بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ދަންނަވާނީ، ތިމަރަފުށްޓަކީ ރާއްޖޭގެ ޗާޓުން ފަނޑުވަމުން ދިޔަ ރަށެއްގެ ގޮތުގައި ދިޔަދިޔުން މިއަދާ ހިސާބުން ނިމުނީއޭ. އަޅުގަނޑު ދަންނަވާނީ، ތިމަރަފުށްޓަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން، އެރަށުގެ ޙަޤީޤީ މަގާމަށް ގެނެސްދެވޭނެ ރަށެކޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަންކުރުމުގައި ފަހަތަކަށް ނުޖެހޭނެއޭ. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، އަދި މި ސަރުކާރުވެސް ވަރަށް ރަނގަޅަށް ދަނޭ، ތިމަރަފުށްޓަކީ ކޮން ރަށެއްކަން. ކޮންތާކު އޮތް، ކޮންބަޔަކު އުޅޭ، ކީއްކުރާ ރަށެއްކަން. އަޅުގަނޑުމެންނަށް އެނގޭ، ޙަޤީޤަތުގައި މި ރާއްޖޭގެ ތަރައްޤީ، ވަރަށް ބޮޑު ދަރަޖައަކަށް ގުޅިފައި އޮތީ، ތިމަރަފުށީގެ ތަރައްޤީއާކަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގެންވީ ޙަޤީޤަތަކީ، ވަކި ތަނެއްގައި އޮތް ވަކި ރަށަކަށް ވަކިގޮތެއް ހެދީމާ، އޭގެސަބަބުން، މުޅިރާއްޖެއަށް، ދިމާވާކަންކަމަށް އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވާ ރަށްތަކެއް ހުރޭ.

ކޮންމެ ބަޔަކުވެސް ޙަޤީޤަތަށް ބުރަވެ، ރާއްޖޭގެ ޗާޓުތަކުން އަދި މި ރާއްޖޭގައި މީހުން ދިރއުޅެމުންއައި ގޮތަށް އަދި މިހާރުއުޅޭ ގޮތަށްވެސް، އަދި މި ރާއްޖޭގެ ތަރައްޤީ ދެން ކުރިޔަށް ގެންދެވެންއޮތް ގޮތަށްވެސް ވިސްނައިފިނަމަ، ބަލައިފިނަމަ، ތިމަރަފުށި ފާހަގަނުވެއެއް ނުދާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާނީ، މިރަށަށް އޭގެ ޙައްޤު މަގާމު ލިބޭނެ ގޮތަށް. އިރާދަކުރެއްވިއްޔާ މިރަށަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާވަރުގެ ރަށަކަށް އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހަދާނަން.

އަޅުގަނޑުމެން މިހާރު މިކުރާ ދަތުރުތަކަކީ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ސިޔާސަތު ހިންގަމުންދާއިރުގައި، ތަންފީޒުކުރަމުންދާއިރުގައި، ވަކިރަށްރަށަށް، އެކިއެކި ރަށްރަށަށް އެ ސިޔާސަތުގެ ސަބަބުން ލިބެނީ، ނުވަތަ ނުލިބެނީ، ވަނީ، ނުވަތަ ނުވަނީ ކޮންކަމެއްތޯ ތިޔަބޭފުޅުންނާއެކުގައި ޙިއްޞާކޮށްލުމުގެ ގޮތުން، އަޅުގަނޑުމެން ކުރަމުންއަންނަ ދަތުރުތަކެއް. ތިމަރަފުށްޓާ ގުޅޭ ގޮތުން، އަޅުގަނޑަށް ވަރަށް އުފަލާއެކީގައި ދެންނެވެން ހުރި ކިތަންމެ ވާހަކައެއް މިއަދު ދެންނެވެން އެބައޮތް. އެއީ، އަޅުގަނޑުމެން ސިޔާސަތު އެކުލަވާލުމުގައި، އަޅުގަނޑުމެންނަށް މިރަށް މިނުނުގޮތުން. އަދި އަޅުގަނޑުމެން ކަނޑައަޅާފައިއޮތް އެއަރޕޯޓު އެޅޭނެކަމަށް އަޅުގަނޑަށް ޔަޤީންވީމާ އަޅުގަނޑު މިރަށަށް މިއައީ. އަޅުގަނޑުމެން ސަރުކާރު ހިންގަން ހަމަ ހަވާލުވުމާއެކުހެން، އަޅުގަނޑު ބަލައިފީމު، މިކަން ގޮސްފައިއޮތީ ކޮން ހިސާބަކަށްތޯ! ފައިސާ ހޯދަންހުރި ތަންތަނުން ފައިސާލިބެން އެބަހުރިތޯ! ނުވަތަ މިކަން އަޅުގަނޑުމެނަށް ކުރިޔަށްގެންދެވޭނީ ކިހިނެތް ކިހިނަކުންތޯ!

