އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަލުން ދެބޭފުޅެއްގެ ނަންފުޅު އިއްޔެ ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހެޅުއްވީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދުގެ ނަންފުޅާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ވައިޖެހޭގޭ އަލްފާޟިލް މުޙަންމަދު ޝަފީޢުގެ ނަންފުޅެވެ. މިދެބޭފުޅުންނަކީވެސް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އިޢުލާނު ކުރެއްވުމާ ގުޅިގެން އިޖާބަދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ.

މިދެބޭފުޅުންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅުއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން ދެ ނަންފުޅެއް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ޖަލްސާއިން ފާސްކުރައްވާފައިނުވާތީ އެ ދެނަންފުޅުގެ ބަދަލުގައެވެ. އަދި މި ދެ ނަންފުޅު އިއްޔެ މިހުށަހެޅުއްވީ، މި ނަންފުޅުތައް ހުށަހެޅުއްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީއެވެ.