بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިރަށު ކިލާވަޅުން ފެން ބުއީމާ 40 ދުވަހުގެ ތެރޭގައި އެނބުރި މިރަށަށް އަންނަންޖެހޭ ވާހަކަ ތިޔަބޭފުޅުން ތަކުރާރުކޮށް ވިދާޅުވި. އެއީ ޑިސެމްބަރ 28. އަޅުގަނޑަށް ހީވަނީ އޭގެފަހަކުން އަދި މުޅިއަކުން 40 ދުވަހެއް ހަމައެއްނުވޭހެން. 40 ދުވަސް މި ހަމަވަނީ. އަޅުގަނޑު ހިތަށްއެރީ، މި 40 ދުވަހުގެ ކުރީގައި އާދެވޭތޯ އަޅުގަނޑު ބަލަންޖެހޭނެޔޭ.

އަޅުގަނޑުމެން މިދަތުރުގައި މިއައީ، ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ތަރައްޤީކޮށް ހިންގުމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ ވާހަކަދައްކާ މަޝްވަރާކޮށް ހެދުމަށްޓަކައި. މިތިން އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމުގައި. އެއީ މިހާރު އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއްދޭ މަސައްކަތެއް. މިއަތޮޅަށް އައިސް ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކޮށްނުލައި އެނބުރި މާލެ ދިއުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ނުދެކެން. ކޮމަންޑޫ ރައްޔިތުންނާ މިރޭ ބައްދަލުވީތީވެ، އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު މިރަށަށް މިއައީ ތިޔަބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމާއި އަދި އަޅުގަނޑުމެންނަށް ތިޔަ ދެއްވާ ތަރުޙީބަށްޓަކައި، ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިރާއްޖޭގެ ވެރިކަމަށް އިސްވީ، ތިޔަބޭފުޅުންނަށް ވަޢުދުތަކެއްވަމުން. އަޅުގަނޑުމެންގެ ވެރިކަމެއް އުފެއްދުމަށް ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ޖާގަ ދެއްވާފައި ތިޔަވަނީ އަޅުގަނޑުމެންވީ ވަޢުދުތަކެއް ފުއްދުމަށްޓަކައި. އަޅުގަނޑުމެން ވެރިކަމުގައި މިތިބީ ހަމައެކަނި ވެރިކަން ކުރުމުގެ ނިޔަތަކު ނޫން. ވެރިކަމުގައި އަޅުގަނޑުމެން މިތިބީ ވަޢުދު ފުއްދުމުގެ ބޭނުމުގައި. އަޅުގަނޑުމެންގެ ބޭނުމަކީ، އަތްފޯރާ ފަށުގައި ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ލިބުން. އަޅުގަނޑުމެންގެ ބޭނުމަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުން. ތަކެތީގެ އަގުހެޔޮވާނެ ގޮތަކަށް މާލީ ނިޒާމު ރޭވުން. ޑްރަގްގެ ޝިކާރައަކަށްވެ ގޮސްފައިވާ ޒުވާނުންނާއި އަދި އެމީހުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ޙައްލެއް ހޯދުން. ޞިއްޙީ ޚިދްމަތާއި ތަޢްލީމީ ޚިދްމަތް ރަނގަޅު ކުރުން. ލަފާފުރުމާއި އިޖްތިމާޢީ، އިޤްތިޞާދީ، އަދި ޢާއިލީ ހުރިހާ ކަމެއް ރަނގަޅުވެގެން ގޮސް އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދޭނެ ގޮތެއް މެދުވެރިވޭތޯ މަސައްކަތް ކުރުން. އަޅުގަނޑުމެން ހިންގާ ހުރިހާ މަޝްރޫޢެއްވެސް އަޅުގަނޑުމެން ހިންގަމުންދާނީ މިދެންނެވި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން ކުރަމުން މިއައި އުންމީދުތައް ޙަޤީޤަތަކަށް ހެދުން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އެމަގަށް.