އަޅުގަނޑަށް އެނގިފައިއޮތީ، މި މަސައްކަތް ހިންގާގޮތަށް އޮތީ އެމް.ޓީ.ސީ.ސީ. މެދުވެރިވެގެންނޭ. އެހެންވީމާ، އަޅުގަނޑަށް ޖެހުނީ އެމް.ޓީ.ސީ.ސީ. ބޯޑަށް ބައެއް ބަދަލުތައް ގެންނަން. އެ ބަދަލުގެނައުމަށްފަހުގައި އަޅުގަނޑު އެފަރާތުގައި އެދުނީ، އެބޭފުޅުން ވީހާވެސް ގިނަ މަސައްކަތެއް ކުރައްވައިގެން އެއަރޕޯޓު ހެދޭނެ ގޮތެއް ހޯއްދަވާށޭ. މާތްރަސްކަލާނގެ އިރާދަފުޅުން އެމް.ޓީ.ސީ.ސީ.އަށް މިހާރުވަނީ އެކަން ކުރުމަށް، މެލޭޝިޔާގެ އެގްޒިމް ބޭންކުން ފައިސާ ހަމަޖެހިފައި. އެހެންވީމާ ދާދި އަވަހަށް މިމަސައްކަތް މިރަށުގައި ފެށިގެންދާނެ.

އެއަރޕޯޓާއެކުގައި ހަމަ ތަރައްޤީކުރަން އެބައޮތް، ސިޓީހޮޓެލެއްވެސް، ޔޮޓް މެރީނާއެއްވެސް. އަދި، ހަމައެއާއެކީގައި މިތާ ކައިރީ މިއޮތް ރިޒޯޓުވެސް ކޮންމެހެންވެސް ތަރައްޤީ ކުރަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެން މިދަނީ މިރިޒޯޓުތައް ތަރައްޤީ ކުރައްވާ ބޭފުޅުންނާ އަދި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާވެސް ވާހަކަދައްކަމުން. ސަރުކާރުގެ އަމާޒަކީ އެއްވެސް މީހެއްގެ އަތުން ވަކި އެއްޗެއް އަތުލުމެއް ނޫން. މީހަކަށް ދެރަގޮތެއް ހެދުމެއް ނޫން. އަޅުގަނޑުމެން ބަލަނީ މީހަކަށް ދިމާވެފައިހުރީ ކޮންކޮން ހުރަހެއްތޯ. އެ ހުރަހެއް ްހޯދައި، އެ ހުރަހެއް ނައްތާލުމަށް، ޙައްލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ.

މި ސަރުކާރުގެ އަމާޒެއް ނޫން، އެއީ މީހުން ނިކަމެތިކުރުން. މީހުން ފަޟީޙަތްކުރުން. އަދި މުއްސަނދިވަނީ ކާކުތޯ ބަލައިގެން ކަންކަން ކުރުން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ފައިދާވާން. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަށް މިތަނުގައި އެއަރޕޯޓެއް އެޅި، މިތަނުގެ ރައްޔިތުންނަށް ވަޒީފާތައް ލިބި، މިތަނުގެ އިޤްތިޞާދު ކުރިޔަށް އަރައިގެންދާނީ ކޮންގޮތަކަށްތޯ ބެލުން. އެ މަގަށް އަޅުގަނޑުމެން މަސައްކަތްކުރަނީ. އެކަންކުރާއިރުގައި އޭގެ ސަބަބުން، ފައިދާ ލިބެނީ ކާކަށްތޯ އަޅުގަނޑުމެން ބަލަން ފަށައިފިނަމަ، ކުރީ ސަރުކާރުގެ ދަތުރު އަޅުގަނޑުމެންނަށް ޖެހޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ތަރައްޤީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ، ޙަޤީޤަތުގައި ނާކާމިޔާބީއާ ދިމާވަނީ މިއަދު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ވަކިބަޔަކަށް ނުވަތަ ވަކިފަރާތަކަށް ފައިދާއެއް ވެދާނެތީ، ނުވަތަ ނުވެދާނެތީ، އެ މައްޗަށް ބިނާކޮށް ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދާންއުޅޭ އުޅުމުގައި.

އަޅުގަނޑުމެން ބަލަނީ ހަމައެކަނި ހިސާބުއަކުރުތަކަށް. ފޮތުގައި ނުވަތަ ގަނޑުގައި އަކުރުޖެހީމާ، މި މަސައްކަތެއް މިވެނި ގޮތަކަށް ކުރީމާ ދެން ނުކުންނާނީ ކޮން ފައިދާއެއްތޯ! އަޅުގަނޑުމެން ވިސްނަނީ ހަމައެކަނި އެމަގުން. އެކަން އެހެން އަޅުގަނޑުމެން ކުރާއިރުގައި ފައިދާ ލިބިދާނެ އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމަނަށްވެސް، އެންމެ ބޮޑު ވާދަވެރިޔާއަށްވެސް. އެއީކީއެއް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑުގެ ހިތުގެ އަޑިން އަޅުގަނޑު ގަބޫލުކުރަން، މީހަކަށް ރަނގަޅުކަމެއް ކޮށްދީފިއްޔާ ކޮންމެވެސް ދުވަހަކުން އޭގެ ހެޔޮ އަޅުގަނޑުމެންނަށް ލިބޭނެއޭ. އެހެންވީމާ، އަޅުގަނޑެއް ބަލާކަށެއް ބޭނުމެއް ނޫން، އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން ކާކަށްތޯ ފައިދާ ލިބެނީ. ރައްޔިތުންނަށް ލިބެންވާ ޙައްޤު ލިބުނީމާ ސަރުކާރަށް ނިމުނީ. އެ ޙައްޤު ހޯދައިދިނުމަށް އަޅުގަނޑުމެން މިއުޅެނީ.

