ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކުގެ ރެކޯޑު މިހާރު އެންމެ ރަނގަޅަށް އޮތް ޤައުމު ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ރަނގަޅަށް އޮތް ޤައުމު ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް މިޒް އައިރީން ޚާން ވިދާޅުވެއްޖެއެވެ. އައިރީން ޚާން މިހެން ވިދާޅުވީ، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލަންޑަނުގައި ހުންނަ އެމްނެސްޓީ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އައިރީން ޚާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ވަރަށް އަމާންކަމާއި އޮމާންކަމާއެކު ބަދަލުވެގެންދިޔައީތީ، އެކަމަށް ތަޢުރީފު ކުރެއްވިއެވެ. އަދި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ގާތް ބޭފުޅުންނާމެދު މިއަދުގެ ސަރުކާރުން ބަދަލު ހިފުމުގެ ރޫޙުގައި އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ، އެކަން ފާހަގަކުރައްވައި އަދި ކުރިއަށް އޮތް ތާނގައިވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އެންމެފަހުން އެމްނެސްޓީގެ ޓީމެއް ރާއްޖެއަށް ދިޔައިރު، މިހާރު އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ ކަލްޗަރަލް ކައުންސެލަރަކަށް ހުންނެވި ނައުޝާދު ވަޙީދު، އޭރު ހުންނެވީ ޖަލުގައި ކަމަށާއި، މިއަދުގެ ސަރުކާރުގެ އިސްމަގާމެއްގައި އޭނާ ހުންނެވިކަން އެއީ، އެބޭފުޅުން ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުންނާއި، ޚާއްޞަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙައްޤުތަކަށް އެހީތެރިކަން ފޯރުއްވައިދެއްވުމާ ބެހޭގޮތުން ނާއިބު ރައީސާއި އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރެއްވިއެވެ.

ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމްނެސްޓީ އިންޓަރނޭޝަނަލުން ރާއްޖެއަށް މިދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ރެކޯޑު މިހާރު އެންމެ ރަނގަޅަށް އޮތް ޤައުމު ކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ރަނގަޅަށް އޮތް ޤައުމުކަން ފާހަގަކުރެއްވީތީ، އެކަމަށްޓަކައިވެސް ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން ސިޔާސީ އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރައްވާނެ ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވިއެވެ.