بســم اللّـه الرّحمـن الرّحيــم

(މިވާހަކަފުޅުގެ ފެށުމުގެ ރެކޯޑިންގ ލިބިފައިވާ ހިސާބު)

އަދި އެނޫން އެހެން އެއްވެސް އުޞޫލަކުން އެކަން ކުރާކަށް އަޅުގަނޑުމެންގެ ހިތަކުވެސް އަދި އަޅުގަނޑުމެން ލަފާކޮށްފައެއްވެސް، އަދި އަޅުގަނޑުމެން ވަކާލާތު ކޮށެއްވެސް ނުމެ އުޅެން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރާ އެއް ނުކުތާއަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމޭނެ ގޮތަކަށް ވެރިކަމުގެ ނިޒާމާއި އިންތިޒާމު ހަމަޖެހިގެންނޫނީ އަޅުގަނޑުމެން މިއެދޭފަދަ ތަރައްޤީ އަޅުގަނޑުމެންނަށް ލިބިގެނެއް ނުދާނެކަން. މާލޭގައި ތިބޭ ބަޔަކު އެބަޔަކަށް ފެންނަ ގޮތަކަށް، އެބަޔަކަށް ފެންނަ އިރެއްގައި، ފެންނަ ކަމެއް އަތޮޅުތަކަށް ކުރަމުން ގެންދިޔައެއް ކަމަކު، އަޅުގަނޑުމެންގެ ރާއްޖޭގެ ފުރިހަމަ މުއްސަނދިކަމާ، އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެހާ ވަސީލަތްތައް އަޅުގަނޑުމެންގެ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ބޭނުންކުރެވިގެން ދާނެކަމަކަށް އަޅުގަނޑުމެނެއް ނުދެކެން.

ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ، ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ރުހުމާ، ރައްޔިތުންގެ އިޙްސާސާ، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުނީމާ. ޤާނޫނުއަސާސީ ބަޔާންކުރަނީ، އިދާރީ ދާއިރާތައް ނުވަތަ އަތޮޅުތައް ހިންގާން ޖެހޭނީ ލާމަރްކަޒީ އުޞޫލުންނޭ. އެހެންކަމުން، އަޅުގަނޑުމެން މިހާރު މިހުށަހަޅާ ގޮތަކީ، ހުރިހާ އަތޮޅެއްގެ ކަންކަން އަޅުގަނޑުމެން ހިންގުމަށް ޤާނޫނު ލާޒިމުކޮށްފައިވާ، މިދަންނަވާ އުޞޫލު. އަޅުގަނޑުމެން މިއެދެނީ، ހއ. ހދ. ށ. މިތިން އަތޮޅުގެ މަސައްކަތްތައް އެއް މަރުކަޒަކުން ހިންގާ އިދާރާއެއް ޤާއިމުކޮށް، އެއިދާރާއިން އެތިން އަތޮޅާގުޅޭ އެންމެހާ ކަންކަން ހިންގުމަށް. މިސާލަކަށް، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ތިޔަބޭފުޅުން ބޭނުންވެލެއްވީ، ކޮންމެވެސް ރަށެއްގައި ބަނދަރު ހެދުމަށް، ނުވަތަ ނަރުދަމާ ގާއިމު ކުރުމަށް، ނުވަތަ ފެންހޮޅި ވަޅުލުމަށް، ނުވަތަ މަގު ހެދުމަށް، ނުވަތަ މަދަރުސާގެ ކަންކަން ރަނގަޅު ކުރުމަށް، ނުވަތަ އެނޫންވެސް ކޮންމެވެސް ތަރައްޤީގެ ކަމަކަށް.

