بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އާދެ! އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން، މި ރާއްޖޭގެ ވެރިކަމާ ހަވާލުވެ މިތިބީ ހަމަ އެންމެ ބޭނުމެއްގައޭ. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގެ ބޭނުމުގައޭ. އެމް.ޑީ.ޕީގެ ސަރުކާރެއް، ނުވަތަ އެމް.ޑީ.ޕީ އިއްތިހާދުގެ ސަރުކާރެއް އުފެދިފައި މިއޮތީ، ތިޔަބޭފުޅުންނަށް ވަކި ޚާއްޞަ ކަންތައްތަކެއް އަޅުގަނޑުމެން ލައްވާ ކުރުވުމަށްޓަކައި. އަޅުގަނޑުމެން ތައްޔާރުވެ މިތިބީ އެކަންކަން ކުރުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އަވަދިނެތި މަސައްކަތް ކުރަމުންދާނީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި. ތަކެތީގެ އަގު ހެޔޮކޮށް ބެހެއްޓުމަށް. އެއްރަށުން އަނެއްރަށަށް ފަސޭހަކަމާ އެކީގައި ދަތުރުކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމަށް. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބޭނޭ ގޮތެއް ހޯދުމަށް. ޑުރަގުގެ ޝިކާރައަކަށްވެ ގޮސްފައިވާ ޒުވާނުންނަށް ގޮތެއް ހޯދައިދިނުމަށް.

އަޅުގަނޑުމެންގެ މައިގަނޑު ފަސް ވަޢުދެއްވާއިރުގައި، އަޅުގަނޑުމެންނަށް ހަމަ މަޖުބޫރު، އަޅުގަނޑުމެންގެ ބޭނުމެއް އެއީ، ރާއްޖޭގެ އެންމެހާ ކަންކަން ފުރިހަމަ ގޮތުގައި ހިންގޭނެ އުޞޫލުތަކެއް ސަރުކާރުން ތަޢާރުފް ކުރުން. އަދި އަޅުގަނޑުމެންގެ ވަޢުދެއްވެސްމެ. އަޅުގަނޑުމެން މިރާއްޖޭގެ ވެރިކަން ކުރުމަށް އެދެނީ ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި. ތިޔަބޭފުޅުންގެ އިޙްސާސާ އެކީގައި. އެއީ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ކަންކަން ނިންމުނީމާ. ލާމަރުކަޒީ އުޞޫލުން ކަންތައްތައް ކުރިއަށް ގެންދެވުނީމާ. އަޅުގަނޑުމެން މިހާރު މިވަނީ، އެ އުޞޫލުން ކަންތައްތައް ކުރުމަށްޓަކައި، މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެމަޖިލީހަށް ހުށަހަޅާފައި.

އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ވެރިކަން، އަޅުގަނޑުމެން ކުރަން މިއެދެނީ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައްޔިތުންގެ ވަކީލުންގެ ރުހުމާއި، އެބޭފުޅުންގެ އެދުމާއި، އެބޭފުޅުންގެ އެއްބާރުލުމާ އެކީގައި. އެހެންވީމާ، އަޅުގަނޑުމެން ހިންގާ ކަންކަން ހިންގުމަށްޓަކައި މަޖިލީހުގެ ރުހުމަށް އަޅުގަނޑުމެން އަބަދުވެސް އެދޭނެ.

ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގާއިރުގައި، އޭގެ މާނައަކީ، އެއްވެސް ހާލެއްގައި ވަކިރަށެއްގެ ރަށުއޮފީސް ނިކަމެތިވެދަނީކީއެއްނޫން. އަތޮޅެއްގެ އަތޮޅުއޮފީސް ކުޅުދުއްފުށީގައި ޤާއިމު ކުރުމުން، މިތިން އަތޮޅާ ގުޅޭގޮތުން، މާލޭން ހިންގަމުން އައި ހުރިހާ ކަމެއް، މާލޭގެ އެކިއެކި ވުޒާރާތަކުން ހިންގަމުން އައި ހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށަށް، ވީހާވެސް ކައިރިއަކަށް ގެނައުން. އަދި އެތަނަކަށް ރައްޔިތުންނަށް ފަސޭހައިން ދެވޭނެގޮތް، ދަތުރުފަތުރު ފުރިހަމަގޮތުގައި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން. އަޅުގަނޑުމެންނަށް ޔަޤީން، ރާއްޖޭގެ ތަރައްޤީ އަދި އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުންކުރެވޭނީ، އަޅުގަނޑުމެންގެ މުއްސަނދިކަން އަޅުގަނޑުމެންނަށް ތަނަވަސް ކުރެވޭނީ، މިދަންނަވާ އުޞޫލުން ވެރިކަން ކުރެވިގެންކަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިދަތުރު ނިމޭއިރުގައި، މަޖިލީހުގެ ރުހުން މިކަމަށް ލިބިފައިއޮވެ، އެ ރުހުމާ އެއްގޮތަށް ޢަމަލީގޮތުން މިމަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ.

މިރޭ ތަންކޮޅެއް ދަންވެފައި ހުރިނަމަވެސް، އަޅުގަނޑު އަދި އިތުރަށް ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތް. އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތައް ވަރަށްގިނަ. ވަރަށް ފުރިހަމަ އަދި ބޭނުންތެރި. ހަމަ އެއާ އެކީގައި، ވެރިކަމުގެ ފަރާތަށްވެސް އަދި އެހެނިހެން ހިންގުންތެރިންނަށް ލިބިދީފައިވާ ޙައްޤުތައްވެސް، އޭގައި ހަމައެހާމެ ގިނަ. މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ޤާނޫނުއަސާސީގެ އެއްފަރާތުގައި ރައްކާކުރާއިރުގައި، ވިޔަފާރިވެރީންނާއި މުދަލުގެވެރީންގެ ޙިމާޔަތްވެސް ޤާނޫނުއަސާސީން ހަމަ ލިބިދޭ.

އެބޭފުޅުންނަށް ޙިމާޔަތްތައް ހޯދައިދިނުމަކީ، ސަރުކާރުގެ ވާޖިބެއް. މަސައްކަތްކުރާ މީހުންނަށް، މަސައްކަތްތެރީންނަށް، އެމީހުންގެ މުސާރައާއި، އުޖޫރައާއި، މަސައްކަތު ގަޑިއާއި އަދި ދިރިއުޅުމުގެ ނުވަތަ މަސައްކަތްކުރާ ތަން އޮންނަންވާގޮތާ، މިހެންގޮސް މިފަދަ ޢާންމު ކަންކަމާ ގުޅޭ ޙައްޤުތައްވާއިރުގައި، މުދަލާއި، ގެދޮރާއި އަދި މުދަލުގެ ވެރިކަމާ، މުދާ އެއްކުރުމާ، މުދަލުން ވިޔަފާރިކުރުމުގެ ޙައްޤު، ޤާނޫނުއަސާސީގައި ރައްޔިތުންނަށް އެބަ ލިބިދޭ. އަޅުގަނޑުމެންގެ ވާޖިބެއް، އެ ޙައްޤުތައް ރައްކާތެރިކޮށްދިނުންވެސް. އަޅުގަނޑުމެން މިދަންނަވަނީ އެފަރާތާ ވާހަކަދެކެވި މިކަން އަޅުގަނޑުމެންނަށް މިވަނީ ޙައްލުކުރެވިފައި. ފާހަގަކޮށްލަން އެބަޖެހޭ ހަޅުތާލުކުރުމުގެ ވަކި ހަމަތަކެއް އެބަހުރޭ. އެހެންވީމާ، ބައިނަލްއަޤްވާމީ މިދަންނަވާ ހަމަތަކުގައި މުޒާހަރާ ކުރުމާއި ހަޅުތާލުކުރުން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް. މުދަލާއި މުދަލުގެ ވެރިފަރާތް ހިމާޔަތްކޮށްދިނުމަކީވެސް މުހިންމު ކަމެއް. އަބުރު ޙިމާޔަތް ކުރުންވެސް، އެއީ މުހިންމު ކަމެއް.