މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފް. ވަފުދުގެ ބޭފުޅުން ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތްގޮތާ ބެހޭގޮތުން ވަފްދުގެ ބޭފުޅުން ހޯއްދެވި ހޯއްދެވުންތަކުގެ މަޢްލޫމާތު، މިވަފްދުގެ އިސްވެރިއަކަށް ހުންނެވި މިސްޓަރ ޖެރެމީ ކާރޓަރ ރައީސް ނަޝީދުގެ އަރިހުގައި ދެންނެވިއެވެ. އަދި މިސްޓަރ ކާރޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ސަރުކާރުން އަޅުއްވަން ވަފްދުގެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ފިޔަވަޅުތަކުގެ މަޢްލޫމާތުވެސް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައި.އެމް.އެފުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ މުހިންމު ޙިއްޞާއަށްޓަކައި، އައި.އެމް.އެފް އަށް ޝުކުރު އަދާކުރެއްވިއެވެ. ދުނިޔޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ކަމަށާއި، މިކަމާ ގުޅިގެން، ސަރުކާރުންވެސް ވިސްނަވައި އަޅުއްވަންޖެހޭ ޚާއްޞަ ފިޔަވަޅުތައް މިގެންދަވަނީ އަޅުއްވަމުން ކަމަށާއި، އައި.އެމް.އެފުން މިހުށަހެޅުއްވި ކަންތައްތައްވެސް ސަރުކާރުން ބައްލަވައި، އެޅުއްވެންހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައި.އެމް.އެފް.ގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ މިފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުއްވައިދެއްވުމުގައި ކުރިމަތިވާނެ ދަތިތައް އެބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ޙާޝިމާއި އެމް.އެމް.އޭ.ގެ ގަވަރނަރ ފަޟީލް ނަޖީބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފިނޭންސް ސެކްރެޓަރީ އަޙްމަދު މަޢުޞޫމް ބައިވެރިވެވަޑައިގެންނެވިއެވެ.