މިހާރު މިއޮންނަ އުޞޫލުން މިކަންކަން ކުރެވެން އޮންނަ ގޮތަކީ، މާލޭގައި ތިއްބަވާ ކޮންމެވެސް ބަޔަކަށް މިބާވަތުގެ ކަމެއް މިއިން ރަށެއްގައި ކުރަންވެއްޖެ ކަމަށް ފެނުނީމާ، އެބޭފުޅުން އެކަމެއް ކުރަންވެއްޖެ ކަމުގެ ރިޕޯޓެއް ނުވަތަ މަޝްރޫޢެއް އެކުލަވާލައި. ނަރުދަމާއެއް ކަމަށްވަންޏާ، ނަރުދަމާއެއްގެ، ނުވަތަ ބަނދަރެއް ކަމަށްވަންޏާ ބަނދަރެއްގެ އެމަޝްރޫޢު، އެކަމާބެހޭ މިނިސްޓްރީއަކުން އެކުލަވާލެއްވުމަށްފަހުގައި އެމިނިސްޓްރީއަކުން އެމަޝްރޫޢަށް ފައިސާ ހޯއްދެވުމަށް ފޮނުވޭނީ ޚާރިޖިއްޔާއަށް. ފޮރިން އެފެއާޒަށް. އެބޭފުޅުން ބައިނަލްއަޤްވާމީ އެކިއިދާރާތަކުގައި އެމަޝްރޫޢާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ފައިސާ ލިބުނީމާ އަދި ދެން ހުށަހެޅޭނީ ޓްރެޜަރީއަށް. މާލިއްޔާއަށް. މާލިއްޔާއިން ދައުލަތުގެ ސީދާ އަމިއްލަ ބަޖެޓުން ދެވެންހުރި އެއްޗަކާއެކު އެމަސައްކަތް ކުރާގޮތަށް ނިންމައިފިނަމަ، ދެން މިހުށަހެޅެނީ ބަޖެޓަށް. ބަޖެޓުގައި މަޝްރޫޢު އެކުލެވިގެން މަޝްރޫޢެއް މިހިނގަނީ. މިދަންނަވާ އިދާރީ ހުރިހާ ފަށަލައެއް ނިންމުމަށްފަހު، ކަމެއް ކުރެވޭއިރުގައި މިއޮންނަނީ އަޅުގަނޑުމެންގެ އާދައިގެ މީހެއްގެ އުމުރުގެ ވަރަށްބޮޑު ބައެއް ނިމިފައި. ދެތިން ހަތަރު އަހަރަކުން ނޫނިއްޔާ ކުދިކުދި ކަންތައްތައްވެސް އަޅުގަނޑުމެންނަށް މިއޮންނަނީ ނުވެފައި.

އަޅުގަނޑުމެން މިއެދެނީ، މިހުރިހާ އިދާރީ ދާއިރާއަކާ އިދާރީ ފަށަލައެއް ފަހަނައަޅާފައި، އަޅުގަނޑުމެންނަށް މިސަރަޙައްދުގައި މިސަރަޙައްދާ ގުޅޭ ކަންކަން ކުރުމަށް ނިންމައި، ކުރުމުގެ މަޝްރޫޢުތައް އެކުލަވާލައި، އެއަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ކޮށް، އަދި ދެން ޓްރެޜަރީއަށް ފޮނުވައި، ފައިސާ ބަޖެޓުގައި ހިމަނައި، އެމަޝްރޫޢުތައް ޓެންޑަރަށް ލައި، އޭގެ ބިޑްތައް ހޯދައި، އެމަޝްރޫޢުތައް ހިންގުމަށް ފަރާތްތަކާ ހަވާލުކޮށް، ހިނގަމުންދާގޮތް ބައްލަވައި، ނިމުނީމާ ފައިސާ ހަވާލުކޮށް، އަދި ޢިމާރާތް ކުރެވުނު ތަނެއް ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބަލަހައްޓަމުން ގެންދިޔުމަށް. އަޅުގަނޑުމެންނަށް އަބަދުވެސް އިވެނީ، ގިނަރަށްރަށުގައި ސަރުކާރުން ކޮށްދެއްވާ ކަމެއްވެސް ކޮށްދެއްވީމާ މިހުންނަނީ، ރައްޔިތުން މުޅިން ހިތްހަމަޖެހޭ ގޮތަކަށެއް ނޫންކަން. ބަނދަރެއް ކަމުގައިވިޔަސްވެސް އެބަނދަރު އޮތުމަށް ރައްޔިތުން އެދޭ ތަނެއްގައެއް ނޫން، އެންމެފަހުން އައިސް މިއޮންނަނީ. އަދި ހޮސްޕިޓަލެއް ކަމުގައިވިޔަސް، ހެލްތް ސެންޓަރެއް ކަމުގައިވިޔަސް، މަދަރުސާއެއް ކަމުގައިވިޔަސް. އަޅުގަނޑުމެންނަކަށް ފާހަގައެއް ނުވެޔޭ. ކަންކަންވެގެން މިދަނީ، ސީދާ ރައްޔިތުން އެކަމަށް އެދޭ ގޮތަކަށް ކަމެއް ކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުން ވިސްނަވަން، ތިޔަބޭފުޅުން މަޝްވަރާ ކުރައްވަން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އެމަޝްވަރާ ދެއްވުމަށް ކިހިނެއްތޯ، ތިޔަބޭފުޅުންގެ ކަންކަން މިއަށްވުރެ ރަނގަޅު ހިންގުމެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ހިންގޭނީ. ސަރުކާރަކުން ބޭނުމެއްނުވޭ، މިކަމުގައި ގިނަ ދުވަސްތަކެއް ނަގާކަށް.

ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން، މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތިޔަބޭފުޅުން ވަޑައިގެންނެވީތީވެ. އެހެންނަމަވެސް، އަޅުގަނޑު އުންމީދު ކުރަނީ، ދުވަސްކޮޅެއްވެލީމާ ތިޔަބޭފުޅުން ވިދާޅެއްނުވާނެޔޭ، މިހާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަޑައިގެންނެވުނީ ކަމަކަށް. އެއީ އެއް ދުވަހަކީ، ސައުވީސް ގަޑިއިރަކީ އަޅުގަނޑުމެންނަށް ވަރަށްދިގު ވަގުތެއް. އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ ނެރެން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުތަކެއް ވެއްޖައިމު. އަޅުގަނޑުމެން މިސަރުކާރުގެ ހަމައެކަނި ބޭނުމަކީ އެވަޢުދުތައް ފުއްދުން. ސަރުކާރު ހިންގުމާ ހަވާލުވެމިތިބީ، ބަޔަކު ސަރުކާރެއް ޤާއިމުކުރުވައި ރައްޔިތުން އެސަރުކާރަށް ބަޔަކު ކަނޑައަޅައި، އެބަޔަކު ލައްވައި ސަރުކާރެއް ހިނގުވަނީކީ، އެނޫން އެހެން އެއްވެސް ބޭނުމެއްގައެއްނޫން.

އަޅުގަނޑުމެން ވެރިކަމުގައި މިތިބީ ހަމައެކަނި ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށް. އަޅުގަނޑު މިދެކެނީ، އެ ވަޢްދުތައް ފުއްދުމުގައި ޢަމަލީގޮތުން އިސް ސަފުގައި ބައިވެރިވާނެ ބޭފުޅުންނޭ، މިތަނުގައި މިހާރު މިތިއްބެވީ. ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ، ރަށްކުރިއަރުވާ ކޮމިޓީއާ، އަތޮޅުކުރިއަރުވާ ކޮމިޓީއާ، އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކާ އަދި އެނޫންވެސް ރަށުގައި ކުރިއަށް ތިއްބެވި، ނަގާކިޔާ ބޭފުޅުން. އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންނަށް ފުއްދޭނީ، ތިޔަބޭފުޅުންނާ އެކުގައި. އަޅުގަނޑުމެން ބޭނުން، ބޯހިޔާވަހިކަން އަތްފޯރާފަށުގައި ރައްދުކޮށްދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން. އެއްރަށުން އަނެއްރަށަށް ފަސޭހަކަމާ އެކީގައި ރައްޔިތުންނަށް ދަތުރުކުރެވޭނެ ގޮތް ގާއިމު ކުރުމަށް އަޅުގަނޑުމެން ބޭނުން، އިރާދަކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެން ކޮށްދޭނަން. ތަކެތީގެ އަގު އަތްފޯރާފަށުގައި ބެހެއްޓުން، އެއީ އަޅުގަނޑުމެންގެ ވަޢުދެއް. އަޅުގަނޑުމެން މިހާރުވެސް މިއަންނަނީ އެކަންކަން ކުރަމުން. އެނގިވަޑައިގަންނަވާނެ، ޑީސަލްގެ އަގު މިހާރު މިވަނީ އެތައް ތަނެއް ކުޑަވެފައި. ބައެއް ބޭފުޅުން ހީފުޅު ކުރައްވަފާނެ އެއީ ބައިނަލްއަޤްވާމީ މާރުކޭޓުގައި ބާޒާރުގައި ޑީސަލްގެ، ތެލުގެ އަގަށް ވެދިޔަ ގޮތެއްގެ ސަބަބުން އެކަނިވީކަމެކޭ. ތިޔަބޭފުޅުން ބައްލަވާލައްވާ، އިންޑިޔާގައި މިވަގުތު ތެޔޮ ހުރި އަގާ، އަދި ސްރީލަންކާގައި ތެޔޮ ހުރި އަގާ ރާއްޖޭގައި ތެޔޮ ހުރި އަގާ. އަޅުގަނޑުމެންގެ ތެލުގެ އެތައް ގުނައަކަށް ހެޔޮވާނެ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހެޔޮއަގުގައި ތެޔޮ ބެހެއްޓޭނެ. އެއީ އަޅުގަނޑުމެން ރާއްޖެއަށް އަޅުގަނޑު ދަންނަވާނީ ކުރެވެން އޮތް ކަމެކޭ.

