ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، ކޮޅުމަޑުލުގެ ދިހަ ރަށަކަށް ވަޑައިގެންނެވިއެވެ. އިއްޔެ އެމަނިކުފާނު ފެށްޓެވި މިދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަތީ ވިލުފުށްޓަށެވެ. އޭގެފަހުން ބުރުނިއަށާއި ކިނބިދުއަށާއި ވޭމަންޑުއަށް ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަޑައިގަތީ ހަ ރަށަކަށެވެ. އެއީ، ހިރިލަންދުއާއި، ތިމަރަފުށްޓާއި، ގާދިއްފުށްޓާއި، މަޑިފުށްޓާއި، ގުރައިދުއާއި، ދިޔަމިގިއްޔެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހާމަކޮށްދެއްވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމަށް ކުރިއަށް ގެންދަވާ މަޝްރޫޢާބެހޭ މަޢްލޫމާތު ދެއްވައި، ސަރުކާރުގެ ބޭނުންފުޅަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދްމަތްތައް، އެ ސަރަޙައްދަކުން ލިބޭނެގޮތް ހައްދަވައިދެއްވުން ކަމަށް ވިދާޅުވެ، އެ ސަރަޙައްދަކުން ތަރައްޤީގެ ފަސޭހަތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.