އިރާދަކުރެއްވިއްޔާ މިތަނުގައި މިދަންނަވާހެން، އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް މިއޮތް ދެތިންމަހެއްގެ ތެރޭގައި ފެށޭނެކަމަށް އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައި އޮތީ. އެކަމާބެހޭ ފަރާތުން މިއަންނަ ހަފްތާގެ ތެރޭގައި މެލޭޝިޔާއަށް ދަތުރުކޮށް، މިކަމުގެ އެންމެފަހު ނިންމުންތައް އިރާދަކުރެއްވިއްޔާ ނިމިގެންދާނެ. އަޅުގަނޑު އުފަލާއެކީގައި އެ ޚަބަރު ތިޔަބޭފުޅުންނަށް އެރުވުމަށްޓަކައި މިތަނަށް، މިރަށަށް އައުން ކުޑަކޮށް ލަސްވެލާފައިއޮތީ. މިޚަބަރު އަޅުގަނޑު ކޮންމެހެންވެސް ތިޔަބޭފުޅުންނަށް ދިނުމަށް ބޭނުންވާތީ.

އަޅުގަނޑުމެން ތިމަރަފުށީގެ ތަރައްޤީ ހޯދުމަށް ހަމައެކަނި ތިމަރަފުށީ ގޮޑުދޮށާ ހަމައަށް ވިސްނައިފިނަމަ، އެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑަކީ ދަނޑިކޮށީގޭ މީހެކޭ، ހަނދުބަލާގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ބުނެ، އަޅުގަނޑަކަށެއް ނެތް، މާލޭގެ ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ހައްޔަރުވެ އިނދެވޭކަށް. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ ރަށުގެ ގޮޑުދޮށުން، އަތޮޅުދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. ތިމަރަފުށީގެ ފުރިހަމަ ތަރައްޤީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ވިސްނެނީ، ގާދިއްފުށްޓާ، ގުރައިދުއާ ހަމައިން އެކަންޏެއް ނޫން. މުޅި މިއަތޮޅަކީވެސް މިގޮތަށް ދެކޭއިރުގައި ޖަވާހިރެއްފަދަ، ތަރައްޤީ ކުރުމުގެ ފުރުޞަތު ގިނަ އަތޮޅެއް. މި ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައްގިނަ، މުއްސަނދި ޤައުމެއް. އަޅުގަނޑުމެންނަށް މި ރާއްޖޭގެ ވަސީލަތްތަކުން މި ރާއްޖެ ތަރައްޤީ ކޮށްގެން، އެ ވަސީލަތްތަކުގެ ރޯދި އަޅުގަނޑުމެންނަށް ހޯދިދާނެ.

ތިމަރަފުށިން އަޅުގަނޑުމެން މިދެކެނީ، ތިމަރަފުށްޓާ އެއްފަޅުގައި މިއޮތް ތަނުގައި މަގެއް އަޅައިގެން ކުރިޔަށް ތަރައްޤީ ކުރަމުން ގެންދިޔުން. އަޅުގަނޑުމެންގެ ނަޒަރުގައި ލިންކު ރޯޑެއް ވަރަށް ބޭނުންތެރި. އެހެންވީމާ، ސަރުކާރުން މިހާރު މިދަނީ ތިމަރަފުށިއްސުރެ ގުރައިދުއަށް މަގެއް އެޅޭނޭ މަޝްރޫޢެއް ކުރަހަމުން، ވިސްނަމުން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ލަސްތަކެއްނުވެ އެކަމުގެ ތަފްޞީލުވެސް ލިބިވަޑައިގަންނަވާނެ. އަޅުގަނޑުމެން މިދެކެނީ، ތިމަރަފުށިން ގުރައިދުއަށް، އަދި ހަމަ ދިޔަމިގިލިން ވިލުފުށްޓަށް، އެއީވެސް އަޅުގަނޑުމެންނަށް މަގެއް އެޅެން އޮތް ތަނެއް. ހަމައެހެންމެ، ވޭމަންޑޫއިން ކިނބިދުއަށް، އެއީވެސް އަޅުގަނޑުމެންނަށް މަގެއް އެޅެން އޮތް ތަނެއް. މިރާއްޖޭގައި މިބާވަތުގެ 8 މަގު އެޅެން އެބައޮތް. އޭގެތެރެއިން، ތިން މަގު އެޅޭނެ ފުރުޞަތު ނުވަތަ ޤުދުރަތީ ގޮތުން ތިންމަގު އެޅެން އޮތީ ތ. އަތޮޅުގައި. އެތިން މަގުންވެސް މި ރާއްޖޭގެ ތަރައްޤީގެ ނާރެސްއަށް މި އަތޮޅު ނުވެއެއް ނުދާނެ. އެހެންވީމާ، ޚާއްޞަކޮށް ތިމަރަފުށި، އޭގައި ހައިބަތު ބޮޑުވެގެން އެބަދޭ. ތިމަރަފުށި ދިވެހިރާއްޖޭގެ ޙަޤީޤީ މަގާމަށް، އެރަށް އޮންނަންވީ ޙަޤީޤީ މަޤާމަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން އަމާޒު ކުރަމުން މިގެންދަނީ އެމަގަށް. މި ދެންނެވި މަގު ޢިމާރާތްކުރުން ނުވަތަ ހެދުމުގެ ކުރެހުންތައް ދާދި އަވަހަށް އަޅުގަނޑުމެންނަށް ނިންމާލެވޭނެ. ނިމުނީމާ އަޅުގަނޑުމެންނަށް އެކަމާ ގުޅޭ ފައިސާއާއި، އެ މަޝްރޫޢުތައް ހިންގޭނެ ގޮތްތައް އަޅުގަނޑުމެންނަށް ހޯދޭނެ.

