ރާއްޖޭގައި ބާއްވާ އެއްވެސް ކަމަކަށް މީގެފަހުން ސަރުކާރުން ފައިސާގެ އެއްވެސް އިނާމެއް ނުދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. މިކަން މިގޮތަށް މިހަމަޖެއްސެވީ، ވަޒީރުންގެ މަޖިލީހުގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން، ސަރުކާރުގެ އެކި ދާއިރާތަކުން ޤައުމީ ފެންވަރުގައި ބާއްވަވަމުން ގެންދަވާ ހުރިހާ މުބާރާތްތަކާއި، އަދި މިނޫންވެސް އެހެން މުބާރާތްތަކާއި، މަޢުރަޒުތަކާއި، އެކި ކަންކަމުން ހޮއްވަވާ ވަނަތަކާއި، އަމިއްލަ އެކި ފަރާތްތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވަވާ ކަންކަމަށް، މީގެފަހުން ފައިސާގެ އިނާމެއް ސަރުކާރުން ނުދެއްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ފައިސާގެ އެއްވެސް އިނާމެއް، އެއްވެސް މުބާރާތަކަށް ނުވަތަ މަޢުރަޒަކަށް ނުވަތަ އެކިކަންކަމުން ހޮއްވަވާ ވަނަތަކަކަށް ނުދެއްވާނެއެވެ.

ފައިސާގެ އިނާމު ފިޔަވައި، އެ މުބާރާތަކަށް ނުވަތަ މަޢުރަޒަކަށް ނުވަތަ ހޮވާ އެކި ވަނަތަކަށް، އެދާއިރާއަކުން ކަނޑައަޅުއްވާފައިވާ އެހެން އިނާމުތައް، މިހާރުވެސް ދެއްވަމުން ގެންދަވާ އުޞޫލުން ދެއްވަމުން ގެންދެވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

މިކަމާބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާދަމާ ނެރުއްވާނެ ކަމަށް، އެއޮފީހުން ޚަބަރު ދެއްވައެވެ.