތަކަށޭ ހެދުން ހުންނަންވާނީ، އެހެން ވިދާޅުވާންވީ. ނަޞޭޙަތްތެރިވެ ވަޑައިގަންނަވަންވީ، އެގޮތަށް ހައްދަވަންވީ. މާގިނަވަގުތު ބޭރުގައި އުޅޭ ކަމަށްވަންޏާ، ހަމަ އެވާހަކަވެސް އޭނައާ ދައްކައި، ހަމަ ގޭގައި މަޑުކުރުވަންވީ. އޭނާ ލައްވައި ފިލާވަޅު ދަސްކުރުވަންވީ. މިގޮތަށް މިދެންނެވި ބާރުވެރިކަމުގެ އިޚުތިޔާރުގައި ފުރިހަމައަށް ހިއްޕަވައިގެން ކުރިޔަށް ގެންދަވަންވީ. އޭރުން ކުދިން ރަނގަޅުވާނީ. އެ މަސްއޫލިއްޔަތު މުޅިން ދޫކޮށްލައްވާފައި، އެކުދިން އަމިއްލައަށް ރަނގަޅުވާން ދޫކޮށްލައްވައިފިއްޔާ ރަނގަޅެއް ނުވާނެ. އެއީ އިންސާނީ ޠަބީޢަތް. އެހެންވީމާ، އަޅުގަނޑު މިރޭ ހިތަށްއެރީ މިވާހަކަވެސް ދަންނަވާލާނަމޭ. އެއީ މިހާރަކަށް އައިސް އަޅުގަނޑު މިދަންނަވާހެން ބެލެނިވެރިންނާއި މައިންބަފައިންގެ ބާރު ކުޑަވަމުންގޮސް، ކުދިން އެއީ މާބާރުހުރި ބަޔަކަށްވެއްޖެ. އެކުދިންގެ އަމުރު މައިންބަފައިންނަށްވެސް ހިނގަނީ. އެކުދިން ބޭނުންގޮތަކަށް ކަންތައްކުރަނީ. މިއީ، މިއޮތީ އިޖުތިމާޢީ ތިލަފަތްތައް އެކޮޅުކޮޅުން ޖެހިފައި. އެހެންވީމާ، އެގޮތަކަށް އެއްވެސް މުޖުތަމަޢެއްގެ ކަންތައްތައް އިޞްލާޙުވެގެނެއް ނުދާނެ.

އާދެ، މިރޭގެ ވާހަކަ ދެން މާދިގުކުރާކަށް އަޅުގަނޑުނެތިން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ގަލޮޅު ހިންގާ ކޮމިޓީގެ ރައީސަށާއި، ކޮމިޓީގެ މެމްބަރުންނަށާއި، އަދި ގަލޮޅުގެ ޢިއްޒަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އެހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމުގެ ނަތީޖާއެއްގެގޮތުން ދެންމެ އަޅުގަނޑުމެންނަށް ގަލޮޅުގެ ވަރަށް ޢިއްޒަތްތެރިއެއް ކަމުގައިވާ މިނިސްޓަރ އޮފް ފިޝަރީޒް އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ ދެއްކެވި ވާހަކަފުޅުން ދޭހަވެގެން ހިނގައްޖެ. ގަލޮޅުގެ ރައްޔިތުންނާއި އަދި ގަލޮޅު ހިންގާ ކޮމިޓީގެ މެންބަރުންނާއި އަދި ޚާއްޞަކޮށް ކޮމިޓީގެ ރައީސް، މި މަދަރުސާ ބިނާކުރައްވައި، ތައްޔާރުކުރައްވައި ހެއްދެވުމުގައި ކުރެއްވި ބުރަ މަސައްކަތްތަކާއި، ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީތައް. އެހެންވީމާ، އެހުރިހާކަމެއް އަޅުގަނޑުހިތުން ގަބޫލުކޮށް، ސަރުކާރުގެ ފަރާތުންވެސް ގަބޫލުކޮށް، ގަލޮޅު ހިންގާ ކޮމިޓީގެ ރައީސް އަލްފާޟިލް ބޮޑުބެ އިބްރާހީމް ކަލޭފާނަށާއި، ކޮމިޓީގެ އެހެނިހެން މެންބަރުންނަށާއި އަދި ގަލޮޅުގެ ޢިއްޒަތްތެރި ހުރިހާ ރައްޔިތުންނަށް މުބާރަކްބާދީ ދަންނަވަން. ޝުކުރު ދަންނަވަން. އަދި މި މުހިންމު އުފާވެރި މުނާސަބަތުގައި އެފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ރައްދުކުރަން.

އާދެ، އަޅުގަނޑު އެދެނީ މިމަދަރުސާގެ ފަރާތުން މާލޭގެ ތަޢުލީމަށް، ރާއްޖޭގެ ތަޢުލީމަށް އިތުރު ކުރިއެރުމެއް ލިބުން. މިހާތަނަށްވެސް މާލޭގައި އެކަށީގެންވާ ރަނގަޅު މަދަރުސާއެއްގެ ހިޔާވަހިކަމުގެ ދަށުގައި، ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ ކުދިންނަށް، އެކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް، މިމަދަރުސާގެ ފަރާތުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެން ދިޔުން. އަދި މިމަދަރުސާއަކީ މިހާރު މާލޭގެ އަވަށްތަކުގެ ތެރެއިން ތިންވަނަ އަވަށެއްގައި ހުޅުވޭ މަދަރުސާއެއް ކަމަށްވާތީ، ހުރިހާ އަވަށު މަދަރުސާތަކުގެ ފަރާތުންވެސް މާލޭގެ ތަޢުލީމަށާއި، ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ ޚިދުމަތްތަކެއް ލިބިގެންދިޔުން.

އާދެ، އަވަށްއަވަށުގެ މަދަރުސާތަކުގެ ވާހަކަ ދަންނަވާލާއިރު، އަދިވެސް އިތުރު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ އަވަށް އަވަށުން އެކިއެކި ކަންތައްތައް ކުރެއްވުމުން، މިހާރު ކުރައްވާ ބޮޑެތި މަސައްކަތްތައް އެއީ ވަރަށް މުހިންމު ވަރަށް ބޭނުންތެރި މަސައްކަތްތަކެއްކަމަށް ސަރުކާރުން ދެކޭ ވާހަކަ، އަދި އެ މަސައްކަތްތައް ސަރުކާރުން ވަޒަންކުރާ ވާހަކަ. އާދެ، ޝައްކެއްނެތް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މީގެ ދެތިން ހަތަރު އަހަރުދުވަސް ކުރިން އެކިއެކި އަވަށް އަވަށުގެ ޢިއްޒަތްތެރި ބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށް، އެކިއެކި މުހިންމު ކަންތައްތަކުގައި ޖަމާޢަތުގެ އެހީ ބޭނުންވާ ވާހަކަ ދެންނެވި ދެންނެވުމާ ގުޅިގެން، އަވަށް އަވަށުގައި އެކަށީގެންވާ ޙަރަކާތްތަކެއް ފެށިގެން ހިނގަމުންއެބަދޭ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަވަށްއަވަށް ހިންގަވާ ކޮމިޓީގެ ފަރާތުންނާއި އަދި އެއަވަށް އަވަށުގެ ރައްޔިތުންގެ ފަރާތުން ޤައުމީ އަދި އިޖުތިމާޢީ ކަންތައްތަކުގައި ވަރަށްބޮޑު ބައެއް އަދާކުރައްވަމުން ގެންދަވާފައިވޭ. އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އުފަލާއެކު އަދި ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭނެ ކަމެއް. އަވަށް އަވަށުގެ ފަރާތުން ހިންގަވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކަށް މިހާރުވެފައި މިއޮތީ އެ އަވަށުގެ މަދަރުސާއެއް ހިންގުން. މިހާރު މައްޗަންގޮޅީގައި މައްޗަންގޮޅީ އަވަށު މަދަރުސާއެއް އެބަހުރި، މަދަރުސަތުލް އަޙްމަދިއްޔާ. މާފަންނުގައި މާފަންނުގެ އަވަށު މަދަރުސާއެއް އެބަހުރި. މާފަންނު މަދަރުސާ. މީގެ ދެތިންމަސް ދުވަސް ކުރިން، އެ މަދަރުސާ ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބިފައިވޭ. އަދި ހެންވޭރުގައިވެސް ވަރަށް އަވަހަށް ހެންވޭރު އަވަށު މަދަރުސާ ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެހިގެން ވަރަށްބާރަށް ހަލުވިކަމާއެކު ހެންވޭރުގެ ކޮމިޓީގެ ފަރާތުންނާއި، ހެންވޭރުގެ ހީވާގި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރައްވަމުން އެބަގެންދަވާ. އެހެންވީމާ، މާލަސްތަކެއްނުވެ ހެންވޭރުގައިވެސް ހެންވޭރު އަވަށު މަދަރުސާއެއް ހުންނާނެ.

އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ މިހާރަކަށްއައިސް ސަރުކާރަށް ލިބޭ ވަރަށްބޮޑު އެހީއެކޭ އަވަށް އަވަށުގެ ކޮމިޓީތަކުން މިލިބޭ އެހީއަކީ. އެކިއެކި އިޖުތިމާޢީ ކަންތައްތަކުގައި އެކިއެކި ޤައުމީ ކަންތައްތަކުގައި ވަރަށްބޮޑު އެހީއެއް އަވަށް އަވަށުން ލިބެމުން އެބަދޭ. ހަމައެއާއެކުގައި އެކަންތައްތައް ކުރެއްވުމަށް ދަތިވާ ނުވަތަ ހުރަސްއަޅާ ވަރަށްގިނަ ކަންތައްތަކެއް ހުންނަކަންވެސް ސަރުކާރަށް އިޙްސާސްކުރެވޭ، ފާހަގަކުރެވޭ. އެ ހުރަސްތައް އެހެން ހުރުމާއެކުވެސް، ކޮންމެ އަވަށެއްގެވެސް ރައްޔިތުން އެމީހުންގެ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެން، އަމިއްލަ ވަގުތު ހޭދަކޮށްގެން ވަރަށް ގިނަ ކަންތައްތައް ކުރަމުން އެބަގެންދޭ. އެ ކަންތައްތަކަކީ ދުވަހަކުވެސް މާލޭގެ ރައްޔިތުން ހަނދާންނެތިކޮށްލާނެ ކަންތައްތަކެއްނޫން. ސަރުކާރުންވެސް ހަނދާންނައްތާލާނެ ކަންތައްތަކެއްނޫން. އަޅުގަނޑަށް އެނގިފައިވާގޮތުގައި އެންމެބޮޑަށް ދަތިވާ އެއްކަމަކީ އަވަށް ހިންގުމަށް އެއްވެސްކަހަލަ އާމްދަނީއެއް ނުލިބޭކަން.

އެހެންވީމާ، މީގެކުރިންވެސް މާފަންނު މަދަރުސާ ހުޅުވިރޭވެސް ސަރުކާރުން ކޮންމެވެސްކަމެއް ހަމަޖައްސައިދޭން ޤަޞްދުކުރާ ވާހަކަ ދެންނެވިން. އެހެންވީމާ، މިރޭވެސް އެވާހަކަ މިދަންނަވަނީ. މިހާރު އިރާދަކުރެއްވީތީ ފުރަތަމަ ފެށުމެއްގެގޮތުން ކަމެއް ހަމަޖެހިއްޖެއޭ. އެއީ، ކޮންމެ އަވަށެއްގެވެސް އަވަށާބެހޭ ކަންތައްތައް ހިންގެވުމަށްޓަކައި ބައެއްކަހަލަ މީހުން ގެންގުޅުއްވަން ޖެހޭތީ، މިސާލަކަށް ކާތިބަކު ގެންގުޅުއްވަން ޖެހިދާނެ. އެކިއެކި ލިޔުންތައް ބަލަހައްޓަން ޕިޔޯނެއް ކަހަލަ މީހަކުވެސް ގެންގުޅުއްވަން ޖެހިދާނެ. އެކިކަންކަމުގައި ގޭގެއަށް ސިޓީބަހައި ނުވަތަ ސަރުކާރުން އަންގާ ކަންތައްތައްވެސް މީހުންނަށް އަންގައި އަވަށުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް އެކަހަލަ މީހަކުވެސް ގެންގުޅުއްވަން ޖެހިދާނެ. އަދި ފަހަކަށްއައިސް ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ހަދަން ފެށުމާ ގުޅިގެން އަވަށުގެ މަސްއޫލިއްޔަތު އިހަށްވުރެވެސް ބޮޑުވެގެން ހިނގައްޖެ. އެފޯމުތައް ގޭގެއަށް ބައްސަވައި ނުވަތަ އެމީހުންނަށް އެކަން އަންގަވައިދެއްވައި އެ ހިންގަވާ ފަރާތުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެ އެދިވަޑައިގަންނަވާ ގޮތެއްގެމަތިން އާންމުންގެ އެއްބާރުލުމާއި، އާންމުންގެ ކަންތައްތައް ހަމަޖެއްސެވުމަށްޓަކައި ކޮމިޓީތަކުން ކުރައްވަންޖެހޭ މަސައްކަތްތަކެއް އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، މިދެންނެވި ކަންތައްތަކަށްވެސް މިދެންނެވި ކަހަލަ ބައެއް މީސްމީހުން ތިބުމުން ވަރަށްބޮޑު ލުޔެއް ލިބޭނެ. މިހާރު އަޅުގަނޑު ހިތުން އެއްވެސް ކޮމިޓީއެއްގައި ކާތިބަކުވެސް ނުހުރޭ. ޕިޔޯނަކުވެސް ނުހުރޭ. އެމީހުންގެ މުސާރަ ދެވޭނެގޮތެއްވެސް ނޯވޭ. އެހެންވީމާ، ވަރަށް ކުޑަކުޑަ ކަމެއް މިއީ. އެހެންނަމަވެސް ފެށުމެއްގެގޮތުން ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ މިދެންނެވި ފަދަ ކަންތައްތައް ހަމަޖައްސައިލެވޭވަރަށް، ކޮންމެ މަހަކުވެސް ކޮންމެވެސްވަރެއް ކޮންމެ ކޮމިޓީއަކާވެސް ޙަވާލުކުރަން. މުސްތަޤުބަލުގައި އިރާދަކުރެއްވިއްޔާ އެއަށްވުރެވެސް ރަނގަޅު އެހީ ސަރުކާރުގެ ފަރާތުން މާލޭގެ އަވަށް ކުރިއަރުވާ ކޮމިޓީތަކަށްވެސް ލިބެމުންދާނެ. މިހާރު ރާއްޖެތެރޭގެ ރަށްރަށަށްވެސް އެ އެހީދަނީ ލިބެމުން.