އަޅުގަނޑުމެންނަށް އެނގޭ، މިބާވަތުގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ހިންގެން ހުރި މަޝްރޫޢުތަކެއްކަން. އަޅުގަނޑުމެންނަށް އެނގޭ، މި މަޝްރޫޢުތައް ހިންގައިގެން ރައްޔިތުންނަށް ފައިދާއާއި މަންފާ އަދި ލާބަ ލިބޭނެ ގޮތްތައް އަޅުގަނޑުމެންނަށް ހޯދޭނެ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ތިޔަބޭފުޅުންނަށް މި ބޮޑު މަގުވެސް ފެނިވަޑައިގަންނަވާނެ.

އެއަރޕޯޓަކީ މިދެންނެވި ބޮޑު މަންޒަރުގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ކުރެހުމެއް. އެ ކުރެހުން އަޅުގަނޑުމެން މިދަންނަވާހެން، ބޮޑުކުރަމުން ގޮސް ތިޔަބޭފުޅުންނާއެކީގައި އޭގެ މަޢުލޫމާތު ޙިއްޞާ ކުރަމުން ގެންދާނަން.

އެނގިވަޑައިގަންނަވާނެ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވަޢުދެއް، އަޅުގަނޑުމެންގެ އަމާޒެއް. ސަރުކާރުންވަނީ މިކަން ތިމަރަފުށީގައިވެސް ޙައްލު ކުރުމުގެ ނިޔަތުގައި، މިރަށުގައި މަދުވެގެން 125 ފްލެޓް ނުވަތަ 125 ބޯހިޔާވަހިކަން ޢިމާރާތްކޮށްދިނުމަށް ނިންމާފައި. އެހެންވީމާ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާ ތަނުގައި މިރަށުގައި ހިނގަންފަށާނެ. ތިޔަބޭފުޅުންނަށް އަތްފޯރާފަށުގައި ދިގުމުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން ގޯތިގެދޮރު ލިބިވަޑައިގަންނަވާނެ. އެއީ، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަން ކޮށްދޭނަން.

ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ. މިރަށަށް އަންނަ ކޮންމެ ފަހަރަކުވެސް، އަބަދުވެސް މިރަށުގެ ބަނދަރު އަޅުގަނޑަށް ފެނޭ. އަދި އަޅުގަނޑަށް އަބަދުވެސް އެނގޭ ތިޔަބޭފުޅުން އެ ބަނދަރު ބޭނުންވާ މިންވަރާ، އެ ބަނދަރު ކުރިޔަށް ގެންދަން ބޭނުންވާ ގޮތް. އެހެންވީމާ، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިއަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާނެ. އެ މަސައްކަތް ފެށިގެން މިއަހަރު ތެރޭގައި ކުރިޔަށްދާނެ.

އަޅުގަނޑުމެންނަށް އެނގޭ ތިޔަބޭފުޅުންގެ ފެން ޕްލާންޓްގެ މަރާމާތެއް ބޭނުންވާކަން. ފެނުގެ މައްސަލަ މިރަށުގައި އޮތް މިންވަރު. ފެން އެކަންޏެއް ނޫން، ނަރުދަމާއާއި، ފެނާއި، ކަރަންޓާއި، ގޭސް، މި ޢާންމު ޚިދްމަތްތައް އިރާދަކުރެއްވިއްޔާ މިރަށުގައި އަޅުގަނޑުމެން ފޯރުކޮށްދޭނަން. އެކަން ކުރުމުގެ ޢަމަލީ މަސައްކަތްވެސް އަޅުގަނޑުމެން އުންމީދުކޮށްގެން މިތިބީ، މިއަހަރު ތެރޭގައި ފެށިގެން ދާނެކަމަށް. ތިމަރަފުށި ހިނގަން ފަށާނެ. ތިމަރަފުށީގައި މަސައްކަތް އޮންނާނެ. ތިމަރަފުށީގައި ވަޒީފާ ހުންނާނެ. ތިމަރަފުށްޓަށް އަތޮޅު އޮފީސް ނުވަތަ އެހެން އޮފީހެއް، އަނެއް އޮފީހެއް ގެންނަން ބޭނުންވާ ވުން އިރާދަކުރެއްވިއްޔާ ފިލައިގެންދާނެ. މިތަނަށް ޢިމާރާތް އަންނާނެ. ތަރައްޤީގެ މަޝްރޫޢުތަކާއި ވަޒީފާ މިރަށުގައި އުފެދިގެންދާނެ. އިޤްތިޞާދީގޮތުން ބޭނުންނުކުރެވޭ ބާވަތްބާވަތުގެ ޢިމާރާތް ގެންނެވުމަށް ތިޔަބޭފުޅުން މަސައްކަތްކުރައްވާކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެ.

