ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ”އަނާ ލިންދް ޕްރައިޒް 2009“ އަރުވައިފިއެވެ. ސްވިޑްންގެ ސްޓޮކްހޯމްގައި ރާއްޖޭ ގަޑިން ރޭ 7 ޖެހިއިރު އޮތް މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް، މި އެވޯޑް އެރުއްވީ، އަނާލިންދު ފައުންޑޭޝަންގެ ޗެއަރމަން އަދި ސްވިޑްންގެ ކުރީގެ ޚާރިޖީ ވަޒީރު ޔާން އެލިސަންއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް މިލިބިވަޑައިގެންނެވި އިނާމަކީ، ދިވެހިރާއްޖެއަށް އިޞްލާޙު ގެނައުމަށްޓަކައި ކުރި މަސައްކަތްތައް ދުނިޔެ ބަލައިގަތްކަމުގެ ރަމްޒެއް ކަމަށާއި، އަދި މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބުނު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ.

އަނާލިންދު ޕްރައިޒަކީ 2003 ވަނަ އަހަރު އަވަހާރަކޮށްލެވުނު ސްވިޑްންގެ ޚާރިޖީ ވަޒީރު އަނާލިންދުގެ ހަނދާނުގައި، އަނާލިންދު މެމޯރިއަލް ފަންޑުންދޭ އިނާމެކެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އަނާލިންދަކީ ވަރަށް ޚާއްޞަ ބޭފުޅެއް ކަމަށާއި، އެކަމަނާއަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ވަރަށްގިނަ ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވިއިރު ބަންދުގައި ހުންނަވަން ޖެހިވަޑައިގެންނެވި ދުވަސްވަރު، އެކަމަނާގެ ފަރާތްޕުޅުން އެހީތެރިކަން ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބައްލަވާލައްވަމުން، މިހާރު އޮތް އެންމެބޮޑު ކަމަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރައްވައި ވަރުގަދަ ކުރެއްވުންކަން ފާހަގަކުރައްވަމުން، އެމަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، މާޒީއާ ދޭތެރޭ ގޮތެއް ނިންމެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މާޒީގައި ހިންގާފައިވާ ޖަރީމާތަކާއި، ޚިޔާނާތުގެ މައްސަލަތަކާ ބެހޭގޮތުން ގޮތެއް ނިންމަންޖެހޭ ކަމަށާއި، ގޮތެއް ނުނިންމައި ކުރިއަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރެއްވުމުގެ ބޭނުންފުޅަކީ ބަދަލުހިއްޕެވުން ނޫން ކަމަށާއި، ޒުވާނުންނަށާއި ހެޔޮވެރިކަމަކަށް ބޭނުންވާ މީހުންނަށް ފުރްޞަތުތަކެއް ތަނަވަސްވެގެންދާނީ، ޤާނޫނުގެ އަމުރު ހިންގާ މާޙައުލުތަކުގައި އަދި ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނާ ދޭތެރޭ ފިޔަވަޅު އެޅުމުގެ މާޙައުލުގައި ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ވަރުގަދަވެ، ހަރުދަނާވެ އަދި އިދިކޮޅު ސިޔާސީ ޕާޓީތަކަށް އާރޯކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ޒުވާނުންނަށް ސިޔާސީ މައިދާނުގައި ކުރިއެރުން ލިބޭނީ، އެދާއިރާގައި ޙަރަކާތްތެރިވުމުގެ ފުރްޞަތުތައް އެމީހުންނަށް ލިބިގެން ކަމުގައި ވިދާޅުވިއެވެ. އަދި ޒުވާނުންނަށް މި ފުރްޞަތުތައް ނުލިބޭނަމަ، ސިޔާސީ ޕާޓީތަކަށްވެސް އާރޯކަން ނުލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންނަށް މުސްތަޤްބަލް ހުޅުވާލެވޭނީ، އަދި ދިވެހި މުޖްތަމަޢަށް ކުރިއަށް ދެވޭނީ، މާޒީގައި ހިނގާފައިވާ ކަންތައްތައް ބަލައި، އެކަންކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް އެޅުނީމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފަސް އެނބުރި ބަލަން ތިބެން ބޭނުންފުޅުނުވާ ކަމަށާއި، ބޭނުންފުޅުވަނީ ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، ކުރިއަށް ދެވޭނީ މާޒީއާ ދޭތެރޭ ގޮތްތަކެއް ނިންމާފައިކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ބައެއް މީހުންގެ މައްޗަށް ދަޢުވާ ކުރައްވަންވެސް ޖެހިވަޑައިގަންނަވާނެ ކަމަށާއި، އަދި ޤާނޫނުގެ އަމުރު ހިންގާ ޘަޤާފަތެއް ރާއްޖޭގައި އެކުލަވާލެވޭނީ، މިކަން ކުރެވިގެން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި، ތިމާވެށީގެ މައްސަލައަކީ ރާއްޖެއިން ވަރަށްބޮޑު އިސްކަމެއްދޭ މައްސަލައެއް ކަމަށް ވިދާޅުވެ، ރާއްޖެއިން މިކަމަށްދޭ ޚާއްޞަ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކޯޕަންހޭގަންގެ ސަމިޓް މިއަހަރު އޮންނައިރު، ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތު ބަލަހައްޓަނީ، ސްވިޑްންއިން ކަމަށްވުމާއެކު، މި ސަމިޓުގައި ސްވިޑްން ސަރުކާރުން ވަރަށް އިސް ދައުރެއް އަދާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖެއަށް މިހާރު ލިބެމުންދާ ގެއްލުންތަކަށްވެސް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި، ގިރަމުންދާ ގޮނޑުދޮށްތައް ޙިމާޔަތް ކުރުމަށް އެހީތެރިކަން ބޭނުންވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ޢަމަލީގޮތުން އެއްވެސް މުޖްތަމަޢެއްގައި ކަމެއް ކުރެވޭނީ، ރައްޔިތުންގެ އަތްމައްޗަށް ބާރުތައް އެރީމާ ކަމަށާއި، ވެށި ޙިމާޔަތް ކުރުމާއި، ޑިމޮކްރަސީއާއި ހެޔޮވެރިކަމަކީ، ވަރަށް ގާތް ގުޅުން އޮންނަ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ”އަނާލިންދު ޕްރައިޒް 2009“ އަރުވަމުން، އަނާލިންދު ފައުންޑޭޝަންގެ ޗެއަރމަން ޔާން އެލިސަން ދެއްކެވި ވާހަކަފުޅުގައި، މި އިނާމު އެރުވުމަށް އެބޯޑުން ނިންމެވި ސަބަބުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރައީސް ނަޝީދުގެ މިދަތުރުފުޅަށް ސްވިޑްންގެ ނޫސްތަކުން ވަރަށް މުހިންމު އަހަންމިއްޔަތެއް ދެއްވާފައިވާކަން ފާހަގަކުރައްވައި، ރައީސް ނަޝީދުގެ ޒަޢާމަތަކީ އަދި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކަކީ، އެންމެންނަށްވެސް އުންމީދު އާވެގެންދާ ޒަޢާމަތަކާއި މަސައްކަތްޕުޅުތަކެއް ކަމަށް ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ސްވިޑްންއަކީ ދުނިޔޭގެ އެކިފަރާތްތަކުން ކުރާ އަގުހުރި ޚިދްމަތްތަކުގެ އަގު ވަރަށް ފުޅާ ދާއިރާއެއްގައި ވަޒަން ކުރަމުން ގެންދާ ޤައުމެކެވެ. މިގޮތުން، ނޮބެލް ޕްރައިޒަކީވެސް ސްވިޑްންގެ ނޮބެލް ފައުންޑޭޝަނުން ދެމުންގެންދާ ވަރަށް ޤަދަރުވެރި، ވަރަށް ޝަރަފްވެރި އިނާމެކެވެ.

މި ރަސްމިއްޔާތުގެ ކުރިން، އަނާލިންދު މެމޯރިއަލް ފަންޑުގެ ބޯޑުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ”އަނާލިންދު ޕްރައިޒް 2009“ އެރުވުމަށްފަހު، އެފައުންޑޭޝަނުން ބޭއްވެވި ރިސެޕްޝަނެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން ސްވިޑްންއަށް ޢައްޔަން ކުރެއްވުމަށް ހަމަޖެހިފައިވާ އޮނަރަރީ ކޮންސަލް ސަލްވަޓޯރީ ގުރިމަލްޑީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅެއްވެސް ރޭ އޮތެވެ.