އެހެންވީމާ، ރާއްޖެތެރޭގެ ރަށްރަށަށް ލިބޭ އެހީ އެންމެފުރަތަމަ ފެށިފައި އެވަނީ، މި ސަރުކާރު ރާއްޖޭގެ ކަންތައްތަކާއި ޙަވާލުވިއިރު ރާއްޖެތެރެއޮތީ މާލެއަށްވުރެ ވަރަށްބޮޑުތަން ދަށުގައިކަމަށްވާތީ. އެހެންވީމާ، ކުއްލިއަކަށް ވަރަށްގިނަ ކަންތައްތަކެއް ރާއްޖެތެރެއަށް ކޮށްގެންނޫނީ ކިތަންމެ ކުޑަކޮށްނަމަވެސް، ރާއްޖެތެރެ ކުރިއަށް ގެންދެވޭކަށްނެތް. އެހެންވީމާ، އެންމެފުރަތަމަ އަހަންމިއްޔަތު ރާއްޖެތެރެއަށް ދީގެން އެތަންތާނގެ މިދެންނެވިކަހަލަ ކަންތައްތައް ހަމަޖައްސައިދެމުން މިގެންދަނީ. މިވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި. އެކަންތައްތައް ކޮންމެވެސްވަރަކަށް މިހާރު ހިނގަމުން އެބަދޭ. އެހެންވީމާ، މިހާރު މާލެއަށްވެސް އޭގެ ކަންތައް މިއައީ. އިރާދަކުރެއްވިއްޔާ މާލޭގެ އަވަށް ކުރިއަރުވާ ކޮމިޓީތަކަށްވެސް މިދެންނެވި އެހީ ހަމަ މިހާރުން ފެށިގެން ލިބެމުންދާނެ. މީގެފަހުން މިނޫން އެހީތައްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހެމުންދިޔަ މިންވަރަކުން މިކޮމިޓީތަކަށް ލިބެމުންދާނެ.

އާދެ، ދެން އަޅުގަނޑު ވާހަކަކޮޅު ނިންމާލަނީ. އަދިވެސް އެއްފަހަރު އަޅުގަނޑަށް މިރޭ މިތަނަށް އައުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި އަދި ގަލޮޅުގެ މަދަރުސާ "ގަލޮޅު މަދަރުސާ" ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު ދެއްވިކަމަށްޓަކައި، ގަލޮޅުކޮމިޓީގެ ރައީސަށާއި މެންބަރުންނަށާއި އަދި ގަލޮޅުގެ ޢިއްޒަތްތެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ މިރޭ މި ހުޅުވުނު މަދަރުސާގެ ސަބަބުން ގަލޮޅަށާއި މާލެއަށް އެކަށީގެންވާ ތަޢުލީމީ ޚިދުމަތްތަކެއް ލިބެމުންދިޔުން. އަދި ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ ކަންތައްތަކާއި މިވަގުތު ޙަވާލުވެ ތިބި ފަރާތްތަކުން އެކިއެކި ރޮނގުރޮނގުން ރާއްޖެ ތަރައްޤީކޮށް ކުރިޔަށް ގެންދިއުމަށް ކުރާ މަސައްކަތުގައި الله سبحانه وتعالى ހެޔޮ ތައުފީޤު ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.