އަޅުގަނޑު މިއަދު މިރަށަށް އައިސް ހުރިއިރު، މިރަށުގެ ރައްޔިތުން ހީވާގި މަސައްކަތާ އެކުގައި ކޮށްފައިހުރި ކަންކަން އަޅުގަނޑަށް ވަރަށް ސާފުކޮށް ކަތީބު ވިދާޅުވެދެއްވައިފި. އަޅުގަނޑަށް އެނގޭ ކޮމަންޑޫ ރައްޔިތުންނަށް އޭގެ ދެގުނަ، ޙަޤީޤަތުގައި ދެގުނައަށްވުރެވެސް ބޮޑުކޮށް ކުރެވިދާނެކަން. ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ވެރިކަން ކުރުމުގެ އިންތިޒާމާއި ނިޒާމު ހަމަޖެހިއްޖެނަމަ، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ތަރައްޤީގެ ދުވެލި އެތައްތަނެއް ހަލުވިވެގެންދާނެ.

ޑިމޮކްރަސީގެ އެންމެބޮޑު އެއް ބޭނުމަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމުން. އެކަންކަން ނިންމުމަށްޓަކައި އޮތް ނިޒާމަކީ، ލާމަރުކަޒީ އުސޫލު. މާލޭގައި އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެންނަށް އެދުވަހަކު ފެންނަ ކަމެއް، މިރަށްރަށުގައި ކުރުވައިގެން، ރާއްޖޭގެ ރަށްރަށް ތަރައްޤީވެދާނެ ކަމަކަށް އަޅުގަނޑުމެންނެއް ނުދެކެން. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންނާ ގުޅޭ ކަންކަން، ތިޔަބޭފުޅުންނާ ގާތުން ނިންމެންޖެހޭނެ. ކޮމަންޑޫއަކީ ބޮޑު ރަށެއް. ކޮމަންޑޫއަކީ ޙަޤީޤަތުގައި މި އާ ޤާނޫނުއަސާސީ ބަޔާންކުރާ މުނިސިޕަލް ކައުންސިލެއް އުފެއްދިދާނެ ރަށެއް. އާބާދީ ބޮޑު ރަށެއް. ކޮމަންޑޫއާގުޅޭ ކަންކަން ކޮމަންޑޫގެ ރައްޔިތުން ނިންމައި، ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލައި، އެމަޝްރޫޢުތަކަށް ފައިސާ ހޯދުމުގެ މަސައްކަތްކޮށް އަދި އެކަންކަން ޓެންޑަރުކޮށް ބިޑުކޮށް، ބިޑުތައް ހޯދައި އެބިޑު ހަވާލުކޮށް، މަސައްކަތްތައް ހިންގައި އެހިންގޭ މަސައްކަތްތައް ނުވަތަ އެއުފެއްދޭ ތަންތަން ބަލަހައްޓައި ރައްޔިތުންނަށް އޭގެ ފައިދާ ހޯދައި ދިނުމަކީ، އަޅުގަނޑަށް ޔަޤީން ފަސޭހަކަމާއެކީގައި ކުރެވޭނެ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން މިކަންކަމަށް މަގުފަހިކޮށްދޭނަން.

