އަޅުގަނޑުމެން އުތުރުގެ ބައެއް ރަށްރަށަށް މިކުރާ ދަތުރަކީ، ލާމަރުކަޒީ އުސޫލުން، ރާއްޖޭގައި ތަރައްޤީއާއި، އިދާރީ މަސައްކަތްތައް ހިންގުމަށްޓަކައި، ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް، ރައްޔިތުންގެ ބަސް ހޯދުމަށްޓަކައި ކުރާ ދަތުރެއް. ތިޔަބޭފުޅުންގެ ތެރެއިން މިވަގުތު ވާނީ ބައެއް ބޭފުޅުން ކުޅުދުއްފުށްޓަށް ގޮސް، މިކަމާ ގުޅޭ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ކުޅުދުއްފުށީގައި، ނުވަތަ މިސަރަޙައްދުގެ މައި މަރުކަޒެއްގައި ވަޒީރުން ފެންވަރުގެ ބޭފުޅަކު ހުންނަވައިގެން، އެއޮފީހުގެ ދަށުގައި ތަރައްޤީގެ ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން.

އަޅުގަނޑު ވައިކަރަދޫ ރައްޔިތުންނަށް ޚާއްސަކޮށް ފާހަގަކޮށްދޭން ބޭނުންވާ ކަމަކީ، ކުޅުދުއްފުށީގައި މި ހުއްޓެއްކަމަކު، އޭގެ ސަބަބުން ވައިކަރަދުއަށް އަންނާނެ އެއްވެސް އުނިކަމެއް ނެތޭ. ޙަޤީގަތުގައި އޮތީ ފައިދާއޭ. މީގެ ކުރީގައި ވައިކަރަދޫ ރައްޔިތުން މާލެއަށް، ކަންކަމަށް ދިޔަދިޔުން އިރާދަކުރެއްވިއްޔާ ދާދިއަވަހަށް ނިމިގެންދާނެ. މިއަތޮޅުތެރެއިން، މިރަށުންނާއި އަދި ރީޖަނަލް ސެންޓަރުން ކަންތައްތައް ނިމިގެންދާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.

މިކަން އަޅުގަނޑުމެންނަށް ވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން އެބަ ބޭނުންވޭ. އެރުހުން ހޯދުމަށް އަޅުގަނޑުމެން މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި. އެހެންނަމަވެސް، މިހާރުން މިހާރަށްވެސް ކުރަމުން ގެންދެވޭނެ ކަންތައްތަކެއް ފާހަގަވޭ. އެކަންތައްތައް ކުރުމުގައި އަޅުގަނޑުމެން އަވަދިނެތި އުޅެވޭތޯ ބަލަމުން މިދަނީ. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މުޖުތަބާ ހުންނަވާނެ. އަދި އިރާދަކުރެއްވިއްޔާ މިއަދު ދިއްދުއަށްގޮސް އަޅުގަނޑު މިނިސްޓަރ އޮފް ހޯމްއެފެއާޒަށް އިތުރު ނާއިބެއް ކަނޑައަޅާނަން. އެއީ ހަމަ، އެބޭފުޅާ ހުންނަވާނީ ސަރަޙައްދީ ތަރައްޤީގެ މަޝްރޫއު ހިންގާ ތަނުގައި. އާރު.ޑީ ސެންޓަރުގައި. އެބޭފުޅާގެ ޑިޕާރޓްމަންޓްތައް މި ރަށްރަށުގައި ހުންނާނެ. އެ ޑިޕާރޓްމަންޓްތައް މެދުވެރިކޮށްގެން އިދާރީ ކަންތައްތައްވެސް، އަދި ތަރައްޤީގެ ކަންތައްތައްވެސް ކުރިއަށްދާނެ.

