ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލެއްވުމުގެ މަސައްކަތް، ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަވާތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ނިންމަންވާނެ ކަމަށް ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ) 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމާއެކު، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެ ކޮމިޝަން އެކުލަވާލައްވައި ނިންމެވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް އެބަ ގެންދަވާކަން އެއޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާތަކުގެ ތެރެއިން އެދާއިރާއަކުން އިންތިޚާބުވެގެން ޢައްޔަން ކުރެވޭ މެންބަރުންގެ އިންތިޚާބުތައް ބާއްވަވައި، އެ ދާއިރާއިން ހޮވިވަޑައިގަންނަވާ މެންބަރުންގެ ނަންތައް، އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައި ދެއްވުމަށް، އެދާއިރާތައް ތަމްސީލު ކުރައްވާ އޮފީސްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ ދަންނަވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލައްވައި ނިމި، ޤާނޫނުއަސާސީގެ 145ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ޢަދަދު ކަނޑައަޅާ ޤާނޫނު، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުން، ސުޕްރީމް ކޯޓު އެކުލަވާލެއްވުމުގެ މަސައްކަތް ފަށްޓަވާނެ ކަމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރުމަށްޓަކައި އަލަށް އެކުލަވާލެވޭ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން، އެ ނަންތައް ފާސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަބަރު ދެއްވައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެނިހެން ފަނޑިޔާރުން ޢައްޔަން ކުރާނީ، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލުމުން، އެކޮމިޝަނުންނެވެ.