އަޅުގަނޑު އަނެއްކާވެސް ދަންނަވާނީ، އަޅުގަނޑަށް އެނގެޔޭ މިވަގުތު ފެންޕްލާންޓްގެ ޕަމްޕު ހުރީ ހަލާކުވެފައިކަން. އަޅުގަނޑަށް އެނގެޔޭ ތިޔަބޭފުޅުން މި ކުޑަ ކޮމަންޑޫގައި ދިރިއުޅެވޭނެ، ނުވަތަ ކުޑަކޮމަންޑޫ ބޭނުންކުރެވޭނެ ގޮތެއް ހޯއްދަވަން ބޭނުންކަން. އަޅުގަނޑު ދެނެހުރީމު، ތިޔަބޭފުޅުންގެ ގޯތިގެދޮރުގެ ދަތިކަން. އަދި މިރަށް ތޮށްޖެހިފައިމިވާ މިންވަރުންވެސް އެކަން އެނގޭ. ކޮމަންޑޫފަދަ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެވޭނީ، ފްލެޓް އެޅިގެންކަން އެއީ، އަޅުގަނޑުމެން އަބަދުވެސް ދެކެމުން އަންނަ ކަމެއް. ކޮމަންޑޫއަކީ، މިހާރު އާބާދީ މާބޮޑުވެފައި، ބިންކޮޅު ކުޑަ ރަށެއް. އަޅުގަނޑަށްވެސް އެނގޭ، ގާތުގައި މިހިރަ ރަށްރަށް، އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެކަން. ތިޔަބޭފުޅުންނަށްވެސް ބޭނުން ކުރެއްވޭނެކަން.

އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިސަރުކާރު އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ރައްޔިތުންނަށް މިހާރަށްވުރެ ލުއިގޮތެއް އޮތްގޮތަކީ ކޮބައިތޯ ހޯދާފައި، އެގޮތެއްގައި އެކަމެއް ކުރެވޭތޯ ބެލުން. އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުންގެ ޖީބަށް ވަންނަ ފައިސާ، މިހާރަށްވުރެވެސް އިތުރުވުން. ތިޔަބޭފުޅުންނަށް މަސްވެރިކަމުން ލިބޭ އެއްޗެއްވެސް ހެޔޮކުރުން. ރަނގަޅުކުރުން. އަޅުގަނޑު މިއަދު މިވަގުތު ހަމަ އުފާވޭ، ތެލުގެ އަގު އަޅުގަނޑުމެންނަށް މިވަނީ އެތައް ތަނެއް ހެޔޮކުރެވިފައި. ތެދުފުޅެއް، ބައިނަލްއަޤްވާމީ މާރުކޭޓުގައި ތެލުގެ އަގު ދަނީ ދަށަށް. އެހެންނަމަވެސް، ރާއްޖޭގައި މިހާރު ތެލުގެ އަގު އެހުރީ އަވަށްޓެރި ސިލޯން، އިންޑިޔާއަށްވުރެ އެތައް ތަނެއް ހެޔޮ ކޮށްފައި. މިސަރަޙައްދުގައި މިވާ އެހެން ޤައުމުތަކަށްވުރެ ހެޔޮކޮށް އަޅުގަނޑުމެންނަށް އަބަދުވެސް ތެލުގެ އަގު ބެހެއްޓޭނެ. ރާއްޖޭގައި އެވަސީލަތްތައް އެބަހުރި. ރާއްޖޭގައި އެޤާބިލުކަމާ، އެހުނަރު އެބަހުރި. އަޅުގަނޑު ނުދަންނަވާނަން، ބައިނަލްއަޤްވާމީ މާރުކޭޓުގައި ތެލުގެ އަގުބޮޑުވެގެން ދިޔައީމާ، ރާއްޖޭގައި ތެލުގެ އަގު ބޮޑުނުވާނެ ވާހަކައެއް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަބަދުވެސް ވީއެންމެ ހެޔޮ އަގެއްގައި ކޮމަންޑޫ މަސްވެރިންނަށްވެސް އަދި ރާއްޖޭގެ އެންމެހާ މަސްވެރިންނަށްވެސް ތެޔޮ ލިބޭނެގޮތް އަޅުގަނޑުމެން ހަދައިދެވޭތޯ މަސައްކަތް ކުރާނަން. އެނގިވަޑައިގަންނަވާނެ، ޑީސަލުގެ ޑިއުޓީއިން ދިހަ ޕަސެންޓް އަޅުގަނޑުމެން ކަނޑާލައިފީމު. މުޅި އެކީ އެކައްޗަކަށް އެހެންވީމާ، މިއަންނަ އަހަރު ޖަނަވަރީ 1ން ފެށިގެން ތެލުގެ އަގު އަދި މިހާރަށްވުރެވެސް ހެޔޮވާންޖެހޭނެ. ސަރުކާރަށް ތެލުން ނަގަމުންއައި އެއްޗެއް އަޅުގަނޑުމެން ދޫކޮށްލައިފީމު. ތެލާއި، ދުޅަހެޔޮ ޞިއްޙަތަކަށް ކޮންމެހެން ބޭނުންވާ ކާނާއާއި، މުދަލުގެ ޑިއުޓީ އަޅުގަނޑުމެން ދޫކޮށްލީމާ، ސަރުކާރުން މިދޫކޮށްލެވެނީ 500 މިލިއަން ރުފިޔާ. ބައިމިލިއަން ރުފިޔާ.