އަދި މިފަހަރުގެ ބަޖެޓަށް އަޅުގަނޑުމެން ހުށަހަޅައިފީމު، ދުޅަހެޔޮ ޞިއްޙަތަށް ބޭނުންވާ ބައެއް ބާވަތުގެ ކާނާއިން ޑިޔުޓީ މަދުކުރުމާއި، ބޭހުން ޑިޔުޓީ މަދުކުރުން. އަދި ބޭހުން އެކުގައި ޑިޔުޓީ ކަނޑާލުމަށް. އަޅުގަނޑު ބޭނުން، ކުކުޅު ކިލޯއަކުން ފަސްރުފިޔާ ދަށްވޭތޯ ބަލަން. އަޅުގަނޑު ބޭނުން، ތަރުކާރީންވެސް، އާފަލުންވެސް، އަޅުގަނޑު ބޭނުން ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ ހުރިހާ ކާނާއިން، އަދި ޚާއްޞަކޮށް ކުޑަކުދިންނަށް، ޅަފަތުގެ ކުދީންނަށް ރަނގަޅު ކާނާ ލިބޭނެ ގޮތަކަށް ތަކެތީގެ އަގު އަތްފޯރާފަށުގައި ބެހެއްޓުމަށް. ބައެއް ބޭފުޅުން ވިދާޅުވެދާނެ، އަޅުގަނޑުމެންނަކީ އާފަލުކާ ބައެއް ނޫނޭ، އަޅުގަނޑުމެން އާފަލު ނުކަނީ އާފަލު އަގުބޮޑު ކަމުންނޭ، އާފަލު ނުލިބޭތީއޭ، އަޅުގަނޑުމެންނަށް ލިބުނީމާ، އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން އާފަލު ކާންދޭނަމޭ. އަޅުގަނޑު ބޭނުން، ކުޑަކުދިންނަށް ބޭނުންވާ ކިރާ، އަދި އެނޫންވެސް ކުޑަކުދިންނަށް ބޭނުންވާ ތަކެތި އަތްފޯރާފަށުގައި ބަހައްޓައިދިނުމަށް. އަޅުގަނޑުމެން ބޭނުން، ޒީނަތްތެރިވުމުގެ ސާމާނުވެސް، އަންނައުނާ، ފޭރާންވެސް ހަމަ އަގުހެޔޮކޮށް ލިބޭނެގޮތް ހަދައިދޭން. އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒަކަށްވާނެ، ބާޒާރުގައި ތަކެތީގެ އަގު ހުންނަވަރު އަބަދުވެސް ބަލަބަލައި ތިބުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ އަގުތައް ތިރިކޮށްދޭނަން.

އަޅުގަނޑުމެންގެ ވަޢުދެއް އެއީ، އުމުރުން 65 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް އަންހެނަކަސް، ފިރިހެނަކަސް، ކޮންމެ މަހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އިރާދަކުރެއްވިއްޔާ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން އެ ޕެންޝަން އަރުވާނަން. އެހެންވީމާ، މިޖަނަވަރީ މަހު އަޅުގަނޑުމެންނަށް އެ ޕެންޝަން ރައްޔިތުންނަށް ދެވޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ ދޮށީ އުމުރުގެ މީހުންނަށް އަރާމުގައި، ރިވެތި ގޮތުގައި އުމުރުގެ ފަހުދުވަސްކޮޅު ހޭދަކުރެވޭނެ ތަނަވަސްކަމެއް ހޯދައިދިނުން. އަދި އަޅުގަނޑުމެން ގަބޫލު މިކުރަނީ، މިރާއްޖޭގައި މިދިޔަހާދުވަހު ލިބިފައިމިވާ ތަރައްޤީއާ، ކުރިއެރުމާ، އަދި މިރާއްޖެއަށް ވެފައިމިވާ ކަމެއް ވެފައިމިވަނީ، މިއަދުގެ ދޮށީ އުމުރުގެ ރައްޔިތުން ކުރެއްވި ވަރަށްބުރަ މަސައްކަތުންނޭ. އެ ރައްޔިތުންނަށް އަޅުގަނޑުމެން އެޙައްޤުގައި އަނބުރާ އެއްޗެއް ދިނުމަށް. އަދި އޭގެއިތުރުން އަޅުގަނޑުމެން ބޭނުން، އެ ދޮށީ އުމުރުގެ ރައްޔިތުންގެ ދަރިން، ނުވަތަ ކާފަދަރިން އެމީހުންނަށް ލުޔެއް ދިނުމަށް. ރިސޯޓުގައި ނަމަވެސް، އަދި ރަށުގައި ނަމަވެސް، ކަންނެލި ބޯޓެއް ކަމުގައި ނަމަވެސް، އަދި ކޮންސްޓްރަކްޝަން ޓީމެއް ކަމުގައި ނަމަވެސް، މަސައްކަތް ކޮށްފައި ލިބޭ ހުރިހާ ލާރިއެއް ރަށަށް ފޮނުވާން ނުޖެހޭ ގޮތެއް ހޯދައިދިނުން. ހަމަ އަޅުގަނޑުމެން ބޭނުން، ރަށްރަށުގެ ވިޔަފާރިއާއި ރަށްރަށުގެ އިޤްތިޞާދު ހިނގައިގަންނާނެ ގޮތެއްވާން. އެހެންވީމާ، އަޅުގަނޑުމެން އެޕެންޝަން އިރާދަކުރެއްވިއްޔާ، ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަރުވާނަން.