އަޅުގަނޑުމެން ވެރިކަމުގައި މިތިބީ ހަމަ އެންމެ ބޭނުމަކަށް. އަޅުގަނޑުމެންގެ ވެރިކަމެއް ތިޔަބޭފުޅުން އުފައްދަވާފައި މިވަނީ އަޅުގަނޑުމެން، ތިޔަބޭފުޅުންނަށްވީ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެން ވެރިކަމުގައި މިތިބީ މިދެންނެވިހެން، އެވަޢުދުތައް ފުއްދުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނީ އެވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެންނަށް މިފަހަރު، ޖަނަވަރީ އެއްވަނަ ދުވަހުއްސުރެ ފެށިގެން، އަޅުގަނޑުމެންގެ ވަޢުދުތަކުގެ ތެރެއިން، ބައެއް ކަންކަން ފުރިހަމަ ކޮށްދެވެން އެބަހުރި. އޭގެތެރޭގައި އުމުރުން 65 އަހަރުވީ ކޮންމެ ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް، ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް، ދެހާސް ރުފިޔާ ނުލިބޭނަމަ، ދެހާސް ރުފިޔާގެ ޕެންޝަނެއް އެރުވޭނެ. އަދި ހަމަ އެހެންމެ، އެއްލައްކަ މީހުންނަށް ހެލްތު އިންޝުއަރެންސްގެ ކަވަރޭޖު، ޖެނުއަރީ އެއްވަނަ ދުވަހުއްސުރެ ފެށިގެން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދޫކުރެވޭނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަޢުދުތައް ވީހާވެސް އަވަހަކަށް ފުއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އެހެންނަމަވެސް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، ސަރުކާރުގެ މާލީ ޙާލަތު އޮތީ، ވަރަށް ނިކަމެތިކޮށް.

އަޅުގަނޑުމެން ހަވާލުވިއިރުގައި، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް މިވާހަކަތައް ދަންނަވަންވެސް އުނދަގޫ. އެހެންނަމަވެސް ރައްޔިތުންނަށް އޮޅިފައި އޮންނާންވީ ވަކިކަމެއް ނެތް. ނޭނގި އޮންނާންވީ ވަކިކަމެއްވެސް ނެތް. އަޅުގަނޑުމެން އަތަކު، އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރަކު ރުފިޔާއެއް ހަޤީގަތުގައި ނެތް. އޭގެ އިތުރުން 203 މިލިއަން ރުފިޔާ މަދުވެފައި އޮތީ، އަޅުގަނޑުމެން ކޮންމެހެންވެސް ވަގުތުން ވަގުތަށް ހޯދަންޖެހިފައި. މީގެ ކުރީގައި މާލިއްޔާއިން ނުވަތަ ސަރުކާރުން ޢަމަލު ކުރާ ގޮތަކީ، އެމިންވަރަށް ބޭނުންވާ ފައިސާ، ޗާޕުޖަހާފައި ނެރެނީ. ޗާޕުޖަހާފައި ފައިސާ ނެރުނީމާ، ތަކެތީގެ އަގު، ޚިދުމަތުގެ އަގު މައްޗަށްދަނީ. ފައިސާ ގިނަވީމާ. އެހެންވީމާ، ޢާންމު ރައްޔިތުންނަށްވާ ގެއްލުން ވަރަށްބޮޑު. އަޅުގަނޑުމެންގެ ވަޢުދެއް އެއީ، ތަކެތީގެ އަގު ހިފެހެއްޓުން. މައްޗަށް އަރައިގެންދިޔަނުދީ ހިފެހެއްޓުން. އަޅުގަނޑުމެން އެސަބަބަށްޓަކައި މިކަންކަން ހައްލުކުރުމަށް ފައިސާޖެހުން އެއީ، އޮތް ހައްލެއް ކަމަކަށް ނުދެކެން، ބަޖެޓުގައި ހިމަނާފައި އޮވެ. އަދި ރިޔާސީ ގަނޑުވަރުގައި އެނގިވަޑައިގަންނަވާނެ، 300 އެއްހާ މިލިއަން ރުފިޔާ، އެއީ މިވަގުތު އަޅުގަނޑުމެން ބަލާބެލުމުގައި ކޮންމެހެން އަޅުގަނޑު ދޭނެ ޚަރަދެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިބަލަނީ މިދަތުރަށްވެސް ފަންސާހަކަށް، ފަސްދޮޅަހަކަށް ހާސް ރުފިޔާއަށްވުރެ ނުވަތަ ލައްކައެއްހާ ރުފިޔާއަށްވުރެ، ބޮޑުވެގެން ނުވާނެއޭ. މީގެ ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ ދަތުރަކަށް ތިންހަތަރު މިލިއަން ރުފިޔާވަރު އަރައިގެންދާނެ. އަޅުގަނޑުމެން ބޭނުމެއްނޫން، އަޅުގަނޑުމެންގެ ނެތް ފެންވަރަކުން ކަންތައްތައް ކުރާކަށް.

މީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ޤާސިމް އިބުރާހިމް، އަޅުގަނޑުމެންގެ ހޯމް މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑުމެން މިފުރަތަމަ ފަށައިގަނެވުނީ. އެހެންނަމަވެސް، ޤާސިމް ހިތްހަމަ ޖެހިވަޑައިނުގަންނަވާތީވެ، ނުވަތަ ސަރުކާރުގައި ކުރިއަށް އަޅުގަނޑުމެންނާ އެކީގައި މިމަސައްކަތުގައި ބައިވެރިވެވަޑައިގެން އުޅުއްވެން ނެތުނީމާ، އިއްޔެގައި އިސްތިއުފާ ދެއްވައިފި. އަޅުގަނޑުމެން ހަމަ މިއަދު މިދަންނަވާހެން ދިއްދޫގައި އެ ހޯމްއެފެއާޒަށް އިތުރު ނައިބެއް ޢައްޔަން ކުރާނަން. އަޅުގަނޑަށް އެވަރުން ހޯމްއެފެއާޒް ފުރިހަމައަށް، ބަރާބަރަށް، ހިނގަމުންދާނެކަމާމެދު އެއްވެސް ޝައްކެތްނެތް. އެހެންނަމަވެސް ޤާނޫނު އަސާސީ އެބަ ލާޒިމުކުރޭ ވަޒީރަކުވެސް ހުންނަން. އަޅުގަނޑު ވަޒީރަކުވެސް އެތަނަށް ޢައްޔަން ކުރާނަން.

އަޅުގަނޑުމެން އަބަދުވެސް ބޭނުންވެގެން އުޅުނީ، މިނިސްޓްރީ އޮފް އެޓޮލްސް ކިޔާ ބޮޑުސިންގާހާ ވުޒާރާއެއް މާލޭގައި ނެތުން. އެހެންވީމާ، އެތަނަށް ވަޑައިގަންނަވާ ވަޒީރަކަށްވެސް އަބަދުވެސް އެނގިވަޑައިގަންނަވަން ޖެހޭނެ އެވަޒީރުކަމު އެވަޑައިގަންނަވަނީ އަމިއްލައަށް އެމިނިސްޓްރީ އުވާލައްވަން ކަމަށް. އެކަން، ބާރު އިތުރަށް އެއްކުރާކަށް ނޫންކަން. ބާރު ދޫކުރަންކަން. އެކަން ރަނގަޅަށް ސާފުވާ ބޭފުޅެއް ދެން ހޯމްއެފެއާޒްގެ ވަޒީރުކަމަށް ވަޑައިގަންނަވާނެ. އެއަތޮޅުތަކަށް ދޫކުރަންހުރި ބާރުތައް ބާރަށް ދޫކުރުން، އަދި ކަންކަމާ ކުރިމަތިވެސްލުމަށް. އަޅުގަނޑުމެން ހަމަ ކުޑަ ތަންކޮޅެއްވެސް އިރާދަކުރެއްވިއްޔަކާ ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން މިތިބީ ވަރަށް އިތުބާރާ އެކީގައި. އަދި ވަރަށް ހިތްވަރާ ވަރަށް އުންމީދާ އެކީގައި. އަޅުގަނޑުމެންނަށް ޔަޤީން، ރާއްޖޭގެ ރައްޔިތުން ތިބީ އަޅުގަނޑުމެންނާ އެކީގައި މި މަސައްކަތް ބާރަށް ކުރިއަށް ގެންދަންކަން.