އެނގިވަޑައިގަންނަވާނެ، ޤަބޫލުފުޅުކުރައްވާ އަތޮޅު އޮފީހަކުން، ރަށު އޮފީހަކުން، ފުލުސް އޮފީހަކުން ޙަޤީޤަތުގައި ނުކުންނާނެ އިޤްތިޞާދީ ބޭނުމެއް ނޯންނާނެ. އަދި އިޤްތިޞާދީ ފައިދާއެއް، އާމްދަނީ އިތުރުވުމަށް ސީދާ ގޮތުގައި އެއިން ތަނަކުންނެއް ބާރެއް ނާޅާނެ. އަޅުގަނޑުމެންނަކަށް އެހާ މުހިންމެއް ނޫން، ކޮން ރަށެއްގައިތޯ ރަށު އޮފީސް ހުންނަނީ، އަތޮޅު އޮފީސް ހުންނަނީ ނުވަތަ އަނެއް އޮފީހެއް ހުންނަނީ ކަނޑައެޅުމެއް. އަޅުގަނޑުމެންނަށް މުހިންމީ ތިޔަބޭފުޅުންގެ ޖީބަށް ވަންނަނީ ކިހާ ވަރެއްތޯ އޮޅުން ފިލުވައި ބަލައި، އެއަދަދު އިތުރު ކުރެވޭތޯ މަސައްކަތްކުރުން. ޙަޤީޤަތުގައި ތިޔަބޭފުޅުން މިތަނަށް ޢިމާރާތެއް ގެނައުމަށް އަތޮޅު އޮފީހެއް، ރަށު އޮފީހެއް ގެނައުމަށް އެކުރައްވާ މަސައްކަތަކީވެސް، އުންމީދަކީވެސް، އާމްދަނީ އިތުރުވުމަށް ކުރައްވާ އުންމީދު. އެއާ ގުޅިގެން އެ ބަސްތައް ނުކުމެގެން އަންނަ ގޮތް. އެހެންވީމާ، އަޅުގަނޑުމެން އެކަމުގެ ސީދާ އަސްލަށް ދެވޭތޯ ބަލާނަން. މިރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިނގާނެ. މިރަށުގައި އިރާދަކުރެއްވިއްޔާ ވަޒީފާތައް އުފެދިގެންދާނެ.

ހަމަ ޔަޤީން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޕާޓީގެ ފަލްސަފާ. އަދި މި ގިނަޕާޓީ އެކުލެވޭ ސިޔާސަތުގެ ހުރިހާ ވިސްނުމަކީ، ހަމައެކަނި އަޅުގަނޑުގެ ވިސްނުމެއް ނޫން. އަދި މި ލާމަރުކަޒީ އުސޫލާއި، ޕްރައިވަޓައިޒޭޝަނާއި، މަގުހެދުމާ، މި ވިސްނުންތަކަކީ، އަޅުގަނޑު ވަރަށް އުފަލާއެކީ އަނެއްކާވެސް މިދަންނަވަނީ، ތިމަރަފުށީ ދަރިންގެ ވަރަށް ބޮޑު ޙިއްޞާއަކާއެކީގައި ނުކުންނަ ވިސްނުންތަކެކޭ. ދެން އަޅުގަނޑު މިތަނުގައި ނަންތައް ހާމަކުރާކަށް ކޮންމެހެން ބޭނުމެއް ނޫން. އެކަމަކު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑާއެކުގައި މި މަސައްކަތުގައި ފެށުނީއްސުރެ ފަށައިގެން މުޖުތަބާ އުޅުއްވާ. އެހެންވީމާ، އަޅުގަނޑުމެންނަށް މި އާ ވިސްނުން ނެރެވޭނެ. އަޅުގަނޑުމެންނަށް އާ ވިސްނުމުގެ ހުރި ފަންވަރާއި އެ އާ ވިސްނުމުގައި ހުރި ފެން ހިފަހައްޓާ މިންވަރު ވަރަށް ސާފު. އިރާދަކުރެއްވިއްޔާ އެ އާ ވިސްނުމުގައި އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވޭނެ.

އަދި ހަމަ އަޅުގަނޑު ދަންނަވާނީ، މިހާރު މިއަދާ ހަމައަށް މި ތަރައްޤީއާ ގުޅޭގޮތުން ވިސްނަމުން އައި ގޮތުގައި އަޅުގަނޑުމެން ވިސްނައިގެނެއް މި ރާއްޖެ ތަރައްޤީ ކުރެވޭކަށެއް ނެތޭ. އެ ވިސްނުމުގައި އަޅުގަނޑުމެން ބެލީމާ އަޅުގަނޑުމެންނަށް ފެންނަނީ، ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް މަދު، ނިކަމެތި، ފަޤީރު، އުފެއްދުންތެރިކަމެއް ނެތް ޤައުމެކޭ. އަބަދުއަބަދު އަޅުގަނޑުމެންނަށް އަޑުއިވެމުން އައީ މިވާހަކަ. އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮތީ އަޅުގަނޑުމެންނަކީ ނިކަމެތި ބަޔެކޭ. އެހެންވީމާ، ކުރޭވޭނެ ކަމެއް ނެތޭ އަޅުގަނޑުމެންނަކަށް. އެއީއެއް ނޫން ޙަޤީޤަތަކީ. ޙަޤީޤަތަކީ މިދެންނެވީ. ތިމަރަފުށިން ގުރައިދުއަށް މަގެއް އަޅައި، މިތަނުގައި ގާދިއްފުށްޓާ ގުރައިދުއާ ދެމެދުގައި އޮތް 16 ރަށް، އިޤްތިޞާދީ އެތައް ބޭނުންތަކަށް ބޭނުންކުރެވުނީމާ، އެއީ ޓޫރިޒަމްގެ ބޭނުންތަކަށްވިޔަސްވެސް އަދި އެހެން ބޭނުމަކަށްވިޔަސްވެސް، ބޭނުންކުރެވުނީމާ، މިހާތަނަށް މި ރާއްޖޭގައި ނަގަމުން އައި އާމްދަނީއެއްގެ ދެބައިކުޅަ އެއްބައި، ހަމައެކަނި މިފަޅުތެރެއިންވެސް ނެނގޭނެ.

އަޅުގަނޑުމެން މީގެކުރީގައި ހީކުރީ މިރަށްތަކަކީ ވައްލަ ބިސް އަޅަން އެކަނި ރަނގަޅު ރަށްތަކެއްކަމަށް. އެކަމަކު އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ، ޔޫރަޕްގެ މާރުކޭޓުތަކާ އެރަށްތަކާ ކަނޑުގެ ދަތުރުފަތުރުން، ވައިގެ ދަތުރު ފަތުރުން ގުޅުނީމާ އެއީ، ރަންބިސް އަޅާ ކުކުޅުތަކެއްކަން. ވައްލަ ބިސް އެކަނި ނޫންކަން އެރަށްރަށުގައި އަޅަނީ.

އެހެންވީމާ، ވިސްނުމުގެ ބަދަލެއް، ތަފާތެއް އެބަ ގެންނަން ޖެހޭކަން އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ. އަޅުގަނޑުގެ ނަޒަރުގައި، އެންމެ ފުރަތަމަ ގަބޫލު ކުރަންޖެހެނީ، ތަރައްޤީގެ ސަބަބުން ފައިދާވަނީ ވަކިމީހަކަށްކަމަށް ފެންނާތީވެ، އެކަންކުރުން ހުއްޓާލުން. ނުވަތަ އެމީހާ ހިފާ ހައްޔަރުކުރުން. އެ ވިސްނުން އަޅުގަނޑުމެން ދޫކޮށްލަންޖެހޭނެ. އެކަން ބަލައިގަނެގެންނުވާނެ. އަޅުގަނޑުގެ މައްސަލައެއްނެތް، ކުރީ ސަރުކާރުގެ ވަޒީރުންނަށް ހުރިހާ ފައިދާއެއް ވެގެން ދިޔަޔަސްވެސް. ހަމަ އެއްވެސް މައްސަލަ އެއް ނެތް. އަދި ކުރީ ސަރުކާރުގައި އެކި ގޮތްގޮތަށް އަޅުގަނޑުމެން މި ތުހުމަތު ކުރާ އެކި ބާވަތުގެ ގޮތްގޮތަށް ފައިސާއާއި ތަކެތި، މުދާ އެއްވެފައި ތިބި މީހުންނަށް ކިތަންމެ ފައިދާތަކެއް ވެގެންދިޔަނަމަވެސް އަޅުގަނޑުގެ މައްސަލައެއް ނެތް. ހަމައެކަނި މައްސަލައަކީ، މި ހިންގާ މަޝްރޫޢަކުން ރައްޔިތުންނަށް ވަނީ ކިހާ ފައިދާއެއްތޯ! އެ ފައިދާ ބޮޑުކަމަށް ސަރުކާރަށް ފެންނަންޏާ، ދެނެއް އިތުރު ކަމެއް ބަލާކަށް ސަރުކާރެއް ނޯންނާނެ. އަޅުގަނޑުމެން ދާނީ މަޝްރޫޢާއިގެން ކުރިޔަށް. އެ ވަރިހަމަ އެކަން ހިންގަން ފެށީމާ އަޅުގަނޑުމެންގެ ސަރުކާރުގެ ނުވަތަ ސަރުކާރަށް ތާއީދު ކުރާ ބައެއް ބައެއް ވިޔަފާރިވެރިންނަށް ގެއްލުންވިޔަސްވެސް. އަދި ވެފައި އަޅުގަނޑުމެންނަށް ތާއީދުނުކުރާ ބައެއް ބައެއް ވިޔަފާރިވެރިންނަށް ފައިދާ ވެގެންދިޔަޔަސްވެސް، އެ މަޝްރޫޢަކީ، ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢެއްކަމަށް ސަރުކާރަށް ފެންނަންޏާ އަޅުގަނޑުމެނެއް ފަހަތަކަށް ނުޖެހޭނަން. ނުހުއްޓޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަޝްރޫޢުތައް ކުރިޔަށް ގެންދާނަން.

