‎ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާއި ގުޅޭ ގޮތުން އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރުފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއިއެކު ކުރި މަސައްކަތުން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ޞުލްޙައަށް އިސްކަންދީ، ދިވެހިންގެ މިނިވަންކަން ދެހެމެއްޓުމުގެ އަސާސްތަކުގެ މަތީގައި ހިފެހެއްޓުމުން ކަމުގައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ޤައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންދާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެން ކަމުގައެވެ. އަދި، ސިޔާސީ ވާދަވެރިންގެ ޚިޔާލާއި މަޝްވަރާއަށް މި ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެކަން ހަނދުމަފުޅުކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވާފައެވެ.

‎އިޤްތިޞާދީ ގޮތުން ދިވެހިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށްކަމަށް ވިދާޅުވެ، މިއީ ދިވެހިންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތުކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ކަމަށާއި، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމުގައި ވިދާޅުވެފައެވެ.

‎އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިންގެ ފަޚުރުވެރި ޤައުމީ ޝަޚުޞިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި، އެ ބިންގަލުގެ މަތީގައި ދިވެހި ޤައުމިއްޔަތުގެ ބިނާ އާރާސްތުކޮށްދިން ތަނބުތަކަކީ ދިވެހިވަންތަކަމާއި، ދިވެހިންގެ މާދަރީ ބަހާއި، ދިވެހި ތާރީޚާއި، ދިވެހިންގެ ސަގާފަތް ކަމުގައި ވިދާޅުވެފައެވެ. އަދި، މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖްތަމަޢުން މި ސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‎މީގެ އިތުރުން، މިނިވަންކަމުގެ މި ދަތުރުގައި 55 އަހަރު ހޭދަކުރުވުނު އިރު، ތަރައްޤީގެ ސަމުގާއިން ދިވެހިން ދެން އަމާޒު ހިފަންވީ، އަދި ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދުމަފުޅު ކޮށްދެއްވާފައެވެ. އަދި، އެކަން ހާސިލުކުރެވޭނީ، ތަރައްޤީއަކީ ކޮންމެ ފަރުދެއްގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމުގައި ޤަބޫލުކޮށް، އެގޮތަށް ދިރިއުޅުން ބައްޓަންކޮށްގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލެއްވީ، ރާއްޖޭގެ މިނިވަންކަމުގެ ބާނީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލް މަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒިކުރާ އައުކުރައްވާ، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތްކޮށް، ނަތީޖާ ޙާޞިލުކުރުމަށް ގޮވާލައްވަމުންނެވެ.