ސަރުކާރުގެ އޮފީސްތަކުން މަޢްލޫމާތު ހާމަކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ކޮމިއުނިކޭޝަން އޮފިސަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފައްޓަވައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 9ގެ ނިޔަލަށް މިބާއްވަވާ މަސައްކަތު ބައްދަލުވުން އިފްތިތާޙު ކުރެއްވުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތުގެ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުއްވައިދެއްވުމަށްޓަކައި، ކޮމިއުނިކޭޝަން އޮފިސަރުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ޙިލްމީވެސް ވާހަކަފުޅު ދެއްކެވިއެވެ. މުޙަންމަދު ޙިލްމީ ދެއްކެވި ވާހަކަފުޅުގައި، ސާފު ތެދު މަޢުލޫމާތު ހާމަކުރުމުގެ މުހިންމުކަމާއި، މިކަން ރަނގަޅަށް ނުކުރެވިއްޖެނަމަ ދިމާވެދާނެ މައްސަލަތަކުގެ މައްޗަށް ބައްލްވާލެއްވިއެވެ.

ކޮމިއުނިކޭޝަން އޮފިސަރުންގެ މަސްއޫލިއްޔަތަކަށްވާނީ، ސަރުކާރުގެ މަޢްލޫމާތު ހާމަކުރުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ސްޕޯކްސްޕަރސަނުންގެ މަސައްކަތަށް އެހީތެރިވުމެވެ.