މިޤަރުނުގައި ދުނިޔެއަށް ދިމާވެފައިވާ އެންމެބޮޑު ސިޔާސީ މައްސަލައަކީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ފެށުނު މޫސުމަށް އަންނަ ބަދަލުތަކާބެހޭ އިންޓަރނޭޝަނަލް ޕާލަމެންޓަރީ ކޮންފަރެންސްގައި ތަޤްރީރު ކުރައްވަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަކީ، ސަލާމަތީ ގޮތުން ދުނިޔެއަށް ކުރިމަތިވާ އެންމެބޮޑު ނުރައްކާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާމެދު ޢަމަލުކުރާގޮތް ބަދަލުކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޙަޤީޤީ ނުރައްކަލެއް ކަމަށާއި، މިމައްސަލައަށް ޙައްލެއް ހޯދުމަކީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ދިވެއްސަކު، މި ރާއްޖެ ދޫކޮށް ތިމާވެށީގެ ރެފިއުޖީ ކޭމްޕަކަށް ދާންބޭނުންނުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ކޮންމެ ހަނގުރާމައެއްގައިވެސް އެންމެކުރީސަފުގައި ހަރަކާތްތެރިވާ ބަޔަކު ތިބޭކަމަށާއި، މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ރާއްޖެއަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް، ތިމާވެށީގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމާއި، އެއީ މުޅިދުނިޔެއަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަބަދަލުތައް ކުޑަކުރުމުގައި ކޮމަންވެލްތްގެ ޤައުމުތައް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށާއި، ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރު މަދުކުރުމުގައި ކޮމަންވެލްތްގެ ޤައުމުތަކުން އިސްދައުރެއް އަދާކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި، ހުޅަނގުގެ ޤައުމުތަކުގެ ސަރުކާރުތަކުން އިޢާދަ ކުރަނިވި ހަކަތައިގެ މައްޗަށް ބިނާވެގެންވާ ގޮތުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރުމަށް ތައްޔާރަށް ތިބިކަމުގައިވާނަމަ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވެސް ތިމާވެށީގެ މައްސަލަ ޙައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ބޮޑެތި ޤައުމުތަކަށް، ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެގޮތް ހެދުމަށްޓަކައި، ދުނިޔޭގެ ސިޔާސީ ވެށި ބައްޓަންވެފައިވާގޮތް ބަދަލުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ބްރެޒީލާއި އިންޑިޔާ ބަލައިގަތުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނީ ޙައްޤުތަކާ ސީދާގޮތުން ގުޅިފައިވާ މައްސަލައެއްކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. މިގޮތުން، ގްލޯބަލް ހިއުމަނިޓޭރިއަން ފޯރަމްގެ ހިސާބުތައް ދައްކާގޮތުން މިހާރުވެސް ދުނިޔޭގައި އަހަރަކު 3 ލައްކައަށް ވުރެގިނަ މީހުން މޫސުމަށް އަންނަ ބަދަލުތަކުގެ ސީދާ އަސަރުތަކުގެ ސަބަބުން މަރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި، އިނގިރޭސިވިލާތާއި ކޮމަންވެލްތް ޤައުމުތަކުގެ ވަރަށްގިނަ ޢަދަދެއްގެ ޕާލަމެންޓް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.