ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް އެމެރިކާ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި ޑިމޮކްރަސީ އާލާވަމުންދާކަން ފާހަގަކުރައްވަމުން، ރާއްޖެއަށް އަންނަމުންދާ ސިޔާސީ ހެޔޮ ބަދަލުތަކަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ، ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް މިގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާއިން ރާއްޖެއަށްދޭ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވައި، އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށާއި، އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އަދި ރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، އެކަމުގެ މަޢްލޫމާތުވެސް ހިލަރީ ކްލިންޓަނަށް ދެއްވިއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް، އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަށް މަރްޙަބާ ވިދާޅުވާ ކަމަށާއި، މިކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައިވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް އެމްބެސެޑަރ ރޮބަޓް ބްލޭކާވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިއްޔެ ބައްދަލުކުރެއްވިއެވެ. ރޮބަޓް ބްލޭކަކީ އެމެރިކާ ސަރުކާރުން އެންމެފަހުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. ރޮބަޓް ބްލޭކް އެމަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، އޭނާއަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވިއެވެ.