އަނާލިންދު ޕްރައިޒާ ޙަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްވިޑްންއަށް ކުރެއްވި ދަތުރުފުޅާއި، އަދި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅު ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމާ ގުޅިގެން، ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ޢާންމު ރައްޔިތުންގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު، އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ދެންނެވުމަށް ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގެންނެވިއިރު، ރަސްމީ ފާލަންދޮށަށް ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން އެއްވެ، އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަމުން ގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މި ދެދަތުރުފުޅާ ގުޅޭގޮތުން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އަނާލިންދު ޕްރައިޒް ލިބިވަޑައިގެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގެ ވަރަށްގިނަ ބަޔަކު ކުރި މަސައްކަތް، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރި ކުރުމެއް ކަމުގައި ވިދާޅުވިއެވެ.

މިދަތުރުފުޅުގައި، ސްވިޑްންގެ ރަސްގެފާނާއި، ސްވިޑްންގެ ތިމާވެށްޓާބެހޭ ވަޒީރާއި، އަދި ސްވިޑްން ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް މިހާރުވެސް ދިމާވަމުން އަންނަ ކަންކަމާއި، އަދި ދިމާވެދާނެ ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ދުނިޔޭގައި ވާހަކަ ހުއްޓިފައި ހުންނަނީ، ދެމަގެއްގައި ކަމަށާއި، އެ ދެމަގަކީ، މޫސުމަށް އަންނަ ބަދަލަށް ހޭނުމަށް ޤައުމުތަކުގެ ރައްޔިތުން ކުރަންޖެހޭ މަސައްކަތާއި، މޫސުމަށް ބަދަލުއަޔަނުދިނުމަށް ކުރަންހުރި ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދިމާވާ ކަންތައްތަކާއި، ކުރަންހުރި ކަންކަމާ ބެހޭގޮތުންނާއި އަދި އެކަންކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިންނާއި، އެކުވެރި ދައުލަތްތަކުން ލިބެން ހުރި އެހީތެރިކަމާ ގުޅޭގޮތުން މިދަތުރުފުޅުގައި ވާހަކަފުޅު ދެއްކެވި ކަމުގައި ރައީސް ވިދާޅުވިއެވެ.

ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށް ބައްލަވާލައްވަމުން، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެއާ ބައްދަލުކުރައްވައި، ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމާ ގުޅިގެން މަރްޙަބާ ވިދާޅުވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ، އެ ހަނގުރާމަ ނިމުމަށްފަހު، ރައީސް މަހިންދަ ރާޖަޕަކްސެއާ ބައްދަލުވެވަޑައިގެންނެވި ފުރަތަމަފަހަރުކަން ފާހަގަކުރައްވަމުން، އެ ހަނގުރާމަ ނިމުމަކަށް ގެންނެވުމުގައި، ރައީސް މަހިންދަ ރާޖަޕަކްސައާއި ސްރީލަންކާ ސަރުކާރު ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވިކަމަށްޓަކައި ޝުކުރު އަދާކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އޮތް ޕްރެސް ކޮންފަރެންސްގައި، މިދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިން ވަރަށްގިނަ ސުވާލުތައް ރައީސް އަރިހުގައި ދެންނެވިއެވެ.