އެހެންވީމާ، އެމިންވަރަށް ސަރުކާރުގެ ޚަރަދު އަޅުގަނޑުމެން ކުޑަކުރަންޖެހޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިތަޢާރަފް ކުރަނީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްހެއް. އެއީ، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ، އަހަރުގެ ފައިދާ، ފަސް ލައްކަ ރުފިޔާއަށްވުރެ ބޮޑު ކޮންމެ ކުންފުންޏަކުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްހެއް ނަގަން. މަޖިލީހުގެ އިޒުނަ އެބިލަށް އަޅުގަނޑުމެންނަށް ލިބިއްޖެނަމަ އަޅުގަނޑުމެންނަށް އަދިވެސް ޑިއުޓީ ކުޑަކުރަމުން ގެންދެވޭނެ. ރާއްޖޭގައި މީގެކުރީގައި ވިޔަފާރީގެ ފައިދާއިން، ޓެކްސް ނަގާފައެއްނުވޭ. އަޅުގަނޑުމެން އަލަށް އެމަސައްކަތް މިހާރު މިކުރަނީ. އެކަމާ ގުޅޭ އިދާރީ ބިލަކާއި އަދި ފައިދާ ނެގުމުގެ ބިލާ، ދެބިލް މިހާރުވާނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެމަސައްކަތް ފަށައިގަނެވުނީމާ ހައެއްކަމަސް ކަޑައްތުކުރެވުނީމާ އަޅުގަނޑުމެންނަށް ބޮޑަށް ސާފުވާނެ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްހަކުން ދައުލަތަށް ލިބޭނެ އާމްދަނީ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ ޑިއުޓީ ކުޑަކުރަމުން ގެނައުން. ޑިއުޓީ ކަނޑާލުން. އަޅުގަނޑުމެން ދެކެނީ، ޑިއުޓީއަކީ އިންސާފުވެރި ގޮތުގައި ނަގާ ޓެކްހެއްނޫންކަމަށް. އެންމެ އާދައިގެ މީހާގެ ދަތްއުގުޅާ ބޭސްފުޅިންވެސް، ޑިއުޓީ މިނެގެނީ އެންމެ ތަނަވަސްމީހާގެ ދަތްއުގުޅާ ބޭސްފުޅިންވެސް ޑިއުޓީ ނެގޭ މިންވަރަށް. އެއާޚިލާފަށް، ވިޔަފާރިއެއް ކުރުމަށް ފަހުގައި ވިޔަފާރީގެ ފައިދާއިން ޓެކްހެއް ނެގީމާ، އަޅުގަނޑުމެން މިދެކެނީ، އިޤްތިޞާދަށާއި ރައްޔިތުންނަށް އަދި ވިޔަފާރިއަށް މާބޮޑުތަން ރަނގަޅުވެގެންދާނެ ކަމަށް. މިއީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް. އިރާދަކުރެއްވިއްޔާ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނަގަމުންދިޔަ މިންވަރަކަށް އަޅުގަނޑުމެންނަށް ޑިޔުޓީ ކުޑަކުރަމުން ގެންދެވޭނެ.