ތިޔަބޭފުޅުންގެ ނަރުދަމާގެ މަސައްކަތް މިހާރުވަނީ ޓެންޑަރބޯޑުން ނިމިފައި. އަޅުގަނޑު މިތަނަށް އައިއިރުގައި އަޅުގަނޑު އުންމީދުކޮށްގެންހުރީ، މިއަދު އަޅުގަނޑު މިތާ ވާހަކަ ދައްކާއިރުގައި، އެ ޓެންޑަރބޯޑުން ކޮންމެވެސްބަޔަކާއެކީގައި ސޮއިކޮށްގެން އެ ނަރުދަމާގެ މަޝްރޫޢު ފަށައިގަނެވޭނެކަމަށް. އަޅުގަނޑަށް އަދިވެސް ލަފާކޮށްގެން މި ހުންނަނީ މިއަދު އޭގައި ސޮއިކުރާނެކަމަށް. މިއަދު މިއީ 29 ވަނަ ދުވަސް. އަޅުގަނޑު އުންމީދު ކޮށްގެން މިހުރީ މިއަދަށް. އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެސް އޮތީ މިއަދު އެ ސޮއިކުރެވި ބަޔަކާ އެ މަސައްކަތް ޙަވާލުކުރެވި، ދާދި އަވަހަށް މިތަނުގައި އެ މަސައްކަތް ޢަމަލީ ގޮތުން ފެށިގެންދާނެއޭ. އެހެންވީމާ، އަޅުގަނޑަށް ހަމަ އަނެއްކާވެސް ދަންނަވަން އޮތީ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އެކަން ފުރިހަމަވެގެން ދާނެއޭ.

ތިމަރަފުށީގައި ގްރޭޑް 11،12 ނެތި އެއްގޮތަކަށްވެސް ފަރަކު ނުޖެހޭނެ. ހަމަ އެއްގޮތަކަށްވެސް އެއީކީއެއް ދެނެއް މި ސަރުކާރަށް ވަރިހަމަކޮށްގެން ތިބެވެން އޮތްކަމެއް ނޫން. އަޅުގަނޑުމެން ބޭނުން މިތަނުގައި 11އަށާއި 12އަށް ކިޔަވައިދޭން. އެހެންވީމާ، މިއަހަރުގެ ތެރޭގައި މިތަނުގައި އެކަން ކުރިޔަށް ގެންދެވޭނެ ގޮތެއް، އަޅުގަނޑުމެން މިއަންނަނީ ވިސްނަމުން، ރާވަމުން. މާޗް، އޭޕްރިލްމަހުގެ ތެރޭގައި އެކަން ހިންގޭތޯ އަޅުގަނޑުމެން ބަލާނަން. ޖޫން ޖުލައި އެއީ އޭ ލެވެލް އަހަރު ފެށޭއިރު. އަޅުގަނޑު ހިތުން އެގޮތަށް ކަންނޭނގެ މިހާރުވެސް، މިކޮޅުގައިވެސް، ރާއްޖޭގައިވެސް އޭ.ލެވެލްއަށް ކިޔަވައިދެމުން ގެންދަނީ. އެހެންވީމާ، ޖޫން ޖުލައި އާ ހަމައަށް ވާއިރަށް 11 ވަނަ ކްލާސް ހެދޭނެ މަޝްރޫޢުތަކެއް، ހެދޭނެގޮތްތަކެއް، އަޅުގަނޑުމެން މިދަނީ ކުރިޔަށް ރާވަމުން، ހިންގަމުން. އިރާދަކުރެއްވިއްޔާ ޖޫން ޖުލައި ހިސާބުގައި ގްރޭޑް11 މިރަށުގައި އުފެދިގެންދާނެ.

އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން ތިމަރަފުށީގައި ވެގެންދާއިރުގައި، އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކިބައިން އެދޭ ހަމަ އެއްވެސް ކަމެއް ނެތް. ތިޔަ ހިނިތުންވުން އެކަނި. ހަމައެކަނި އެއީ. އެނޫން އެހެން އެއްވެސް ކަމެއް، ތިމަރަފުށީ ރައްޔިތުންގެ އަތުން ބޭނުންވެގެނެއްނޫން، އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެންގެ ހިތުގެއަޑިން އަބަދުވެސް އަޅުގަނޑުމެން ގަބޫލުކުރަން، އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ ނޯކިރީންކަން. ޚާއްޞަކޮށް، އަޅުގަނޑަކީ ތިޔަބޭފުޅުންގެ އެންމެ ބޮޑު ނޯކިރީ. އަޅުގަނޑަކީ ތިޔަބޭފުޅުން ހަމަ އަބަދުވެސް ތިޔަބޭފުޅުން ބޭނުންފުޅުވާހާ އެއްޗެއް ވިދާޅުވާން އަދި ތިޔަބޭފުޅުން އެދިވަޑައިގެންފިއްޔާ އެދިވަޑައިގެންނެވިހާ ކަމެއް ކުރެވޭތޯ މަސައްކަތްކުރަން ހުރި މީހެއް.

އަޅުގަނޑުގެ އަމިއްލަ މަސައްކަތެއްނެތް. އަޅުގަނޑު ބޭނުންވާ އަމިއްލަ ފައިދާ އެއްވެސް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިގޮތުގައި ދެމިހުންނާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ތިޔަބޭފުޅުންނާ އެކީގައި މަސައްކަތްކޮށް އަޅުގަނޑުމެން މިއެދޭ ބަދަލު މިރާއްޖެއަށް ގެނެވޭނެ. ޚާއްޞަކޮށް، ދެން ފުރޮޅި ފަހަތަށް ނުޖެހޭ މިންވަރަށް، މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކަންކަމަށް އަޅުގަނޑުމެންނަށް ބަދަލުގެނެވޭނެ. އެ ގެނެވުނީމާ އަޅުގަނޑުމެންގެ މަސައްކަތް، ހަމަގައިމުވެސް އަޅުގަނޑުގެ މަސައްކަތް ނިމުނީ.

