ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތްތަކާ މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމަށް މުޅި ދުނިޔެ ކުރާ މަސައްކަތުގައި ދާދި އެއްގޮތް ސިފަތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ސްވިޑްންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ސޭވިންގ ޕެރެޑައިސް" މިމައުޟޫއަށް އިއްޔެ ހަވީރު ކުރެއްވި ތަޤްރީރުގައެވެ.

ރައީސްގެ ތަޤްރީރުގައި، ބިރުދެއްކުމާއި ފިއްތުންތަކުންވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތްތަކަށް ބުރުލެއް ނުގެނެވުނުކަމަށާއި، "އަނެއް ދިވެހިރާއްޖެ"އަށް ވާޞިލުވުމަށް ގަދައަޅައި ދިވެހިން މަސައްކަތްކުރި ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން އިތުރަށް ވާހަކަފުޅުދައްކަވަމުން، މޫސުމަށް އަންނަމުންމިދާ ބަދަލުތައް ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި މިކުރާ މަސައްކަތްތައްވެސް ދޫކޮށްލައިގެން ނުވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ރާއްޖެއަށް ކުރެވިދާނެ މަސައްކަތް ކުޑަކަމުގައި ވިޔަސް، މިކަމުގައި ރާއްޖެ ފަހަތަށް ނުޖެހޭނެކަމަށާއި، މިގޮތުން ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަށް ރާއްޖެވުމަށް ނިންމީ މިސަބަބާހުރެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، މިކަން ޙާޞިލްކުރުމަށްޓަކައި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރާއިރު ތިމާވެށްޓާ ރަށްޓެހި އާޓެކްނޮލޮޖީ ބޭނުންކުރުމަކީ މުހިންމުކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ތަޤްރީރުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތީ އޭގެ ޅަފަތުގެ ދުވަސްވަރުގައިކަމަށް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަކީ، ސަރުކާރުން އެންމެ އިސްކަންދެއްވާ އެއްކަންތައްކަމަށް ވިދާޅުވެ، ފުރިހަމަ ޝަރުޢީ ނިޒާމެއް ޤާއިމުކުރުމާއި، މިނިވަން މުއައްސަސާތައް ވަރުގަދަކުރުމާއި، މީޑިއާގެ މިނިވަންކަންދިނުމާއި، މަދަނީ ޖަމްޢިއްޔާތަކުގެ ޙިއްޞާ އިތުރުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު މަސައްކަތްތައްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.