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް އަޅުގަނޑުމެން ނަގަނީ، ޚާއްޞަ ގޮތެއްގައި ރިޒޯޓުތަކުން. އެއީ ރިޒޯޓުތަކުގެ ވެރިން އަތުން. އެބޭފުޅުންގެ ފައިދާއިން ނެގޭ ޓެކްހެއް. އެބޭފުޅުން ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ، އެބޭފުޅުންގެ ޓެކްސް ދެއްކުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން "މަޓީ"ގެ ބޭފުޅުންނާވެސް މިކަމާ ގުޅިގެން މަޝްވަރާ ކުރިން.

ހަމައެހެންމެ، ސަރުކާރުގެ ބަޖެޓަށް އާމްދަނީ ހޯދުމުގެ ގޮތުން، އެބަ ހުށަހަޅަން އިތުރު ބިލެއް. އެއީ ދިގުމުއްދަތަށް ސަރުކާރުން ކުއްޔަށްދީފައިވާ ރަށްތައް މިހާރު އެގްރިމެންޓް ކޮށްފައި އޮތް 35 އަހަރުގެ ބަދަލުގައި 50 އަހަރަށް އެމުއްދަތު އިތުރުކުރަން. މިކަމާ ގުޅިގެން ބައެއް ބޭފުޅުން ބައެއް ބާވަތުގެ ވާހަކަތައް ދައްކަވާ. އަޅުގަނޑު ދަންނަވާނީ، މިކަމުން ސަރުކާރަށާއި ރައްޔިތުންނަށް ފުރަތަމަ ލިބޭ ފައިދާއަކީ، އަޅުގަނޑުމެން އެމުއްދަތު އިތުރުކުރީތީވެ، އޭގެއިން 1.5 ބިލިއަން ރުފިޔާއާ ހަމައަށް، އެބޭފުޅުން އަތުން ރެވެނިއުއެއް ނެގުމުން ލިބޭފައިދާ. އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުގެ ބަޖެޓަށް ރިޒޯޓުތަކުން ފައިސާ ހޯދަން. ދިވެހިރާއްޖެއަކު ނެތް މިވަގުތު ދަރަންޏަށް ފައިސާ ނެގޭކަށް. އަޅުގަނޑުމެންގެ ދަރަނި ވަރަށްބޮޑަށް ބޮޑުވެފައިވަނީ. މިއީ ބައިނަލްއަޤްވާމީ މާލީ އިދާރާތައް ހުއްދަދޭ މިންގަނޑުތަކުން އަޅުގަނޑުމެންގެ ދަރަނީގެ މިންވަރު މިހާރު މިވަނީ ކައްސާލައިގެން ގޮސްފައި. އެހެންވީމާ، މިހުރި އެއްޗަކުން އަޅުގަނޑުމެންނަށް ނެގެންހުރި އާމްދަނީއެއް އަޅުގަނޑުމެން އެބަ ނަގަންޖެހޭ. މިމުއްދަތު އިތުރުކުރީމާ، އަޅުގަނޑުމެން އަންދާޒާ ކޮށްފަ މިއޮތީ، ރިޒޯޓުތަކުން އެންމެ މަދުވެގެން 1.5 ބިލިއަން ރުފިޔާ ނުވަތަ އެންމެ މަދުވެގެން ސަތޭކަ މިލިޔަން ޑޮލަރު ލިބޭނެ ކަމަށް. ބައެއް އަންދާޒާތަކުގައި، 200 މިލިއަން ޑޮލަރު ލިބިދާނެ ކަމަށްވެސް އަޅުގަނޑުމެންނަށް ލަފާކުރެވޭ.