ހަމައެއާއެކީގައި އަޅުގަނޑުމެންގެ ވަޢުދެއް އެއީ، ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހުން. އަޅުގަނޑުމެން އެއްލައްކަ މީހުންނަށް ހެލްތް އިންޝުއަރެންސް މިއަހަރު އެބަ ފޯރުކޮށްދެން. ރާއްޖޭގައި އަމިއްލަ ޚަރަދުގައި ބޭސްފަރުވާ ނުކުރެވޭ މީހުންގެ ސީދާ އަދަދަކީ ކޮބައިކަމެއް ކަނޑައެޅިގެނެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެން މިދެކެނީ އެއްލައްކަ މީހުންނަކީ އޭގެ ބޮޑު ބައެއް ކަމަށް. މުޅި ޖުމްލަ އަދަދު ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އެހެން ނޫންކަމަށްވިއްޔާ، އެއަދަދު ދެލައްކައަށްވެސް އަޅުގަނޑުމެން އިތުރުކުރާނަން.

އަޅުގަނޑުމެން ބޭނުންވަނީ، ވަޢުދު ފުއްދަން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް އަޅުގަނޑުމެންނަށް ހިންގިގެން. އަދި އެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިދާރާތައް ޤާއިމުކޮށްގެން. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން ބޭނުންވަނީ، ރައްޔިތުންނާ މަޝްވަރާ ކޮށްގެން. އަދި އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުން އެއަށް ލިބިގެން. މިކަމާ ގުޅިގެން މިކަން ހިންގާ ގޮތް އަޅުގަނޑުމެން ވާނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އަޅުގަނޑު މި އުންމީދު ކުރަނީ، މަޖިލީހުގައި މިކަމާ ގުޅޭގޮތުން ބަޙުޘް ކުރެވި އަޅުގަނޑުމެންނަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ރުހުން ލިބިގެންދާނެ ކަމަށް.

ތިޔަބޭފުޅުން މިތާ ބައިތިއްބައި، މާ ވާހަކަ ގިނަކުރާކަށް އަޅުގަނޑު ނެތިން. އަޅުގަނޑުމެންނަށް މި މަޝްވަރާތައް އަވަހަށް ފެށުނީމާ ބާރަށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން ތިޔަތިއްބެވީވެސް، ވީހާވެސް ޚަރަދު ކުޑަކޮށް ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން ޖެހޭނެތީ. އަޅުގަނޑު މިދަންނަވަނީ ކުރަން ބޭނުންވާ، ކުރަންޖެހޭ ޚަރަދު ނުކުރާ ވާހަކައެއް ނޫން. އިސްރާފު ނުކުރުމާއި، ބޭކާރު ކަންކަން ނުކުރުން. އަނެއް ދިވެހިރާއްޖެއަށް އަޅުގަނޑުމެންނަށް ދެވޭނެ ގޮތެއް ތިޔަބޭފުޅުންނާ އެކުގައި އަޅުގަނޑުމެންނަށް ފެންނާނެ.

ވަރަށްބޮޑަށް ޝުކުރިއްޔާ!