މިދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި، މި ސަރުކާރު ހޯދި އެންމެބޮޑު ކާމިޔާބީއަކީ، ނިމިދިޔަ ސަރުކާރުގެ ބޭފުޅުންގެ މައްޗަށް އަނިޔާވެރިނުވެ އަދި ހަރުކަށި އެއްވެސް ކަމެއް ނުހިންގައި މިއަދާ ހަމައަށް ސަރުކާރު ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމް.ޑީ.ޕީ. އިއްތިހާދުގެ ސަރުކާރަށް ސަތޭކަ ދުވަސް ފުރުމާ ގުޅިގެންނާއި، އިޓަލީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅާ ގުޅިގެން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑިމޮކްރަސީއަކީ ވަރަށް މުހިންމު ވަރަށް ބޭނުންތެރި ޙަރަކާތެއް، ފިކުރެއް، ފަލްސަފާއެއް ކަމަށާއި، ޑިމޮކްރަސީ މެދުވެރިކޮށް ފުރިހަމަ އިންޞާފެއް ހޯދުމަކީ، އަޅުގަނޑުމެންނާ މާ ގާތްކަމެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޝަރީޢަތުގެ ނިޒާމާއި، ތަޙުޤީޤާއި، މިބާވަތުގެ ކަންކަމުގެ ތެރެއިން އަޅުގަނޑުމެން އިންޞާފު ހޯދާއިރުގައި، ނިމިދިޔަ ސަރުކާރުގައި އުޅުއްވި ވަރަށްގިނަ ބޭފުޅުންނަށް ނުހަނު ބޮޑު އަދަބުތައް ލިބިވަޑައިގަންނަވާނެ ކަމަށާއި، އެހެން ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު އުންމީދު ކުރައްވާ ”އަނެއް ދިވެހިރާއްޖެ“ މާ ސާފުކޮށް ފެނިވަޑައިގަންނަވަމުން އެބަދާ ކަމަށާއި، ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވޭނެ ކަމުގައި ވިދާޅުވިއެވެ.
އިޓަލީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅަށް ބައްލަވާލައްވަމުން، ރާއްޖޭގައި އިންވެސްޓް ކުރެއްވުމަށް އިޓަލީ އިންވެސްޓަރުން ވަރަށް ބޮޑަށް ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ. މިހާރުވެސް ރާއްޖޭގައި ހުރި އިޓަލީ އިންވެސްޓްމަންޓްތައް ވަރަށްގިނަކަން ފާހަގަކުރައްވަމުން، އެ އިންވެސްޓްމަންޓްތަކުން އިޓަލީގެ ވިޔަފާރިވެރިންނަށާއި، އިޓަލީ ރައްޔިތުންނަށް ލިބިފައިވާ ފައިދާވެސް ވަރަށްބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އައުޓް ޕޯސްޓެއް، ފ.އަތޮޅު މަގޫދޫގައި ޤާއިމު ކުރެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވުމާއެކު، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެތަނުގައި މެރިން ބައޮލޮޖީގެ ރޮނގުން ކިޔަވައިދީ، އަދި ރިސާރޗް ހިންގޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ބިކޯކާ ޔުނިވަރސިޓީގެ ފުރަތަމަ އަހަރުގެ ކިޔެވުމުގެ ބައެއް މަގޫދުއަށް ބަދަލުކޮށް، މަގޫދޫގައި އެ ތަޢްލީމު ދެވޭގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިޓަލީއަށް ކުރެއްވި ދަތުރުފުޅުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ކުރެއްވި މަސައްކަތްތަކުގެ ތަފްޞީލު ދެއްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ޢާދިލް ސަލީމެވެ.