އަޅުގަނޑު ހިންގަން ބޭނުންވާ އެންމެ ބޮޑު އެއްކަމަކީ، ލާމަރުކަޒީ އުޞޫލުން މި ރާއްޖެ ހިންގަން ފެށުން. މާލޭގައި އެއޮތް ވެރިކަމުގެ ބާރު މާލެއިން ބަހާލުން. ނުވަތަ މާލެއިން ވަކިކުރުން. ޒަމާންތަކެއް ވަންދެން މާލޭގައި މިއައީ އަތޮޅުތަކުގެ ބާރު މާލެއަށް އެއްކުރަމުން. ތިމަރަފުށީގައި އޮތް ވެރިކަމުގެ ބާރެއްވިއަސް ޙަޤީޤަތުގައި ހިމަރޯނުން ބަނދެގެން މާލެގެންގޮސް މާލޭގައި ޤާއިމުކުރީ. ހަމަ އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ، އަޅުގަނޑު ހިތުން އަޅުގަނޑު މިދަންނަވާ އެއްޗެއް މިރަށުގެ ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މާލޭގައި މާލޭގެ ވެރިކަމުން އެކަން ކުރަމުން ގެންދިޔައީ ހަމަ އެގޮތަށް.

އަޅުގަނޑަކީވެސް ހަމަ ހަތަރުމަތިފުށް މާލޭމީހެއް. އަދި އަޅުގަނޑުގެ މައިންބަފައިންނަކީވެސް ގަލޮޅުބައެއް. ފެށުނީއްސުރެ ފަށައިގެން މާލޭބައެއް. އެހެންނަމަވެސް، އަޅުގަނޑުމެން މާލޭމީހުންނަށްވެ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޖީލަށް އެބައެނގޭ، ދެން އަޅުގަނޑުމެންނަށް ތަރައްޤީގައި ކުރިއަށް ދެވެންއޮތީ، މާލެއަށް ފައިސާ ޚަރަދުކޮށްގެން ނޫންކަން. އަޅުގަނޑުމެން މާލޭ މީހުންނަށްވެސް މުޅި ރާއްޖެއަށްވެސް ދެން ކުރިއަށް ދެވެން އޮތީ، މާލެ ދޫކޮށް ރާއްޖޭގެ އަތޮޅުތަކަށް ތަރައްޤީގެ މަގު ފަހިކޮށްދީގެން. މި ޕްރޮވިންސެއްގެ ގޮތުގައި، ތ.އާއި ލ.އާ އެއްކޮށް މިއޮތީ. އަޅުގަނޑު ދެން މިއުންމީދުކުރަނީ އަޅުގަނޑަށް މިހާރު އެނގިފައި މިއޮތީ، އެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާނީ، ތިޔަބޭފުޅުންގެ މިރަށުގެ ދަރިއެކޭ. ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މި ސަރަޙައްދުގައި އެބޭފުޅާ ހުންނަވައިގެން، މާލެއިން މާބޮޑު އިރުޝާދެއް ނުނަންގަވައި ހަމައެކަނި އެ މިނިސްޓަރު ކުރައްވަންޖެހޭނެ ކަމަކީ، ވެރިކަމުގައި އޮންނަ އެމް.ޑީ.ޕީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރައްވަމުން ގެންދެވުން. އިތުރު އިރުޝާދެއް ނަންގަވާކަށް ނުޖެހޭނެ. ރައްޔިތުންވަނީ އިރުޝާދުދީ ނިންމާފައި. އަޅުގަނޑުމެންގެ ސިޔާސަތަށް ތާއީދުކޮށްފައި. އެހެންވީމާ، އަޅުގަނޑުމެން އެ ސިޔާސަތު ތަންފީޒު ކުރަމުން ގެންދާނަން. ލާމަރުކަޒީ އުޞޫލުންނޭ ރާއްޖެ ހިންގާނީ، އެ އަޞްލަށް ތިޔަބޭފުޅުންވަނީ ތާއީދުކުރައްވާފައި. އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުން އަޅުގަނޑުމެނަށް ވޯޓު ދެއްވި އެއްސަބަބަކީ އެއީ.

އެހެންވީމާ، އަޅުގަނޑު ބޭނުން މި ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުމުގެ މަސައްކަތް ބަދަލުނުވާ މިންވަރަށް، އަލުން އަނބުރާ ފަހަތަށް ނާންނާނެ މިންވަރަށް މި ކުރިއަށް މިއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ގެންދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެހެން ގެންދާނަން. އަޅުގަނޑު ދަންނަވާނީ މިއަތޮޅަކީ، އަދި މިރަށަކީ މިއަދަށްވުރެ މާ ފާގަތި ފަހި ރަށަކަށް އިރާދަކުރެއްވިއްޔާ މާދަމާވެގެންދާނެއޭ. އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެން މިދެކޭ ގުލްޒާރު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހޯދައިދެވޭނެ.

اَلحَمْـدُ لِلّـهِ، ވަރަށްބޮޑަށް ޝުކުރިއްޔާ!

والسّـلام عليـكم