އެހެންވީމާ، އެއްވެސް ހާލެއްގައި އެއީކީއެއް ބަޔަކަށް ހިލޭ، އެއްޗެއްދޭ ނިޔަތުގައި ކުރާ ކަމެއްނޫން. އަޅުގަނޑުމެން އެކަން ކުރުމުގެ އެއް ބޭނުމަކީ، މިވަގުތު ސަރުކާރަށް، ރައްޔިތުންނަށް އާމްދަނީއެއް ހޯދުން. އަދި އޭގެ ދެވަނަ ބޭނުމަކީ ހަމަ ރިޒޯޓުތަކުގެ ވިޔަފާރިތަކަށް ފައިދާ އިތުރުކުރުން. ކުންފުނީގެ ފައިދާއިން އަޅުގަނޑުމެން އެބަ ޓެކްހެއް ނަގަން. އެޓެކްސް ނަގާއިރުގައި ސަރުކާރަށް އާމްދަނީ އިތުރުކުރާނަމަ، އެކުންފުނިތަކުގެ ފައިދާ އިތުރުކޮށްދިނުމަށް ސަރުކާރުން ދެވެންހުރި ދުލެއް ދޭންޖެހޭނެ. އެއީ ޤައުމުތަކުގެ އިޤްތިޞާދު ހިންގާ ގޮތަކީ. ސަރުކާރުން ވިޔަފާރި ކުރަނީކީއެއްނޫން. ސަރުކާރުން މަގުފަހިކޮށްދެނީ އަމިއްލަ ފަރާތްތަކަށް އެކަންތައް ކުރުމަށް. އެމީހުން ވިޔަފާރި ކޮށްގެން އެލިބޭ ފައިދާއަކުން އެއްޗެއް ސަރުކާރަށް ދައްކަން. މުއްދަތު އިތުރުކުރީމާ އެބޭފުޅުންނަށް، އެބޭފުޅުންގެ ފައިދާ އިތުރުކުރެވޭ. އެއިތުރު ކުރެވޭ ކުރުމުން އަނެއްކާ ސަރުކާރަށް އެއްޗެއް އެބަ ލިބެންޖެހޭ.

ދެން މީގައި، އިންސާފާ ގުޅޭގޮތުން ދެކެވޭ ވާހަކައެއްވެސް އެބައޮވޭ. އެއީ މަދު ބަޔަކަށް ރާއްޖޭގެ ޓޫރިޒަމް ދޫކޮށްލެވެނިއްޔޭ. އިތުރުކޮށްލެވެނިއްޔޭ. މިކަމާ ގުޅިގެންވެސް އަޅުގަނޑު ވިސްނާއިރުގައި ދެނުކުތާއެއް އެބަފާހަގަވޭ. މިހާރު މިހުރި ރިޒޯޓުތަކުގެ އިތުރުން، މިދިޔަ ތިން އަހަރު 60 ރަށް ރިޒޯޓުގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ދޫކޮށްފި. އޭގެތެރެއިން، ހަދާ ނިމުނީ އެންމެ 4 ރަށް. ޤައުމެއްގައި ހުންނަ ކޮންމެ އެއްޗަކީވެސް އޭގައި ލިމިޓެއް، ޙުދޫދެއް، ޙައްދެއް އޮންނަ އެއްޗެއް. ވިޔަފާރިވެރިންނަކީވެސް ކޮންމެ ޤައުމެއްގައިވެސް ވަކިމިންވަރަކަށް ތިބޭ ބައެއް. ޤާބިލު ވިޔަފާރިވެރިން. ހަމަކޮންމެ ކޮންމެ މީހަކަށް ވިޔަފާރިއެއް ނުކުރެވޭނެ. އެކަމުގެ މީހުންނަށް ވާކަމެއް އެއީ. އަޅުގަނޑުމެންގެ ރާއްޖޭގައި 60 ރަށް އިތުރަށް ރިޒޯޓުގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ދޫކުރީމާ ހެދިފައިމިއޮތީ 4 ރަށް.

(ވާހަކަފުޅުގެ ފަހުބައިގެ ރެކޯޑިންގ ނެތީ )