ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރޭ ލަންޑަނަށް ވަޑައިގެންފިއެވެ. ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑޮކްޓަރ ފަރަޙަނާޒް ފައިޞަލާއި، ހައިކޮމިޝަންގެ އިސްބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އޮކްސްފޯޑް ޔުނިވަރސިޓީގައި ބާއްވަވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރުންނަށް މަޢްލޫމާތު ދެއްވުމަށް ބާއްވަވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއަށް އިތުރަށް ލިބެންހުރި ފުރްޞަތުތަކާ ބެހޭގޮތުންވެސް، ކަމާބެހޭ ބޭފުޅުންނާއެކު ވާހަކަފުޅު ދައްކަވާނެއެވެ.